[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 4 (ރޯދައިގެ ޝަރުޠުތައް)

ދެވަނައީ: ބާލިޣުވުން

 

  • ބާލިޣުވުމުގެ ޝަރުޠު:

ރޯދަ ވާޖިބުވުމަށް ބާލިޣުވުން ޝަރުޠުވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި އައްނަވަނީއާއި މުޙައްމަދު ބްނު މުފްލިޙާއި އިބްރާހީމް ބްނު މުފްލިޙް އިޖްމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ބާލިޣުވުމުގެ ކުރީގެ ރޯދަ ޤަޟާ ކުރުން:

ކުޑަ ކުއްޖާ ބާލިޣުވުމުގެ ކުރިން އިސްވެ ދިޔަ ރޯދަ، އެ ކުއްޖާ ބާލިޣު ވުމަށްފަހު ޤަޟާ ކުރާކަށް ނުޖެހޭނެއެވެ. އައްނަވަވިއްޔު މި ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

  • (ބާލިޣު ނުވާ) ކުޑަ ކުއްޖާއަށް ރޯދަ ހިފުމަށް އަމުރުކުރުން:

ކުޑަ ކުއްޖާއަކީ އެ ކުއްޖާއަށް ގެއްލުމެއް ލިބުމަކާ ނުލައި ރޯދަ ހިފުމަށް ކުޅަދާނަ ކުއްޖެއް ކަމުގައި ވާނަމަ، އެ ކުއްޖާގެ ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތުގެ މައްޗަށް އެ ކުއްޖާއަށް ރޯދަ ހިފުމަށް އަމުރުކުރުން ވެއެވެ. އެއީ އެ ކުއްޖާއަށް ރޯދަ ހިފަން ދަސްކޮށްދީ، އެކަމަށް ހޭނުވުމަށެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި މިއީ މާލިކީ ދަންނަބޭކަލުން ކުރެ ބައެއް ބޭކަލުންގެ ރައުޔެވެ. އަދި ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންވެސް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

 

  • ރަމަޟާން މަހުގެ ތެރޭގައި ބާލިޣުވާ ކުއްޖާގެ އެ މަހުގެ އިސްވެދިޔަ ދިޔަ ރޯދަތައް:

ކުޑަ ކުއްޖާ ބާލިޣުވީ ރަމަޟާން މަހުގެ ތެރޭގައި ނަމަ، އޭނާ އެ މަހުގެ ބާކީ އޮތް މުއްދަތުގެ ރޯދަ ހިފަން ވާނެއެވެ. އެހެން ނަމަވެސް އެ މަހުން އޭނާ ބާލިޣުވުމުގެ ކުރިއަށް ވޭތުވި މުއްދަތު އޭނާ ޤަޟާކުރަން ނުޖެހޭނެއެވެ. އެއީ އެ އިސްވެދިޔަ މުއްދަތުގައި އޭނާ ރޯދަ ހިފި ނުވަތަ ރޯދަ ނުހިފައި ވޭއްތު ކުރިނަމަވެސް މެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ގިނަ ދަންނަބޭކަލުންގެ ބަސްވެސް މެއެވެ.

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ބާލިޣުވާ ކުއްޖާގެ ރޯދަ ޤަޟާ ކުރުމާއި ރޯދަ ހިފުމުގެ ޙުކުމް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ރޯދަ ނުހިފައި ހުއްޓާ ކުޑަ ކުއްޖާ ބާލިޣު ވީނަމަ، އެ ދުވަހުގެ ބާކީ އޮތް ބައިގައި އޭނާ ރޯދައަށް ހުންނާން ޖެހޭނެއެވެ. އަދި އެ ދުވަސް ޤަޟާ ކުރުމެއް އޭނާއަކަށް ނުވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އިބްނު ތައިމިއްޔާ އަދި އިބްނު ޢުޘައިމީންވެސް އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ.

 

 

ތިންވަނައީ: ބުއްދި ސަލާމަތުން ހުރުން

 

  • ބުއްދި ސަލާމަތުން ހުރުމުގެ ޝަރުޠު:

ރޯދަ ވާޖިބުވުމަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުން ވާޖިބުވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި މުޙައްމަދު ބްނު މުފްލިޙާއި އިބްރާހީމް ބްނު މުފްލިޙް އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • މޮޔަވުމުގެ ސަބަބުން ބުއްދި ފިލުން:

– މޮޔަމީހާ ރޯދަ ހިފުމުގެ ޙުކުމް:

މޮޔަމީހާގެ މައްޗަށް ރޯދަ ވާޖިބު ނުވާނެއެވެ. އަދި އޭނާގެ ކިބައިން ރޯދަ ޞައްޙަވެސް ނުމެ ވާނެ މެއެވެ. މި ކަމުގެ މައްޗަށް އައްނަވަވީ އަދި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

– މޮޔަމީހާ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ހޭ ޖެހިއްޖެނަމަ އޭނާގެ ރޯދައިގެ ޙުކުމް:

     މޮޔަމީހާ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ހޭ ޖެހުނުނަމަ، އެ ދުވަހުގެ ބާކީ އޮތްބައިގައި ރޯދައަށް ހުރުން ލާޒިމުވެގެން ވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އިބްނު ތައިމިއްޔާ އަދި އިބްނު ޢުޘައިމީންވެސް އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ.

 

– މޮޔަމީހާ ހޭވެރިވުމުން ރޯދަ ޤަޟާ ކުރުމުގެ ޙުކުމް:

     މޮޔަމީހާ ހޭ ޖެހުމުން އޭނާގެ ބުއްދި ނެތް ދުވަސްވަރުގައި ވޭތުވެދިޔަ ރޯދަތައް ޤަޟާ ކުރުމެއް ލާޒިމުވެގެން ނުވެއެވެ. އެއީ ފާއިތު ވެފައިވަނީ މަދު ނުވަތަ ގިނަ ދުވަސްތަކެއްކަމުގައި ވިޔަސް މެއެވެ. އަދި އެއީ އޭނާ ހޭ ޖެހުނީ ރަމަޟާން މަހުގެ ތެރޭގައި ކަމުގައި ވިޔަސް ނުވަތަ ރަމަޟާން މަސް ފާއިތުވީ ފަހުން ކަމުގައި ވިޔަސް މެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި އިބްނުލް މުންޛިރާއި އިބްނު ޙަޒްމާއި އިބްނު ބާޒާއި އިބްނު ޢުޘައިމީން އިޚްތިޔާރު ކުރެއްވި ރައުޔުވެސް މެއެވެ.

 

– ރޯދައަށް ރޭގަނޑު ނިޔަތް ގަނެ ދެން މޮޔަވެ، އިރު އޮއްސުނު ފަހުން ހޭ ޖެހުނު މީހާގެ ރޯދައިގެ ޙުކުމް:

     ރާގަނޑު ރޯދައަށް ނިޔަތް ގަތުމަށް ފަހު، ދެން މޮޔަވުމުގެ ސަބަބުން ބުއްދި ފިލައިގޮސް، އެ ދުވަހުގެ އިރު އޮއްސުނުފަހުން ހޭ ޖެހުނުނަމަ، ފަހެ އޭނާގެ ރޯދަ ޞައްޙައެއް ނުވާނެއެވެ. މިއީ ޖުމުހޫރު – މާލިކީންނާއި، ޝާފިޢީންނާއި، ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

– ރޯދައަށް ހުއްޓައި މޮޔަވުމުގެ ސަބަބުން ބުއްދި ފިލައިދާ މީހާގެ ރޯދައިގެ ޙުކުމް:

     ރޯދައަށް ހުއްޓައި މޮޔަވުމުގެ ސަބަބުން ބުއްދި ފިލައިދިޔަނަމަ، އޭނާގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުމެއް ނުވެއެވެ. މިއީ ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ އިބްނު ޙަޒްމުގެ އިޚްތިޔާރު ވެސް މެއެވެ.

 

  • އަލްޢަތަހް

– އަލްޢަތަހުގެ ތަޢުރީފު:

ބަހުގެ ގޮތުން: މޮޔަވުމުގެ ސަބަބުން ނުވަތަ ދަހްޝްގެ (އެބަހީ: ކުއްލިއަކަށް ސިއްސައިގެން ދިޔުން ފަދަ ކަމެއް މެދުވެރިވެގެން ބުއްދި ފިލައި ދިޔުމުގެ) ސަބަބުން  ނޫން ގޮތެއްގައި ބުއްދިއަށް އުނިކަމެއް އައުމެވެ.

ޝަރުޢީ އިޞްޠިލާޙުގައި: އަމިއްލަ ޒާތުގައި އުފެދޭ އާފާތެކެވެ. އޭގެ ސަބަބުން ބުއްދިއަށް އުނިކަން ގެނުވައެވެ. އަދި މީހާގެ ބުއްދީގައި މޮޔަކަމުގެ ސިފައާއި ބުއްދިވެރިއެއްގެ ސިފަ ޖެހެއެވެ. ދެން އޭނާގެ ބައެއް ވާހަކަތައް ބުއްދި ވެރިއެއްގެ ވާހަކަތަކެކޭ ހީވެދާނެއެވެ. އަދި އޭނާގެ އަނެއްބައި ވާހަކަ ޞިފަވާނީ މޮޔައިންގެ ވާހަކައާއެވެ.

 

– މަޢުތޫހުގެ ރޯދައިގެ ޙުކުމް:

މަޢުތޫހަކީ އެ މީހާގެ ބުއްދި މުޅީން ފިލައި ގޮސް މޮޔައަކާ އެއްވަރު ނުވާ މީހުންނެވެ. މި ފަދަ މީހުންނަށް ރޯދަ ވާޖިބެއް ނޫނެވެ. އަދި ފާއިތުވާ ރޯދަ ޤަޟާ ކުރުމެއްވެސް ނުވެއެވެ. އިބްނު ޢަބްދުލްބައްރު މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • އަލްޚަރަފް

– އަލްޚަރަފްގެ ތަޢުރީފު:

އަލްޚަރަފު : މިއީ މުސްކުޅިވުމުގެ ސަބަބުން ބުއްދި ފާސިދު ވުމެވެ.

 

– މިފަދަ މީހާގެ ރޯދައިގެ ޙުކުމު:

     މިފަދަ މީހާއަށް ރޯދަ ހިފުމެއް އަދި ރޯދަ ޤަޟާ ކުރުމެއް ނުވެއެވެ. މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވި ރައުޔެވެ.

 

  • ހޭނެތުމުގެ ސަބަބުން ބުއްދި ފިލައިގެން ދިއުން:

– ރޯދައަށް ނިޔަތް ގަނެފައި ވަނިކޮށް، މުޅި ދުވަހު ހޭ ނެތިފައިވާ މީހާ:

     މީހާ ހޭނެތުނީ ފަތިސް ވުމުގެ ކުރިއަށް ކަމުގައި ވެފައި، ހޭވެރިކަން ވީ އިރު އޮއްސުނު ފަހުން ކަމުގައި ވާނަމަ، އޭނާގެ ރޯދަ ޞައްޙަ ނުވާނެއެވެ. އަދި އެ ދުވަހުގެ ރޯދަ އޭނާ ޤަޟާ ކުރުން އޭނާގެ މައްޗަށް ވެއެވެ. މިއީ ޖުމުހޫރު – މާލިކީން، ޝާފިޢީން އަދި ޙަންބަލީން – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

– ރޯދައަށް ނިޔަތް ގަނެފައި ވަނިކޮށް، ދެން ދުވާލުން ބައެއްގައި ހޭވެރިކަން ފިލައި ދިޔަ މީހާ:

     ހޭ ނެތުމަށްފަހު ދުވާލުން ބައެއްގައި ހޭވެރިކަން ވީނަމަ، ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް، އޭނާގެ ރޯދަ ޞައްޙަވާނެއެވެ. އަދި އޭޏާގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުމެއް ނުވެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ.

 

– އެ މީހެއްގެ ބުއްދި ދުއްވާލައި ހޭވެރިކަން ފިލުވައިލުމަށް މުސްތުވާ އެއްޗެއް ބޭނުން ކުޅަ މީހާގެ ޙުކުމް:

އެ މީހެއްގެ ހޭބުއްދި ފިލުވާލުމަށް މަސްތު ވާ އެއްޗެއް ބޭނުން ކުޅަ މީހާގެ ރޯދައިގެ ޙުކުމަކީ ހޭނެތުނު މީހާގެ ރޯދައިގެ ޙުކުމެވެ. [1]

 

  • ހަނދާން ފިލުން:

އެ މީހެއްގެ ހަނދާން ކުރުމުގެ ބާރު ގެއްލުނު މީހާގެ މައްޗަށް ރޯދަ ވާޖިބުވެގެން ނުވެއެވެ. މިއީ ސަޢޫދީ އަރަބިއްޔާގެ ފަތުވާ މަޖިލީހުން ފަތުވާ ދެއްވައިފައި ވާ ގޮތެވެ. އަދި މިއީ އިބްނު ޢުޘައިމީނުގެ ރައުޔުވެސް މެއެވެ.

 

 

ހަތަރުވަނައީ: ތަނެއްގައި ޤާއިމުވެ ހުރި މީހަކު ކަމުގައިވުން (ދަތުރުވެރިއަކު ކަމުގައި ނުވުން)

 

ތަނެއްގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށް ރޯދަ ވާޖިބުވެގެން ވެއެވެ. އިބްނު ޙަޒްމު މި ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

 

ފަސްވަނައީ: ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންވުން

 

ކުޅަދާނަވެގެންވާ މީހާގެ މައްޗަށް މެނުވީ ރޯދަ ވާޖިބު ވެގެން ނުވެއެވެ [2]؛ މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި، އިބްނު ތައިމިއްޔާއާއި، އިބްނު މުފްލިޙް އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

 

ހަވަނައީ: ޙައިޟުނިފާސް ކަމުން ޠާހިރުވެގެންވުން

 

  • ޙައިޟު ނިފާސްކަމުން ޠާހިރުވެގެންވުމުގެ ޝަރުޠު:

އަންހެން މީހާގެ މައްޗަށް ރޯދަ ވާޖިބުވުމުގައި އެ ކަނބުލޭގެ ޙައިޟުނިފާސްކަމުން ޠާހިރުވެގެންވުން ޝަރުޠުވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އައްނަވަވީ އަދި އައްޝައުކާނީ އިޖްމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ޙައިޟުނިފާސްވެރީންގެ ރޯދައިގެ ޙުކުމް:

ޙައިޟުނިފާސްވެރިޔާއަށް ސުންނަތް ރޯދަ އަދި ފަރުޟު ރޯދަވެސް އެދުވަސްވަރުގައި ހިފުން ޙަރާމުވެގެން ވެއެވެ. އެ ކަނބުލޭގެ އެއްވެސް ރޯދައެއް ހިފުން ޞައްޙަ ނުވާނެއެވެ. އަދި އެ ކަނބުލޭގެ މައްޗަށް އޮތީ ފާއިތުވާ ރޯދަ ޤަޟާ ކުރުމެވެ. މި ކަންކަމުގެ މައްޗަށް (އަދި މި ކަންކަމުން ބައެއް ކަންކަމުގެ މައްޗަށް) އިބްނު ޢަބްދުލްބައްރުއާއި އިބްނު ރުޝްދާއި އައްނަވަވިއްޔާއި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

  • ޙައިޟުނިފާސްވެރިޔާ (ރަމަޟާން މަހުގެ) ދުވާލުގެ ވަގުތުގައި ޠާހިރު ވެއްޖެނަމަ، އެ ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުރުމުގެ ޙުކުމް:

ޙައިޟުނިފާސްވެރިޔާ ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޠާހިރުވެއްޖެނަމަ، އޭނާގެ އެ ދުވަހުގެ ރޯދައާމެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ.

ފުރަތަމަ ރައުޔު: އެ ކަނބުލޭގެ މައްޗަށް އެ ޠާހިރު ވާ ދުވަހުގެ ބާކީ އޮތް ވަގުތު ރޯދައަށް ހުރުން ލާޒިމުވެގެން ނުވާނެއެވެ. މިއީ މާލިކީ އަދި ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އަދި މިއީ އިބްނު ޙަޒްމާއި އިބްނު ޢުޘައިމީން އިޚްތިޔާރުކުރެއްވި ރައުޔުވެސް މެއެވެ.

ދެވަނަ ރައުޔު: އެ ކަނބުލޭގެ މައްޗަށް އެ ޠާހިރުވާ ދުވަހުގެ ބާކީ އޮތް ވަގުތު ރޯދައަށް ހުރުން ލާޒިމުވެގެން ވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ ޞައްޙަ ރައުޔަކީވެސް މިއެވެ. އަދި މިއީ އިބްނު ބާޒް އިޚްތިޔާރު ކުރެއްވި ރައުޔެވެ.

 

  • މުޅި ރަމަޟާން މަހުގައި ރޯދަ ހިފައި ފުރިހަމަ ކުރުމަށް، ޙައިޟުވުން މަނާ ކުރަނިވި ބޭހެއް ބޭނުން ކުރުމުގެ ޙުކުމް:

ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް އެހެންވެސް މީސްތަކުންނާއެކު ހިފައި ފުރިހަމަ ކުރުމަށް ނުވަތަ އެހެން ދުވަސްވަރެއްގައި ވިޔަސް، ގެއްލުމެއް ކުރިމަތި ނުވާނޭ ކަމަށް ވާނަމަ [3]، ޙައިޟުވެރިކަން މަނާ ކުރަނިވި ބޭހެއް ބޭނުން ކުރުމަކީ ޙުއްދަކަމެކެވެ. މިއީ ޙަންބަލީ ފިޤުހުވެރީން ކަނޑައަޅައި ބަޔާން ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ އިބްނު ބާޒް އިޚްތިޔާރު ކުރެއްވި ރައުޔެވެ.

 

 

ހަތްވަނައީ: ރޯދައިގެ ނިޔަތް

 

  • ރޯދައިގެ ނިޔަތުގެ ޙުކުމް:

ނިޔަތަކާ ނުލައި ރޯދަ ޞައްޙަ ނުވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • ނިޔަތް ދެމިގެން ވުމުގެ ޙުކުމް:

ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވުމުގެ ކުރިއަށް ރޭގަނޑުން ފެށިގެން ނިޔަތް ދެމެހެއްޓުން ވާޖިބު ވާނެއެވެ. މިއީ ޖުމުހޫރު -މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

  • ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރުމުގެ ޙުކުމް:

ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރުމުގެ މައްސަލައިގައި ދަންނަބޭކަލުން ދެ ރައުޔެއްގެ މައްޗަށް ޚިލާފު ވެފައި ވެއެވެ؛

ފުރަތަމަ ރައުޔު: ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރުން ޝަރުޠުވެގެން ވެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ- ދަންނަބޭކަލުންގެ މަޛްހަބެވެ.

ދެވަނަ ރައުޔު: ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ނިޔަތް އައު ކުރާން ނުޖެހޭނެއެވެ. މަހުގެ ފުރަތަމަ ދުވަހަށް ނިޔަތް ގަތުމުން މުޅިމަހަށް ފުދުނީއެވެ. ޢުޛުރަކާއެކު ރޯދަ މެދުކެނޑިއްޖެނަމަ، އަލުން ރޯދަ ހިފުމަށް ފަށާއިރު ނިޔަތް އައު ކުރާން ވާނެއެވެ. މިއީ މާލިކީ މަޛްހަބުގެ ރައުޔެވެ. އަދި ޙަނަފީ ދަންނަބޭކަލުން ކުރެ ޒުފަރުގެ ރައުޔެވެ. އަދި މިއީ އިބްނު ޢުޘައިމީންގެ ރައުޔުވެސް މެއެވެ.

 

  • ސުންނަތް ރޯދައިގެ ނިޔަތް ރޭގަނޑުން ދެމެހެއްޓުމުގެ ޙުކުމް:

ސުންނަތް ރޯދަތަކުގައި ރޭގަނޑުން ނިޔަތް ދަމަހައްޓާން ނުޖެހޭނެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ- ދަންނަބޭކަލުންގެ މަޛްހަބެވެ.

 

  • ސުންނަތް ރޯދައިގައި ދުވާލުގައި ނިޔަތް ގަންނާނޭ ވަގުތު:

ސުންނަތް ރޯދައަކަށް ދުވާލުގެ ވަގުތުގައި ނިޔަތް ގަންނާން ބޭނުންވެއްޖެ މީހަކަށް މެންދުރު ކުރީގައި ނުވަތަ މެންދުރުން އެނބުރުމަށް ފަހުން ވިޔަސް ނިޔަތް ގަނެވިދާނެއެވެ. އެއީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވީއްސުރެ އެ ނިޔަތް ގަތުމާ ހަމައަށް، ރޯދަ ގެއްލެނިވި އެންމެހައި ކަމަކުން ރައްކާތެރިވެގެން ހުރި ނަމައެވެ. މިއީ ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި ޝާފިޢީ މަޛްހަބުގެ އެއް ރައުޔެވެ. އަދި ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ބަސްފުޅެވެ. އަދި މިއީ އިބްނު ތައިމިއްޔާއާއި އިބްނު ޢުޘައިމީން އިޚްތިޔާރު ކުރެއްވި ރައުޔުވެސް މެއެވެ.

 

  • ވާޖިބު ރޯދައިގެ ނިޔަތުގައި ތަރައްދުދުވާ ރޯދައިގެ ޙުކުމް:

އެމީހަކު މާދަމާ ރޯދައަށް ހުންނާނީތޯ ނުވަތަ ރޯދައަށް ނުހުންނާނީތޯ، ވަކި ގޮތެއް ނުނިންމި ހުއްޓައި، ފަޖުރުލައި ދުވަސް ކުރިމަތިވުމުން ދެން އެ ދުވަހު ރޯދައަށް ހުރިނަމަވެސް އޭނާގެ ރޯދަ ޞައްޙަ ނުވާނެއެވެ. އޭނާގެ މައްޗަށްވަނީ އެ ދުވަހުގެ ރޯދަ ޤަޟާ ކުރުމެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

  • ކަމަކާ މަތިކޮށް ރޯދަ ހިފުން: މިސާލަކަށް: “މާދަމާ އެއީ ރޯދަ ނަމަ، ފަހެ އެއީ ތިމަންނާގެ ފަރުޟެވެ ނުވަތަ މާދަމާ ތިމަންނާ ފަރުޟު ރޯދަ ހިފާހުށީމެވެ.” މި ފަދައިން ބުނާ މީހާ:

އޭނާގެ ރޯދައިގެ ނިޔަތް ގަތުމުގައި މާދަމާއީ ރަމަޟާން ނަމަ ފަހެ އެއީ އަހަރެންގެ ފަރުޟެވެ ނުވަތަ އަހަރެން މާދަމާ ފަރުޟު ރޯދަ ހިފާ ހުށީމެވެ، މި ފަދައިން ބުނެފައި ވަނިކޮށް މާދަމާ އެއީ ރަމަޟާނަށް ވުމުން އޭނާ އެ ދުވަހު ރޯދަ ހިފިނަމަ، އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އަދި އިބްނު ތައިމިއްޔާ އަދި އިބްނު ޢުޘައިމީންގެ ރައުޔަކީވެސް މިއެވެ.

 

  • ރަމަޟާން މަހުގެ ދުވާލު އެ މީހެއްގެ ރޯދަ މެދުކަނޑައިލާން ނިޔަތް ގަނެއްޖެ މީހާގެ ރޯދައިގެ ޙުކުމް:

ރަމަޟާން މަހުގެ ރޯދައަށް ހުރެ، މީހާ އޭނަގެ ރޯދަ ވީއްލުމަށް ނިޔަތް ގަނެފިނަމަ، ފަހެ އޭނާގެ ރޯދަ ވީއްލުނީއެވެ. އަދި ދެން އެ ދުވަހުގެ ރޯދަ ޞައްޙަ ނުވާނެއެވެ. އޭނާގެ މައްޗަށްވަނީ އެ ދުވަހުގެ ރޯދަ ޤަޟާ ކުރުމެވެ. އަދި ދުވަހުގެ ބާކީ އޮތް ވަގުތުގައި ރޯދަ ވެރިއެކޭ އެއްފަދައިން ރޯދަ ގެއްލެނިވި އެންމެހައި ކަންކަމުން ރައްކާތެރި ވުމެވެ. ރޯދައަށް ހުރެ ރޯދަ ވީއްލުމަށް ނިޔަތް ގަތީ، ބަލި މީހެއް ނުވަތަ ދަތުރުވެރިއެއްފަދަ އެކަމަށް ޙުއްދަ ލިބިގެންވާ ޝަރުޢީ ޢުޛުރުވެރިއެއްނަމަ، އޭނާގެ މައްޗަށްވަނީ ޤަޟާކުރުން އެކަންޏެވެ. މިއީ މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

 

  • ރޯދަ މެދުކަނޑައިލުމަށް ނިޔަތް ގަތުމުގައި ތަރައްދުދުވާ މީހާގެ ރޯދައިގެ ޙުކުމް:

ރޯދައަށް ހުރި މީހާ އޭނާގެ އެ ދުވަހުގެ ރޯދަ ވީއްލުމަށް ނިޔަތް ގަތުމުގައި ވަކި ގޮތެއް ކަނޑައެޅިގެން ނުނިންމޭހައި ހިނދަކު އޭނާގެ ރޯދަ ބާޠިލެއް ނުވާނެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ (ޙަންބަލީންގެ ޞައްޙަ ރައުޔު) – ދަންނަބޭކަލުންގެ ރައުޔެވެ.

 


 

[1] [އައްނަވަވީ ވިދާޅުވެފައި ވެއެވެ. “އަހުރެމެންގެ ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ ކޮންމެހެން ބޭނުން ކުރާން ޖެހޭފަދަ ބޭހެއް ބޭނުން ކުޅައުމުގެ ސަބަބުން އެ މީހެއްގެ ބުއްދި ފިލައިދާ މީހާގެ މައްޗަށް ލާޒިމު ވެގެންވަނީ އެ ފަދައިން ގެއްލޭ ރޯދައެއް ޤަޟާ ކުރުމެވެ. އެއީ ހޭ ނެތުނު މީހާއެކޭ އެއްފަދައިންނެވެ. އަދި އޭނާގެ ބުއްދި ފިލާފައިވާ ވަގުތުގައި ރޯދަ ދޫކޮށްލުމުން އޭނާ ފާފަވެރިވެސް ނުވާނެއެވެ. ނަމަވެސް މީހާ އޭނާގެ ބުއްދި ފިލުވައިލީ ޙަރާމު އެއްޗަކުންނަމަ، މިސާލަކަށް ބަނގުރަލުން ނުވަތަ އެ ނޫންވެސް އެއްޗަކުންނަމަ، އޭނާ އެ ރޯދަ ޤަޟާ ކުރާން ޖެހޭނެއެވެ. އަދި އޭނާ ފާފަވެރިވާނޭވެސް މެއެވެ.” (އަލްމަޖުމޫޢު 6/255)]

[2] ބުރައުނދަގޫ މަސައްކަތް ކުރާ މީސްމީހުންވެސް މުކައްލަފުންގެ ތެރެއަށް ވަދެގެން ދެއެވެ. އަދި އެ މީހުންނަކީ ބަލިމީހުން ނުވަތަ ދަތުރުވެރިންގެ މާނައިގެ ތެރޭގައި ހިމެނޭނޭ ބައެއް ނޫނެވެ. އެހެންކަމުން ރަމަޟާން މަހުގެ ރޯދައަށް ނިޔަތްގަނެ، ރޯދައަށް ހުންނަ ޙާލު ދުވަސް ފެށުން އެ މީހުންގެ މައްޗަށްވެސް ވާޖިބުވެގެން ވެއެވެ. އެހެނަސް ބުރައުނދަގޫ މަސައްކަތެއް ކުރާ މީހާ، އެ މަސައްކަތް ދޫ ކޮށްލުމަކީ އޭނާއަށް ގެއްލުންވާނޭކަމެއް ނަމަ، އަދި ރޯދައަށް ހުރެ މަސައްކަތް ކުރުމުން އޭނާގެ ނަފުސަށް ގެއްލުން ލިބޭނޭ ކަމުގެ ބިރު ހީވެއްޖެނަމަ، ނުވަތަ މާ ބޮޑު ދަތިއުނދަގުލެއް އޭނާއާ ލައިގެންފާނޭކަމަށް ފެނިއްޖެނަމަ، އޭނާގެ ޙާޖަތުގެ މިންވަރަކުން، އެ ދުވަހުގެ ރޯދަ އޭނާ ދޫކޮށްލާނީއެވެ. އެއީ ހަމައެކަނި އެ ދަތިއުނދަގޫކަން ފިލުވައި ލެވޭނޭ މިންވަރަށެވެ. އެއަށް ފަހު އެ ދުވަހުގެ ބާކީ ބައިގައި ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވާނީއެވެ. އަދި ރަމަޟާން މަސް ނިމުމުން އެހެން ދުވަހެއްގައި އެ ރޯދައެއް ޤަޟާ ކުރާނީއެވެ.

[3] އަލްޙައްޠާބުގެ މަވާހިބުލް ޖަލީލުގައި ވިދާޅު ވިއެވެ. “އިބްނު ރުޝްދު ވިދާޅު ވިއެވެ. ޙައިޟު އަވަސް ވެދާނޭކަމަށް ބިރު ހީވާ އަންހެނާއަށް ޙައިޟު ލަސްކުރުމަށް ތައްޔާރު ކުރެވޭ ބުއިމެއް ބުއިމާ ގުޅޭ ގޮތުން މާލިކުގެފާނާ ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ރަނގަޅު ގޮތެއް ނޫނެވެ.” މާލިކުގެފާނު އެކަމަށް ރުހިވަޑައި ނުގެންނެވިއެވެ. އިބްނު ރުޝްދު ވިދާޅު ވިއެވެ. މާލިކުގެފާނު އެކަމަށް ރުހިވަޑައި ނުގެންނެވީ އެ ބުއިމުގެ ސަބަބުން އަންހެނާގެ ހަށިގަނޑަށް ގެއްލުމެއް ކުރިމަތިވެދާނޭކަމަށް ޓަކައެވެ. “ (1 / 578)

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް