ޙަޤީޤީ ނަޞްރުގެ ސަބަބުތައް
ޙަމްދުހުރީ ﷲއަށެވެ. އެއިލާހުގެ ޤަދަރު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެއިލާހު ހިއްޕެވުމުގައި ގަދަފަދަވަންތައެވެ. ސިއްރާއި އަދި ފާޅުގައިވެސް އަޅާގެ ޙާލު ދެނެވޮޑުގެންވެއެވެ. އެއިލާހުގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް އެއިލާހުގެ ނަޞްރުން ދީލަތިވެވޮޑިގެންވެއެވެ. އަދި އެއިލާހަށް ތަވާޟަޢުވެއްޖެ މީހާގެ ޤަދަރު އުފުއްލަވައެވެ. ފޮޅުވަތްތަކުގައި ގަލަމުން ލިޔާހިނދު އެގަލަމުގެ ތުނޑު ހޭކޭ އަޑު އެއިލާހު އައްސަވައި ވޮޑިގެންވެއެވެ. އަދި ހަނަފަސް ސަހަރާގައި ހިނި ހިރޭ ހިރުންވެސް އެއިލާހު ބައްލަވާ ވޮޑިގެންވެއެވެ. އަދި އެއިލާހުގެ އަމުރުފުޅަށް އުޑާއި ބިން ޤާއިމުވެ އޮތުންވަނީ އެއިލާހުގެ އާޔަތްތަކުގެ ތެރެއިންނެވެ.
އެއިލާހުގެ ފޮނި އަދި ހިތި އެންމެހާ ނިޔާތަކަށް މިއަޅާ އެއިލާހަށް ޙަމްދު ކުރަމެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރުމުގައި ޤާއިމުވެ ހުންނަ ޙާލު، ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހެއް ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއްގަމާއި ކަނޑުގައިވާ ޚަލްޤުތަކަށްވާ ހެޔޮކަމެއްގެ ގޮތުގައި އެއިލާހު އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީ، އަބޫބަކުރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ހިތަށް ވަދެފައިވާ އީމާންކަމުގެ ސަބަބުން ކުރީކޮޅުގައި އިސްލާމުވި ބޭކަލެކެވެ. އަދި ޢުމަރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ގަދަފަދަކަމާއި ތެދުވެރިކަމުން އިސްލާމްދީން މަތިވެރިކުރެއްވި ބޭކަލެކެވެ. އަދި ދެނޫރުގެ ވެރިޔާ، ޢުޘްމާނުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނަށް ދިމާވި ހިތި ވަގުތުތަކުގައި ކެތްކުރެއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ބޮޑުބޭބެ ދަރިކަލުން އަދި އެކަލޭގެފާނުގެ ދަނބިދަރިކަލުން ޢަލީގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި ތާބިޢީއިންނާއި އެބޭކަލުންނަށް އިޙްސާންތެރި ގޮތުގައި ތަބަޢަވީހާ ބަޔަކަށް، ވިލާގަނޑު ވާރޭ ފެނުން ދީލަތި ވާހާ ހިނދަކު ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވާ ސަލާމުން ސަލާމް ލައްވާށިއެވެ.
އަޚުންނޭވެ! ހަމަކަށަވަރުން ބަދުރާއި އަޙްޒާބާއި މައްކާ ފަތަޙަކުރެއްވުމާއި ޙުނައިނާ އަދި މިނޫންވެސް ހަނގުރާމަތަކުގައި ﷲތަޢާލާ މުއުމިނުންނަށް ނަޞްރުދެއްވިއެވެ. ﷲތަޢާލާ އެބައިމީހުންނަށް ނަޞްރުދެއްވީ އެއިލާހުގެ ވަޢުދުފުޅު ފުއްދަވައި ދެއްވުމުގެ ގޮތުންނެވެ.
﴿وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ﴾ [الروم: ٤٧]
މާނައީ: “އަދި މުއުމިނުންނަށް ނަޞްރުދެއްވުމަކީ، ތިމަންއިލާހުގެ މައްޗަށް އޮތް ޙައްޤެއް ކަމުގައި ވެއެވެ.”
﴿إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ [٥١] يَوْمَ لَا يَنفَعُ الظَّالِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ﴾ [غافر ٥٢, ٥١]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ރަސޫލުންނަށާއި އީމާންވި މީހުންނަށް، ދުނިޔޭގެ ޙަޔާތުގައްޔާއި ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: ޤީޔާމަތް ދުވަހުގައި) ނަޞްރު ދެއްވާހުށީމެވެ. (އެއީ) އަނިޔާވެރިންނަށް އެއުރެންގެ ޢުޛުރުދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ ލަޢުނަތެވެ. އަދި އެއުރެންނަށް ހުރީ ނުބައިވެގެންވާ ގޮވައްޗެވެ.”
ﷲތަޢާލާ އެބައިމީހުންނަށް ނަޞްރުދެއްވީ އެބައިމީހުން އެއިލާހުގެ ދީންމަތީ ޤާއިމުވެ ތިބުމުގެ ސަބަބުންނެވެ. އެ ދީނަކީ ހުރިހާ ދީންތަކެއްގެ މައްޗަށް ފާޅުވެގެންވާ ދީނެވެ. ފަހެ އެ ދީނުގައި ހިފައްޓައިފި މީހަކު ހުރިހާ އުއްމަތްތަކެއްގެ މައްޗަށް ފާޅުގެންވާ މީހެއްގެ ގޮތުގައި ވާނެއެވެ.
﴿هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ﴾ [التوبة: ٣٣]
މާނައީ: “އެއިލާހީ، ތެދުމަގާއި ޙައްޤު ދީނާއިގެން އެއިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅު ކުރެއްވުމަށްޓަކައެވެ.”
ﷲތަޢާލާ އެބައިމީހުންނަށް ނަޞްރުދެއްވީ އެބައިމީހުން މާއްދީ އަދި މަޢުނަވީ ސަބަބުތަކުގެ މަތީގައި ޤާއިމުވެ ތިއްބެވުމުގެ ސަބަބުންނެވެ. އެބޭކަލުން ﷲތަޢާލާގެ އެންގެވުންތަކުގައި ހިފަހައްޓައި، އެބޭކަލުންނަށް އަންގަވާފައިވާ އެއިލާހުގެ ހިދާޔަތުގެ މަގުގައި ހިނގައި އަދި އެކަމުގެ މަތީގައި ޘާބިތުވެތިއްބެވުމުގެ ސަބަބުން އެބޭކަލުންގެ ޢަދުއްވުންގެ މައްޗަށް ގަދަވެގަނެވޭނެ ޢަޒުމު އެބޭކަލުންގެ ގައިގައި ހުއްޓެވެ.
﴿وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ [١٣٩] إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ﴾ [آل عمران ١٣٩, ١٤٠]
މާނައީ: “ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ. ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން (ކާފަރުންގެ) މީސްތަކުންނަށްވެސް އެފަދަ ހާނީއްކަޔާއި ވޭން ވަނީ ލިބިފައެވެ. އެއީ ދުވަސްތަކެކެވެ. ތިމަންއިލާހު އެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކި ގޮތްގޮތަށް ބަދަލުކުރައްވަމެވެ.”
﴿وَلَا تَهِنُوا فِي ابْتِغَاءِ الْقَوْمِ إِن تَكُونُوا تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ وَتَرْجُونَ مِنَ اللَّهِ مَا لَا يَرْجُونَ وَكَانَ اللَّهُ عَلِيمًا حَكِيمًا﴾ [النساء: ١٠٤]
މާނައީ: “ތިޔަބައިމީހުން ދުޝްމިން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތި ނުވާހުށިކަމެވެ! ތިޔަބައިމީހުންނަށް (ލިބިފައިވާ ހާނީއްކައިގެ ސަބަބުން) ވޭންލިބޭ ކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުންނަށް ވޭންލިބޭ ފަދައިން، ހަމަކަށަވަރުން އެއުރެންނަށްވެސް ވޭން ލިބޭނެއެވެ. އެއުރެން ނޭދޭކަންތައް ﷲގެ ޙަޟްރަތުން ތިޔަބައިމީހުން އެދެމުއެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ ކަލަކުކަމުގައި ﷲވޮޑިގެންވެއެވެ.”
ފަހެ އެބޭކަލުން މި ވަރުގަދަކަމާއި ޘާބިތުކަންމަތީ ބާރާއި ޢަޒުމާއި ހިއްވަރާއެއްކޮށް ކުރިޔަށް ވަޑައިގެންނެވިއެވެ. އެބައިމީހުންގެ ވެރި ރައްބު، ޞުބުޙާނަހޫ ވަތަޢާލާއަށް ބޯލަނބައި ކިޔަމަންތެރިވުމުގެ ގޮތުން ބާރުވެރިކަމުގެ ހުރިހާ ކަމެއްގައި އެބޭކަލުން ހިއްޕެވިއެވެ.
﴿وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ﴾ [الأنفال: ٦٠]
މާނައީ: “އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!”
އެއީ ނަފްސީ އެތެރޭގައިވާ ބާރުވެރިކަމާއި އަސްކަރީ ބޭރުފުށުން ފެންނަ ބާރުވެރިކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
ﷲތަޢާލާ އެބައިމީހުންނަށް ނަޞްރުދެއްވީ އެބައިމީހުން އެއިލާހުގެ ދީނަށް ނަޞްރު ދެއްވުމަށްޓަކައި ޤާއިމުވެ ތިއްބެވުމުގެ ސަބަބުންނެވެ.
﴿وَلَيَنصُرَنَّ اللَّهُ مَن يَنصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ [٤٠] الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ﴾ [الحج ٤٠ ، ٤١]
މާނައީ: “ހަމަކަށަވަރުން، ﷲއަށް ނަޞްރުދޭ މީހަކަށް، އެއިލާހު ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ އިލާހުކަން ކަށަވަރެވެ. [40] އެއުރެންނީ، ބިމުގައި ތިމަންއިލާހު އެއުރެން ބާރުވެރި ކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ. [41]”
ފަހެ މި މާތްވެގެންވާ ދެ އާޔަތުގައި ބަޔާންވެފައިވަނީ ލަފްޡީ ގޮތުންނާއި މަޢުނަވީގޮތުން ނަޞްރުދެއްވާނެކަމަށް ކަށަވަރުކުރައްވާ، ޔަޤީންކަންދެއްވާ އެކަމަށް ވެފައިވާ ﷲގެ ވަޢުދުފުޅެކެވެ. ލަފްޡީގޮތުން ކަށަވަރުކުރައްވާ އަދި ޔަޤީންކަން ދެއްވާފައިވާ ކަމަކީ، މުޤައްދަރުކޮށް (ފޮރުވިފައިވާ ފަދައިން) ހުވާކުރައްވާފައިވާ ކަމެވެ. އެއީ ‘ﷲ ގަންދީ ވަޙީކުރައްވަމެވެ. ﷲއަށް ނަޞްރުދޭ މީހަކަށް، އެއިލާހު ނަޞްރުދެއްވާނެކަން ކަށަވަރެވެ.’ ހަމަ އެފަދައިން ﴿وَلَيَنصُرَنَّ﴾ މިބަސްފުޅުގައި އެވާ ‘ލާމު’ އާއި ‘ނޫނު’ ވެސް އެއީ ކަށަވަރުކޮށް، ޔަޤީންކަގެނެސްދޭ ދެކަމެވެ.
އަދި ކަށަވަރުކޮށް ޔަޤީންކަންދެއްވާފައިވާ މަޢުނަވީ ކަމަކީ އެއިލާހުގެ މި ވަޙީ ބަސްފުޅެވެ.
﴿إِنَّ اللَّهَ لَقَوِيٌّ عَزِيزٌ﴾
މާނައީ: “ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ އިލާހުކަން ކަށަވަރެވެ.”
ފަހެ ﷲތަޢާލާއީ ބަލިނުކުރެވޭނެ ގަދަފަދަވެވޮޑިގެންވާ، ނިކަމެތިކޮށް ނުލެވޭނެ ޢަޒީޒުވަންތަ އިލާހެވެ. ކޮންމެ ބާރުވެރިމަކާއި ކޮންމެ ޢިއްޒަތެއްގެ އިދިކޮޅު ވެގެންދާނީ ދެރަކަމާއި ނިކަމެތިކަމުގެ ތެރެއިންނެވެ. އަދި އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ.
﴿وَلِلَّهِ عَاقِبَةُ الْأُمُورِ﴾
މާނައީ: “ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ.”
މިއީ އެއިލާހުގެ ޙަޟްރަތުގައި ސަބަބުތަކުގެ ގޮތުގައިވާ ކަންތައްތަކާ ދުރުވުމުގެ ސަބަބުން، މުއުމިނުއަޅާ އޭނާގެ ނަޒަރުގައި ނަޞްރުލިބުން ދުރުވެފައިވާކަން އޭނާއަށް ފެންނަހިނދު އޭނާއަށްވާ ޘާބިތުކުރުވުމެކެވެ. ފަހެ ކަންކަމުގެ ނިމުންވަނީ ހަމައެކަނި ﷲތަޢާލާއަށެވެ. ﷲތަޢާލާ އެއިލާހުގެ ޙިކުމަތްވަންތަކަމުން އެއިލާހު އިރާދަކުރެއްވި އިރަކު ކަންކަން ބަދަލުކުރައްވައެވެ.
މި ދެ އާޔަތުގައި ނަޞްރު ޙައްޤުވެގެންވާ މީހުންގެ ޞިފަތަކެއް ބަޔާންވެގެން އައިސްފައިވެއެވެ. އެ ޞިފަތަކަކީ ބިމުގައި ބާރުވެރިކަން ލިބުމަށް ފަހު މުއުމިނު އަޅާ އެ ޞިފަތަކުން ޒީނާތްތެރި ވެގަންނަން ޖެހޭ ޞިފަތަކެވެ. އަދި މި ބާރުވެރިކަމަކީ ކިބުރުވެރިކަމާއި ބޮޑާވެރިކަމާއި މަތިވެގަތުމާއި ފަސާދައިން ހެއްލުންތެރި ކުރުވަނިވި ކަމެއްކަމުގައި ނުހަދާށެވެ. އެހެނެއްކަމަކު އެބާރުވެރިކަން ވާންޖެހޭނީ، ﷲގެ ދީނުގައި ބާރުވެރިކުރުވާ އެ ދީނުގައި ގަދަޔަށް ހިފަހައްޓައިދޭ އެއްޗަށެވެ.
ފުރަތަމަ ޞިފައަކީ:
﴿الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ﴾ [الحج: ٤١]
މާނައީ: “އެއުރެންނީ، ބިމުގައި ތިމަންއިލާހު އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށްއުޅޭ މީހުންނެވެ.”
އަޅުކަމުގައި ﷲތަޢާލާ އެއްކައުވަންތަކަން ތަޙުޤީޤު ކޮށްފުމަށްދާންދެން ބިމުގައި ބާރުވެރިކަމެއް ނުލިބޭހުއްޓެވެ. އެއީ ﷲތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ
﴿وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ [النور: ٥٥]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙު ޢަމަލުތައްކޮށް އުޅުނު މީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރި ކުރެއްވި ފަދައިން، ހަމަކަށަވަރުން އެއުރެން ބިމުގައި ޚަލީފާ ވެރިކުރައްވާނެ ކަމަށާއި އެއުރެންނަށްޓަކައި އެއިލާހު ރުއްސެވި އެއުރެންގެ ދީން، ހަމަކަށަވަރުން އެބައިމީހުންނަށްޓަކައި ބާރުވެރި ކުރައްވާނެ ކަމަށާއި އެއުރެންގެ ބިރުވެރިކަމަށް ފަހު ހަމަކަށަވަރުން އަމާންކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެއުރެން ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކޮށް، ތިމަންއިލާހަށް އަޅުކަން ކުރެތެވެ.”
ފަހެ އަޅާ އެނާގެ ބަސްތަކާއި އޭނާގެ ޢަމަލުތަކާއި އޭނާ އެދޭ ކަންކަމުގައި ﷲތަޢާލާއަށް އިޚުލާޞްތެރިވެ އަދި އެކަންކަމުން ހަމައެކަނި ﷲގެ ވަޖުހުފުޅު ނޫންކަމެއް އަދި އާޚިރަތުގެ ގޮވަތި ނޫން އެއްޗެއް އޭނާ ނޭދި އަދި އެކަންކަމުން މަތިވެރި ޖާހަކަށް އަދި މީސްތަކުންގެ ޘަނާއަކަށް އަދި މުދަލަކަށް އަދި ދުނިޔެވީ އެއްވެސް ކަމަކަށް އޭނާ ނޭދި، މި އަޅުކަމުގައި ތަނަވަސްކަމާއި ދަތިކަމުގައި، އުނދަގުލާއި ފަސޭހައިގައި ވާނަމަ، ﷲތަޢާލާ އޭނާ ބިމުގައި ބާރުވެރިކޮށްދެއްވާނެއެވެ. އެހެންކަމުން ބިމުގައި ބާރުވެރިވުމުގައި ހުންނަން ޖެހޭ ލާޒިމު ޞިފައެއް ވެއެވެ. އެއީ ހަމައެކަނި ﷲއަށް އަޅުވެތިވުމެއެވެ. އެއިލާހަށް ޝަރީކު ނުކުރުމެވެ.
އަޅުކަން ﷲތަޢާލާއަށް ޚާލިޞްކުރުމާއި ބާރުވެރިކަން ލިބުމަށް ފަހުގައި:
ދެންވަނީ ދެވަނަ ޞިފައެވެ.
އެއީ އަންގަވާފައިވާ ގޮތަށް އެންމެ ފުރިހަމަގޮތުގައި ނަމާދު ޤާއިމުކުރުމެވެ. އެ ނާމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާ އަދި އެ ނަމާދު ފުރިހަމަކުރުވަނިވި މުސްތަޙައްބު ކަންތައްތަކާ އެއްކޮށް އެ ނަމާދު ޤާއިމުކުރުމެވެ. ފަހެ ޠާޙިރުވެ، ރުކޫޢާއި ސުޖޫދާއި ޤިޔާމާއި އަދި އެ ނަމާދުގައި އިށީނދެ އިނުން ރިވެރިކުރަން ޖެހެއެވެ. އަދި އެ ނަމާދުގެ ވަގުތާ އަދި ހުކުރު ނަމާދާއި ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވާން ޖެހެއެވެ. އަދި ޚުޝޫޢަތްތެރިވުމަށް ރައްކާތެރިވާން ޖެހެއެވެ. ޚުޝޫޢަތްތެރިވުމަކީ ހިތް ޙާޟިރުކޮށް ގުނަވަންތައް ހަމަހިމޭން ކަންމަތީ ބެހެއްޓުމެވެ. އެހެނީ ހަމަކަށަވަރުން ޚުޝޫޢަތްތެރިކަމަކީ އެ ނަމާދުގެ ރޫޙު އަދި އެ ނަމާދުގެ ޖައުހަރެވެ. ޚުޝޫޢަތްތެރިކަމެއް ނެތް ނަމާދެއްގެ މިޘާލަކީ ފުރާނައެއް ނެތް ހަށިގަނޑެއްގެ މިޘާލެވެ.
ޢައްމާރު ބުން ޔާސިރު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
((إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ ، تُسْعُهَا، ثُمُنُهَا، سُبُعُهَا، خُمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا)) [1]
މާނައީ: “ހަމަކަށަވަރުން އަޅާއަށް ނަމާދުގެ އަޖުރުން، ދިހަބައިކުޅަ އެއްބައި ނުވަތަ ނުބައިކުޅަ އެއްބައި ނުވަތަ އަށްބައިކުޅަ އެއްބައި ނުވަތަ ހަތްބައިކުޅަ އެއްބައި ނުވަތަ ހަބައިކުޅަ އެއްބައި ނުވަތަ ފަސްބައިކުޅަ އެއްބައި ނުވަތަ ހަތަރުބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި މެނުވީ ނުލިޔެވޭނެހެން އޭނާ ނަމާދުން އަވަދިވެގެން ދެއެވެ.”
ތިންވަނަ ޞިފައަކީ: ޒަކާތް ދިނުމެވެ.
﴿وَآتَوُا الزَّكَاةَ﴾
މާނައީ: “އަދި ޒަކާތްދީއުޅޭ މީހުންނެވެ.”
ނަފްސު ރުހިގެންވާ ޙާލު އެއިން މިންވަރެއް އުނިކުރުމެއް ނެތި އޭގެ ޙައްޤުވެރިންނަށް ފުރިހަމައަށް އެ ޒަކާތް އަދާކުރުމެވެ. އަދި އެކަމުން ﷲތަޢާލާގެ ފަޟްލަވަންތަވެރިކަމާއި އެއިލާހުގެ ރުއްސެވުން އެދުމެވެ. ފަހެ ޒަކާތުން އެބައިމީހުންގެ ނަފްސުތައް ޠާހިރުކުރެއެވެ. އަދި އެބައިމީހުންގެ މުދާތައްވެސް ޠާހިރުކުރެއެވެ. އަދި ފާޤިރުންނާއި މިސްކީނުންނާއި އެނޫންވެސް ޙާޖަތް ޖެހިފައިވާ މީސްތަކުންނަށް މަންފާކުރުވައެވެ. ވާޖިބުވެގެންވާ ޒަކާތުގެ ޙައްޤުވެރިންގެ ވާހަކަ ސަތާރަވަނަ މަޖުލީސްގައި އިސްވެ ހިނގައްޖެއެވެ.
ހަތަރުވަނަ ޞިފަ: ހެޔޮކަންކަމަށް އަމުރުކުރުމެވެ.
﴿وَأَمَرُوا بِالْمَعْرُوفِ﴾
މާނައީ: “ހެޔޮކަންތަކަށް އަމުރުކޮށް އުޅޭ މީހުންނެވެ.”
ހެޔޮކަންކަމަކީ، ﷲތަޢާލާއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަމުރުކުރައްވާފައިވާ ވާޖިބު ކަންކަމާއި މުސްތަޙައްބު ކަންކަމެވެ. އެފަދައިން އެބައިމީހުން ހެޔޮކަންކަމަށް އަމުރުކުރަނީ ﷲގެ ޝަރީޢަތް ދިރުވުމުގެ ގޮތުންނާއި އެއިލާހުގެ އަޅުތަކުން އިޞްލާޙު ކުރުމަށްޓަކާ އަދި އެއިލާހުގެ ރަޙްމަތާއި އެއިލާހުގެ ރުއްސެވުން ލިބިގަތުމަށްޓަކައެވެ. ފަހެ މުއުމިނު އަޅާ އަނެއް މުއުމިނުއަޅާއަށްވާ މިޘާލަކީ ބިނާއެއްގެ މިޘާލެވެ. އެ ބިނާ އެކަތި އަނެކެއްޗަށް ބާރުދެއެވެ. ފަހެ އެފަދައިން މުއުމިނު އަޅާ އޭނާގެ ނަފްސަށް އަދި އޭނާގެ ވެރި ރައްބަށް ކިޔަމަންވުމުގައި ޤާއިމުވެ ހުންނަން ލޯބިކުރާ ފަދައިން އޭނާގެ އަޚުންނަށް، ﷲއަށް ކިޔަމަންތެރިވުމުގައި ޤާއިމުވެ ތިބުމަށް ލޯބިކުރާނެއެވެ. އީމާންކަމާއި ތެދުވެރިކަމާއެކު ހެޔޮކަންކަމަށް އަމުރުކުރާ މީހާ، އޭނާ އެ އަމުރުކުރާ ކަމެއްކުރުމުގައި ދެމި ހުރުން ލާޒިމުކުރެއެވެ. އެހެނީ އޭނާ އެކަމަކަށް އެއަމުރުކުރަނީ އީމާންކަމާއި އެކުއެވެ. އަދި އެކަމެއްކުރުމުން ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާވާނެކަމަށް އޭނާ ޤަބޫލުކުރާތީއެވެ.
ފަސްވަނަ ޞިފައަކީ: މުންކަރާތްތައް މަނާކުރުމެވެ.
﴿وَنَهَوْا عَنِ الْمُنكَرِ﴾
މާނައީ: “މުންކަރާތްތައް ނަހީކޮށް އުޅޭ މީހުންނެވެ.”
މުންކަރާތްތަކަކީ ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ، އަޅުކަމާއި އަދި އަޚްލާޤާއި މުޢަމަލާތާ ގުޅުންހުރި ކަންކަމުގައިވާ ބޮޑެތި އަދި ކުދި ފާފަތަކެވެ. މި ހުރިހާކަމެއް ނަހީކުރައްވާފައިވަނީ ﷲގެ ދީން ޙިމާތަޔްކުރުމަށާއި އެއިލާހުގެ އަޅުން ޙިމާޔަތްކުރުމަށާ އަދި ފަސާދައާއި ޢުޤޫބާތުގެ ސަބަބުތަކުން ރައްކާތެރިކުރުމަށްޓަކައެވެ.
ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަމުން ނަހީކުރުމަކީ އުއްމަތާއި އެއުއްމަތުގެ ޢިއްޒަތް ދެމިއޮތުމާއި، އެއުއްމަތް ބައިބައި ނުވެ އެކިއެކި ގޯޅިތަކުން ނުދިޔުމަށްޓަކައި އުއްމަތުގެ އެއްބައިވަންތަކަން ދަމަހައްޓައިދޭ ދެތަނބެވެ. އެހެންކަމުން ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ވެފައިވަނީ، އެކަމަށް ކުޅަދާނަކަން ލިބެގެންވާނަމަ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟެއްގެ ގޮތުގައެވެ.
﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ [١٠٤] وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ﴾ [آل عمران: ١٠٤ ، 105]
މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، ހެޔޮކަންތަކަށް އަމުރުކުރާ އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ. ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށް ފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ ޢަޛާބު އެއުރެންނަށް ހުށްޓެވެ.”
ފަހެ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީކުރުން ނުވާނަމަ މީސްތަކުން އެކި ބައިބަޔަށް ބެހި ވިއްސި ވިހާލިވެފައިވާ ބައެއްގެ ގޮތުގައި ވެއްޖައީހެވެ. އަދި ކޮންމެ ބައެއްވެސް އެބައެއްގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބޭނެތެވެ. އަދި މިއުއްމަތް އެހެން އުއްމަތްތަކުގެ މައްޗަށް މާތްވެގެން ގޮސްފައިވަނީ މިކަމުގެ ސަބަބުންނެވެ.
﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ﴾ [آل عمران: ١١٠]
މާނައީ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ.”
﴿لُعِنَ الَّذِينَ كَفَرُواْ مِن بَنِى إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذلِكَ بِمَا عَصَوْا وَّكَانُواْ يَعْتَدُونَ [78] كَانُواْ لاَ يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ لَبِئْسَ مَا كَانُواْ يَفْعَلُونَ﴾ [المائدة: 78، 79]
މާނައީ: “ދާވޫދު ޢަލައިހިއްސަލާމާއި މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާޢަލައިހިއްސަލާމުގެ ދޫފުޅުމަތީން އިސްރާއީލުގެ ދަރިންނަށް ލަޢުނަތް ލެއްވުނެވެ. އެއީ އެމީހުންގެ އުރެދުމުގެ ސަބަބުންނާ އަދި އެމީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެމީހުންވީ އެމީހުންކުރާ މުންކަރާތް ހުއްޓައިނުލާ އަދި އެހެންމީހުންކުރާ މުންކަރާތް ނަހީ ނުކުރާބަޔަކު ކަމުގައެވެ. އެބައިމީހުން ކުޅަ ކަންތައްތަކުގެ ނުބައިކަމާއެވެ!”
ފަހެ ﷲތަޢާލާ އެކަންކަމަށް އިރުޝާދު ދެއްވާފައިވާ ކަންކަމުގެ ތެރެއިން ހިއްވަރާއި ކެރުންތެރިކަމާއި ޙިއްސީ ބާރުވެރިކަން ތައްޔާރުކުރުމާ އެއްކޮށް، މިދެންނެވި ފަސް ޞިފައިގެ މަތީގައި ޤާއިމުވެ ހުރެއްޖެނަމަ ﷲތަޢާލާގެ އިޛުނަފުޅާލާގެން ނަޞްރު ލިބޭނެއެވެ.
﴿وَعْدَ اللَّهِ لاَ يُخْلِفُ اللَّهُ وَعْدَهُ وَلَاكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ [6] يَعْلَمُونَ ظَاهِراً مِّنَ الْحَيَوةِ الدُّنْيَا وَهُمْ عَنِ الأَخِرَةِ هُمْ غَفِلُونَ﴾ [الروم: 6 ، 7]
މާނައީ: ” އެއީ ﷲގެ ވަޢުދުފުޅެވެ. ﷲ އެއިލާހުގެ ވަޢުދުފުޅާ ޚިލާފުވެވޮޑި ނުގަންނަވާ ހުއްޓެވެ. އެހެނެއްކަމަކު ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ. [6] އެމީހުންނަށް އެނގެނީ މި ދުނިޔޭގެ ޙަޔާތުގެ ބޭރުފުށުން ތަންކޮޅެކެވެ. އަދި އެމީހުން އެވަނީ އާޚިރަތާމެދު މުޅިން ޣާފިލުވެގެންނެވެ. [7]”
ފަހެ އެހާރުން ހީވެސް ނުކުރާ ފަދައިން އުންމަތަށް، ﷲގެ ނަޞްރު ލިބިދާނެއެވެ.
އަދި މުއުމިނު އަޅާ ﷲތަޢާލާގެ ވަޢުދުފުޅަށް ފުރިހަމައަށް އިތުބާރުކުރުމުން، މާއްދީ ސަބަބުތައް ކިތަންމެ ވަރުގަދަވިއަސް އެ ސަބަބުތަކަކީ، އެސަބަބުތައް މެދުވެރި ކުރައްވާ ﷲތަޢާލާގެ ބާރުފުޅާ ބަލާއިރު އެއްވެސް އެއްޗެއް ނޫންކަން އޭނާއަށް އެނގިގެން ދެއެވެ.
ޢާދުބައިގައިގެ މީހުން އެމީހުންގެ ބާރުގަދަކަމަށްޓަކައި ފަޚުރުވެރިވިއެވެ. އެބައިމީހުން ބުނިއެވެ. އަހަރެމެންނަށް ވުރެ ބާރުގަދައީ ކޮންބައެއް ހެއްޔެވެ! ދެންފަހެ ﷲތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُوا بِآيَاتِنَا يَجْحَدُونَ [15] فَأَرْسَلْنَا عَلَيْهِمْ رِيحاً صَرْصَراً فِى أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْىِ فِى الْحَيَوةِ الدُّنْيَا وَلَعَذَابُ الأَخِرَةِ أَخْزَى وَهُمْ لاَ يُنصَرُونَ﴾ [فصلت: 15 ، 16]
މާނައީ: “އެއުރެން ހެއްދެވި ﷲ، އެއުރެންނަށް ވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އަދި ތިމަންއިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވިއެވެ. [15] ފަހެ، ތިމަންއިލާހު އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބުގެ ރަހަ، ތިމަންއިލާހު އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ ޢަޛާބުގެ ނިކަމެތިކަން މާ ބޮޑެވެ. އަދި އެއުރެންނަކަށް ނަޞްރެއް ނުލިބޭނެއެވެ. [16]”
އަދި ފިރުޢައުނު މިޞްރުގެ ވެރިކަމާއި އޭނާގެ ދަށުން ހިނގަހިނގާ ހުރި ފެންއާރުތަކަށްޓަކައި ފަޚުރުވެރިވިއެވެ. ދެންފަހެ އޭނާ އެ ފެންއާރުތަކަށްޓަކައި ފަޚުރުވެރިވަމުން އައި ފެންއާރުތަކެއްފަދަ ފެނެއްގެ ތެރެއަށް އޭނާ ޣަރަޤުކުރެއްވިއެވެ. އަދި އޭނާގެ ވެރިކަން މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވާރުތަކުރެއްވިއެވެ. އެކަލޭގެފާނަކީ ފިރުޢައުނުގެ ނަޒަރުގައި ދެރަ ނިކަމެތި، ދައްކާވާހަކަ ރަނގަޅަށް ބަޔާންވެސް ނުކޮށްދެވޭ ބޭކަލެކެވެ.
ޤުރައިޝުން އެބައިމީހުންގެ މަތިވެރިކަމާއި ޖައްބާރުކަމަށް ފަޚުރުވެރިވިއެވެ. އެބައިމީހުންގެ ގެތަކުން އެބައިމީހުންގެ ވެރިންނާއި ޒަޢީމުންނާއި އެއްކޮށް ބޮޑާކަމާއި ކިބުވެރިކަމާއެއްކޮށް މީސްތަކުންނައް ދެއްކޭހާލު ނުކުމެ ބުންޏެވެ. ބަދުރަށް ނުދެވޭހާ ހިނދަކު އަހަރެމެން އެނބުރި މައްކާއަށް ނުދާނަމެވެ. ފަހެ އެތަނުގައި އަހަރެމެން ބަކަރިކަތިލައި ރާބޮއި މިއުޒިކު ކުޅޭނީއެވެ. އަދި އަހަރެމެންގެ އަޑު ޢަރަބިންނަށް އިއްވާނީއެވެ. ފަހެ އެ ޢަރަބިން އަހަރެމެންދެކެ އަބަދުމެ ބިރުގަންނަ ބައެއްގެ ގޮތުގައި ވެއެވެ. ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އަތްޕުޅުމައްޗަށް އެބައިމީހުން އެންމެ ނުބައި ނިކަމެތިކޮތުގައި ބަލިވެގެން ދިޔައެވެ. އަދި އެބައިމީހުންގެ މުޅަވެފައިވާ ހަށިތައް ބަދުރުގެ ވަޅަކަށް ދަމާފައި ގެންދެވުނެވެ. ފަހެ އެބައިމީހުން ވެގެން ދިޔައީ ޤިޔާމަތާއި ހަމައަށް ނިކަމެތިކަންލިބެގެންވާ ބައެއްގެ ގޮތުގައި، މީސްތަކުންގެ މެދުގައި ވާހަކަދެވޭ ބައެއްގެ ގޮތުގައެވެ.
އަޅުގަނޑުމެން މުސްލިމުން މިޒަމާނުގައިވެސް ނަޞްރުލިބުމުގެ ސަބަބުތަކުގައި ހިފައި އަދި އަޅުގަނޑުމެންގެ ދީނުގެ ވާޖިބު އަދާކުރުން މަތީގައި ދެމިތިބެ، އެހެން މީހުންނަށް ކަނުކޮށް ތަބަޢަވާބައެއްގެ ގޮތުގައި ނުވެ، އަޅުގަނޑުމެން ނާމޫނާބައެއްގެ ގޮތުގައިވެ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު ޒަމާނީ ހަނގުރާމައިގެ ވަސީލަތްތަކުގައި ހިފައިފިނަމަ، ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް އުންމަތުގެ ކުރީގެ ބޭކަލުންނަށްވެސް ނަޞްރު ދެއްވި ފަދައިން ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ﷲތަޢާލާ އެއިލާހުގެ ވަޢުދު ތެދުކުރެއްވިއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރު ދެއްވިއެވެ. އަދި އެއިލާހު ތަޢާލާ އެކަނި ހުރިހާ ޖަމާޢަތްތަކެއް ބަލިކުރެއްވިއެވެ.
اللَّهُمَّ هييء لنا منْ أسبابِ النصرِ ما به نَصْرُنَا وعزتُنا وكرامتُنا ورفعةُ الإِسلام وذُل الكفرِ والعصيانِ إنك جوادٌ كريمُ وصلَّى الله وسلَّم على نبِينا محمدٍ وعلى آلِهِ وصحبِه أجمَعين.
[1] أخرجه ابن حبان في “صحيحه” (5 / 210) برقم: (1889) ( كتاب الصلاة ، ذكر البيان بأن المرء يكتب له بعض صلاته إذا قصر في البعض الآخر ) والنسائي في “الكبرى” (1 / 316) برقم: (614) ( كتاب السهو ، في نقصان الصلاة ) ، (1 / 316) برقم: (615) ( كتاب السهو ، في نقصان الصلاة ) وأبو داود في “سننه” (1 / 290) برقم: (796) ( كتاب الصلاة ، باب ما جاء في نقصان الصلاة ).