[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 1

ޣައިބަށް އީމާންވުން

ޣައިބަށް އީމާންވުމަކީ އިސްލާމީ ޢަޤީދާގެ އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. އަދިކިއެއްތަ! އެއީ ﷲގެ ފޮތުގައި އެއިލާހު ބަޔާންކުރައްވާފައިވާ ތަޤްވާވެރިންގެ ޞިފަތަކުގެތެރެއިން އެންމެ ފުރަތަމަ ޞިފަވެސްމެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. الم (١)ذَلِكَ الْكِتَابُ لا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (٢)الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (٣) (البقرة) “މިއީ އެ(މަތިވެރި) ފޮތެވެ. މި ފޮތުގައި އެއްވެސް ޝައްކެއް ނުވެއެވެ. (މިފޮތަކީ) ތަޤްވާވެރިންނަށްހުރި ހިދާޔަތެކެވެ. އެއުރެންނީ، ޣައިބަށް އީމާންވާ، އަދި ނަމާދު ޤާއިމުކުރާ، އަދި ތިމަންއިލާހު އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.”

އެހެންކަމުން އެއްވެސް ޝައްކެއް އެކުލެވިގެންނުވާ ޤަބޫލުކުރުމަކުން، ޣައިބުގެ ކަންތައް ޤަބޫލުކޮށް އެއަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި އައިސްފައިވާފަދައިން، ޣައިބަކީ އަހަރެމެންނަށް ނުފެންނަ އެއްޗިހިތަކުގެ ތެރެއިން އެކަމުގެ ޚަބަރު ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވާފައިވާ އެއްޗެހިތަކެވެ.

ޖިންނީންނަކީ އީމާންވާންޖެހޭ ޣައިބުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. އެހެނީ ޖިންނީންނަކީ ޙަޤީޤަތެއްކަމާއި އެއީ ވާއެއްޗެއްކަން ޤުރުއާނާއި ސުންނަތުގެ އެތައް ދަލީލަކުން އެނގެއެވެ.

ޤުރުއާނުގެ ދަލީލުތަކުގެ ތެރެއިން:

1-وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنْصِتُوا فَلَمَّا قُضِيَ وَلَّوْا إِلَى قَوْمِهِمْ مُنْذِرِينَ (الأحقاف: 29) “ތިމަންއިލާހު ޖިންނީންގެ ތެރެއިންބަޔަކު، ޤުރުއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުންޏެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެމީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖެއެވެ.”

2-يَا مَعْشَرَ الْجِنِّ وَالإنْسِ أَلَمْ يَأْتِكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنْذِرُونَكُمْ لِقَاءَ يَوْمِكُمْ هَذَا (الأنعام: 130) “އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން، ތިމަންއިލާހުގެ އާޔައްތައް ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރު ކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟”

3-يَا مَعْشَرَ الْجِنِّ وَالإنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالأرْضِ فَانْفُذُوا لا تَنْفُذُونَ إِلا بِسُلْطَانٍ (الرحمن: 33) “އޭ ޖިންނީންނާއި، އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ.”

4-قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا (الجن: 1) “ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ ޤައުމުގެ މީހުންނަށް) އެއުރެން ބުންޏެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމުއެވެ.”

5-وَأَنَّهُ كَانَ رِجَالٌ مِنَ الإنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا (الجن: 6) “އަދި އިންސީންގެ ބަޔަކު، ޖިންނީންގެ ބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެ ޖިންނީންގެ ކާފަރުކަމާއި ބޮޑާކަން އިތުރުވިއެވެ.”

 – ނުނިމޭ –

_______________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް