[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާން ހަމަ އެކަނި ކިޔަވާލުމުންވެސް ޘަވާބު ލިބޭނެތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ފެށުން

ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތުގެ ޛަރިއްޔާއިން މީސްތަކުންނަށް ގިނަގުނަ ޘަވާބައި ދަރުމަ ލިބިގެން ދެއެވެ. އަދި އޭގެ ޛަރިއްޔާއިން ހިދާޔަތު ލިބިގެން ދެއެވެ.

މި ލިޔުމުގައި އަލިއަޅުވާލަން ޤަޞްދުކުރަނީ މި ފަހަކަށް އައިސް ވަރަށް ގިނައިން ތަކުރާރުކޮށް އިވޭ ވާހަކައަށެވެ. މި ވާހަކަ މިދުވަސްވަރު މަޝްހޫރުވެފައި ވިޔަސް މި މަސްއަލައަކީ އަދި މިކަމާ ގުޅުން ހުރި މަސްއަލަތަކަކީ ކުރިއްސުރެވެސް ސަލަފުންގެ ބޭކަލުންގެ މެދުގައި ކޮންމެވެސް ވަރަކަށް ބަޙުޘްކުރެވި ފޮތްތަކުގައި ލިޔެ ރައްކާކުރެވިފައިވާ މަސްއަލަތަކެކެވެ.

އެއީ ކީރިތި ޤުރުއާނުން ލިބޭ ފުރިހަމަ ދަރުމައާއި ޘަވާބު ލިބެނީ ކީރިތި ޤުރުއާނުގެ މާނައަށް ވިސްނައިގެން ކިޔުމުން ތޯ ނުވަތަ ހަމައެކަނި ކީރިތި ޤުރުއާން ކިޔަވާލިޔަސް ކީރިތި ޤުރުއާން ކިޔެވުމުގެ ދަރުމައާއި ޘަވާބު ލިބިގެން ދާނެތޯއާއި އަވަހަށް ގިނަ ޚަތިމުކުރަންވީތޯ ނުވަތަ ގިނަ ޚަތިމުތަކެއް ކުރުމުގެ ބަދަލުގައި މާނައަށް ވިސްނަމުން ތަރުތީލުކޮށް ކިޔަވަންވީ ތޯއެވެ.

 

 

ކީރިތި ޤުރުއާން ތިލާވަތުކުރުމުގެ ދެ ބާވަތް

ކީރިތި ޤުރުއާން ތިލާވަތުކުރުން ޢިލްމުވެރިން ދެ ބަޔަކަށް ބައްސަވާފައިވެއެވެ. އެއީ:

  • ފުރަތަމައީ: تلاوةٌ حُكْميَّة (ކީރިތި ޤުރުއާނުގެ ޙުކުމްތައް ތިލާވަތުކުރުން)

މިކަމުގެ މުރާދަކީ ކީރިތި ޤުރުއާނުގެ ޚަބަރުތައް ތެދުކަމަށް ޤަބޫލުކުރުމާއި އޭގައިވާ ޙުކުމްތައް ތަންފީޒުކުރުމެވެ. އެއީ އެފޮތުގައި އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމެވެ.

 

  • ދެވަނައީ: تلاوة لَفْظِيّة (ކީރިތި ޤުރުއާނުގެ ލަފްޡުތައް ތިލާވަތުކުރުން)

މިކަމުގެ މުރާދަކީ ކީރިތި ޤުރުއާން ކިޔެވުމެވެ. [1]

މިކަން ތަފްޞީލުކުރާނަމަ ތިން ބަޔަކަށް ބަހާލެވިދާނެއެވެ.

ފުރަތަމައީ: ކީރިތި ޤުރުއާން ތިލާވަތުކުރުން

ދެވަނައީ: ކީރިތި ޤުރުއާނުގެ މާނަތައް ދެނެގަނެ އޭގެ ތަފްސީރާއި ޙުކުމްތައް އުނގެނުން

ތިންވަނައީ: ކީރިތި ޤުރުއާނަށް ޢަމަލުކުރުން

މިތަނުން ކޮންމެ ކަމަކީވެސް އެކަމެއް ކުރުމަށް ޝަރުޢީ ނައްޞުތަކުގައި ބާރުއަޅުއްވާފައިވާ އަދި އެކަމަށް ދަލާލަތުކުރާ އެތައް ނައްޞުތައް ވާރިދުވެގެން އައިސްފައިވާ ކަންކަމެވެ.

 

 

ދަލީލުތައް

އިސްވެ ބަޔާންވެ ދިޔަ ތިން ބައިން ކުރެ ކޮންމެ ބަޔަކަށްވެސް ޢަމަލުކުރުމަށް ބާރު އަޅުއްވާފައި ޞައްޙަ ދަލީލެއް މި ތަނުގައި ޛިކުރުކޮށްލާނަމެވެ.

 

  • ކީރިތި ޤުރުއާން ތިލާވަތުކުރުން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي (2910) وصححه الألباني في الصحيحة (3327)]

މާނައީ: “ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށްވެސް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަ ހެޔޮކަން ފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވަމެވެ. އެހެނަސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ. (އެބަހީ: އެއީ ތިރީސް ހެޔޮކަމެވެ.)”

 

  • ކީރިތި ޤުރުއާނުގެ މާނަތައް ދެނެގަނެ އޭގެ ތަފްސީރާއި ޙުކުމްތައް އުނގެނުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ [سورة ص ٢٩]

މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންއިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން އެއިން ނަސޭޙަތް ލިބިގަތުމަށެވެ.”

 

  • ކީރިތި ޤުރުއާނަށް ޢަމަލުކުރުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ‎﴿١٢٣﴾‏ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ‎﴿١٢٤﴾‏ قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ‎﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ الْيَوْمَ تُنسَىٰ ‎﴿١٢٦﴾‏ [سور طه]

މާނައީ: “ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންއިލާހުގެ ތެދުމަގަށް ތަބާވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެމީހަކު މަގުފުރެދިގެނެއް ނުދާނެއެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. [123] އަދި ތިމަންއިލާހުގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާ ހުށީމެވެ. [124] އެމީހާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ! ކަނު މީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާ ވީމެވެ. [125] އެއިލާހު ވަޙީކުރައްވާނެއެވެ. ހަމަ އެފަދައިން ތިމަންއިލާހުގެ އާޔަތްތައް ތިބާއާ ހަމައަށް އައެވެ. ފަހެ އެ އާޔަތްތައް ތިބާ ހަނދާން ނައްތައިލީމުއެވެ. ހަމަ އެފަދައިން މިއަދު ތިބާގެ މަތިން ހަނދާން ނައްތައިލެވޭނެއެވެ. (126)”

 

 

މިކަމުގައި އިބްނުލް ޤައްޔިމު رحمه الله ޖައްސަވާފައިވާ މިސާލު

އިބްނުލް ޤައްޔިމު رحمه الله ގެ زاد المعاد އޭ ކިޔުނު ފޮތުގައި [2] މި މަސްއަލައާ ބެހޭގޮތުން ވާހަކަދައްކަވާ އަދި ސަލަފުންގެ ބޭކަލުން މިކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތައް ގެންނެވުމަށް ފަހު ވިދާޅުވިއެވެ.

“މި މަސްއަލައިގައި ރަނގަޅު ގޮތަކީ ތަރުތީލުކޮށް ކިޔަވައި، ޤުރުއާނާ މެދު ވިސްނާ ފިކުރުކުރަމުން ކިޔެވުމަކީ އެންމެ މަތިވެރިކަން ބޮޑު އަދި ދަރަޖައިގެ ގޮތުން އެންމެ މަތިވެރި ގޮތެވެ. އަދި ގިނައިން ކިޔެވުމުގެ ޘަވާބު ޢަދަދުގެ ގޮތުން ބަލާއިރު ގިނަގުނަވެގެން ވެއެވެ. އެގޮތުން ފުރަތަމަ މީހާގެ މިސާލަކީ ބޮޑު ޖަވާހިރެއް ޞަދަޤާތްކުރި މީހެއްގެ މިސާލެވެ. ނުވަތަ ވަރަށް އަގުހުރި އަޅަކު މިނިވަންކުރި މީހެއް ފަދައެވެ. އަދި ދެވަނަ މީހާގެ މިސާލަކީ ވަރަށް ގިނަ ދިރުހަމުން ޞަދަޤާތްކުރި މީހެއް ފަދައެވެ. ނުވަތަ ވަރަށް އަގުހެޔޮ އަޅުންތަކެއް މިނިވަން ކުރި މީހެއް ފަދައެވެ.”

 

 

ނިންމުން

އެގޮތުން މި ލިޔުން ނިންމާލާނީ މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވި ބަސްފުޅަކުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“(މީސްތަކުން) ކީރިތި ޤުރުއާން އެކި ގޮތްގޮތަށް ‘ހަޖްރު’ ކޮށް (ދޫކޮށް) ލައެވެ.

ފުރަތަމައީ: އެ އަޑުއެހުމާ، އެއަށް ކަނުލާ އަޑުއެހުމާއި އެއަށް އީމާންވުން ދުކޮށްލުން.

ދެވަނައީ: އެ ކިޔަވާ އެއަށް އީމާންވިޔަސް، އެއަށް ޢަމަލުކުރުން ދޫކޮށްލުމާއި އޭގައިވާ ޙަރާމް އަދި ޙަލާލު ކަންކަމަށް އޭގައި ވާގޮތަށް ތަބާވުން ދޫކޮށްލުން.

ތިންވަނައީ: އޭގައިވާ ޙުކުމްތަކަށް ތަބާވުމާ އަދި ދީނުގައިވާ އަޞްލުތަކާއި ފަރުޢުތަކުގައި މީސްތަކުން ޚިލާފުވުމުން އެއަށް ޙުކުމްކުރުން ދޫކޮށްލުން. އަދި ޤުރުއާނުގެ އާޔަތްތަކުން ޔަޤީންކަން ނުލިބޭކަމަށް ޤަބޫލުކުރުން. އަދި އޭގައި އެވަނީ ހަމައެކަނި ލަފްޒުތަކެއްކަމަށާއި އެއިން ޢިލްމެއް ނުލިބޭނެ ކަމަށް ޤަބޫލުކުރުން.

ހަތަރުވަނައީ: އޭގެ އާޔަތްތަކާ މެދު ވިސްނާ ފިކުރުކުރުން ދޫކޮށްލައި، އެ ބާވައިލެއްވި ފަރާތުގެ މުރާދު ދެނެގަތުމަށް މަސައްކަތް ނުކުރުން.

ފަސްވަނައީ: އެއިން ހިތުގެ ހުރިހާ ބަލިތަކަށްވެސް ޝިފާއާއި ފަރުވާ ހޯދުން ދޫކޮށްލުން އަދި އެ ނޫން އެއްޗަކުން އެކަމުގެ ފަރުވާ ހޯދުމަށް މަސައްކަތްކޮށް ކީރިތި ޤުރުއާން ދޫކޮށްލުން.

މި ހުރިހާ ކަމެއްވެސް ވަދެގެން ދަނީ އަންނަނިވި އާޔަތަށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا‎﴾ [سورة الفرقان ٣٠]

މާނައީ: “ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ރައްބެވެ! ހަމަކަށަވަރުން ތިމަން އަޅާގެ ޤައުމުގެ މީހުން، މި ޤުރުއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފިއެވެ.”

ކީރިތި ޤުރުއާން އެއްކިބާކޮށްލުމުގެ ބައެއް ވައްތަރުތައް އަނެއް ބައި ވައްތަރުތަކަށް ވުރެ ކުޑަ ވިޔަސް، އިސްވެ ދިޔަ ހުރިހާ ކަމަކީވެސް ކީރިތި ޤުރުއާން ދޫކޮށްލުމުގެ ވައްތަރުތަކެވެ.”

 

 

ޚުލާޞާ

އެހެންކަމުން މި ލިޔުމުން އަންނަނިވި ކަންތައްތައް ހާމަވެގެން ހިނގައްޖެއެވެ.

  1. ކީރިތި ޤުރުއާން ކިޔެވުމާއި އޭގެ ޙުކުމްތައް ދެނެގަތުމާ އަދި އެއަށް ޢަމަލުކުރުމަކީވެސް ޝަރުޢީ ނައްޞުތަކުގައި ބާރު އަޅުއްވާފައިވާ، އެއިން ކޮންމެ ކަމަކުންވެސް އެތައް ދަރުމައަކާއި ޘަވާބު ލިބެނިވި ޢަމަލުތަކެކެވެ.
  2. މި ތިން ކަން އެއްކޮށް ކޮށްފި މީހަކަށް މަތިވެރިވެގެންވާ ބޮޑު އަޖުރު ހުއްޓެވެ. އަދި މިއިން ކަމެއް ވަކިން ކޮށްފި މީހަކަށްވެސް އެމީހަކު އެކުރި ކަމެއްގެ އަޖުރާއި ދަރުމަ ލިބިގެން ދާނެއެވެ.
  3. މިއިން އެއްވެސް ކަމެއް ދޫކޮށްލައިފި މީހަކު ވަރަށް ބޮޑު ހެވަކުން މަޙްރޫމުވެގެން ދާނެއެވެ. އަދި މިއިން އެއްވެސް ކަމެއް އެކުއެކީ ދޫކޮށްލާ، ފަރުވާކުޑަކޮށްލައިފިނަމަ ވެގެންދާނީ ކީރިތި ޤުރުއާނަށް ފަރުވާކުޑަކޮށް އެ ‘ހަޖްރު’ ކުރި (ދޫކޮށްލި) މީހަކަށެވެ.

 

[1] ބައްލަވާ: مجالس شهر رمضان للعثيمين، المجلس الخامس.

[2] زاد المعاد لابن القيم (1 / 328).