[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 14 (ރޯދަ ފަސާދަ ކުރަނިވި ކަންކަމާއި ފަސާދަ ނުކުރަނިވި ކަންކަން: މަނި ބޭރުކުރުން)

ތިންވަނައީ: މަނި ބޭރުކުރުން

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި މަނިބޭރުކޮށްފި މީހާގެ ރޯދައިގެ ޙުކުމް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި، ޖިމާޢުވުން ނޫން ކޮންމެ ގޮތަކުން ނަމަވެސް ޝަހުވަތްތެރި ކަމާއެކު މަނި ބޭރުކޮށްފި މީހާގެ ރޯދަ ފާސިދުވާނެއެވެ. އޭނާގެ މައްޗަށް އޮތީ އެ ރޯދަ ޤަޟާކުރުމެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. [1]

 

  • ޖިމާޢު ނުވެ، (އަންހެނުންނަށް) ބޮސްދީގެން ނުވަތަ (އަންހެނުންގެ ގައިގައި) އަތްލައިގެން ނަމަވެސް މަނި ބޭރުކޮށްފިނަމަ، އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުން ވާޖިބުވާނެއެވެ:

ޖިމާޢުވުމަކާ ނުލައި، (އަންހެނުންނަށް) ބޮސްދީގެން ނުވަތަ (އަންހެނުންގެ ގައިގައި) އަތްލައިގެން ނަމަވެސް މަނި ބޭރުކޮށްފިނަމަ، އޭނާގެ ރޯދަ ގެއްލޭނެއެވެ. އަދި އެ ދުވަހުގެ ރޯދަ ޤަޟާކުރުން އޭނާގެ މައްޗަށް ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  • އަތް ހިންގައިގެން ނުވަތަ ބޮސް ދިނުންފަދަ ކަމަކުން މަނި ބޭރުކޮށްފި މީހާގެ މައްޗަށް ކައްފާރާ ވާޖިބު ވާނޭ ހެއްޔެވެ؟

އަތް ހިންގައިގެން ނުވަތަ ބޮސް ދީގެން ނުވަތަ -ޖިމާޢު ވުން ނޫން- މިފަދަ އެހެން ކަމަކުން ކަމުގައިވިޔަސް މަނި ބޭރުކޮށްފި މީހާގެ މައްޗަށް ކައްފާރާއެއް ނުވެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ- ދަންނަބޭކަލުންގެ މަޛްހަބެވެ.

 

  • (ޝަހުވަތްތެރިކަން އުފައްދާފަދަ އެއްޗަކަށް) ބެލުން ތަކުރާރުކޮށްގެން މަނި ބޭރުކޮށްފި މީހާގެ ރޯދައިގެ ޙުކުމު:

ރޯދައަށް ހުރެ، (ޝަހުވަތްތެރިކަން އުފައްދާފަދަ އެއްޗަކަށް) ބަލައިގެން މަނި ބޭރުކޮށްފި މީހާގެ ރޯދަ ގެއްލޭނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ކައްފާރާއެއް ނުވެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އަދި ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ. އަދި މިއީ އިބްނު ޢުޘައިމީން އިޚްތިޔާރު ކުރެއްވި ރައުޔެވެ. ހަމައެއާއެކު، ސަޢުދީ ޢަރަބިއްޔާގެ ފަތުވާ މަޖިލީހުން ފަތުވާ ދެއްވައިފައިވަނީވެސް މި ރައުޔަށެވެ.

 

  • ޢަމަލަކާ ނުލައި ހަމައެކަނި ފިކުރުކޮށްގެން މަނި ބޭރުކޮށްފި މީހާގެ ރޯދައިގެ ޙުކުމު:

އެއްވެސް ޢަމަލެއް ނެތި، ހަމައެކަނި ފިކުރު ހިންގައިގެން މަނި ބޭރުކޮށްފި މީހާގެ ރޯދަ ނުގެއްލޭނެއެވެ. އެއީ ގިނަ އިރުތަކެއް ވަންދެން ފިކުރު ހިންގައިގެން ކަމުގައި ވިޔަސް މެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ- ދަންނަބޭކަލުންގެ ރައުޔެވެ.

 

  • ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދީގެ ތެރޭގައި އިޙްތިލާމުވެއްޖެ މީހާގެ ރޯދައިގެ ޙުކުމް:

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނިދައިފައިވަނިކޮށް އިޙްތިލާމު ވެއްޖެ މީހާގެ ރޯދަ ޞައްޙަވާނެއެވެ. މި ކަމުގެ މައްޗަށް މާވަރުދީއާއި އިބްނު ޙަޒްމާއި އިބްނު ޢަބްދިލްބައްރާއި އިބްނު ރުޝްދާއި ނަވަވީއާއި އިބްނު ތައިމިއްޔާ އަދި އިބްނު ޙަޖަރު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.

 

  • ރޯދަވެރިޔާގެ ކިބައިން މަޛްޔު ނުކުތުމުން އޭނާގެ ރޯދައިގެ ޙުކުމް:

ރޯދައަށް ހުރި މީހާގެ ކިބައި މަޛްޔު ނުކުތުމަކުން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. މިއީ ޙަނަފީ އަދި ޝާފިޢީންގެ ރައުޔެވެ. އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އަދި އިބްނުލްމުއްޛިރާއި ޞަންޢާނީއާއި އިބްނު ޢުޘައިމީން އިޚްތިޔާރުކުރެއްވީވެސް މި ރައުޔެވެ.

 


 

[1]   އަނބިމީހާ އެކުގައި ވިޔަސް ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި މިފަދަ ކަމެއް ކުރުމަކީ ޙަރާމް ކަމެކެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް