ޝައިޠާނާގެ ބޮލުގައި ދެދަޅު ވެއެވެ.
ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.فَإِذَا طَلَعَتِ الشَّمْسُ فَأَمْسِكْ عَنِ الصَّلاَةِ فَإِنَّهَا تَطْلُعُ بَيْنَ قَرْنَىْ شَيْطَانٍ ” އިރުއަރައިގެން އަންނަހިނދު ނަމާދު ނުކުރާށެވެ. ފަހެ ހަމަކަށަވަރުން އިރު އަރައިގެން އަންނަނީ ޝައިޠާނާގެ ދެދަޅުގެ މެދުންނެވެ. (ޔަޢުނީ: އިރު އަރައިގެން އަންނަ ވަގުތު ޝައިޠާނާ، އޭނަގެ ބޯ އިރުއަރައިގެން އަންނަ ދިމާލާއި ކައިރި ކުރެއެވެ. އެހެންކަމުން އޭނާގެ ދެދަޅުގެ މެދުން އިރު އަރައިގެން އަންނަކަހަލައެވެ.)”
ޖިންނީން އެކި ޞިފަތަކަށް ބަދަލުވެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަމަޟާންމަހުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކާއެއްޗެހި ބެލެހެއްޓުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންކަލޭގެފާނާއި ހަވާލުކުރެއްވިއެވެ. އެއްރެއަކު އެތަނަށް އައިސް ކާއެއްޗެހި ނަގަން މީހަކު ހުއްޓާ ވަޑައިގެން އޭނާ ހިފެހެއްޓެވުމަށްފަހު، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ. އެހެންނަމަވެސް، ތިމަންނައަކީ ދަރިންތިބި، ވަރަށް ބޮޑަށް މިއަށް މުޙްތާޖުވެފައިވާ ނިކަމެއްޗަކީމޭ، ތިމަންނާ ދޫކޮށްލާށޭ، ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. އަނެއްދުވަހުގެ ހެނދުނު، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު، ރޭގައި ކަންތައް ކުރީ ކިހިނެއްތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ތިމަންނައަކީ ވަރަށް ބޮޑު ނިކަމެއްޗަކީމޭ، އަދި ތިމަންނަގެ ދަރިންވެސް ތިބެއޭ ބުނެ އާދޭސްކުރީމާ ތިމަންކަލޭގެފާނު އޭނައަށް ރަޙުމްކުރައްވައި، އޭނާ ދޫކޮށްލެއްވީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭނާ އެހެދީ ދޮގެކެވެ. އަދިވެސް އަންނާނެއެވެ. އެކަލޭގެފާނު އެހެން ޙަދީޘްކުރެއްވުމުން، އޭނަ އަންނާނެކަން ތިމަންކަލޭގެފާނު ޔަޤީން ކުރެއްވީމެވެ. އެހެންކަމުން ފާރައަށް ހުންނެވީމެވެ. އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން، ވަޑައިގެން ހިފެހެއްޓެވުމަށްފަހު، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ. އެހިނދު އޭނާ (ހަމަ ކުރިންވެސް ބުނިފަދައިން) ތިމަންނަގެ ދަރިން ތިބެއެވެ. ތިމަންނައަކީ ބޮޑު ނިކަމެއްޗަކީމެވެ. މިހެން ބުނެ މަޢާފުކޮށް ދޫކޮށްދިނުމަށް އެދުނެވެ. އަދި ދެން ނައަންނާނެކަމަށް ވަޢުދުވިއެވެ. ދެން (އެފަހަރުވެސް) އޭނައަށް ރަޙުމްކުރައްވައި ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. އެދުވަހުގެ ހެދުނުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު ރޭގައި ކަންތައް ކުރީ ކިހިނެއްތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ތިމަންނައަކީ ވަރަށް ބޮޑު ނިކަމެއްޗަކީމޭ، އަދި ތިމަންނަގެ ދަރިންވެސް ތިބެއޭ ބުނެ އާދޭސްކުރީމާ ތިމަންކަލޭގެފާނު އޭނައަށް ރަޙުމްކުރައްވައި، (ރޭގައިވެސް) އޭނާ ދޫކޮށްލެއްވީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭނާ އެހެދީ ދޮގެކެވެ. އަދިވެސް އަންނާނެއެވެ. ދެން ތިންވަނަރޭވެސް ފާރައަށް ހުންނެވުމަށްފަހު، އޭނަ އައިސް ކާއެއްޗެހި ނަގަން ފެށުމުން، ތިމަންކަލޭގެފާނު ވަޑައިގެން އޭނާ ހިފެހެއްޓެވުމަށްފަހު ވިދާޅުވީމެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ކަލޭ ގެންދާނަމެވެ. މިއީ ކަލޭ މިތަނަށް އައިސް ކާއެއްޗެހި ނެގި ތިންވަނަ ރެއެވެ. ކޮންމެ ރެއަކު ދެން ނައަންނާނެކަމުގައި ބުނެއެވެ. އެކަލޭގެ ބުންޏެވެ. ތިމަންނާ ދޫކޮށްލާށެވެ. ﷲކަލޭގެފާނަށް މަންފާކޮށްދެއްވަވާނޭ ކަލިމަތަކެއް ދަސްކޮށްދޭ ހުށީމެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އެއީ ކޮންކަލިމަތަކެއް ހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. ކަލޭގެފާނު ނިދިކުރެއްވުމަށްޓަކައި ދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، އާޔަތުލް ކުރުސި ކިޔުއްވާށެވެ. ފަހެ ހެނދުން ވެއްޖެއުމަށްދާންދެން، އެރެއަކު ކަލޭގެފާނާއި އެއްވެސް ޝައިޠާނަކު ކައިރިނުވާނެއެވެ. އަދި ﷲގެ ޙަޟްރަތުން ކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ބޭކަލަކު ހުންނަވާނެއެވެ. ދެންފަހެ ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. އަނެއްދުވަހުގެ ހެނދުނު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު ރޭގައި ކަންތައްކުރީ ކިހިނެއްތޯއެވެ؟ ތިމަންކަލޭގެފަނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ﷲ ތަޢާލާ، ތިމަންކަލޭގެފާނަށް މަންފާކޮށްދެއްވަވާނޭ ކަލިމަތަކެއް ދަސްކޮށްދޭނަމޭ، އޭނާ ބުނުމުން ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އެއީ ކޮންކަލިމަތަކެއް ހެއްޔެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. ނިދަން ދާނަށް އަރާއިރު އާޔަތުލް ކުރުސި ކިޔުމަށް އޭނާ ބުންޏެވެ. އަދި އެ (އާޔަތް ކިޔަވައިފި) ރެއަކު، ހެނދުންވެއްޖެއުމަށް ދާންދެން ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ބޭކަލަކު ހުންނަވާނޭ ކަމަށާއި، އެރެއަކު ޝައިޠާނާ ތިމަންކަލޭގެފާނާއި ކައިރި ނުވާނޭ ކަމުގައި އޭނާ ބުންޏެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އޭނާ އެބުނީ ތެދެކެވެ. (ނަމަވެސް) އޭނައަކީ ދޮގުވެރިއެކެވެ. ކަލޭގެފާނު ތިންރެއިއްސުރެ ތިޔަ މުޢާމަލާތްކުރައްވަނީ ކާކާއިކަން ކަލޭގެފާނަށް އެނގިލައްވާތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެނގިނުލައްވައެވެ. ޙަދީޘްކުރެއްވިއެވެ. އެއީ ޝައިޠާނާއެވެ. (ޞަޙީޙުލް ބުޚާރީ)
ޙާފިޡް އިބްނު ޙަޖަރް ރަޙިމަހުﷲ ވިދާޅުވިއެވެ. ނަސާއީގައި އައިސްފައިވާ އުބައްޔު ބިން ކަޢުބް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ތިމަންކަލޭގެފާނުގެ އަތްޕުޅުގައިވި ކަދުރު ޓުކުރިއަކުން، ކަދުރު މަދުވާކަން އިޙްސާސްވެވަޑައިގަތުމުން، އެއީ ކިހިނެއް ވާކަމެއްތޯ ބެއްލެވުމަށް ތިމަންކަލޭގެފާނު ފާރައަށް ހުންނެވީމެވެ. ދެންފަހެ ބާލިޣުވެފައިވާ ފިރިހެންކުއްޖެއްގެ ސިފައިގައިހުރި ދާއްބައެއް އައިސް އެއިން ކަދުރު ނަގާތަން ފެނިވަޑައިގަތުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިބާއަކީ ޖިންނިއެއް ހެއްޔެވެ؟ ނުވަތަ އިންސިއެއް ހެއްޔެވެ؟ ޖަވާބުގައި، ޖިންނިއަކީމޭ ބުންޏެވެ. އަދި އޭނާ ބުނިކަމުގައި އެ ރިވާޔަތުގައި އައިސްފައިވެއެވެ. ކަލޭގެފާނަކީ ޞަދާޤާތްކުރެއްވުމަށް ލޯބިކުރައްވާ ބޭކަލަކު ކަމުގައި ތިމަންމެނަށް ޚަބަރު ލިބެއެވެ. އެހެންކަމުން އެއިން މިންވަރެއް ލިބިގަތުމަށްޓަކައި އައީއެވެ. އެހިނދު އެކަލޭގެފާނު (ޔަޢުނީ: އުބައްޔު ބިން ކަޢުބް ރަޟިޔަﷲ ޢަންހު) ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުންގެ ކިބައިން ތިމަންބޭކަލުން ސަލާމަތްވާނީ ކޮންއެއްޗަކުންތޯއެވެ؟ އެސޮރު ބުންޏެވެ. އާޔަތުލް ކުރުސީންނެވެ. ދެންފަހެ އެކަލޭގެފާނު، މިވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެނުބައިވެގެންވާ އެތި އެހެދީ ތެދެކެވެ.” ދެންއެއަށްފަހު، ޖިންނީންނަށް އެކި ޞިފަތަކަށް ބަދަލުވުމުގެ ބާރު ދެއްވާފައިވާކަމަށާއި، އެޖިންނީންތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމުގައި، މި ޙަދީޘްތަކުން އިސްތިދުލާލުކުރައްވައި ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. އަދި އަޢުރާފް ސޫރަތުގެ 27 ވަނަ އާޔަތުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅު ޚާއްޞަކުރެވިފައިވަނީ ޖިންނީން ޚަލްޤުކުރެވުނު ސޫރައިގައި ނުފެނުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. (ޔަޢުނީ، އެ އާޔަތުގައި ބަޔާންވެފައިވަނީ އޭގެ އަޞްލު ސޫރައިގައި ނުފެންނާނެ ވާހަކައެވެ.) އެ އާޔަތަކީ: إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لا تَرَوْنَهُمْ (الأعراف: 27) “ތިޔަބައިމީހުންނަށް ނުފެނުނުކަމުގައިވިއަސް، އެކަލޭގެއާއި (ޔަޢުނީ: ޝައިޠާނާއާއި) އޭނާގެ ލަޝްކަރުގެ މީހުންނަށް ތިޔަބައިމީހުން ފެނެއެވެ.”
އަދި އެހެންތަނެއްގައި ޙާފިޡް އިބްނު ޙަޖަރް ވިދާޅުވެފައިވެއެވެ. ޝާފިޢީގެ ވަނަވަރު ބަޔާންކުރައްވަމުން، ބައިހަޤީ، އެކަލޭގެފާނުގެ ސަނަދުން ރަބީޢުގެ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. (ރަބީޢު ވިދާޅުވިއެވެ) ޝާފިޢީ ވިދާޅުވި އަޑު އަހުރެން އެހީމެވެ. ‘ނަބިއްޔަކު ފިޔަވައި އެހެން އެއްވެސް މީހަކު، ޖިންނީން ފެނުނު ކަމުގައި ބުނެފިނަމަ އޭނާގެ ހެކިބަސް ތިމަންމެން ޤަބޫލު ނުކުރާ ހުށީމެވެ.’ (ޙާފިޛް އިބްނު ޙަޖަރް ވިދާޅުވިއެވެ.)މި ރިވާޔަތުގައިވެސް ބަޔާންވެފައިމިވަނި، ޖިންނީން ޚަލްޤުކުރެވުނު އަޞްލު ސޫރައިގައި ނުފެންނާނެ ވާހަކައެވެ. ޖަނާވާރުތައްފަދަ އެއްޗިހީގެ ޞިފައަށް ޖިނީންތައް ބަދަލުވުމަށްފަހު، އެ ޞިފައިގައި ވަނިކޮށް ދުށީމޭ ބުނާމީހަކަށް، އޭނާގެ އެބަހުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެއެވެ. (މާނައަކީ އޭނަގެ ހެކިބަސް ޤަބޫލުނުކޮށް ރައްދުކުރާކަށް ނުޖެހޭނެއެވެ.) އެހެނީ ޖިންނީންތައް އެކިއެކި ޞިފަތަކަށް ބަދަލުވާކަން ޘާބިތުވާ އެތައް ރިވާޔަތެއް އައިސްފައިވެއެވެ.
– ނުނިމޭ –
________________________
އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ