[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 13 (ރޯދަ ފަސާދަ ކުރަނިވި ކަންކަމާއި ފަސާދަ ނުކުރަނިވި ކަންކަން: ޤަޞްދުގައި ޖިމާޢުވުން)

ދެވަނައީ: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޤަޞްދުގައި ޖިމާޢުވުން

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޤަޞްދުގައި ޖިމާޢުވެއްޖެ މީހާގެ ރޯދައިގެ ޙުކުމް:

ޤަޞްދުގައި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެއްޖެ މީހާގެ ރޯދަ ފާސިދު ވާނެއެވެ. [މާނައަކީ: އެ ފަދައިން ކަންތައް ކުރި މީހާގެ ރޯދަ ގެއްލޭނެއެވެ.] މި ކަމުގެ މައްޗަށް އިބްނުލްމުންޛިރު، އިބްނު ޙަޒްމު، އިބްނު ޤުދާމާ އަދި އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެއްޖެ މީހާގެ މައްޗަށް ވާޖިބުވެގެންވާ ކަންތައް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވުމުގެ ސަބަބުން އަންނަނިވި ކަންކަން ލާޒިމު ކުރުވައެވެ:

ކައްފާރާ: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވާ މީހާގެ މައްޗަށް ކައްފާރާ ދިނުން ވާޖިބުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

ކައްފާރާގައި ތަރުތީބު ހިފެހެއްޓުން: ރަމަޟާން މަހުގެ ދުވާލުގެ ވަގުތު ޖިމާޢުވެއްޖެ މީހާގެ މައްޗަށް ކައްފާރާ ވާޖިބު ވެގެންވަނީ (ޙަދީޘްގައި އައިސްފައި ވާ) ތަރުތީބުންނެވެ[1]. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – މަޛްހަބުގެ ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ ޡާހިރީންގެ މަޛްހަބުވެސް މެއެވެ.

އެ ރޯދަ ޤަޟާ ކުރުން: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެއްޖެ މީހާ އެ ދުވަހުގެ ރޯދަ ޤަޟާކުރުން ވާޖިބުވާނެއެވެ. މިއި ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • އަންހެން މީހާގެ ރުހުމުގައި ޖިމާޢުވެއްޖެނަމަ، އެ އަންހެން މީހާގެ މައްޗަށް ވާޖިބުވާ ކަންތައް:

އަންހެން މީހާގެ ރުހުމުގައި އޭނާއާ ޖިމާޢުވިނަމަ، އެ އަންހެން މީހާގެ މައްޗަށްވެސް އެ ރޯދަ ޤަޟާ ކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވެގެން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޙަންބަލީ – މަޛްހަބުގެ ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ ޝާފިޢީންގެ އެއް ރައުޔުވެސްމެއެވެ.

 

  • ހަނދާން ނެތިގެން ޖިމާޢުވާ މީހާގެ ޙުކުމް:

ރޯދައަށް ހުރިކަން ހަނދާން ނެތި، ޖިމާޢުވާ މީހާގެ ރޯދަ ޞައްޙަ ވާނެއެވެ. އޭނާގެ މައްޗަށް (ޤަޟާ ކުރުން ނުވަތަ ކައްފާރާ ދިނުންފަދަ) އެއްވެސް ކަމެއް ލާޒިމުވެގެން ނުވެއެވެ. ޙަނަފީން އަދި ޝާފިޢީން މި ގޮތަށް ވިދާޅު ވެއެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. ހަމަ އެހެންމެ މިއީ އިބްނު ތައިމިއްޔާއާއި، އިބްނުލްޤައްޔިމާއި، އައްޞަންޢާނީއާއި، އައްޝައުކާނީ އަދި އިބްނު ޢުޘައިމީނުވެސް އިޚްތިޔާރު ކުރެއްވި ގޮތެވެ.

 

  • އެއް ދުވަހެއްގައި ޖިމާޢުވުން ތަކުރާރުކޮށްފި މީހާގެ މައްޗަށް އޮތް ޙުކުމު:

އެއް ދުވަހެއްގައި ޖިމާޢުވުން ތަކުރާރުކޮށްފި މީހާއަށް އެންމެ ކައްފާރާއަކުން ފުދޭނެއެވެ. އެއީ ފުރަތަމަވީ ޖިމާޢުގެ ކައްފާރާ ދައްކާފައި ނުވާނަމައެވެ. މި ކަމުގެ މައްޗަށް އިބްނު ޢަބްދިލްބައްރާ އަދި އިބްނު ޤުދާމާ އިޖުމާޢު ނަޤުލު ކުރައްވައިފައި ވެއެވެ.

 

  • އެއް ދުވަހެއްގައި އެއް ފަހަރު ޖިމާޢުވުމަށް ފަހު، ކައްފާރާ ދިނުމަށް ފަހު؛ ހަމައެ ދުވަހު ޖިމާޢުވުން ތަކުރުރާރު ކުރާ މީހާގެ ޙުކުމު:

އެއް ދުވަހެއްގައި އެއްފަހަރު ޖިމާޢުވެ ކައްފާރާ ދެއްކުމަށް ފަހު، ހަމަ އެ ދުވަހު ޖިމާޢުވުން ތަކުރާރުކޮށްފި މީހާއާ މެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ:

ފުރަތަމަ ރައުޔު: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ޖިމާޢުވެ، ކައްފާރާ ދިނުމަށް ފަހު ދެން އެ ދުވަހު ތަކުރާރުކޮށް ޖިމާޢުވެއްޖެ މީހާގެ މައްޗަށް ދެވަނަ ކައްފާރާއެއް ވާޖިބު ނުވާނެއެވެ. މިއީ މާލިކީ އަދި ޝާފިޢީ މަޛްހަބުގެ ރައުޔެވެ. އަދި އިބްނު ޢުޘައިމީނު[2] އިޚްތިޔާރު ކުރެއްވީވެސް މި ރައުޔެވެ.

ދެވަނަ ރައުޔު: ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އެއްފަހަރު ޖިމާޢުވުމަށް ފަހު، ހަމަ އެ ދުވަހު ދެވަނަ ފަހަރަށް ޖިމާޢުވީނަމަ، އޭނާ ދެވަނަ ފަހަރަށް ކައްފާރާ ދޭން ޖެހޭނެއެވެ. އެއީ ފުރަތަމަވީ ޖިމާޢަށް ކައްފާރާ ދީފައި ވާނަމައެވެ. މިއީ ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ.

 

  • ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ތަކުރާރުކޮށް ޖިމާޢުވެއްޖެ މީހާގެ ޙުކުމު:

ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޖިމާޢުވީ ނަމަވެސް، އެ ޖިމާޢުވީ ކޮންމެ ދުވަހަކަށް އޭނާ ކައްފާރާ ދޭން ޖެހޭނެއެވެ. އެއީ ފުރަތަމަ ޖިމާޢުވީ ފަހަރަށް ކައްފާރާ ދެއްކިޔަސް ނުވަތަ ނުދައްކާ ކަމުގައި ވިޔަސް މެއެވެ.

 

  • ފުރަގަސް ފަރާތް ބޭނުންކޮށްގެން އެދުންފުއްދި [3] މީހާގެ ރޯދައިގެ ޙުކުމް:

ފުރަގަސް ފަރާތް ބޭނުންކޮށްގެން އެދުންފުއްދި މީހާގެ ރޯދަ ފާސިދު ވެއްޖެއެވެ. [އެބަހީ: ރޯދަ ގެއްލިއްޖެއެވެ.] އަދި އޭނާގެ މައްޗަށް އޮތީ އެ ރޯދަ ޤަޟާ ކުރުމާއެކު ކައްފާރާ ދިނުމެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • ރަމަޟާން މަހުގެ ޤަޟާ ރޯދައެއްގައި ޤަޟްދުގައި ޖިމާޢުވެއްޖެ މީހާގެ ޙުކުމް:

ފަހެ ރަމަޟާން މަހުގެ ރޯދައެއް ޤަޟާ ކުރާ މީހާ، ރޯދައަށް ހުރެ ޤަޞްދުގައި ޖިމާޢުވިޔަސް އޭނާގެ މައްޗަކަށް ކައްފާރާއެއް ނުވެއެވެ. [4] މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.


 

[1]  އެހެންކަމުން ފުރަތަމަ އަޅަކު މިނިވަން ކުރުމެވެ. މިނިވަން ކުރާނޭ އަޅަކު ލިބިފައި ނުވާ މީހާ ވިދިވިދިގެން (ހިޖުރީ) ދެ މަސް ދުވަހު ރޯދަ ހިފާނީއެވެ. އެ ކަމަށްވެސް ކުޅަދާނަ ވެގެން ނުވާ މީހާ 60 (ފަސްދޮޅަސް) މިސްކީނުންނަށް ކާން ދޭނީއެވެ.

[2] އިބްނު ޢުޘައިމީން ވިދާޅުވެފައި ވެއެވެ: “މި މައްސަލައާ މެދު ރަނގަޅަށް ވިސްނައިލުމުން ފެންނަކަމަކީ މި ދެ ރައުޔުން ދެވަނަ ކައްފާރައެއް ދޭން ނުޖެހޭކަމަށް ބުނާ ރައުޔު އަރުޖަޙު ކަމެވެ. އެހެނީ އޭނާގެ ރޯދަ ފާސިދުވުމަށް ފަހު، ދެން ކައްފާރާއެއް ދޭން ނުޖެހޭނެތީއެވެ. [ދެވަނަ ފަހަރަށް ޖިމާޢުވީ] ރޯދަވެރިއެއްގެ ގޮތުގައި ހުރެކަމުގައި ނުވާތީއެވެ. އެހެންނަމަވެސް އޭނާ ކެއުމާއި ބުއިމާ، ރޯދަ ގެއްލެނިވި ކަންކަމުން ދުރުހެލިވެ ހުރުން ލާޒިމު ވާނެއެވެ. އެހެނީ ޢުޛުރަކާ ނުލައި ރޯދަ ވީއްލައިފި ކޮންމެ މީހަކަށްވެސް، ދެން އިތުރަށް ކެއުމާއި ބުއިމުގައި އެ ދުވަހު ކުރިއަށް ދިއުން ޙަރާމު ވާތީއެވެ.” (އިބްނު ޢުޘައިމީނުގެ އައްޝަރްޙުލްމުމްތިޢު: 6/407)

[3] ފުރަގަސް ފަރާތް ބޭނުންކޮށްގެން އެދުންފުއްދުމަކީ ރޯދައަށް ހުންނަ ވަގުތުގައިވެސް އަދި އެ ނޫން ވަގުތުގައިވެސް ޙަރާމްކަމެކެވެ. އަދި އެއީ ބޮޑު ފާފައެކެވެ. ބައެއް ޙަދީޘްތަކުގައި އައިސްފައި ވަނީ އެފަދަ މީހަކަށް ލަޢުނަތް ލެއްވިގެންވާ ކަމަށެވެ. އަދި އަނެއް ބައި ރިވާޔަތްތަކުގައިވަނީ އެފަދަ މީހަކު އެވަނީ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފިރުވެގެން ކަމަށެވެ. އަދި އެހެން ރިވާޔަތެއްގައިވަނީ ޤިޔަމާތް ދުވަހުން އެފަދަ މީހަކަށް ﷲ ތަޢާލާ ނުބައްލަވާނެ ކަމަށެވެ. (ބައްލަވާ: ޞަޙީޙު އަބީ ދާވޫދު (1878) އަދި ޞަޙީހުލް ޖާމިޢިއްޞަޣީރު (5918)(5889)).

[4] އެހެނަސް އެއީ ޙަރާމްކަމެކެވެ. އަދި އެކަމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ. އަދި އެކަމަށް ތައުބާވާން ޖެހޭނެއެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް