ހަތަރުވަނަ ބައި: ރޯދައިގެ ސުންނަތްތަކާއި އަދަބުތައް
އެއްވަނައީ: ރޯދަ ވީއްލުން އަވަސްކުރުން
އިރު އޮއްސުނުކަން ކަށަވަރުވުމާއެކު ރޯދަވެރިޔާ ރޯދަ ވީއްލުން އަވަސްކުރުން ސުންނަތްވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ރުޝްދާއި އިބްނު ދަޤީޤުލްޢީދާއި އިބްނު މުފްލިޙާއި އަލްމަރްދާވިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ދެވަނައީ: އިރުއޮއްސުނުކަމަށް ބޮޑަށް ހީވުމުން ރޯދަ ވީއްލުމުގެ ޙުކުމު
އިރު އޮއްސިއްޖެކަމަށް ބޮޑަށް ޤަބޫލު ކުރެވޭ ވަރަށް ހީވުމުން، ފިޤުހީ ހަތަރު މަޛްހަބު އިއްތިފާޤުވެފައިވަނީ ރޯދަ ވީއްލުން ޙުއްދަ ކަމަށެވެ.
ތިންވަނައީ: ރޯދަ ވީއްލުން މުސްތަޙައްބު ގޮތް
ރޯދަ ވީއްލުން ސުންނަތް ވެގެންވަނީ ރުޠަބުންނެވެ. ރުޠަބު ނުލިބިއްޖެނަމަ ތަމްރުންނެވެ. ތަމްރު ނުލިބިއްޖެނަމަ ފެނުންނެވެ.[1] މިއީ ޖުމްހޫރު -މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ ރައުޔެވެ.
ހަތަރުވަނައީ: ރޯދަ ވީއްލުމުގައި ކިޔާ ދުޢާ
ރޯދަ ވީއްލުމުގައި މި ދުޢާ ކިއުން ސުންނަތްވެގެން ވެއެވެ. {ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ}
ފަސްވަނައީ: ހާރު ކެއުމުގެ ޙުކުމު
ރޯދަ ހިފަން އެދިއްޖެ މީހާއަށް ހާރު ކެއުމަކީ މުސްތަޙައްބު ކަމެކެވެ. މި ކަމުގެ މައްޗަށް އިބްނުލް މުންޛިރު، އަލްޤާޟީ ޢިޔާޟް، އިބްނު ޤުދާމާ، އައްނަވަވިއްޔު އަދި އަލްޢައިނިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ހަވަނައީ: ހާރުކެއުން ލަސްކުރުން
ފަޖުރު ލައިފާނޭ ކަމުގެ ބިރެއް ނުވާނަމަ، ހާރު ކެއުން ލަސްކުރުމަކީ ރޯދަވެރިޔާއަށް ސުންނަތް ގޮތެވެ. މި ކަމުގެ މައްޗަށް އިބްނު ރުޝްދާއި އިބްނު މުފްލިޙާއި އަލްމަރްދާވިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ހަތްވަނައީ: ހާރު ކެއުމަށް ފުދޭ މިންވަރު
ކެއުންބުއިމަށް ބޭނުން ކުރާ ކޮންމެ އެއްޗަކުންވެސް ހާރު ކެއުމުގެ ސުންނަތް ޙާޞިލު ކުރެވޭނެއެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއްކަމުގައި ވިޔަސް މެއެވެ.
އަށްވަނައީ: ހާރު ކެއުމުގައި ސުންނަތް ގޮތް
ހާރު ކެއުމުގައި ސުންނަތްވެގެންވަނީ ހިކިކަދުރުން ހާރު ކެއުމެވެ.
ނުވަވަނައީ: ރޯދަވެރިޔާ ޙަރާމު ކަންކަމުން ދުރުހެލިވެ ހެޔޮކަންކަމުގައި ވަގުތު ހޭދަކުރުން
ރޯދަވެރިޔާގެ މައްޗަށްވަނީ ފާފަތަކުން ދުރުވެ، ރައްކާތެރިވެގެން ހުރުމެވެ. އެހެނީ ފާފަތަކަކީ ރޯދައަށް ކުރެވޭ އަނިޔާއެކެވެ. އޭގެ ސަބަބުން ރޯދައިގެ އަޖުރުން އުނިވަމުން ދާނެތެވެ. މި ބުނެވުނު ފަދަ ކަންތަކުގެ މިސާލަކީ: ޣީބަ ބުނުމާއި ދޮގު ހެދުމާއި އޮޅުވާލުމާއި އެހެން މީހުން ދެރަކޮށް ނިކަމެތި ކޮށްލުމާއި މިއުޒިކު އަޑު އެހުމާއި ޙަރާމު ތަކެއްޗަށް ބެލުމާ އަދި މި ނޫންވެސް ފާފަތަކާއި މުންކަރާތްތަކެވެ.
އަދި ހަމަ އެހެންމެ ރޯދަވެރިޔާ ކެއުމާއިބުއިންފަދަ ޙުއްދަ ކަންކަން ދޫކޮށްލައިގެން ހުންނަ ފަދައިން، އަދި އެންމެހާ ޙަރާމު ކަންކަމުން އެއްކިބާވެ ހުންނަ ފަދައިން، ރޯދަވެރިޔާގެ މައްޗަށް އޮތީ ހެޔޮކަންކަމުގައި ވަގުތު ހޭދަ ކުރުމެވެ. ޤުރުއާން ކިޔެވުމާއި ގިނަގިނައިން ޛިކުރުކުރުމާއި ދުޢާކުރުމާއި އެހެން މީހުންނަށް އިޙްސާންތެރިވުން ފަދަ ހެޔޮ ކަންތައްތަކުގައެވެ.
ދިހަވަނައީ: ރޯދަވެރިޔާއަށް މީހަކު ޢައިބު ކިޔައިފިނަމަ ނުވަތަ ތަޅައިފޮޅައިގެންފިނަމަ
ރޯދަވެރިޔާއަށް އޮތީ އޭނާއަށް މީހަކު ޢައިބު ކީނަމަ ނުވަތަ ތަޅައިފޮޅައިގެންފިނަމަ އަޑުހަރުކޮށް[2]: “އަހުރެން މި ހުރީ ރޯދައަށް” މި ފަދައިން ބުނުމެވެ.
އެގާރަވަނައީ: ރޯދަވެރިއަކަށް ކެއުމަކަށް ދަޢުވަތެއް ދެވިއްޖެނަމަ ކަންކުރާނޭ މަގު
ރޯދަވެރިޔާއަށް ކެއުމަކަށް ދަޢުވަތެއް ދެވިއްޖެނަމަ ބުނާނީ: ‘އަހަރެން މި ހުރީ ރޯދައަށް’ މި ފަދައިންނެވެ. އެއީ ސުންނަތް ރޯދައެއް ނުވަތަ ފަރުޟު ރޯދައެއް ވިޔަސް މެއެވެ.
ކެއުމަށް ދަޢުވަތު ދިން މީހާ ހިތުގައި ޖެހިދާނޭނަމަ، ރޯދަ ވީއްލުން މުސްތަޙައްބުވެގެން ވެއެވެ. އެހެން ނޫންނަމަ މުސްތަޙައްބުވެގެން ނުވެއެވެ. މި ފަދައިން ޢަމަލު ކުރުން އޮތީ ސުންނަތް ރޯދައެއް ހިފައިގެން ހުރި މީހާއެވެ. ފަހެ ފަރުޟު ރޯދައެއް މި ސަބަބާ ހުރެ ވީއްލުން ޙަރާމުވެގެން ވެއެވެ.
[1] ބައްލަވާ: سنن أبي داود (2356) والإرواء للألباني (922).
ޢަރަބި ބަހުގައި ކަދުރުގެ އެކި މަރުޙަލާތަކުގައި ކަދުރަށް ކިޔާ އުޅެނީ އެކި ނަންތަކެވެ. އެގޮތުން: البُسْر އަކީ ރޯ ކަދުރެވެ. އަދި الرُّطَب އަކީ ދޮންވެފައި އެކަމަކު ފާ ނުވާ ކަދުރެވެ. އަދި التَّمْر އަކީ ފާ ވެފައި ހުންނަ ކަދުރެވެ. ރާއްޖޭގައި ޢާންމުކޮށް ރޯދަވީއްލުމުގައި ގެންގުޅެނީ التَّمْر އެވެ.
ރޯދަ ވީއްލުމަށް ރުޠަބެއް (ރޯކަދުރާ ހިކިކަދުރާ ދެމުގައިވާ ކަދުރެއް) ނުވަތަ ތަމުރެއް (ހިކިކަދުރެއް) ނުވަތަ ފެންވެސް ނުލިބުނު މީހަކު އެ މީހަކަށް ފަސޭހައިން ލިބޭ ކާބޯތަކެތީގެ ބާވަތަކުން ރޯދަ ވީއްލާނީއެވެ. އަދި ރޯދަ ވީއްލުމަށް އެއްވެސް އެއްޗެއް ނުލިބުނުނަމަ، އެ މީހާގެ ހިތުން ރޯދަ ވީއްލުމަށް ނިޔަތް ގަންނާނީއެވެ. އަދި ބައެއް މީހުން ކަންތައް ކުރާފަދައިން އޭނާގެ އިނގިލި ލޮންނާނީއެއް ނޫނެކެވެ. ނުވަތަ އަނގައިގެ ތެރެއަށް ކުޅު އެއްކުރުމަށް ފަހު ދިރުވާލާނީއެއްވެސް ނޫނެވެ.
[2] އިބްނު ތައިމިއްޔާ ވިދާޅު ވިއެވެ. “ޙަދީޘުން ދަލީލު ލިބޭ ޞައްޙަ ގޮތަކީ ދުލުން މި ޢިބާރާތް ކިޔުމެވެ. އެހެނީ މުޠުލަޤު ބަހެއް ބުނުން އޮތީ ދުލުންކަމުގައި ވާތީއެވެ. އަދި ނަފުސުގައި [ސިއްރުން] ބުނާ ބުނުމެއް އެފަދައިން ބަޔާން ވެގެން އައިސްފައި ވާންޖެހޭނެއެވެ.” މިންހާޖުއް ސުންނަތުއް ނަބަވިއްޔާ – (5/197).
މަޞްދަރު: ملخص فقه العبادات