ތިންވަނަ ބާބު
ރޯދަ ދޫކޮށްލުން ހުއްދަވެގެންވާ މީހުން
ފުރަތަމަ ބައި : ބަލިމީހުން
ފުރަތަމައީ: ބަލި މީހާ ރޯދަ ދޫކޮށްލުން
ޖުމުލަގޮތެއްގައި ބަލި މީހާއަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ އެ ކަމަކަށް ހުއްދަ ލިބިގެން ވާ ކަމެކެވެ.[1] މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ޤުދާމާއި އައްނަވަވިއްޔު އާއި އިބްނު ތައިމިއްޔާ އާއި އައްޒަރަކްޝިއްޔު އަދި އިބްނު ޢާބިދީން އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ދެވަނައީ: ރޯދަ ހިފުމުގެ ސަބަބުން ބަލި އިތުރުވުން
ބަލި މީހާ ރޯދަ ހިފުމުގެ ސަބަބުން އޭނާގެ ބަލި ބޮޑުވުމުގެ ބިރު އޮތްނަމަ، ނުވަތަ އޭނާ ރޯދަ ހިފުމުގެ ސަބަބުން އޭނާގެ ޞިއްޙަތަށް ގެއްލުމެއް ނުލިބުނު ނަމަވެސް ރޯދަ ހިފުމަކީ އޭނާއަށް އާދަޔާ ޚިލާފަށް ބުރަކަމެއް ކަމުގައިވަނީނަމަ ދަންނައެވެ. ފަހެ އޭނާގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ތިންވަނައީ: އެ ރޯދައެއްގެ ސަބަބުން ރޯދަވެރިޔާއަށް ގެއްލުން ލިބުމާއެކު، އެ ރޯދައިގެ ސަބަބުން އޭނާ މަރުވެދާނޭކަމުގެ ބިރުވެރިކަން އޮތް ބަލި
އޭނާގެ ރޯދައިގެ ސަބަބުން އޭނާއަށް ގެއްލުން ވާނަމަ އަދި އޭނާ މަރު ވެދާނޭކަމަށް ބިރުވެތި ވާނަމަ، ފަހެ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ރޯދަ ދޫކޮށްލުމެވެ. މިއީ ޖުމުހޫރު -ޙަނަފީ، މާލިކީ އަދި ޝާފިޢީ – ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި ހަމަ އެހެންމެ މިއީ ޙަންބަލީ މަޛްހަބުގެ ޖަމާޢަތެއްގެ ދަންނަބޭކަލުން ދެކިލައްވާ ގޮތްވެސް މެއެވެ.
ހަތަރުވަނައީ: ޢާދައިގެ ބަލިމަޑުކަން
އެ ބައްޔެއްގެ ސަބަބުން ރޯދަ ހިފުމަށް އޭނާއަށް މާ ބޮޑު އަސަރެއް ނުކުރަނީނަމަ އަދި ރޯދަ ހިފުމުގެ ސަބަބުން ދަތިއުނދަގުލެއް ކުރިމަތި ނުވަނީނަމަ، – މިސާލަކަށް: ޢާދާއިގައި އަރިދަފުސް ރޯގާއެއް ނުވަތަ ޢާދާއިގެ ބޮލުގައި ރިހުމެއްނަމަ ނުވަތަ ދަތެއްގައި ރިހުންފަދަ ކަމެއް – ފަހެ އޭނާއަށް ރޯދަ ދޫކޮށްލުން ޙުއްދަވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ފަސްވަނައީ: އެ ބައްޔަކުން ފަސޭހަވާނޭކަމުގެ އުންމީދު އޮތް ބަލިމީހާގެ މައްޗަށް އޮތް ޙުކުމް
އެ ބައްޔަކުން ފަސޭޙަވާނޭކަމުގެ އުންމީދު ކުރެވޭ ބައްޔެއް ޖެހިފައިވާ ބަލިމީހާ ދޫކޮށްލާ ރޯދަ، އޭނާގެ ބަލީން ފަސޭޙަވުމުން ޤަޟާކުރުން ވާޖިބުވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި އިބްނު ޤުދާމާ އަދި އިބްނު ޙަޖަރު އަލްހައިތަމިއްޔު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ހަވަނައީ: އެ ބައްޔަކުން ފަސޭހަވާނޭކަމުގެ އުންމީދު ނެތް ބަލިމީހާގެ މައްޗަށް އޮތް ގޮތް
ޒަމާންތަކަށް ދެމިގެންދާފަދަ، އެ ބައްޔަކުން ފަސޭޙަވާނޭކަމުގެ އުންމީދު ނުކުރެވޭ ބައްޔެއް ޖެހިފައިވާ މީހާ ރޯދަ ދޫކޮށްލާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭނީއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ދަންނަބޭކަލުން ކުރެ ގިނަ ބޭކަލުންގެ ރައުޔުވެސް މެއެވެ.
ހަތްވަނައީ: ބަލިމީހާ އޭނާގެ ނަފުސުގެ މައްޗަށް ގަދަވެ ގަނެ ހިފާ ރޯދައިގެ ޙުކުމް
ރޯދަ ދޫކޮށްލުމުގެ ޝަރުއީ ޢުޛުރު ލިބިފައިވާ ބަލިމީހާ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ގަދަވެ ގަނެ، ރޯދަ ފުރިހަމަކޮށްފިނަމަ، ފަހެ އޭނާގެ ކިބައިން އެ ރޯދަ ޞައްޙަވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
އަށްވަނައީ: ބަލި މީހާ ރޯދައަށް ހުއްޓައި، ދުވާލުގެ ވަގުތު ބަލިން ފަސޭޙަވީނަމަ
ބަލިމީހާ ރޯދައަށް ހުއްޓައި، ދުވާލުގެ ވަގުތުގައި އެ ބައްޔަކުން ބަލި މީހާއަށް ޝިފާ ލިބި ބަލި ފަސޭޙަވެއްޖެނަމަ، އެއީ ރޯދަ ގެއްލޭކަމެއް ނޫނެވެ. ފަހެ އެ ދުވަހުގެ ރޯދަ އޭނާ ފުރިހަމަ ކުރަން ވާނެއެވެ. މި ކަންތައް މި މަގަށް ޙަނަފީންނާއި ޝާފިޢީންނާއި ޙަންބަލީން ކަނޑައަޅުއްވައި ބަޔާން ކުރައްވާފައި ވެއެވެ.
ނުވަވަނައީ: އެ ދުވަހެއްގައި ރޯދަ ދޫކޮށްލައިގެން ހުއްޓައި ދުވާލުގެ ވަގުތު ބަލީން ޝިފާ ލިބި، ބަލި ފަސޭޙަވާ މީހާގެ ރޯދައިގެ ޙުކުމް
ބަލި މީހާ ދުވާލުގެ ވަގުތު ރޯދަ ދޫކޮށްލައިގެން ހުއްޓާ، އެ ދުވަހުގެ ވަކި ހިސާބަކުން އޭނާގެ ބަލިން ރަނގަޅުވެ، ފަސޭޙަވެއްޖެ މީހާގެ ރޯދައާމެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ:
ފުރަތަމަ ރައުޔު: އެ ދުވަހުގެ ބާކީ އޮތް ބައިގައި ރޯދަ ފުރިހަމަކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ނުވާނެއެވެ. މިއީ މާލިކީންނާއި ޝާފިޢީންގެ ރައުޔެވެ. އަދި ޙަންބަލީންގެ އަރިހުން އައިސްފައިވާ އެއް ރައުޔެވެ. އަދި މިއީ އިބްނު ޢުޘައިމީނުގެ އިޚްތިޔާރުވެސް މެއެވެ.
ދެވަނަ ރައުޔު: އެ ދުވަހުގެ ބާކީ އޮތް ވަގުތުގައި ރޯދަ ފުރިހަމަކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ވެއެވެ. މިއީ ޙަނަފީންނާއި ޙަންބަލީންގެ ރައުޔެވެ. އަދި ބައެއް ޝާފިޢިއްޔަ ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ.
[1] ފަހެ ހަމަކަށަވަރުން ރޯދަ ދޫކޮށްލުން ޙުއްދަވެގެން ވަނީ ކިހައި ބޮޑު ބައްޔެއް ޖެހިފައިވާ މީހަކު ކަމާމެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ.
މަޞްދަރު: ملخص فقه العبادات