[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 6 (ރޯދައިގެ މާތްކަމާއި އެ މަހުގެ ޚާއްޞިއްޔަތު އަދި އެ މަހުގެ ރޯދަ ނުހިފައި ދޫކޮށްލާ މީހާގެ ޙުކުމް)

ދެވަނަ ބާބު

ރަމަޟާން މަސް

ފުރަތަމަ ބައި: ރޯދައިގެ މާތްކަން، ރަމަޟާން މަހުގެ ޚާއްޞިއްޔަތު، ޤަދްރުވިލޭރޭގެ މާތްކަން

 

ފުރަތަމައީ: ރަމަޟާން މަހުގެ ރޯދައިގެ މާތްކަން

  • އެއީ ކުށްތަކުގެ ކައްފާރާއެއް؛
  • އެއީ ފާފަތައް ފުއްސެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް؛
  • އަދި އެއީ ސުވަރުގެ ވަދެވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއްވެސް މެއެވެ.

 

ދެވަނައީ: ރަމަޟާން މަހުގެ ޚާއްޞިއްޔަތު

  • ޤުރުއާން ބާވައިލެއްވުނީ އެ މަހުގައެވެ؛
  • ﷲ ބާވައިލެއްވި އެހެނިހެން ފޮތްތައް ބާވައިލެއްވީވެސް އެ މަހުގައެވެ؛
  • ސުވަރުގޭގެ ދޮރުކޮޅުތައް އެ މަހުގައި ހުޅުއްވަވައި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭނެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުއްވޭނެއެވެ؛
  • އެ މަހުގައި ކުރާ ޢުމުރާގެ އަޖުރު ޙައްޖަކާ އެއްވަރުވެގެން ވެއެވެ؛
  • އެ މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ.

 

ތިންވަނީ: ޤަދްރުވިލޭރޭ[1]ގެ މާތްކަމާއި އެ ރޭގައި ކުރުން ޝަރުޢުވެގެންވާ ކަންކަމާއި، އެ ރޭގެ ވަގުތު

  • ޤުރުއާން ބާވައިލެއްވީ އެ ރޭގައެވެ؛
  • އެ އަހަރަކު ވާނޭ ހުރިހާކަމެއް އެ ރޭގައި ﷲ ތަޤުދީރު ކުރައްވައެވެ؛
  • އެ ރެއަކީ ބަރަކާތްތެރި ރެއެކެވެ؛
  • އެ ރޭގައި ކުރެވޭ އަޅުކަމުގެ ހެޔޮކަން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮވެގެން ވެއެވެ؛
  • ޖިބްރީލުގެފާނާއި އެހެނިހެން މަލާއިކަތުން ހެޔޮކަމާއި ބަރަކާތާއިގެން އެ ރޭގައި ދުނިޔެއަށް ފައިބައިވަޑައިގަންނަވާނެއެވެ؛
  • ޤަދުރުވިލޭރެއަކީ ސަލާމަތްތެރިކަން ލިބިގެންވާ ރެއެކެވެ.

 

 

ދެވަނަ ބައި: ރަމަޟާން މަހުގެ ރޯދައިގެ ޙުކުމް އަދި އެ މަހުގެ ރޯދަ ނުހިފައި ދޫކޮށްލާ މީހާގެ ޙުކުމް

 

ފުރަތަމައީ: ރަމަޟާން މަހުގެ ރޯދައިގެ ޙުކުމް

ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ފަރުޟެކެވެ. އަދި އެއީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މި ކަމުގެ މައްޗަށް އިބްނު ޤުދާމާއާއި އައްނަވަވިއްޔު އާއި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

ދެވަނައީ: ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުކަމާމެދު އިންކާރުކުރާ ޙާލު އެ މަހުގެ ރޯދަ ނުހިފައި ދޫކޮށްލާ މީހާގެ ޙުކުމް

ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުކަމާމެދު އިންކާރުކުރާ ޙާލު އެ މަހުގެ ރޯދަ ނުހިފައި ދޫކޮށްލުމަކީ ކުފުރުގެ ޢަމަލެކެވެ. [2] މި ކަމުގެ މައްޗަށް އަލްކާސާނިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

ތިންވަނައީ: ކަންނެތްކަމުގެ ސަބަބުން (ފަރުވާ ކުޑަކަމުގެ ސަބަބުން) ޤަޞްދުގައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލާ މީހާގެ ޙުކުމް

ކަންނެތްކަމުގެ ސަބަބުން ރަމަޟާން މަހުން އެއްދުވަހުގެ ރޯދަ ދޫކޮށްލައިފި މީހާ އެ ގެނެސްގަތީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެ ދޫކޮށްލި ރޯދައަށް އޭނާ ރޯދައެއް ޤަޟާ ކުރަން ޖެހޭނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 


 

[1] އެ ރެއަށް މިފަދައިން ނަން ކިޔުނު ސަބަބާ މެދު ތަފާތު ޤައުލުތައް އައިސްފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަހަކީ: އެ ރެއަށް އެފަދައިން ނަން ދެއްވުނީ އެ ރޭގެ މަތިވެރިކަމާއި، ޝަރަފުވެރިކަމަށްޓަކައެވެ. އެއީ القَدْر މި ބަހުން ނަގާފައިވާ މާނައެކެވެ. ޢަރަބިބަހުގައި އޭގެ މާނައަކީ ޝަރަފުވެރިއެވެ. އަދި ބުނެވޭ ގޮތުގައި އެ އަހަރުގައި ހިނގާނޭ ކަންކަން އެރޭގައި ނިޔާ ކަނޑައެޅުއްވޭތީ އެ ރެއަށް ޤަދްރުވިލޭރޭ ކިޔުނީއެވެ. އަދިވެސް އެހެން ބަސްފުޅެއްގައިވަނީ އެ ރޭގައި ރޭ އަޅުކަންކުރުމުގެ މަތިވެރިކަމަށްޓަކައި އެރެއަށް އެ ނަމުން ނަން ދެވުނީއެވެ.

[2]  މި ޙުކުމުން އިސްތިސްނާ ވެގެންވަނީ އަލަށް އިސްލާމް ވާ މީހާއެވެ. ނުވަތަ މުސްލިމުންގެ މުޖުތަމަޢުތަކާ ދުރުގައި އުޅެ ބޮޑުވުމުގެ ސަބަބުން ރޯދައިގެ ވާޖިބުކަން އެ މީހަކަށް ވަންހަނާވެފައިވާ މީހުންނެވެ. ފަހެ މި ބައި މީހުން ކާފިރު ނުވާނެތެވެ!

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް