[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަޔަކު ތަންދޮރުނުދަންނާނީ މިހާވަރަށެވެ.

 

ﷲސުބުޙާނަހޫ ވަތަޢަލާ ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވުމަށްފަހު އެބައިމީހުން ދޫކޮށްލެއްވީކީނޫނެވެ. އެއިލާހުގެ ރަޙުމަތާއި އޯގާވަންތަވެރިކަމުން އެބައިމީހުން ދިރިހުރުމަށްޓަކައި ބޭނުންވާނެ އެންމެހާ ކަމެއް ފުރިހަމަކަމާއެކު ހަމަޖައްސަވައި ދެއްވިއެވެ. ދިރިހުރުމަށްޓަކައި ބޭނުންވާނެ ވައި ފުރިހަމަކަމާއެކު ދައުރުކުރާގޮތް ލެއްވިއެވެ. އެބައިމީހުން ނޭވާލުމަށްޓަކައި ބުރަތަކެއް އުފުލާކަށް ނުޖެހޭނެގޮތުގެ މަތީންނެވެ. ހަށިގަނޑު ހެދިބޮޑުވުމަށްޓަކައި ބޭނުންވާނެ ތަފާތު ވައްތަރުގެ، ތަފާތު ރަހަތަކުގެ ކާނާ ލިބޭނެގޮތް މިންވަރުކޮށް ދެއްވިއެވެ. އިންސާނާގެ ހަށިގަނޑަކީ ފިނިހޫނު މިނަށް ނާޒުކު ހަށިގަނޑުތަކެއްކަމުން، އެހަށިގަނޑުގައި ފިނިހޫނުމިން އެހަށިގަނޑާ ގުޅޭނެ ގޮތަށް ލެއްވެވުމުގެ މަތިވެރި ނިޒާމު އެހަށިގަނޑުގައާއި ކައުނުގައި ލެއްވެވިއެވެ. މިލިސްޓު މިގޮތަށް ކިޔަންވެއްޖެކަމުގައިވާނަމަ ދުވަހަކުވެސް ކިޔާ ނުނިމޭނެއެވެ.

މީގެ ތެރެއިން އެންމެ މުހިއްމު ނިޢުމަތަކީ އެއިންސާނާގެ ދުނިޔެއާއި އާޚިރަތް ކަމިޔާބު ކުރުމަށްޓަކައި ކަންތައް ކުރާނެގޮތުގެ މަގު ދައްކަވާ ދެއްވުމެވެ. އެބައިމީހުންގެ ތެރެއަށް އިންޒާރުކޮށް، އުފާވެރިކަމުގެ ޚަބަރުތައް ދެއްވައި އެބައިމީހުން ހެޔޮމަގަށް އަޅުވާނެ ރަސޫލުންނާއި ނަބީން ފޮނުއްވިއެވެ. އަދި އެއިލާހުގެ ފޮތްތައް އެބޭކަލުންގެ ޒަރީޢާއިން، އުޑުމަތި ސާފުދުވަހެއްގެ ދުވާލުގެ އިރުފަދައިން ބަޔާންކޮށް ދެއްވިއެވެ. އެބޭކަލުން ބަޔާންކޮށްދެއްވީ ބަސްފުޅާއި ޢަމަލުފުޅުން މިސާލުދައްކަވަމުންނެވެ. އަދި ހަމައެއާއެކު، އެބޭކަލުންނަކީ ތެދުވެރިބޭކަލުންކަމުގެ ޢަލާމާތްތަކެއް ކަމުގައި މުޢުޖިޒާތްތައް ދެއްކެވިއެވެ. ފަހުން އަންނަ ބަޔަކަށް ޢިބުރަތެއްކަމުގައި، އެއިލާހާއި އެއިލާހުގެ ރަސޫލުން ދޮގުކުޅަ މީހުން ހަލާކުކުރެއްވިއެވެ. އޭގެ ކޮންމެ ބޭކަލެއްގެ ޤައުމުގައި ނުވަތަ އުއްމަތުގައި އެބޭކަލުން ގެނެސްދެއްވި ކަންތައްތަކަށް ދެކޮޅުހަދައި، ބޮޑާވެގަނެ، ފުރައްސާރަކުރިމީހުން ވިއެވެ. އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުން ބާވާލެއްވި ތަކެއްޗަކީ ސިޙުރުކަމުގައި ބުނަމުންނެވެ. އަދި އެއީ މޮޔައިންގެ ވާހަކަތަކެއް ކަމުގައި ބުނަމުންނެވެ. އަދި އެއީ ބޯދާ އިހުޒަމާނުގެ މީހުން ދައްކާ އުޅުނު ވާހަކަތައްކަމުގައި ބުނަމުންނެވެ.

އެންމެ ފަހުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތަކީ އެކަލޭގެފާނުން ފެށިގެން ޤިޔާމަތްދުވަހާ ޖެހެންދެން ޝާމިލުވެގެންވާ، އެންމެހާ ޒަމާނަކާއި ތަނަކަށް އެންމެފުރިހަމަ، ޢަދުލުވެރިކަމުގައި ދެވަނައެއްނުވާ ލާމަސީލު ރިސާލަތެކެވެ. އަމިއްލައެދުމާއި، ނޭއްގާނީކަމާއި، ދެކޮޅުހެދުމުގައި ހައްދުފަހަނައަޅާފައިވާ މީހަކަށް މެނުވީއެވެ. މިފަދަ މީހުންނަކީ ދުވާލުކަން ކަނޑައެޅިގެން އެނގެންހުންނަ ޙާލުގައިވެސް ރޭގަނޑުކަމުގެ ދަޢުވާ ކުރާ މީހުންނެވެ. މިބައިމީހުންގެ ކޮށި ވިސްނުމާއި، ޚިޔާލާއި، އަމިއްލަ އެދުމަށް އަޅުކަންކުރާ މީހުންނެވެ. ޢާލަމްތަކުގެ ވެރި އިލާހުގެ ޢިއްޒަތާއި ޤަދަރުފުޅަށް ކުޑައިމީސްކީ މީހުންނަކީ ހަމަ މިބައިމީހުންނެވެ.

މިފަދަ މީހުން މީސްތަކުންނަށް ރަޙުމުކުރާކަމުގެ ދޮގުދަޢުވާކުރެއެވެ. ޢާލަމްތަކުގެ ވެރި އޯގާވަންތަ އިލާހުގެ ޤަދަރުކުޑަކޮށްލައި އެއިލާހަކީ އަނިޔާވެރި އިލާހެއްކަމުގައި ބަހާއި ޢަމަލުން މިފަދަ މީހުން ބުނެއެވެ. މިބައިމީހުން ކުރާ ދަޢުވާގައި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތަކަކީ އަނިޔާވެރި، ހަރުކަށި އުޞޫލުތަކެއްކަމުގައި ބުނެއެވެ. ސުބުޙާނަﷲ! އެއިލާހަށް ވުރެ އެއިލާހުގެ އަޅުތަކުންނަށް އޯގާވެރިވާ ބައެއްކަމުގައި މިބައިމީހުން ބުނަނީ ހެއްޔެވެ؟ ނުވަތަ “الرحمن” އަދި “الرحيم” ފަދަ އެއިލާހަށް ނިސްބަތްވެގެންވާ އިސްމުފުޅުތައް ލިބިގަތުމަށްޓަކައި އެއިލާހާ ގޮންޖަހަނީ ހެއްޔެވެ؟ ނުވަތަ އެއިލާހަށް އަނިޔާވެރިކަން ނަފީކުރައްވައި، އަދި އެއިލާހަށް ޢަދުލުވެރިކަން ނިސްބަތްކުރައްވާފައިވާ ހިނދުވެސް، އެއިލާހުގެ ބަސްފުޅު ކުޑައިމީސްކުރީ ހެއްޔެވެ؟ ﷲ ގަންދީފަ ބުނަމެވެ. ތިޔަބައިމީހުން ކިތަންމެ ވަރަކަށް ދަޢުވާ ކުރިނަމަވެސް، ކުރިންވެސް އަދި ދުވަހަކުވެސް، އެއިލާހަށްވުރެ އެއިލާހުގެ އަޅުންނަށް އޯގާވަންތަ ރަޙުމުކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވާނެއެވެ. ތިޔަބައިމީހުންނަށް ނޫޙުގެފާނުގެ ޢުމުރުފުޅު ފަދަ ޢުމުރެއް ލިބި، މިކަމަށް ދަޢުވާކުރިނަމަވެސްމެއެވެ.

ތިޔަބައިމީހުން ވިސްނައި ފިކުރުކޮށް ނަހަދަނީ ހެއްޔެވެ؟ ދުނިޔޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ރިޒްޤުންކައިބޮއެގެން، އެއިލާހު ދެއްވި ގުނަންތަކުން ޙަރަކާތްކޮށްގެން އެއިލާހަށް ކާފަރުވެ، އެއިލާހަށް އެއްޗެހި ގޮވާ، އެއިލާހަށް ދަރިކަލަކުވާކަމަށް ބުނެ، އެއިލާހުގެ ފޮތާއި، އެއިލާހުންގެ ރަސޫލުން ނިކަމެތިކުރުމަށްޓަކައި މަސައްކަތް ކުރާ މީހުން ނުދެކެނީ ހެއްޔެވެ؟ އެފަދަ މީހުން އެހުރިހާ ކަމެއް ކުރަމުން ދާއިރުވެސް، އެއިލާހު އެބައިމީހުންނަށް އޯގަތެރިވެވަޑައިގެން، އެއިލާހުގެ ރިޒުޤުން ރިޒުޤުދެއްވައި، ދުނިޔޭގައި ޢިއްޒަތާއި ޤަދަރު ދެއްވާފައިވާތަން ނުދެކެނީހެއްޔެވެ؟ ސުބުޙާނަﷲ! އެއިލާހަށްވުރެ އޯގާވަންތަ ދެވަނަ ފަރާތެއް ފެންނާނެ ހެއްޔެވެ؟

ހަމައެހެންމެ އެއިލާހުގެ މާތް ނަބިއްޔާއަށްވުރެ، މީސްތަކުންނަށް އޯގާވެރި، ދީލަތި، ރަޙުކުރާ ބައެއްކަމުގައި ތިޔަބައިމީހުން ދައްކަނީ ހެއްޔެވެ؟ އެކަލޭގެފާނު މީސްތަކުންނަށް އޯގާވެރިކަމާއި، ރަޙުމުކުރުމުގެ ލާމަސީލު ނަމޫނާތައް ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާކަން ނޭނގެނީހެއްޔެވެ؟ އައްސަވާށެވެ. “އަންޞާރީ ބޭކަލެއްގެ ދަނޑެއްގެ ތެރޭގައި ޖަމަލެއް ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދަނޑަށް ވަދެވަޑައިގެންނެވިއެވެ. އެޖަމަލަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުމާއެކު ގޮވަން ފަށައިފިއެވެ. އަދި އޭގެ ލޮލުން ކަރުނަ އުތުރިއްޖެއެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެޖަމަލުގެ ކައިރިއަށް ވަޑައިގެން، އޭގެ ކަރުގައި ފިރުމާލެއްވުމުން، އޭތީގެ އަޑު މަޑު ވެއްޖެއެވެ. އޭގެފަހުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މީކާކުގެ ޖަމަލެއް ހެއްޔެވެ؟” އެހިނދު ޒުވާން އަންޞާރީ ބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އެއީ ތިމަންގެ ޖަމަލެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިޖަމަލާމެދު ﷲ އަށް ބިރުވެތި ނުވަނީތޯއެވެ؟ މިޖަމަލުގެ މައްޗަށް ﷲ ވަނީ ތިބާ ވެރި ކުރައްވާފައެވެ. ފަހެ ހަމަކަށަވަރުން، ތިބާ މީތި ބަނޑުހައިކޮށް، ވަރުބަލިކުރާކަމުގެ ޝަކުވާ ތިމަންކަލޭގެފާނަށް ކޮށްފިއެވެ.” (އަބޫ ދާވުދު، ޝެއިޚް އަލްބާނީ ޞަޙީޙް ވަ ޟަޢީފް އަބީ ދާވުދުގައި ޞައްޙަކަމަށް ވިދާޅުވެފައި ) އަދިވެސް ކުރިއަށް ގެންދަވާށެވެ. ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު ދަތުރެއްގައި ވީމެވެ. އެކަލޭގެފާނު ޙާޖަތެއް ފުއްދެވުމަށްޓަކައި ވަޑައިގެންނެވިއެވެ. ފަހެ، ތިމަންމެނަށް ޙުއްމަރާއެއް (ފެންފޯއްދޫނި ވަރުގެ ދޫންޏެއް) ދެދަރިންނާއެކު ވާތަން ފެނުނެވެ. އެހިނދު ތިމަންމެން އޭގެ ދެދަރިން ނެގީމެވެ. އެދޫނި އައިސް ހިތާމަޔާއެކު ފިޔަތަޅުވަމުން ތިމަންމެންގެ ބޯމަތީ އުދުހެމުން ދިޔައެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެން ވިދާޅުވިއެވެ. “ދަރިންތައް ވަކިކުރުމުގެ ސަބަބުން މިދޫންޏަށް ހިތާމަ ކުރިމަތި ކުރުވީ ކާކު ހެއްޔެވެ؟ އޭގެ ދަރިންތައް އެއަށް ރައްދުކުރާށެވެ.” (އަބޫ ދާވުދު، ޝެއިޚް އަލްބާނީ ޞަޙީޙް ވަ ޟަޢީފް އަބީ ދާވުދުގައި ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.).

ޢިބުރަތެއް ނުލިބޭތޯއެވެ! މިއީ އެކަލޭގެފާނު ޖަނަވާރުންނާމެދު ކަންތައްތައް ކުރައްވާފައިވާލެއް އޯގާތެރިކަމެވެ. މިއަށްވުރެ ރީތި ނަމޫނާއެއް ފަހެ ފެންނާނެ ހެއްޔެވެ؟ ވީއިރު އިންސާނުންގެ ޙައްޤުތައް ހޯދާދެއްވުމަށާއި، އެބައިމީހުންގެ ޢިއްޒަތާ ކަރާމަތަށް ބައްލަވާނެވަރު ވިސްނާލައްވާށެވެ. ބުނާނެއެވެ! ތީ ތާރީޚީ ފުލޯކު، ޙަޤީޤަތެއް ނޭނގޭ ވާހަކަތަކެކެވެ. މިއީ އެޒަމާނެއް ނޫނެވެ. 2011 އެވެ. ތެދެކެވެ. 2011 އެވެ.

އަދި މިބައިމީހުން ބުނާނެއެވެ. މިއީ ﷲގެ ޙުކުމްފުޅުތަކަކީ ޒަމާނާނުގުޅޭ، އިންސާނީ ޙައްޤެއް ނެތް ޙުކުމްފުޅުތަކެކެވެ. އަނެއްވާހަކައެވެ. އިންސާނީ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި ގައިގެ ހުރި ހިތްވާރެއްލާފައި ހަޅޭއްލަވާމީހުންނަކީ، ޙަޤީޤަތުގައި އިންސާނުންގެ ޙައްޤުތައް ނިގުޅައިގަތުމަށް އެންމެ ބޮޑަށް އަޑުއުފުލާ މީހުންނެވެ. މީހެއްގެ ނުބައިކަމުން މުޖުތަމަޢުގެ އެންމެނަށް އުނދަގުލަކަށް ވެފައިވާ ކުށްވެރިން އެންމެ ބޮޑަށް ދިފާޢުކުރާމީހުންނަކީވެސް މިބައިމީހުންނެވެ. އެންމެ މީހެއްގެ ޙައްޤު ހޯދާދިނުމަށް އެތައް ބައެއްގެ ޙައްޤުތައް ނިގުޅައިގެންފައެވެ. ދެކޮޅު ނުޖެހުމުގެ މިއަށްވުރެ ރީތި ނަމޫނާއެއް ފެންނާނެތޯއެވެ. ދުނިޔޭގައި އިންސާނީ ޙައްޤުތައް ހޯދައިދޭންވެގެން މަވަރެއްނެތިގެން އުޅޭ އެމެރިކާއިން އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ކުރެވޭ އެއްވެސް ކަމެއްނެތެވެ. ހީރޯޝީމާއަށާއި ނަގަސާކީއަށް އެދިން އެޓަމްބޮމުގެ ހަމަލާއަކީ އިންސާނިއްޔަތު ދެކެފައިނުވާ ވަރުގެ ހަމަލާއެކެވެ. އަދިއަދަށް ދާންދެން ކުށެއްނެތް އެތައްއެތައް ބަޔަކަށް އޭގެ އަސަރު މިހާރުވެސް ކުރަމުންދާ ހަމަލާއެކެވެ. ފަލަސްޠީނާއި، ޢިރާޤާއި، އަފްޣާނިސްތާނު ފަދަ އެތައް ޤައުމެއްގައި އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގާ ހަނގުރާމަތައް ހިންގާއިރު “އިންސާނީ ޙައްޤުތައް ހޯދައިދޭ ޖަމިއްޔާތައް” ކޮބައިހެއްޔެވެ؟ ނަމަވެސް އިސްލާމްދީނުގައި ޤާއިމުކުރުމަށް އަންގަވާފައިވާ ޙައްދެއް ޤާއިމުކުރެވިއްޖެނަމަ، އެކަން ބޮޑުކަމަކަށްވެގެން ތެޅިފޮޅިގަނެއެވެ. ބުނަންތޯއެވެ! އިސްލާމްދީން ފެށިގެން މިހާތަނަށް އައިރުވެސް، އިސްލާމީ ޙައްދުތައް ޤާއިމުކުރިމީހުންނާ، އިޒުރޭލާއި އެމެރިކާއިން ނުޙައްޤުން މަރާފައިވާ މީހުންނާ ނުބައްދަލުވާނެއެވެ. ތާރީޚު މިކަމަށް ހެކިދެއެވެ.

ބުނާނެއެވެ. އިންސާނީ ޙައްޤުތައް ލިބޭނީ ޑިމޮކްރަސީ ދޮންވެ ފައްކާވުމުންނެވެ. ތިޔަ ޑިމޮކްރަސީއެއް ދޮންވެ ފައްކާވިތަނެއް މުޅި އިންސާނީ ޙަޔާތުންވެސް ފެނުނު ހެއްޔެވެ؟ ނުފެނެއެވެ. އަދި އޭގެ ޤާނޫނުތައް ބައްޓަންވެފައިވާގޮތުން ދުވަހަކުވެސް އެފަދަ ދޮންވެ ފައްކާވާ ދުވަހެއް ނުފެންނާނެއެވެ. ޚުދު ޑިމޮކުރަސީގެ ބައްޕަކަމުގައި ބުނެއުޅޭ އެމެރިކާގެ ޙާލަތަކީ ކޮބާ ހެއްޔެވެ؟ އެމެރިކާގެ ގިނަ ރައްޔިތުން، އަދި ކީއްކުރަންތޯ “އަލިފުދާލު” އޭ ކިޔާ ތަނުން ގިނަ ގައުމުތައް ނުރުހިނުރުހި ތިއްބާގޮސް ޢިރާޤަށް އެރިއިރު ތިޑިމޮކްރަސީ އޮތްތަނެއް އެނގޭމީހަކު ނެތީ ކަންނޭނގެއެވެ.

އަނެއްވާހަކައެވެ.ﷲސުބުޙާނަހޫ ވަތަޢާލާގެ ޙައްދުތައް ޤާއިމުކޮށްފިކަމުގައިވާނަމަ، ދިވެހިރާއްޖެ އަފްޣާނިސްތާނަށް ވެދާނެއެވެ. އަފްޣާނިސްތާނަކަށްވެސް ވާކަމަށް ނޭދެމެވެ. އަދި އިޒުރޭލަކަށް، އެމެރިކާއަކަށް، އިންޑިއާއަކަށް ވާކަށްވެސް ނޭދެމެވެ. ބޭނުންވަނީ އިސްލާމްދީނުގެ ޝަރީޢަތް ޤާއިމުކުރާ، ސުލްޙަމަސަލަސް، އަމާން ދިވެހިރާއްޖެއެކެވެ. ބަޔަކު ކަންކުރާގޮތް އެއީ ޙައްޤުކަމުގައި ނުވެހިނގައިދާނެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތާއި މާތް ނަބިއްޔާގެ ސުންނަތެވެ. ނުވަތަ ހަވާނަފުސެވެ. ﷲގެ ފޮތާއި ސުންނަތް ބޮލާލައިޖަހާފައި ދެން ދެވޭނީ ތިމާމެންގެ އަމިއްލަ ނަފުސުގޮވާ ގޮތްތަކާ ދިމާލަށެވެ. ތިމާމެންނަށް ފައިދާއާއި މޮޅުއޮތްގޮތް އެއީ ޙައްޤުކަމުގައި ބަލަމުންނެވެ. އެހެންވެއްޖެނަމަ ވާގޮތް ރެއާއި ދުވާލު އަޅުގަނޑުމެނަށް މިފެންނަނީއެވެ.

ދެން ތިމާމެންގެ ޟަމީރު ބުނާކަހަލައެވެ. ﷲގެ ޙައްދަކީ ހަރުކަށި ޙައްދުތަކެކެވެ. ދަންނަވަންތޯއެވެ؟ ހަރުކަށިކަން ކަނޑައަޅަނީ ތިމާ އަމިއްލައަށްކަމުގައިވާނަމަ، ތިމާ ހިތްހަމަނުޖެހޭ ކަންކަން ވާނީ ހަރުކަށިކަމަށެވެ. ކިތަންމެ އަނިޔާވެރި، ދެފުށްދެގޮތްކަމެއްކަމުގައި ވިޔަސް އެގޮތްވާނީ ޢަދުލުވެރިކަމަށެވެ. މިއީ އަމިއްލަ ހަވާނަފުސަށް އަޅުދާސްތުވެފައިވާ ކޮންމެ މީހެއްގެވެސް ވިސްނުމާ ފިކުރެވެ. ހިތާމައަކީ މިއުޞޫލު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ފައްތަން އުޅޭކަމެވެ. އެއިލާހުގެ ޙުކުމްފުޅުތަކުން ތިމާ ހިތްހަމަޖެހޭ އެއްޗެއް ނަގައި، ހިތްހަމަނުޖެހޭ އެއްޗެއްނަމަ އެއީ ހަރުކަށި، ހައްދުފަހަނަ އަޅާފައިވާ ޙުކުމްފުޅުތަކެއްކަމުގައި ބުނާކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެ ޢަދުލުވެރި ޙަކީމްވަންތަ އިލާހުކަމުގެ ދަޢުވާކުރާއިރު، އެކަން ހިތުން ޤަބޫލުކޮށް، ޢަމަލުން އެކަން ދައްކައިދޭންޖެހޭކަން ނޭނގޭކަމެވެ. ނަޒަރުގައި ތިމާއަށް ނޭނގޭ އަދި ނުވިސްނޭ އެއްޗެއް ނެތެވެ. ފެންނަނީ ބަހާއި ޢަމަލުން ޖާހިލުކަމެވެ.

ﷲސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުތަކަކީ ޢަދުލުވެރި، މެދުމިނުގެ ޙުކުމްފުޅުތަކެކެވެ. އެކަމަށް ގޮންޖަހައި، ފުރައްސާރަކުރާމީހަކީ އެއިލާހަށް ގޮންޖަހައި ފުރައްސާރަކުރާ މީހެއްކަން ދަންނާށެވެ. އެއިލާހުގެ ޢަދުލުވެރި، މެދުމިނުގެ އުޞޫލުން ދެން މެދުމިނުގެ އުޞޫލެއް ނެގޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟

ފޮނިބަސްތަކަކުން ބަސްތައް އަމުނާލެވިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ އިންސާނަކަށް ދެމަގުދައްކަވާ ދެއްވާފައިވެއެވެ. އެމީހަކު ޚިޔާރުކުރިމަގަކަށް މަގުފަހިކޮށްދެއްވާ ހުއްޓެވެ. މިމޭރުމުން އިސްލާމްދީނަށް ވަނުމަކީ ފަސޭހަކަމެއްކަން ދަންނާށެވެ. ހަމައެހާފަސޭހައިން އެދީނުން ބޭރުވެގެން ހިނގައިދާނެކަމުގައިވެސް ދަންނާށެވެ. ތިމާމެންގެ އެނގުމުގައި ވިޔަސް އަދި ނޭނގުމުގެ ތެރެއިންވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި، އެއިލާހުގެ ޙުކުމްފުޅުތަކަށާއި، އެއިލާހުގެ ރަސޫލާއަށް ފުރައްސާރަކުރުމަކީ ބިރުހުރިކަމެކެވެ. ކަމުގެ ބިރުވެރިކަމަކީ ތިމާ ދީނުންބޭރުވެ، އަބަދުގެ އަބަދަށް ނަރަކައަށް ވަންނަންޖެހިދާނެ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ)) التوبة: 65-66 މާނައީ: “ހަމަކަވަރުން، ކަލޭގެފާނު، އެބައިމީހުންނާ ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ ޢަފޫކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ ޢަޛާބުދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެބައިމީހުން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.” (މިއާޔަތާބެހޭ އިތުރު ތަފްޞީލު ބެއްލެވުމަށް ފިއްތަވާލައްވާ)