[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 7 (ރަމަޟާން މަސް ވަދެއްޖެކަމާއި ނިމިއްޖެކަން ސާބިތުކުރުން)

ތިންވަނަ ބައި: ރަމަޟާން މަސް ވަދެއްޖެކަން ސާބިތުކުރުން

 

 

ފުރަތަމައީ: ހަނދު ބެލުން

 

  • ހަނދު ބެލުމަށް އެދުން:

ޝަޢުބާން މަހުގެ ތިރީސް ވިލޭރޭ ހަނދު ބެލުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ޙަނަފީން މި ކަން ކަނޑައެޅިގެން ބަޔާން ކުރެއެވެ.

 

  • ހަނދު ފެނުނުކަން ސާބިތުކުރުން:

މީސްތަކުންނަށް ހަނދު ފެނިއްޖެނަމަ، ރޯދަ ހިފުން ވާޖިބު ވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމު، އިބްނު ޤުދާމާ އަދި އައްޒަރްކަޝިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ހަނދު ފެނުނުކަން ސާބިތު ކުރެވޭނޭ ހެކިވެރީންގެ ޢަދަދު:

ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގައި ޢަދުލުވެރި އެންމެ ހެއްކެއްގެ ހެކި ބަސް ފުދެއެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނުގެ އިޚްތިޔާރުކުރެއްވި ގޮތެވެ.

 

  • އެކަނި ހުރި މީހަކަށް ހަނދު ފެނުމުން ކަންކުރާނޭ މަގު:

އެކަނި ހުރި މީހަކަށް ރަމަޟާން މަހުގެ ހަނދު ފެނި، އޭނާ ހެކިބަސް އަދާ ނުކުރާނަމަ ނުވަތަ ހެކިބަސް އަދާ ކުރި ނަމަވެސް އޭނާގެ ހެކިބަސް ޤަބޫލު ނުކުރެވުނުނަމަ ދަންނައެވެ. ފަހެ މި ފަދަ މީހެއްގެ ރޯދައާ މެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ:

     ފުރަތަމަ ރައުޔު: އޭނާ އޭނާއަށް ހަނދު ފެނުނު ކަމުގެ މައްޗަށް ބިނާކޮށް ރޯދަ ހިފާނީއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤު ރައުޔެވެ. އަދި މިއީ އައްޡާހިރީންގެ ރައުޔުވެސްމެއެވެ. އަދި ހަމަ އެހެންމެ މިއީ ގިނަ ޢިލްމުވެރީންގެ ރައުޔުވެސް މެއެވެ.

     ދެވަނަ ރައުޔު: އޭނާ ރޯދަ ހިފާނީ މީސްތަކުންނާ އެކުގައި އެ މީހުން ރޯދަ ހިފާއިރުއެވެ. އަދި އޭނާ އޭނާއަށް ހަނދު ފެނުނު ފެނުމުގެ މައްޗަށް އެއްވެސް ކަމެއް ބިނާ ނުކުރާނެއެވެ. މިއީ ބައެއް ސަލަފުންގެ ބޭކަލުންގެ ބަސްފުޅެވެ. އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އިބްނު ތައިމިއްޔާ އަދި އިބްނު ބާޒްގެ އިޚްތިޔާރަކީވެސް މިއެވެ.

 

  • ހަނދުގެ ދައުރުވުން ތަފާތުވުން އެއްގޮތްވުމާއި ޚިލާފުވުން:

ޤައުމެއްގެ ބަޔަކަށް ހަނދު ފެނިއްޖެނަމަ، އެ ރަށުގެ ހަނދު ނުފެންނަ މީސްތަކުން ރޯދަ ހިފުމާމެދު ދަންނަބޭކަލުން ޚިލާފުވެފައި ވެއެވެ. އޭގެ ތެރެއިން (ދަލީލުގެ ގޮތުން) އެންމެ ވަރުގަދަ ދެ ރައުޔަކީ:

     ފުރަތަމަ ރައުޔު: ފަހެ ޤައުމެއްގެ ބަޔަކަށް ހަނދު ފެނިއްޖެނަމަ، އެ ޤައުމެއްގެ އެންމެންމެ ރޯދަ ހިފުން ވާޖިބު ވީއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޝާފިޢީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

     ދެވަނަ ރައުޔު: ފަހެ ޤައުމެއްގެ ބަޔަކަށް ހަނދު ފެނިއްޖެނަމަ، އެ ރަށެއްގެ (ބޮޑުކަމުގެ ސަބަބުން) ހަނދުގެ ދައުރުވުން ތަފާތުވާ ސަރަޙައްދުގައި އުޅޭ މީހުންގެ މައްޗަށް ރޯދަ ހިފުން ވާޖިބު ނުވާނެއެވެ. އެހެނެއްކަމަކު ރޯދަ ވާޖިބުވާނީ ހަނދު އެ ބަޔަކަށް ފެނުނު މީހުންނާއި އެ މީހުންގެ ޙުކުމުގައިވާ މީހުންގެ މައްޗަށެވެ. މިއީ ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. އަދި މިއީ އައްޞަންޢާނިއްޔު އާއި އިބްނު ޢުޘައިމީން އިޚްތިޔާރު ކުރެއްވި ރައުޔުވެސް މެއެވެ.

 

  • ހަނދު ސާބިތު ކުރުމުގައި ސެޓަލައިޓަށް ބަރޯސާ ވުމުގެ ޙުކުމް:

ހަނދު ސާބިތު ކުރުމުގައި ސެޓަލައިޓަށް ބަރޯސާވުން ޙުއްދަ ވެގެން ނުވެއެވެ. މިއީ އިބްނު ޢުޘައިމީންގެ ރައުޔެވެ.

 

  • ހަނދު ބެލުމުގައި ފަލަކީ ޢިލްމުގެ އާލާތެއްގެ ބޭނުން ކުރުމުގެ ޙުކުމް:

ދިރްބީލު[ޓެލެސްކޯޕު]ފަދަ ފަލަކީ ޢިލްމުގެ އާލާތެއްގެ ޛަރީޢާއިން ހަނދު ސާބިތު ކުރުމަކީ ޙުއްދަ ކަމެކެވެ. ދިރްބީލަކީ އޭގެ ޛަރީޢާއިން ދުރުގައިވާ އެއްޗެހި ސާފުކޮށް ބެލުމަށް އެހީވެދޭ އެއްޗެކެވެ. މި ފަދަ އެއްޗެއް ބޭނުން ކުރުން ޙުއްދަ ވީ ނަމަވެސް، މި ފަދަ އެއްޗެއް ބޭނުންކުރުން ވާޖިބުވެގެން ނުވެއެވެ. މި ބުނެވުނުފަދަ އެއްޗެއްގެ ޛަރީޢާއިން އެ މީހަކަށް އިތުބާރު ކުރެވޭފަދަ މީހަކު ބަލައި ހަނދު ފެނިއްޖެނަމަ، އެ ފެނުނު ފެނުމުގެ މައްޗަށް ޢަމަލު ކުރެވޭ ހުއްޓެވެ. މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީންގެ އިޚްތިޔާރެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ މަޖިލީހުން ނެރުއްވައިފައިވާ ފަތުވާގައިވާވެސް ވަނީ މިފަދައިންނެވެ. އަދި ހަމަ އެހެންމެ މަޖްމަޢުލް ފިޤުހީގެ ޤަރާރުވެސްވަނީ އެފަދައިންނެވެ.

 

  • އަސީރުން އަދި އެ ފަދަ ޙާލަތެއްގައިވާ މީހުންގެ މައްޗަށް އޮތް ޙުކުމް:

ޖަލުގައި ބަންދުވެފައި ވުމުގެ ސަބަބުން ނުވަތަ މުސްލިމުންގެ ޢަދުއްވުންގެ ގާތުގައި ދާރުލްޙަރްބެއްގައި އަސީރެއްގެ ގޮތުގައި ބަންދު ކުރެވިފައިވާ މީހުންފަދަ، ހަނދުގެ ޚަބަރުތަކާއި މައްސަރުތައް ވަދެއްޖެކަމާއި، މި ފަދަ ކަންކަމުގެ ޚަބަރުތައް ނުލިބޭ މީހުން ދަންނައެވެ. ފަހެ އޭނާއަށް ލާޒިމުވެގެންވަނީ ހަނދާ ގުޅޭ ޚަބަރެއް ހޯދާން އޭނާއަށް ކުރެވުނު މަސައްކަތެއް ކުރުމަށް ފަހު އޭނާއަށް ބޮޑަށް ލަފާކުރެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެއް މަސްދުވަހުގެ ރޯދަ ހިފުމެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • އަސީރުންނާއި އެ ފަދަ ޙުކުމެއްގައިވާ ފަރާތްތަކުގެ މައްޗަށް ވާ ޙަލާތުތައް:

އޭނާ ހަނދުގެ މައްސަލައިގައި އަމިއްލައަށް ބަލާ ހޯދައި އޭނާއަށް ބޮޑަށް ބުރެވޭ ގޮތަށް ޢަމަލުކޮށް[1]، އެގޮތުގެ މައްޗަށް ބިނާކޮށް ހިފާ ރޯދައިގެ ހަތަރު ޙާލަތެއް ވެއެވެ.

  1. އޭނަގެ ރޯދަ ހިފުން ރަމަޟާން މަހާ ދިމާ ވެއްޖެނަމަ، އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. އަދި އޭނާ ރޯދަ ޤަޟާ ކުރާން ނުޖެހޭނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
  2. ރަމަޟާން މަސް ވަދެއްޖެކަން ޔަޤީން ނުކުރެވި، (އޭނާއަށް ބޮޑަށް ބުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް ރޯދަ ހިފަން ފެށިއިރު) ރޯދަ މަސް ފެށުމުގެ ދުވަސްކޮޅެއް ކުރިން އޭނާއަށް ރޯދަ ހިފަން ފެށިފައިވީކަމުގައިވިޔަސް ނުވަތަ ރޯދަ މަސް ފެށިގެން ދުވަސްކޮޅެއް ފާއިތުވީ ފަހުން އޭނާއަށް ރޯދަ ހިފަން ފެށިފައިވީކަމުގައިވިޔަސް އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. އަދި އޭނާ ރޯދަ އިޢާދަ ކުރުމެއް ނުވެއެވެ. މިއީ ޝާފިޢީ، ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ މާލިކީ މަޛްހަބުގެ އެއް ރައުޔެވެ.
  3. އޭނާއަށް ރޯދަ ހިފުނީ ރަމަޟާން މަސް ފެށުމުގެ ކުރިންކަން އަސީރަށް ބަޔާން ވެއްޖެނަމަ، ފަހެ އޭނާ ރޯދަ އިޢާދަ ކުރާން ވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
  4. އޭނާއަށް ރޯދަ ހިފުނީ ރަމަޟާން މަސް ފާއިތުވީ ފަހުންކަން އަސީރަށް ބަޔާން ވެއްޖެނަމަ، ފަހެ އޭނާ އެ ހިފި ރޯދަ ފުދެއެވެ. އަދި އޭނާ ރޯދަ ޤަޟާ ކުރުމެއް ނުވެއެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ޢީދަށް ވީ ދުވަސްފަދަ ރޯދަ ހިފުން ޙަރާމު ދުވަހެއްގައި އޭނާއަށް އެ ހިފުނު ރޯދަ އޭނާ ޤަޟާ ކުރާން ވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

 

ދެވަނައީ: ޝަޢުބާން މަހުގެ ތިރީސް ދުވަސް ހަމަކުރުން

 

  • އޮނަތިރީހު ހަނދު ސާބިތު ނުކުރެވުނުނަމަ ކަންކުރާނޭ މަގު:

އުޑުމަތި ސާފު ކަމުގައި ވީނަމަވެސް، އަދި އުޑުމަތި ބަނަވުމުގެ ސަބަބުން ނަމަވެސް (އެއްވެސް ސަބަބަކާ ހުރެ) ޝަޢުބާން މަހުގެ އޮނަތިރީހު ރަމަޟާން މަހުގެ ހަނދު ނުފެނުނުނަމަ، ޝަޢުބާން މަހުގެ ތިރީސް ދުވަސް ހަމަ ކުރުމުގެ މައްޗަށް މިއީ ފިޤުހީ ހަތަރު މަޛްހަބުވަނީ އިއްތިފާޤު ވެފައެވެ.

 

  • ޝަޢުބާން މަހުގެ ތިރީހަކީ މުލަރޯދަ ދުވަސް ކަމުގައި ވެދާނޭ ކަމަށް އެ ދުވަހު ރޯދަ ހިފުން:

ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހަށް ކިޔެނީ ޝައްކު ދުވަހެވެ. އެ ދުވަހަކީ މުލަރޯދައަށް ވެދާނޭ ކަމުގެ ބިރަށް ނުވަތަ އެ ދުވަހަކީ މުލަރޯދައަށް ވުމުގެ އިޙްތިމާލަށް އެ ދުވަހު ރޯދަ ހިފުމަކީ ޙަރާމް ކަމެކެވެ.[2]

 

 

ތިންވަނައީ: ފަލަކީ ޙިސާބު ޖެހުން

 

ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގައި ފަލަކީ ހިސާބުގެ ބޭނުންކުރުން ޙުއްދަވެގެން ނުވެއެވެ. އަދި އެއަށް ބަރޯސާވުންވެސް ޙުއްދަ ވެގެން ނުވެއެވެ. މި ކަމުގެ މައްޗަށް އަލްޖައްޞާޞްއާއި އިބްނު ރުޝްދާއި އަލްޤުރްޠުބީއާއި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

 

 

ހަތަރުވަނަ ބައި: ރަމަޟާން މަސް ނިމުނުކަން ސާބިތު ކުރުން

 

 

ފުރަތަމައީ: ޝައްވާލު މަހުގެ ހަނދު ބެލުން

 

  • ހަނދު ސާބިތު ކުރުމުގައި ބަރޯސާވާ ހެކިވެރީންގެ ޢަދަދު:

ޝައްވާލު މަހުގެ ހަނދު ސާބިތުކުރާން ޢަދުލުވެރި ދެ ހެކީންގެ ހެކިބަސް ކޮންމެހެންވެސް ބޭނުން ވާނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • ޝައްވާލު މަހުގެ ހަނދު ތަނެއްގައި އެކަނި ހުރި މީހަކަށް ފެނުނު މީހާގެ ޙުކުމް:

އެކަނި އެކަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުނަމަ، ފަހެ މީސްތަކުންނާ އެކުގައި މެނުވީ އޭނާ ރޯދަ ހިފުން ދޫކޮށް ނުލާނެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

 

ދެވަނައީ: ރަމަޟާން މަހުގެ ތިރީސް ދުވަސް ހަމަކުރުން

 

(ރަމަޟާން މަހުގެ އޮނަތިރީހު) ޝައްވާލު މަހުގެ ހަނދު ނުފެނުނަމަ ރަމަޟާން މަހުގެ ތިރީސް ދުވަސް ހަމަ ކުރުން ވާޖިބު ވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ރޭގަނޑުގައި ހަނދު ފެނި އެކަމުގެ ޚަބަރު މީސްތަކުންނަށް ދުވާލު ލިބުން:

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރެވުނީ ރޭގަނޑުގެ ވަގުތުގައި ކަމުގައި ވެފައި، މީސްތަކުންނަށް އެ ޚަބަރު ލިބުނީ ދުވާލުގެ ބައެއް ފާއިތުވީ ފަހުންކަމުގައި ވާނަމަ ދަންނައެވެ. ފަހެ އެ ޚަބަރު ލިބުނީ މެންދުރުފަސް ވުމުގެ ކުރިއަށް ކަމުގައިވާނަމަ، ރޯދަ ވީއްލައި ޢީދު ކުރާނީއެވެ. މި ކަމުގެ މައްޗަށް އިބްނު ޢަބްދުލްބައްރު އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

  • ހެނދުނު ހަނދު ފެނުން:

ޝައްވާލު މަހުގެ ހަނދު ދުވާލުގެ ވަގުތުގައި ފެނިއްޖެނަމަ ދަންނައެވެ! ފަހެ އެ ދުވަހަކު ރޯދަ ވީއްލުމެއް ނުވެއެވެ. އެއީ މެންދުރުން އެނބުރުމުގެ ކުރިއަށް ހަނދުފެނުނު ނުވަތަ މެންދުރުން އެނބުރުމުގެ ފަހުން ހަނދު ފެނުނު ކަމުގައި ވިޔަސް މެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ.

 


 

[1]  އަސީރު ކުރެވިފައިވާ މީހަކު އޙައްޤު ހޯދުމަށް މަސައްކަތްވެސް ކުރުމަކާ ނުލައި ރޯދަ ހިފައިގެން އެ ރޯދަ ޞައްޙަ ނުވާނެއެވެ. އެގޮތުގެ މަތީން އޭނާ ރޯދަ ހިފިނަމަވެސް އޭނާގެ މައްޗަށް އޮތީ އެ ރޯދައެއް ޤަޟާ ކުރުމެވެ. އެއީ އޭނާ އެ ރޯދަ ހިފި ދުވަސްވަރު ރަމަޟާން މަހާ ދިމާ ވީކަމަށް ފަހުން އެނގުނުކަމުގައި ވިޔަސްމެއެވެ. އެއީ އޭނާ ފަރުވާ ކުޑަކޮށް އޭނާގެ މައްޗަށް ވާޖިބުވާ ރަމަޟާން މަސް ހޯދުމަށް މަސައްކަތްކުރުން އޭނާ ދޫކޮށްލުމުންނެވެ.

[2]  ރޯދަ ހިފުން ޙަރާމް ދުވަސްތަކުގެ ވާހަކަ ގެނެވޭ ބައިގައި މި ކަމުގެ ތަފްޞީލު [ إِنْ شَاءَ الله ] ގެނެވޭނެތެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް