
شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ (މުޙައްމަދު ގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުން ) މި ކަލިމައިގެ ޙަޤީޤަތްތަކުގެ ތެރޭގައި ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަަމަ ކުރައްވާފައިވާ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ، އެކަލޭގެފާނު ގެނެސްދެއްވި އެންމެހައި ކަންކަމެއް ތެދުކުރުމާއި ، އެކަލޭގެފާނުގެ ދަޢުވަތަށް ފުރިހަމަގޮތުގައި އިޖާބަ ދިނުން ހިމެނެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ ، އެކަލޭގެފާނަށް ކިޔަމަންވުން އެއީ ﷲ ތަޢާލާއަށް ވެވޭ ކިޔަމަންތެރިަކަމެއް ކަމުގައި ލައްވާފައެވެ. އަދި ކީރިތި ޤުރުއާންގައި އެއްތަނަށްވުރެ ގިނަތަނުގައި ﷲތަޢާލާއަށް ކިޔަމަންތެރިވުމަށް އަމުރުކުރެއްވުމާއި ވިއްދައިގެން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ﴿٨٠﴾ ” سورة النساء މާނަ : ” ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ ދަންނާށެވެ! ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” قُلْ أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ … ” سورة النور45 މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ! “
އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ” سورة النساء59 މާނަ : ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! “
އަދި ހިދާޔަތުގެ ތެދުމަގުގު ލިބި އެމަގުގައި ޘާބިތުވުންވެސް އެކަލޭގެފާނަށް ކިޔަމަންތެރިވުމާއި ގުޅިފައިވާކަމަށް ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. ” قُلْ أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ ” سورة النور45 މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށްވެސް ކިޔަމަންވާށެވެ! ފަހެ، އެއުރެން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ، އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވި ކަންތަކެވެ. އެއީ ރަސޫލުކަން އިއްވެވުމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. އެއީ އީމާންވެ ކިޔަމަންގަތުމެވެ. އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ. ބަޔާންވެގެންވާ އިއްވެވުން މެނުވީ ރަސޫލާގެ މައްޗަކަށް ނުވެއެވެ. “
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޙައްޤު ގޮތުގައި ކިޔަމަންތެރިވާ މީހުންނަކީ ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާގެ ޚަލްޤުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މީސްތަކުންނާއި އެކުގައި ވާނޭ ބައެއްކަމުގައި ﷲ ތަޢާލާ އަންނަނިވި އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. ” وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾ ” سورة النساء މާނަ: ” އަދި ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން ދަންނާށެވެ! ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާއި އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. “
ޝައްކެއްވެސް ނެއްގޮތުގައި އެންމެ ބޮޑުކާމިޔާބީއަކީ ﷲ ތަޢާލާގެ ޢަޒާބުގެ ގޮވެތި ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވުމެވެ. އެ ބޮޑުވެގެންވާ ކާމިޔާބީ ލިބުން ގުޅިފައިވަނީ ﷲ ތަޢާލާގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޤީޤީ މާނައިގައި ކިޔަމަންތެރިވުމުގެ މައްޗަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” … وَمَن يُطِعِ اللَّـهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٣﴾ ” سورة النساء މާނަ: ” ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ކާމިޔާބަކީ އެއީއެވެ. “
-ނުނިމޭ-
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد