ޢުޘްމާނުގެފާނުގެ މާތްކަން
ޢުޘްމާން ބުން ޢައްފާން رضي الله عنه އަކީ އެންމެ ފުތަރަމަ އިސްލާމުވެވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމުވެވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ އަތްޕުޅުގެ މައްޗަށެވެ. އެއަށްފަހު އެކަލޭގެފާނު ވެގެން ދިޔައީ ޞިފަފުޅުތަކުގައްޔާއި އަޚްލާޤުގައި މީސްތަކުންނަށް ހުރި ނަމޫނާއަކަށެވެ. އެއީ އީމާންތެރިކަން ނުހަނު ވަރުގަދަ ބޭކަލެކެވެ. ކެތްތެރި، ޢަފޫކުރައްވާ، ދީލަތި، އިޙްސާންތެރި އަދި މީސްތަކުންނަށް ރަޙުމުކުރައްވާ ބޭކަލެކެވެ. މުއުމިނުންގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި އެކަލޭގެފާނުގެ މުދަލުން ނުހަނު ގިނައިން ހޭދަކުރެއްވިއެވެ. އަދި ނިކަމެތިންގެ ކަންކަން ފަސޭހަކޮށްދެއްވިއެވެ. އަދި އެކަލޭގެފާނާ ދެކޮޅުވެރިވީ މީހުންގެ އަތްމަތިން އެކަލޭގެފާނު ޝަހީދުވެއްޖައުމަށް ދާންދެން އެބައިމީހުންގެ ކަންތަކުގައިވެސް ކެތްތެރިވެވަޑައިގެންނެވިއެވެ. رضي الله عنه.
ތިރީގައި މި ބަޔާންކުރަނީ އެކަލޭގެފާނުގެ މާތްކަމުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ހ. އެކަލޭގެފާނުގެ އެންމެ ފާހަގަކޮށްލެވޭ ޞިފަފުޅަކީ ލަދުވެތިކަމެވެ. ޚާއްޞަކޮށް މަލާއިކަތުންވެސް އެކަލޭގެފާނު ދެކެ ލަދުފުޅުގެން ވަޑައިގަންނަވައެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُضْطَجِعًا فِي بَيْتِي، كَاشِفًا عَنْ فَخِذَيْهِ، أَوْ سَاقَيْهِ، فَاسْتَأْذَنَ أَبُو بَكْرٍ فَأَذِنَ لَهُ، وَهُوَ عَلَى تِلْكَ الْحَالِ، فَتَحَدَّثَ، ثُمَّ اسْتَأْذَنَ عُمَرُ، فَأَذِنَ لَهُ، وَهُوَ كَذَلِكَ، فَتَحَدَّثَ، ثُمَّ اسْتَأْذَنَ عُثْمَانُ، فَجَلَسَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَسَوَّى ثِيَابَهُ فَدَخَلَ فَتَحَدَّثَ.
فَلَمَّا خَرَجَ قَالَتْ عَائِشَةُ: دَخَلَ أَبُو بَكْرٍ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ، ثُمَّ دَخَلَ عُمَرُ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ، ثُمَّ دَخَلَ عُثْمَانُ فَجَلَسْتَ وَسَوَّيْتَ ثِيَابَكَ.
فَقَالَ: «أَلَا أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلَائِكَةُ» [1].
މާނައީ: “ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ފަލަމަސްގަނޑު ނުވަތަ ކަށިމަތިފުޅު ކަޝްފުވެފައިވާ ޙާލު ލެނގިލައްވައިގެން ތިމަންކަމަނާގެ ގެކޮޅުގައި އިންނެވިއެވެ. ފަހެ އަބޫބަކުރުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރުވެސް އެކަލޭގެފާނު އިންނެވީ އެ ގޮތަށެވެ. (އެބަހީ: ކުރިންވެސް އިންނެވި ގޮތަށެވެ.) ފަހެ އެބޭކަލުން ވާހަކަދެއްކެވިއެވެ. އެއަށްފަހު ޢުމަރުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރުވެސް އެކަލޭގެފާނު އިންނެވީ އެ ގޮތަށެވެ. (އެބަހީ: ކުރިންވެސް އިންނެވި ގޮތަށެވެ.) ފަހެ އެބޭކަލުން ވާހަކަދެއްކެވިއެވެ. ދެން ޢުޘްމާނުގެފާނު އެތެރެއަށް ވެންނެވުމަށް އެދިވަޑައިގަތެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم އިށީއިނދެވަޑައިގެންނެވިއެވެ. އަދި ހެދުންކޮޅު ރީތިކުރެއްވިއެވެ. ފަހެ (ޢުޘްމާނުގެފާނު) އެތެރެއަށް ވަދެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
އެބޭކަލުން ނުކުމެވަޑައިގަތުމުން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “އަބޫބަކުރުގެފާނު ވަދެވަޑައިގެންނެވިއިރު ކަލޭގެފާނު އިންނެވި ގޮތަށް (ފަލަމަސްގަނޑު ނުވަތަ ކަށިމަތިފުޅު ކަޝްވެފައިވާ ޙާލު ލެނގިލައްވައިގެން) އިންނެވީމުއެވެ. ދެން ޢުމަރުގެފާނު ވެންނެވިއިރު ކަލޭގެފާނު އިންނެވިގޮތަށް އިންނެވީމުއެވެ. އެއަށްފަހު ޢުޘްމާނުގެފާނު ވެންނެވުމުން ކަލޭގެފާނު އިށީންނަވާ ހެދުންކޮޅުވެސް ރީތިކުރެއްވީމުއެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބޭކަލެއްދެކެ މަލާއިކަތުން ލަދުވެތިވެ ވަޑައިގަންނަވާ ބޭކަލެއްދެކެ، ތިމަންކަލޭގެފާނު ލަދުފުޅުގެން ވަޑައިނުގަންނަވާންވީ ހެއްޔެވެ؟”
ށ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންނެވިއެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވީއިރު އެކަލޭގެފާނު އެބޭކަލުންގެ މައްޗަށް ރުހިވަޑައިގެންނެވި 6 ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންނެވިއެވެ. ޢުމަރުގެފާނު އެކުލަވާލެއްވި ޝޫރާގެ މަޖުލީހުގައިވެސް ޢުޘްމާނުގެފާނު ހިމެނިވަޑައިގަތެވެ. ޢުމަރުގެފާނަށް ފަހު ޚަލީފާކަމަށް ވަޑައިގަންނަވާނީ އެމަޖުލީހުގެ ބޭކަލެކެވެ.
އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَائِطٍ مِنْ حِيطَانِ المَدِينَةِ فَجَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ» فَفَتَحْتُ لَهُ، فَإِذَا أَبُو بَكْرٍ، فَبَشَّرْتُهُ بِمَا قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَحَمِدَ اللَّهَ، ثُمَّ جَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ»، فَفَتَحْتُ لَهُ فَإِذَا هُوَ عُمَرُ، فَأَخْبَرْتُهُ بِمَا قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَحَمِدَ اللَّهَ، ثُمَّ اسْتَفْتَحَ رَجُلٌ، فَقَالَ لِي: «افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ، عَلَى بَلْوَى تُصِيبُهُ»، فَإِذَا عُثْمَانُ، فَأَخْبَرْتُهُ بِمَا قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَحَمِدَ اللَّهَ، ثُمَّ قَالَ: اللَّهُ المُسْتَعَانُ [2].
މާނައީ: ތިމަންކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم އާއެކުގައި މަދީނާގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގައި ހުންނަވަނިކޮށް ބޭކަލަކު ވަޑައިގެން ހުޅުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބޭކަލަކަށް ހުޅުވައިދެއްވާށެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.” ފަހެ ތިމަންކަލޭގެފާނު ހުޅުވައިދެއްވިއިރު ހުންނެވީ އަބޫބަކުރުގެފާނެވެ. ފަހެ، ތިމަންކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ދެއްވި އުފާވެރިކަމުގެ ޚަބަރު ދެއްވީމެވެ. ފަހެ އެކަލޭގެފާނު ﷲ އަށް ޙަމްދުކުރެއްވިއެވެ. ދެން (އެހެން) ބޭކަލަކު ވަޑައިގެން ހުޅުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބޭކަލަކަށް ހުޅުވައިދެއްވާށެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.” ފަހެ ތިމަންކަލޭގެފާނު ހުޅުވައިދެއްވިއިރު ހުންނެވީ ޢުމަރުގެފާނެވެ. ފަހެ، ތިމަންކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ދެއްވި އުފާވެރިކަމުގެ ޚަބަރު ދެއްވީމެވެ. ފަހެ އެކަލޭގެފާނު ﷲ އަށް ޙަމްދުކުރެއްވިއެވެ. ދެން (އެހެން) ބޭކަލަކު ވަޑައިގެން ހުޅުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބޭކަލަކަށް ހުޅުވައިދެއްވާށެވެ. އަދި އެ ބޭކަލަކަށް ޖެހިވަޑައިގަންނަވާ މުޞީބާތަކަށް ފަހު އެ ބޭކަލަކަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.” ފަހެ (ތިމަންކަލޭގެފާނު ހުޅުވައިދެއްވިއިރު) ހުންނެވީ ޢުޘްމާނުގެފާނެވެ. ފަހެ، ތިމަންކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ދެއްވި އުފާވެރިކަމުގެ ޚަބަރު ދެއްވީމެވެ. ފަހެ އެކަލޭގެފާނު ﷲ އަށް ޙަމްދުކުރެއްވިއެވެ. ދެން ވިދާޅުވިއެވެ. “އެހީދެއްވާ ފަރާތަކީ ﷲ އެވެ.”
ނ. އެކަލޭގެފާނު އަވަހާރަވާނީ ޝަހީދެއްގެ ގޮތުގައިކަމުގައި ނަބިއްޔާ صلى الله عليه وسلم ޚަބަރު ދެއްވިއެވެ.
އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
صَعِدَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُحُدًا وَمَعَهُ أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ، فَرَجَفَ، وَقَالَ: «اسْكُنْ أُحُدُ – أَظُنُّهُ ضَرَبَهُ بِرِجْلِهِ -، فَلَيْسَ عَلَيْكَ إِلَّا نَبِيٌّ، وَصِدِّيقٌ، وَشَهِيدَانِ» [3].
މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު އުޙުދު ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ. ފަހެ، (އުޙުދު ފަރުބަދަ) ތެޅެންފެށިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އުޙުދެވެ. ހުއްޓޭށެވެ. – އެކަލޭގެފާނުގެ ފައިންޕުޅުން ޖެއްސެވިހެން ތިމަންކަލޭގެފާނަށް ހީވެއެވެ. – ފަހެ، ނަބިއްޔަކާއި، ޞިއްދީޤަކާއި، ދެ ޝަހީދުން ނޫން ބަޔަކު ތިބާގެ މަތީގައި ނެތެވެ.”
_______________________________________________
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] رواه مسلم (36 – (2401)).
[2] رواه البخاري (3693) ومسلم (28 – (2403)).
[3] رواه البخاري (3693).