[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުނަން އަންނަސާއީ (އަލްމުޖުތަބާ)

 

ފޮތުގެ ނަން:

ޙަދީޘްތައް ޖަމާކުރެވިފައިވާ ފޮތްތަކުގެ ތެރެއިން އަލްއިމާމް އަންނަސާއީ ރަޙިމަހުﷲ ލިޔުއްވާފައިވާ ޙަދީޘްފޮތަށް ޢިލްމުވެރިން ތަފާތު ނަން ކިޔައެވެ. އޭގެ ތެރޭގައި:

1.  “الْمُجْتَبَى”: ޢިލްމުވެރިންގެ ތެރެއިން ވަރަށްގިނަ ބޭކަލުން މިފަދައިން މިފޮތަށް ނަންދެއްވާފައިވެއެވެ. މިފަދައިން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި، ނަސާއީ ކިބައިން މިފޮތް ރިވާކުރެއްވި މުޙައްމަދު ބުން މުޢާވިޔަތުލް އަޙްމަރު (އ. 365ހ.)، އަބޫ ޢަލީ އަލްޣައްސާނީ، އިބްނުލް އަޘީރު (އ. 606ހ.)، އައްޛަހަބީ (އ. 748ހ.)، އައްސަޚާވީ (އ. 902ހ.)، ފަދަ ބޭކަލުން ހިމެނެއެވެ. މިފަދައިން ނަންދެއްވުމުގެ ސަބަބެއްކަމުގައި ޢިލްމުވެރިން ވިދާޅުވަނީ، “އަލްމުޖުތަބާ” އަކީ އިމާމް ނަސައީގެ ސުނަނުލް ކުބުރާއިން އިޚްތިޔާރުކުރައްވާފައިވާ ޚާއްޞަ ޙަދީޘްތަކަކަށް ވުމެވެ. އަދި އައްޒަރުކަޝީ (އ. 794ހ.) އާއި އިމާމް އައްޛަހަބީ ގެ “ސިޔަރުއަޢުލާމުއް ނުބަލާ” ގައި “الْمُجْتَنَى” (އަލްމުޖުތަނާ) މިފަދައިން ކިޔުއްވާފައިވެއެވެ.

2. “السُّنَنُ”: އިބްނުލް އަޘީރު ރަޙިމަހުﷲގެ ސަނަދުން ރިވާކުރައްވާފައިވާ ގޮތުގައި، އިމާމް އަންނަސާއީ ކިބައިން މިފޮތް ރިވާކުރެއްވި އިބްނު ސުންނީ ރަޙިމަހުﷲ (އ. 364ހ.) އާއި އިބްނު ޠާހިރު އަލްމަޤްދިސީ (އ. 507ހ.) އާއި އައްސަޚާވީ (އ. 902ހ.) މިފަދައިން ނަންދެއްވާފައިވެއެވެ. މުޙައްދިޘުންގެ އަރިހުގައި “السُّنَنُ” އަކީ ކޮބައިކަން ސުނަން އަބީދާވުދުގެ ތަޢުރީފުގައި އިސްވެހިނގައްޖެއެވެ.

3. ” السُّنَنُ  الصُّغْرَى”: މިފަދައިން ވިދާޅުވާ ބޭކަލުންގެ ތެރޭގައި އައްޒައިލަޢީ (އ. 762ހ.) އާއި އައްސުޔޫޠީ (އ. 911ހ.) ހިމެނިވަޑައިގަންނަވައެވެ. މިނަމުގެ އަސްލު ބޭނުމަކީ އިމާމް އަންނަސާއީގެ “ސުނަން އަލްކުބުރާ” އާ މިފޮތާ ފަރަޤުކުރުމެވެ. އެހެންކަމުން، ނަމަކަށްވުރެ މިއީ ޞިފައެކެވެ. “ސުނަން އަލްކުބުރާ” ގެ މާނައަކީ ސުނަނުގެ ބޮޑުފޮތެވެ. “ސުނަން އައްޞުޣުރާ” ގެ މާނައީ ސުނަނުގެ ކުޑަފޮތެވެ.

4. “سُنَنُ النَّسَائِي”: މިއީ މިފޮތުގެ ޗާޕުތައް ނުކުތުމަށްފަހު މަޝްހޫރުވެފައިވާ ނަމެކެވެ. “سُنَنُ النَّسَائِي” އޭ ބުނެވިއްޖެނަމަ އެއީ “الْمُجْتَبَى” އެވެ.

5. “الصَّحِيحُ”: އަލްއިމާމް އައްޛަހަބީ ރަޙިމަހުﷲ “އަލްކާޝިފު” އޭ ކިޔުނު ފޮތުގައި މިފަދައިން ވިދާޅުވެފައިވެއެވެ. އަދި މިފަދައިން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި އައްދާރަޤުޠުނީ (އ. 385ހ.) އާއި، އަލްޙާކިމް (އ. 405ހ.) އާއި، އިބްނު ޢަދިއްޔު (އ. 365ހ.) އާއި، އަލްޚަޠީބު އަލްބަޣްދާދީ (އ. 463ހ.) ފަދަ ބޭކަލުން ވެއެވެ. ނަމަވެސް ޢާއްމުގޮތެއްގައި މިބޭކަލުން “ޞަޙީޙް” އޭ ވިދާޅުވެފައިވަނީ އިމާމް އަންނަސާއީގެ “ސުނަނު އަލްކުބުރާ” އަށެވެ.

މުއައްލިފު:

އަލްއިމާމް އަންނަސާއީ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ އަޙްމަދު ބުން ޝުޢައިބު ބުން ޢަލީ ބުން ސިނާން ބުން ބަޙުރު އަލްޚުރާސާނީ އަންނަސާއީއެވެ. ކުންޏާއަކީ އަބޫ ޢަބްދުއްރަޙްމާނެވެ. އަންނަސާއީ ރަޙިމަހުﷲ ދުނިޔޭގެ އަލިކަންދެކެވަޑައިގެންފައިވަނީ ހިޖުރައިން 215 ވަނަ އަހަރު ޚުރާސާނުގެ “ނަސާ” އޭ ކިޔުނު ރަށަކަށެވެ. އެކަލޭގެފާނަށް “އަންނަސައީ” ކިއިފައިވަނީ މިރަށަށް ނިސްބަތްކޮށެވެ. ބުނެވިފައިވާގޮތުގައި، އެރަށަށް “ނަސާ” އޭ ކިއިފައިވަނީ މުސްލިމުން އެރަށް ފަތަޙަކުރުމަށްޓަކައި ދިޔަހިނދު، އެރަށުގެ ފިރިހެނުންތައް ފިލައި، ހަނގުރާމަކުރަން ތައްޔާރުވެގެން ތިބީ އަންހެނުންނެވެ. މިސަބަބާހުރެ، މުސްލިމުން އެބައިމީހުންގެ ފިރިހެނުންތައް އައުމުން ހަނގުރާމަކުރުމަށްޓަކައި ފަސްކުރީއެވެ. އަދިވެސް ބުނެވިފައިވާގޮތުގައި، އެރަށުގައި ހަނގުރާމަތަކަށް ނިކުންނަނީ ފިރިހެނުންގެ ބަދަލުގައި އަންހެނުންނެވެ. އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 303 ވަނަ އަހަރު ފަލަސްޠީނުގައެވެ. ‘ކުތުބުއްސިއްތާ’ ގެ ނަމުން މަޝްހޫރުވެފައިވާ ފޮތްތައް ލިޔުއްވި ބޭކަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވި ބޭކަލަކީ އަންނަސައީއެވެ. ‘ކުތުބުއްސިއްތާ’ ގެ ނަމުން މަޝްހޫރުވެފައިވާ ފޮތްތަކަކީ، ޞަޙީޙް ބުޚާރީ އާއި، ޞަޙީޙް މުސްލިމް އާއި، ސުނަން އަބޫދާވުދާއި، ޖާމިޢުއް ތިރުމިޛީ އާއި، ސުނަން އަންނަސާއީއާއި، ސުނަން އިބްނުމާޖާ އެވެ.

އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ (އ. 240ހ.)، މުޙައްމަދު ބުން ބައްޝާރު (އ. 252ހ.)، މުޙައްމަދު ބުނުލް މުޘައްނާ (އ. 252ހ.)، ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ހަމައެކަނި މިފޮތުގައިވެސް (އެބަހީ: އަލްމުޖުތަބާގައި) އިމާމް އަންނަސާއީ ޢިލްމު ޙާޞިލުކުރެއްވި 337 ބޭކަލުން ވެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: އަބޫ ޢަވާނާ އަލްއިސްފަރާޔީނީ (އ. 316ހ.)، އަބޫޖަޢުފަރު އައްޠަޙާވީ (އ. 321ހ.)، އިބްނު ޙިއްބާން (އ. 354ހ.)، އައްޠަބަރާނީ (އ. 360ހ.)، އިބްނުއްސުންނީ (އ. 364ހ.) ފަދަ ޢިލްމުވެރިކަމުގައި ފުންނާބުއުސް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

“އަލްމުޖުތަބާ” ގެ އިތުރަށް އަލްއިމާމް އަންނަސާއީ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: އައްސުނަނު އަލްކުބުރާ، ތަފްސީރުލް ޤުރުއާން، ޚަޞާއިޞް ޢަލީ ރަޟިޔަﷲ ޢަންހު، ޢަމަލުލް ޔަވްމު ވަލްލައިލާ، ފަޟާއިލުލް ޤުރުއާން، އަލްޟުޢަފާއު ވަލްމަތުރޫކީން ފަދަ އެތައް ފޮތެއް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް އަންނަސައީއަށް ރަޙުމަތް ލައްވާށި!

ސުނަން އަންނަސައީއަށް އަވަސް ނަޒަރެއް:

އިމާމް އަބޫދާވުދު ރަޙިމަހުﷲ ފަދައިން އިމާމް އަންނަސާއީ ރަޙިމަހުﷲގެ ޝަރުޠުކުރައްވާފައިވަނީ އެކަލޭގެފާނުގެ ސުނަނުގައި ފިޤުހާގުޅޭ ޙަދީޘްތައް ގެންނެވުމަށެވެ. ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވުމަށް ޝަރުޠެއް ނުކުރައްވައެވެ. ބައެއްފަހަރަށް ޙަދީޘްތަކުގެ ތަފާތު ރިވާޔަތްތަކާއި، ޟަޢީފް ޙަދީޘެއްކަން ބަޔާންކުރުމަށްޓަކައި ގެންނަވާފައިވެއެވެ.

އިމާމް އަންނަސާއީ ރަޙިމަހުﷲ ސުނަން އާއި ސުނަނުލްކުބުރާ އަތުރުއްވާފައިވަނީ ފިޤުހީ ބާބުތަކުގެ މައްޗަށެވެ. މިހާރު ސުނަން އަންނަސާއީގެ ނަމުން މަޝްހޫރުވެފައިވާ ފޮތަކީ، އިމާމް އަންނަސާއީގެ ސުނަނުލްކުބުރާއިން އެކަލޭގެފާނު ޚާއްޞަކުރައްވާފައިވާ ޙަދީޘްތަކެކެވެ. ފޮތް ފައްޓަވާފައިވަނީ ކިތާބުއްޠަހާރާއިންނެވެ. އަދި ނިންމަވާފައިވަނީ ކިތާބުލް އަޝްރިބާ އަށެވެ. މިގޮތުން މުޅި ޖުމްލަ ފަންސާސް ތިން ކިތާބު ގެންނަވާފައިވެއެވެ.

އިމާމް އަންނަސާއީ ޙަދީޘްތައް އެތުރުއްވުމުގައި، އެޙަދީޘްތަކުން ނެގޭ ފިޤުހީ ޙުކުމުގެ މައްޗަށް ބާބުތަކަށް ނަންދެއްވާފައިވެއެވެ. މިގޮތުން ބައެއްފަހަރަށް އެއްޙަދީޘެއް ތަފާތު ލަފްޒުތަކުން ވާރިދުވެފައިވާތީ، ބާބުގެ ނަން ތަފާތުކުރައްވާފައިވެއެވެ. ބާބުތަކުގައި އެންމެ ފުރަތަމަ ގެންނަވާފައިވާނީ އެކަލޭގެފާނާ އެންމެ ކައިރި ސަނަދެއްގެ ޙަދީޘެވެ. އެއަށްފަހު، ދުރު ސަނަދުގެ ރިވާޔަތްތަކެވެ. އަދި ބައެއްފަހަރަށް ސަނަދުގައި ވާ ރާވީންނަކީ ކޮންބައެއްކަން އިތުރަށް ތަފްޞީލުކުރައްވައި، ޙަދީޘާމެދު ވާހަކަފުޅު ދައްކަވާފައިވެއެވެ.

ކުރިން ދެންނެވުނު ފަދައިން، އިމާމް އަންނަސާއީގެ ފޮތުގައި ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވުމަށް ޝަރުޠުނުކުރައްވައެވެ. އެފޮތުގައި ޞައްޙަ ޙަދީޘާއި، ޙަސަން ހަދީޘްތައް ވެއެވެ. ހަމައެފަދައިން، ޟަޢީފް ޙަދީޘާއި، މުންކަރު ޙަދީޘްވެއެވެ. ނަމަވެސް މިޙަދީޘްތައް އެކަލޭގެފާނު ބަޔާންކުރައްވާފައިވެއެވެ. ނުވަތަ އެފަދަ ޙަދީޘްތައް ގެންނަވާފައިވަނީ އެ ޙަދީޘްތަކުގެ ޟަޢީފުކަން ބަޔާންކުރެއްވުމަށެވެ. ސުވާލަކީ ސުނަން އަންނަސައީގައި މަޢުޟޫ ޙަދީޘެއް (އެބަހީ، ރަސޫލާގެ މައްޗަށް ދޮގުހަދާފައިވާ ހަދީޘެއް) ވޭ ހެއްޔެވެ؟

އިބްނުލްޖަވްޒީ ރަޙިމަހުﷲ ‘އަލްމަޢުޟޫޢާތު’ އޭ ކިޔުނުފޮތުގައި، ސުނަން އަންނަސާއީގެ އެންމެ ޙަދީޘެއް މަޢުޟޫކަމަށް ގެންނަވާފައިވެއެވެ. އެއީ ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން “ރާބޯމީހާގެ ޖަޒާ” އާ ބެހޭގޮތުން އައިސްފައިވާ ޙަދީޘެވެ. (ޙަދީޘް ނަންބަރު: 5669). ނަމަވެސް މިޙަދީޘަށް ބާރުދޭ ޙަދީޘްތައް ވާރިދުވެފައިވުމާއެކު، މިއީ މަޢުޟޫ ޙަދީޘަކަށް ވުމަށްވުރެ ޟަޢީފް ޙަދީޘެކެވެ. މިފަދައިން “ޟަޢީފުއް ނަސާއީ” ގައި ޝެއިޚް އަލްއަލްބާނީ ޙުކުމް ކުރައްވާފައިވެއެވެ. އެހެންކަމުން، ޚުލާޞާއަކީ ސުނަން އަންނަސާއީގައި މަޢުޟޫ ޙަދީޘެއް ވާރިދުވެފައެއް ނުވެއެވެ.

ސުނަނުގެ އެހެން ފޮތްތަކާއަޅާ ބަލާއިރު (އެބަހީ، ސުނަން އަބޫދާވުދާއި، ތިރުމިޛީއާއި، އިބްނު މާޖާ އާ އަޅާ ބަލާއިރު) ސުނަން އަންނަސާއީއަކީ، އެންމެ ގިނައިން ޞައްޙަކަންބޮޑު ޙަދީޘްތައް ވާރިދުވެފައިވާ ފޮތެވެ. އަދި އެންމެ ޟަޢީފް ޙަދީޘްތައް މަދު، ބަލި ރާވީން އެންމެ މަދު ޙަދީޘްފޮތެވެ. ނަމަވެސް، ސުނަން އަންނަސައީއަށްވުރެ ސުނަން އަބީދާވުދު ޚާއްޞަވެފައިވަނީ ބާބުތަކުގައި ޙަދީޘްތައް ގިނަކަމާހުރެއެވެ. އެހެނީ، ސުނަން އަންނަސައީގެ ޙަދީޘްތައް ގިނަނަމަވެސް، ތަކުރާރުވެފައިވާ ޙަދީޘްތައް ނުލައި ބަލައިފިނަމަ ސުނަން އަބޫދާވުދުގައި ޙަދީޘްތައް ގިނައެވެ.

ސުނަން އަންނަސާއީގެ ބައެއް ޝަރަޙަތައް:

1. ޒަހުރުއްރުބާ ޢަލަލްމުޖުތަބާ: ޖަލާލުއްދީން އައްސުޔޫޠީ  (އ. 911ހ.).

2. ޙާޝިޔަތުއް ސިންދީ ޢަލާ ސުނަން އަންނަސައީ:  އައްޝައިޚް އަބުލްޙަސަން އައްސިންދީ (އ. 1138ހ.).

3. ޛަޚީރަތުލް ޢުޤުބާ ފީ ޝަރަޙިލްމުޖުތަބާ: މުޙައްމަދު ބުން ޢަލީ އާދަމް އަލްޢަޘްޔޫބީ. މިއީ ވަރަށް ފަހުން ޗާޕްކުރެވިފައިވާ ވަރަށް ފުރިހަމަ ދިގު ޝަރަޙައެކެވެ.

__________________________________________

ފޮތްތަކާއެކު މީގެ ކުރީގެ ބައިތައް