[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 9 (ރޯދަ ދޫކޮށްލުން ހުއްދަވެގެންވާ މީހުން: ދަތުރުވެރިން)

ދެވަނަ ބައި: ދަތުރުވެރިން

 

ފުރަތަމައީ: ދަތުރުވެރިޔާ ރޯދަ ދޫކޮށްލުމުގެ ޙުކުމް

 

ދަތުރުވެރިޔާ ރޯދަ ދޫކޮށްލުމަކީ ހުއްދަކަމެއްކަމުގައި، ފިޤުހީ ހަތަރު މަޛްހަބު ވަނީ އިއްތިފާޤުވެފައެވެ.

 

 

ދެވަނައީ: ރޯދަ ހިފުމަށް ދަތިނުވާ ދަތުރުވެރިޔާ ރޯދަ ހިފުމުގެ ޙުކުމް

 

ރޯދަ ހިފުމަށް ދަތިކަމެއް ނެތް އަދި ރޯދަ ހިފުމާއި ނުހިފައި ދޫކޮށްލުން ހަމަހަމަވެގެންވާ ދަތުރުވެރިޔާއަށް ދަތުރުގެ މަތީގައި މޮޅީ ކޮން ގޮތެއް ކަމާ މެދުގައި ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފު ވެފައި ވެއެވެ:

ފުރަތަމަ ރައުޔު: އޭނާއަށް ރޯދަ ހިފުން މޮޅެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޝާފިޢީ – ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

ދެވަނަ ރައުޔު: ރޯދަ ދޫކޮށްލުން އޭނާއަށް މޮޅެވެ. މިއީ ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލެއްގެ ރައުޔެވެ. އަދި މިއީ އިބްނު ތައިމިއްޔާއާއި އިބްނު ބާޒުގެ ރައުޔުވެސް މެއެވެ.

 

 

ތިންވަނައީ: ރޯދަ ހިފުމުގެ ސަބަބުން ދަތިވެ އުނދަގޫ ވާނޭ ދަތުރުވެރިޔާ ރޯދަ ހިފުމުގެ ޙުކުމް

 

ރޯދަ ހިފުން ދަތުރުވެރިޔާއަށް ދަތި ވެއްޖެނަމަ އަދި ރޯދަ ދޫކޮށްލުމަކީ އޭނާއަށް އެންމެ ފައިދާ ބޮޑު މޮޅު ގޮތެވެ. މިއީ ފަޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

 

ހަތަރުވަނައީ: ދަތުރުވެރިޔާ ތަނެއްގައި މަޑުކުރާ ކުރުމުގައި ރޯދަ ދޫކޮށްލުމުގެ ޙުކުމް

 

ދަތުރުވެރިޔާ އެއްވެސް ތަނެއްގައި ހަތަރު ދުވަހުގެ އިތުރަށް މަޑު ކޮށްފިނަމަ، ފަހެ ދެން ރޯދަ ދޫކޮށްލުން އޭނާއަށް ހުއްދަވެގެން ނުވެއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ ރައުޔެވެ.

 

 

ފަސްވަނައީ: އެ މީހެއްގެ ދަތުރަކީ ގާތްގަނޑަކަށް ދާއިމީ ދަތުރެއް ކަމުގައިވާ މީހާ ރޯދަ ދޫކޮށްލުމުގެ ޙުކުމް

 

މަތިންދާ ބޯޓު ނުވަތަ ރޭލު ނުވަތަ އެ ފަދަ އުޅަނދެއް ދުއްވާ ފާރަތްތައް ފަދަ މީހުން؛ އެ މީހަކީ ދާއިމީ ގޮތެއްގައި ދަތުރު ކުރާ މީހަކުނަމަ، އަދި އެ މީހަކީ ވަކި ރަށެއްގައި ވަޒަންވެރިވެ އުޅޭ މީހަކުނަމަ، ފަހެ އެ ފަދަ މީހާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. މިއީ އިބްނު ތައިމިއްޔާއާއި އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

 

 

ހަވަނައީ: ދަތުރުވެރިޔާ އޭނާ ދޫކޮށްލާ ރޯދަ ޤަޟާކުރުން

 

ދަތުރުވެރިޔާ އޭނާގެ ދަތުރުގެ ދުވަސްވަރު ރޯދައެއް ދޫކޮށްލައިފިނަމަ، އެ ދޫކޮށްލި ރޯދައެއް ހިފުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ރުޝްދާއި އިބްނު ޤުދާމާ އަދި އިބްނު ޙަޖަރު އަލްހައިތަމީ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

 

ހަތްވަނައީ: ދަތުރުވެރިޔާގެ ދަތުރުގެ މަތީގައި ރޯދަމަހާ ލައިގެންފިނަމަ ކަންކުރާނޭ މަގު

 

ދަތުރުވެރިއަކު ދަތުރެއްގެ މަތީގައި ވަނިކޮށް ރަމަޟާން މަސް ކުރިމަތި ވެއްޖެނަމަ، ފަހެ އޭނާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. މި ކަމުގެ މައްޗަށް އިބްނު ޙަޒްމާއި އިބްނު ޤުދާމާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

 

އަށްވަނައީ: ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި ދަތުރަށް ފެށިނަމަ ކަންކުރާނޭ މަގު

 

ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި ދަތުރަށް ފަށައިގަނެ، ފަޖުރުލުމުގެ ކުރިއަށް އޭނާގެ ރަށުން ބޭރުވެއްޖެ މީހާއަށް އެ ދުވަހުގެ ފެށުމާއެކު ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ދަންނަބޭކަލުން ކުރެ ގިނަ ބޭކަލުންގެ ރައުޔުވެސް މެއެވެ.

 

 

ނުވަވަނައީ: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ދަތުރުކުރާ ދަތުރުވެރިޔާ ރޯދަ ދޫކޮށްލުމުގެ ޙުކުމް

 

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ދަތުރަށް ފަށާ ދަތުރުވެރިޔާ އޭނާގެ ރަށުން ނުކުމެވުމުން ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި ޝާފިޢިއްޔަ ދަންނަބޭކަލުން ކުރެ އަލްމުޒަނިއްޔުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ. އަދި މިއީ އިބްނު އަލްމުންޛިރާ އަދި އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

 

 

ދިހަވަނައީ: ދުވާލުގެ ވަގުތުގައި ރޯދަ ދޫ ކޮށްލައިގެން ހުރެ އެނބުރި އައި ދަތުރު ވެރިޔާގެ ދުވަހުގެ ބާކީ ވަގުތުގައި ރޯދަ ފުރިހަމަ ކުރުމުގެ ޙުކުމް

 

ދަތުރެއްގެމަތީގައި ވުމުގެ ސަބަބުން ރޯދަ ދޫކޮށްލައިގެން ހުރި ދަތުރުވެރިޔާ އޭނާގެ ރަށަށް ރަމަޟާން މަހުގެ ދުވާލުގެ ވަގުތު ރުޖޫޢަވެއްޖެނަމަ، އެ ދުވަހުގެ ބާކީ އޮތް ވަގުތުގައި ރޯދަ ފުރިހަމަ ކުރުމާމެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ:

ފުރަތަމަ ރައުޔު: އެ ދުވަހުގެ ބާކީ އޮތް ބައިގައި އޭނާ ރޯދައަށް ހުންނާން ނުޖެހޭނެއެވެ. [1] މިއީ މާލިކީ، ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި ޙަންބަލީ މަޛްހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔެވެ.  އަދި މިއީ އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.

ދެވަނަ ރައުޔު: އެ ދުވަހުގެ ބާކީ އޮތް ބައިގައި އޭނާ ރޯދައަށް ހުންނަން ޖެހޭނެއެވެ. މިއީ ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ޝާފިޢިއްޔަ ބައެއް ދަންނަބޭކަލުން ދެކިވަޑައިގަންނަވާ ގޮތެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު ބާޒުގެ އިޚްތިޔާރެވެ.

 

 

އެގާރަވަނައީ: އަރާމު ލިއްބައިދެނިވިފަދަ ސަވާރީއެއްގައި ދަތުރުކުރާ ދަތުރުވެރިޔާ ރޯދަ ދޫކޮށްލުމުގެ ޙުކުމް

 

ދަތުރުވެރިޔާގެ ސަވާރީއަކީ އަރާމު ލިއްބައިދެނިވި ސަވާރީއެއްކަމުގައި ވިޔަސް، ދަތުރުވެރިޔާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އަދި އެއީ އެ ދަތުރުގައި އޭނާ ދަތި އުނދަގުލެއް ތަޙައްމަލު ކުރަން ނުޖެހުނުކަމުގައި ވިޔަސް މެއެވެ. މި ކަމުގެ މައްޗަށް އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 


 

[1]  މި ފަދައިން ކަންތައް ކުރިޔަސް، އޭނާއާ މެދު މީހަކު ނުބައި ގޮތަކަށް ދެކިފާނޭ ކަމަށްޓަކައި އަދި އޭނާއަށް ބަޔަކު މީހުން ތަބާވެ ރޯދަ ދޫކޮށްލައިފާނޭ ކަމަށްޓަކައި، އޭނާގެ ކެއިންބުއިން ފާޅުކޮށް ހެދުން ހެޔޮ ނުވާނެއެވެ. އެހެނީ އޭނާ ރޯދަ ދޫކޮށްލީ ސަބަބު ބައެއް މީހުންނަށް ވަންހަނާވެފައި އޮވެދާނެއެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް