[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 3

ހަމަލޮލަށް ނުފެނުމަކީ ނުވާކަމުގެ ދަލީލެއް ނޫނެވެ.

އަޅުގަނޑުމެންގެ ހަމަލޮލަށް ޖިންނީން ނުފެނުމަކީ، އެއީ ނުވާ ބައެއްކަމުގެ ދަލީލެއް ނޫނެވެ. އެހެނީ ހަމަލޮލަށް ނުފެންނަ ކިތަންމެ އެއްޗެއް ވުޖޫދުގައި ވާކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ރޭއާއި ދުވާލު އެއަކުން އަޅުގަނޑުމެން ފައިދާ ޙާޞިލުކުރަމުންމިދާ ކަރަންޓަށް ބަލާށެވެ. އެ، އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟ އަޅުގަނޑުމެން ދިރިތިބުމަށްޓަކައި ނޭވާލުމަށް ބޭނުންކުރާ އޮކްސިޖެން އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟ އެއެއްޗެއް ލިބުނީތީ ފަޚުރުވެރިވެ، އެއަށް ނުވިސްނޭ ކޮންމެ އެއްޗަކީ، އަދި ކަމަކީ ޙައްޤު ނޫންކަމަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބުނަމުންމިދާ ސިކުނޑި، އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟ ނަމަވެސް އެއީ ވާއެއްޗެހިތަކެއްކަން ޤަބޫލުނުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟ އަދިކިއެއްތަ! އެއެއްޗެއް އަޅުގަނޑުމެންގެ ހަށިގަނޑާއި ވަކިވެއްޖެނަމަ، އަޅުގަނޑުމެން މަރުވެގެންދާ ފުރާނަ، އަޅުގަނޑުމެންގެ ހަމަލޮލަށް ފެނޭތޯއެވެ؟

ޖިންނީން ޚަލްޤުކުރެވުނީ ކޮންއެއްޗަކުން؟

ޖިންނީން އުފައްދަވާފައިވަނީ އަލިފާނުންކަން، ޤުރުއާނުގެ އާޔަތްތަކާއި، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން، އެއްވެސް ޝައްކެއްނުވާ މިންވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَخَلَقَ الْجَانَّ مِنْ مَارِجٍ مِنْ نَارٍ (الرحمن: 15) “އަދި ސާފު އަލިފާނުން އެއިލާހު ޖިންނިން ހެއްދެވިއެވެ.” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. مِنْ مَارِجٍ مِنْ نَارٍ އަކީ ސާފު އަލިފާނެވެ. އަދި އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. އެއީ އަލިފާން ހުޅުގެ ކޮޅެވެ.

އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالْجَانَّ خَلَقْنَاهُ مِنْ قَبْلُ مِنْ نَارِ السَّمُومِ (الحجر: 27) “އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން، ތިމަންއިލާހު ޖިންނީން ހެއްދެވީމެވެ.”

އިބްލީހުގެ ބަސް ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލަ ވަޙީކުރައްވާފައިވެއެވެ. قَالَ أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ (الاعراف: 12) “އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ (އެބަހީ: އާދަމުގެފާނަށްވުރެ) ތިމަން މާމޮޅެވެ. އިބައިލާހު ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބައިލާހު އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.”  އިބްލީހުގެ ބަސް އެއީ ދަލީލަކަށްވާނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދޮގުވެސް ހަދާފާނެއެއް ނޫންހެއްޔެވެ. މިފަދއިން ބުނެވިއްޖެނަމަ، އޭގެ ޖަވާބެއްގެ ގޮތުގައި ބުނަމެވެ. މީގެއިން އަހަރެމެން ދަލީލު ނަގަނީ އިބްލީސް އެހެން ބުނީތީއެއް ނޫނެވެ. އެހެނެއްކަމަކު، ﷲތަޢާލާ އެކަމަށް އިޤްރާރުވެ ވޮޑިގެންނެވީމައެވެ. އެހެނީ ﷲތަޢާލާ ބާޠިލުކަމަކަށް އިޤްރާރުވެވޮޑިނުގަންނަވާނެތެވެ.

އިމާމް އަޙްމަދާއި، އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ “މަލާއިކަތްބޭކަލުން ޚަލްޤުކުރެއްވުނީ ނޫރުންނެވެ. އަދި ޖިންނީން ޚަލްޤުކުރެއްވުނީ ދުންނައަރާ ސާފު އަލިފާނުންނެވެ. އަދި އާދަމް (ޢަލައިހިއްސަލާމް) ޚަލްޤުކުރެއްވުނީ ތިޔަބައިމީހުންނަށް ޞިފަކޮށްދެވިފައިވާ އެއްޗެހިންނެވެ. (އެބަހީ: ޤުރުއާނާއި، ޙަދީޘުގައި ޞިފަކޮށްދެވިފައިވާ ފަދައިން، މަށިންނެވެ.)”

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް