[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ގުޅުން ނެތްނަމަ…!

އިސްލާމްދީނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމުވެފައިވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރާބައެއްކަމުގައި އަޅުގަނޑުމެންވީމުއެވެ. ބައިންބަފައިންނަށް އިޙްތިރާމްކޮށް އަޅާލާ ބައެއްކަމުގައި އަޅުގަނޑުމެން ވީމުއެވެ. ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް އަހަންމިއްޔަތުކަންދޭ ބައެއްކަމުގައި ވީމުއެވެ. އަވައްޓެރިންނަށް ކަމޭހިތައި ، ހާލުބަލައި އެހީތެރުވެދޭ ބައެއްކަމުގައި ވީމުއެވެ. މިނޫންނަސް މިފަދަ އެންމެހައި ރަނގަޅު އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި ވެއެވެ. މި ހުރިހައި ރިވެތި އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އީމާންކަމުގެ ގުޅުން އޮތީމައެވެ. އަޅުގަނޑުމެން ކޮންމެކަމެއް ކުރިކަމުގައި ވިޔަސް އެކަމެއްކުރުމުގައި މަތިވެރި މަޤްޞަދެއް އޮވެއެވެ. އެއީ ﷲ ސުބްޙާނަހު ވަތަޢާލާގެ ރުހިވޮޑިގަތުން ހޯދުމެވެ. އެނޫން ގޮތަކަށް ކަންކަން ކުރަންފަށައިފިނަމަ އަޅުގަނޑުމެންނަށް އެއިލާހުގެ ރުހިވޮޑިގަތުން ނުލިބޭނެކަން އެނގޭތީއެވެ.

ނަމަވެސް މިއަދު މިވަނީ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައެވެ. އިޙްތިރާމް ކުރަންޖެހޭ އެއްވެސްމީހަކު ހުރިކަމަކަށް ގިނަ މީހުން ޤަބޫލެއްނުކުރެއެވެ. ބަސްބުނުމުގެ މިނިވަންކަމުގެ ނަމުގައެވެ. ހައްޤުތައް ގިނަކަމުންނެވެ. އެބައިމީހުންގެ މައްޗަށް އުޑުން ޝަރީޢަތެއް ބާވައިލައްވާފައި ވާކަމެއް އެބައިމީހުން ހަނދާނެއް ނެތެވެ. މައިން ބަފައިންނާއި ދަރީންނާއި ވެރީންނާއި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ހައްޤު ތަކެއް ވާކަމެއް އެބައިމީހުން ނުދަނެއެވެ.  އެންމެ ސަބަބަކާއި ހުރެއެވެ. ތިމާ ހައްދަވައި ގެންގުޅުއްވާ ﷲ ތަބާރަކަ ވަތަޢާލާގެ ޝަރީޢަތައްވުރެ މަތީ އުސޫލުތަކެއްގެ ގޮތުގައި ، ކުފުރުގެ ނިޒާމެއްކަމުގައިވާ ޑިމޮކްރަސީ އެއީ ދިރިއުޅުމުގެ ނިޒާމެއްގެ ގޮތުގައި ބަޔަކު ބަލައިގެންފައި ވާތީއެވެ. އީމާންކަމުގެ ގުޅުމުން އަޅުގަނޑުމެން ގުޅުވައިދިން ، ޝަހާދަތުގެ ދެކަލިމައިގެ މައްޗަށް ބިނާވެފައިވާ ޝަރީޢަތާއި ބަޔަކު ފޭއަށް ޖެހުމުގެ ސަބަބުން ޖެހިފައިވާ މުޞީބާތް ، މެންދުރުގެ އިރުފަދައިން އަޅުގަނޑުމެންނަށް މިއޮތީ ފެންނާށެވެ. މުޖުތަމަޢުގައި އަމާންކަމެއް ނެތެވެ. ހަމަޖެހުމެއް ނެތެވެ. އިޖްތިމާޢީ ގުޅުމެއް ނެތެވެ. މީހުންމެރުމާއި ، ނެތިމޮށުމާއި ފޭރުމާއި ރޭޕްކުރުންފަދަ އެންމެހައި ފާޙިޝް ކަމެއް ވަނީ އާންމުވެފައެވެ. ކޮރަޕްޝަންގެ ވަޅުގަނޑަކަށް ޤައުމު ވެއްޓިފައިވާއިރު ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އެދުން އިސްކުރާމަންޒަރު ފެންނަމުންދާކަމީ ހިތާމަކުރަންޖެހޭފަދަ ކަމެކެވެ. ފައިސާއާއި މުދާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބަލާލުމެއްނެތެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގެ ރޫހެއްނެތެވެ. ތިމާގެ އަޚާ ނުބައިކަމެއްގެ ތެެރެއަށް ވެއްޓިގެންދާއިރުވެސް ، ހެޔޮބަހެއް ބުނެލުންވެސް އެއީ ދަށުދަރަޖައިގެ ކަމަކަށް މިވަނީ ޤަބޫލުކުރެވެން ފަށައިފައެވެ.

 ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْ‌حَمُونَ ﴿١٠﴾  ” سورة الحجرات މާނަ : ” މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތްލެއްވުމަށްޓަކައެވެ.  “

އީމާންކަމުގެ މި ގުޅުން އަޅުގަނޑުމެންގެ ތެރޭގައި ނެއްކަމުގައިވާނަމަ އަޅުގެނޑުމެން ގެ މައްޗަށް ﷲ ތަޢާލާގެ ރަޙުމަތް އަންނާނެތޯއެވެ. އަމާންކަމާއި ސުލްޙަމަސަލަސްކަން އަންނާނެތޯއެވެ. މުޖުތަމަޢު ނިކަމެތިވެ އަނމާންކަން ގެއްލިގެން ދިޔަ ސަބަބަކީ މިގުޅުން އަޅުގަނޑުމެންގެ މެދުގައި ނެތީމައެވެ. އީމާންކަމުގެ ގުޅުން ނެއްކަމުގައިވާނަމަ އެއްވެސް މުދަލަކުން އަދި ގާތްތިމާގެ މީހެއްގެ ސަބަބަކުން ތިމާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ކުރާނެ މަންފާއެއްނެތެވެ.

ނޫހު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިފުޅާއި ދެމެދު ކަންތައް ނިމިގެން ދިޔަގޮތް ﷲ ތަޢާލާ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައިވެއެވެ. ނޫހު ޢަލައިހިއްސާލާމަކީ ﷲ ތަޢާލާ ފޮނުއްވި ރަސޫލުންގެ ތެރެއިން މަތިވެރި ބޭކަލެކެވެ. ނޫޙު ޢަލައިހިއްސާމުގެ ދަރިކަލުންވީ އީމާން ނުވީ މީހުންގެ ތެރެއިންނެވެ. ނޫޙު ޢަލައިހިއްސަލާމަކީ ﷲ ތަޢާލާގެ ހަޟްރަތުގައި މަތިވެރި ދަރަޖައެއްލިބިފައިވާ އެއިލާހުގެ ނަބިއްޔެއްކަމުގައި ވީހިނދުވެސް ، އެކަލޭގެފާނުގެ ދަރިކަލުން އީމާން ނުވުމުގެސަބަބުން ، އެދަރިކަލުންނަށް ، ﷲ ގެ ކޯފާ އައި ހިނދު ، އެކަލޭގެފާނުގެ ކިބައިން އެއްވެސް ކަމެއް ފުދިގެން ނުދިޔައެވެ. ﷲ ތަޢާލާ އެކަން ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. ” وَهِيَ تَجْرِ‌ي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْ‌كَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِ‌ينَ ﴿٤٢﴾ وَهِيَ تَجْرِ‌ي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْ‌كَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِ‌ينَ ﴿٤٢﴾ قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ‌ اللَّـهِ إِلَّا مَن رَّ‌حِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَ‌قِينَ ﴿٤٣﴾”  سورة هود މާނަ : ” އަދި ފަރުބަދަތައް ފަދަ ރާޅުތަކު ގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފަރުންނާ އެކުގައި ނުވާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. ފެނުން ، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ޢަޒާބުން ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ ރަޙުމަތްލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަޤުކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ.   “ ދެން ﷲ ތަޢާލާ އިރާދަކުރެއްވި ވަގުތެއް ހަމަވުމުން ފެންގަޑު ހިނދި ޖޫދިއްޔު އޭ ކިޔުނު ފަރުބަދަ މައްޗަށް އެ ނައު ބީހި ހަމަޖެހުނެވެ. ” وَنَادَىٰ نُوحٌ رَّ‌بَّهُ فَقَالَ رَ‌بِّ إِنَّ ابْنِي مِنْ أَهْلِي وَإِنَّ وَعْدَكَ الْحَقُّ وَأَنتَ أَحْكَمُ الْحَاكِمِينَ ﴿٤٥﴾ ” الَ يَا نُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ ۖ إِنَّهُ عَمَلٌ غَيْرُ‌ صَالِحٍ ۖ فَلَا تَسْأَلْنِ مَا لَيْسَ لَكَ بِهِ عِلْمٌ ۖ إِنِّي أَعِظُكَ أَن تَكُونَ مِنَ الْجَاهِلِينَ ﴿٤٦﴾ قَالَ رَ‌بِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ‌ لِي وَتَرْ‌حَمْنِي أَكُن مِّنَ الْخَاسِرِ‌ينَ ﴿٤٧ ” سورة هود މާނަ : ” ނޫޙުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މުނާޖާ ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މި އަޅާގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، މި އަޅާގެ ދަރި ވަނީ، މި އަޅާގެ އަޙުލުވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ ވަޢުދު ފުޅަކީ، ޙައްޤުބަސްފުޅެވެ. ( އެހެނީ ﷲ ތަޢާލާ ވަޢުދުކުރައްވާފައިވީ އެކަލޭގެފާނުގެ އަހުލުން ސަލާމަތްކޮށްދެއްވުމެވެ) އަދި އިބަރަސްކަލާނގެއީ، ޙުކުމުކުރައްވާ، އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ.  އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ ނޫޙުގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ ޢަމަލައަކީ، ރަނގަޅުނޫން ޢަމަލެއެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ ޙަޟްރަތަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ނަޞޭޙަތް ތެރިވެވޮޑިގެންވަމެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަރަސްކަލާނގެ ޙަޟްރަތަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި ރަޙުމަތްނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ. “

އީމާންކަމުގެ ގުޅުމަށްވުރެ އެހެން ގުޅުމެއް އިސްކޮށްފިނަމަ ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެއެވެ. ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އީމާން ކަމުގެ ގުޅުން ނެތިއްޖެ ނަމަ ގާތްތިމާގެ ކަމުގެ ގުޅުމާއި ލޭގެ ގުޅުމުން ވެސް ފައިދާ އެއް ނުކުރާނެ ކަން ނޫޙު ޢަލައިހިއްސަލާމް ގެ ދަރިކަލުންނާއި މެދު ކަންތައްވެގެން ދިޔަގޮތުން އަޅުގަނޑުމެންނަށް ބަޔާންވެގެން  ހިނގައްޖެއެވެ. އީމާން ނުވުމުގެ ސަބަބުން އެކަލޭގެފާނުގެ ދަރިކަލުންނަކީ ، އެކަލޭގެފާނުގެ އަހުލުންގެ ތެރެއިންވާ މީހެއްނޫންކަމުގައި ﷲ ތަޢާލާ އެންގެވިއެވެ.

އަޅުގަނޑުމެންނަކީ އިސްލާމް ދީނަށް އެންމެ އިސްކަމެއްދޭ ބައެއްކަމުގައި ﷲ ތަޢާލާ ލައްވާށިއެވެ. އާމީން. އަދި ތަފާތު ކުލަތަކާއި ޖަމާޢަތްތަކަކީ އަޅުގަނޑުމެންގެ އީމާންކަމުގެ ގުޅުމަށް ބުރޫއަރަންވީ ސަބަބެއްކަމުގައި ނުހަދަމާތޯއެވެ!