އަބޫ ދާވޫދު އެއްޗެއް ވިދާޅުނުވާ ޙަދީޘްތަކާ މެދު ޢިލްމުވެރިންގެ ރައުޔު:
ابن الصلاح ވިދާޅުވިއެވެ.
“އަބޫ ދާވޫދުގެ ފޮތުގައި ގެންނަވާފައިވާ ޙަދީޘަކާމެދު އެކަލޭގެފާނު އެއްޗެއް ވިދާޅުވެފައި ނުވާނަމަ އަދި އެ ޙަދީޘް ޞަޙީޙައިނުގައި (އެބަހީ: ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި) ނުވާނަމަ އަދި ޞަޙީޙާއި ޙަސަން ޙަދީޘް ބަޔާންކުރެއްވި ޢިލްމުވެރިއެއް ޞަރީޙަކޮށް އޭގެ ޙުކުމް ބަޔާންކުރައްވާފައި ނުވާނަމަ، އެއީ އަބޫ ދާވޫދުގެ އަރިހުގައި ޙަސަން ދަރަޖައިގެ ޙަދީޘެއްކަން ތިމަންބޭކަލުންނަށް އެނގިގެން ދެއެވެ. އަދި ފަހަރުގައި އެހެން ބޭކަލެއްގެ އަރިހުގައި އެއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ނުވެދާނެއެވެ.” [1]
އަދި އަބޫ ދާވޫދުގެ އަންނަނިވި ބަސްފުޅާ ބެހޭގޮތުން الحافظ الذهبي ވިދާޅުވިއެވެ.
އަބޫ ދާވޫދު ވިދާޅުވިއެވެ. “އަދި ސުނަނުގައި ޞައްޙަ ޙަދީޘާއި އެއާ ގާތްކުރާ ޙަދީޘްތައް ތިމަން ގެނެސްދީފައި ވާނެއެވެ.”
الحافظ الذهبي މިކަމާ ބެހޭގޮތުން ވިދާޅުވިއެވެ.
“އެކަލޭގެފާނު رحمه الله ވަނީ އެކަލޭގެފާނަށް އިޖުތިހާދުކުރެވުނު މިންވަރަކުން އެ ޝަރުޠު ފުރިހަމަކުރައްވާފައެވެ. އަދި އެ ޙަދީޘުގެ ބަލިކަށިކަން ވަރުގަދަ އޭގައި އިޙްތިމާލު ހުރި ޙަދީޘްތަކާ އަދި އޭގެ ބަލިކަށިކަން އެހާ ވަރުގަދަ ނޫން ޙަދީޘްތައް އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. މިފަދަ ޙާލަތެއްގައި އެކަލޭގެފާނު ޙަދީޘަކާ މެދު އެއްޗެއް ވިދާޅު ނުވުމަކީ އެކަލޭގެފާނުގެ އަރިހުގައި އެ ޙަދީޘް ޙަސަން ދަރަޖައަށް ދިޔުން ލާޒިމުވާ ކަމެއް ނޫނެވެ. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒަމާނުގައި އަލަށް އުފައްދާފައިވާ އިޞްޠިލާޙުގައި މިވާ ޙަސަން ޙަދީޘުގެ ޙުކުމުން ބަލައިފިނަމަ އެއީ އަޞްލު ޙަޤީޤަތުގައި ސަލަފުންގެ ދުވަސްވަރުގައި ޞައްޙަ ޙަދީޘުގެ ތެރޭގައި ހިމެނޭ ބައެކެވެ. އަދި އެއަށް ޢަމަލުކުރުން ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ވާޖިބުވެގެންވާ ޙަދީޘެވެ. ނުވަތަ އެއީ އިމާމު ބުޚާރީ ދޫކޮށްލާފައިވާ ބާވަތުގެ ޙަދީޘެވެ. އެހެނަސް އިމާމު މުސްލިމު ބަލައިގަނެފައިވާ ބާވަތުގެ ޙަދީޘެވެ…
އަބޫ ދާވޫދުގެ ފޮތުގައި އެންމެ މަތީ ދަރަޖައިން ޘާބިތުވެފައިވާ ޙަދީޘަކީ ދެ ޝައިޚުން (އެބަހީ: ބުޚާރީއާއި މުސްލިމުވެސް) ރިވާކުރެއްވި ޙަދީޘްތަކެވެ. އެއީ އެ ފޮތުގެ ގާތްގަނޑަކަށް ދެބައިކޮށްފަ އެއްބައެވެ.
ދެން އެއަށް ފަހުގައި ދެ ޝެއިޚުން ކުރެ އެއް ބޭކަލަކު ދޫކޮށްލާފައިވާ ޙަދީޘްތަކުގެ ތެރެއިން އަނެއް ބޭކަލަކު ޤަބޫލުކުރެއްވި ޙަދީޘެވެ.
ދެން ވަނީ އެ ދެ ބޭކަލުންވެސް ދޫކޮށްލާފައިވާ ޙަދީޘްތަކުގެ ތެރެއިން އޭގެ ސަނަދު ރަނގަޅު އަދި އޭގައި ޢިއްލަތެއް (އެބަހީ: ފޮރުވިފައިވާ މައްސަލައެއް) ނުވަތަ ޝާޛުކަމެއް (އެބަހީ: އިތުބާރު ހިފޭ ރާވީއެއް އެއަށް ވުރެއް އިތުބާރު ހުރި ރާވީއަކާ ޚިލާފަށް ރިވާކޮށްފައި) ނުވާ ޙަދީޘެވެ.
ދެން އެއަށްފަހުގައިވަނީ އޭގެ ސަނަދުގައި ބަލިކަށިކަމެއް ހުއްޓަސް، ދެ މަގަކުން ނުވަތަ އެއަށް ވުރެ އިތުރަށް އެ ޙަދީޘް އައިސްފައިވާތީ އޭގެ ސަނަދު ރަނގަޅުވެފައިވާތީ ޢިލްމުވެރިން އެ ޙަދީޘް ޤަބޫލުކުރައްވާފައިވާ ޙަދީޘެވެ. އޭގެ ތެރެއިން ކޮންމެ ސަނަދެއް އަނެއް ސަނަދަށް ބާރު ދެއެވެ.
ދެން އެއަށްފަހުގައި ވަނީ އޭގެ ރާވީންގެ ޙިފްޡު ބަލިކަށިވުމުން އޭގެ ސަނަދު ބަލިކަށިވެފައިވާ ޙަދީޘެވެ. މިފަދަ ޙަދީޘްތައް އަބޫ ދާވޫދު ބަލައިގެންފައި އެއާ މެދުގައި ޢާންމެ ގޮތެއްގައި އެއްޗެއް ވިދާޅު ނުވެއެވެ.
ދެން އެއަށްފަހުގައި ވަނީ އޭގެ ރާވީންގެ ސަބަބުން ޙަދީޘް ބަލިކަށިވެފައިވާ ޙަދީޘެވެ. އެފަދަ ޙަދީޘަކާ މެދު އަބޫ ދާވޫދު ހަނު ނުހުންނަވައެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ބަލިކަށިކަން އެކަލޭގެފާނު ބަޔާންކުރައްވައެވެ. އަދި ފަހަރުގައި އޭގެ ނުބައިކަން މަޝްހޫރުވެފައިވާ ނަމަވެސް، އެއާ ބެހޭގޮތުން އެއްޗެއް ވިދާޅު ނުވެ ހުންނަވާ ފާނެއެވެ. والله أعلم.” [2]
އަދި الحافظ العراقى ދެކެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނުގެ ބަސްފުޅުގައި: فهو صالح (މާނައީ: އެއީ ރަނގަޅު ޙަދީޘެއް) ކަމުގައި ވިދާޅުވެފައިވާނަމަ އެ ޙަދީޘް ޞައްޙަ ޙަދީޘަކަށްވުން އެކަށީގެން ވެއެވެ. ނުވަތަ އެ ޙަދީޘަކީ ޙަސަނު ދަރަޖައިގެ ޙަދީޘަކަށްވެސް ވެދާނެއެވެ. އެއީ ޙަސަނު ދަރަޖައަކީ ޞަޙީޙު ޙަދީޘާއި ޟަޢީފު ޙަދީޘާ ދެމެދުގައިވާ މެދު ދަރަޖައެއްކަމުގައި ދެކިވަޑައިގަންނަވާ ބޭކަލުންގެ އަރިހުގައެވެ. އަބޫ ދާވޫދު އެފަދައިން ވިދާޅުވާކަމަށް އަޅުގަނޑުމެންނަށް ނަޤުލުވެފައި ނުވެއެވެ. އަދި ޟަޢީފު ނޫން ކޮންމެ ޙަދީޘެއް ޞައްޙަވާނޭ ކަމަށް އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އައުލާވެގެން ވަނީ އަދި ކިއެއް ހެއްޔެވެ! ރަނގަޅު ގޮތަކީ އެކަލޭގެފާނު އެއްޗެކޭ ވިދާޅުނުވާ ޙަދީޘެއް ޞައްޙަ ޙަދީޘެއްގެ ދަރަޖައަށް ނުއުފުލުމެވެ. އެއީ އެކަލޭގެފާނުގެ ރައުޔަކީ ދެވަނަ ބަސްފުޅާ އެއްގޮތް ރައުޔުކަން ނޭނގޭހާ ހިނދެއްގައެވެ. އެކަން ޘާބިތުކުރުމަށް އަޅުގަނޑުމެންގެ ގާތަށް އެކަން ނަޤުލުކުރެވެން ޖެހޭނެއެވެ. [3]
އަދި الحافظ ابن حجر ވިދާޅުވިއެވެ.
“މިހާ ހިސާބުން އެނގިގެން މިދަނީ އަބޫ ދާވޫދު އެއްޗެއް ވިދާޅު ނުވާ ހުރިހާ ޙަދީޘެއް އިޞްޠިލާޙީ ގޮތުން މި ބުނެ އުޅޭ ޙަސަން ދަރަޖައިގެ ޙަދީޘަކަށް ނުވާނޭ ކަމެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ ޙަދީޘްތައް އެކި ބައިތަކަށް ބެހިގެން ވެއެވެ.
1- ޞަޙީޙައިނުގައިވާ ޙަދީޘެއް ނުވަތަ ޞައްޙަ ޙަދީޘެއްގެ ޝަރުޠު ހަމަވާ ޙަދީޘެއް.
2- الحسن لذاته (އެބަހީ: އޭގެ ޛާތުގައި ޙަސަން ދަރަޖާގައި) ވާ ޙަދީޘެއް.
3- އެއަށް ބާރުދޭ ޙަދީޘެއް ވާނަމަ ޙަސަން ދަރަޖައަށް ފޯރާ ޙަދީޘެއް، މި ދެ ބައިގެ ޙަދީޘްތައް އެކަލޭގެފާނުގެ ފޮތުގައި ވަރަށް ގިނައެވެ.
4- ޟަޢީފު ޙަދީޘެއް، އެހެނަސް އެ ޙަދީޘް ރިވާކުރައްވާފައިވަނީ އެމީހެއްގެ ޙަދީޘް ދޫކޮށްލުމަށް ޢިލްމުވެރިން އެއްބަސްވެޑައިގެންފައި ނުވާ ރާވީއެއްގެ އަރިހުންނެވެ. އެކަލޭގެފާނުގެ އަރިހުގައި މިވާ ހުރިހާ ޙަދީޘަކީވެސް ޙުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ޙަދީޘްތަކެވެ.” [4]
އަދި الحافظ محي الدين النووي ވިދާޅުވިއެވެ.
“ޙައްޤު ބަސްފުޅަކީ އެކަލޭގެފާނުގެ ސުނަނުގައިވާ ޙަދީޘްތަކުގެ ތެރެއިން އެކަލޭގެފާނު އެއީ ޞައްޙަ ޙަދީޘެއްކަމުގައި ބަޔާންކުރައްވާފައި ނުވާ އަދި އެބޭކަލެއްގެ ބަހުގައި ބުރަދަން ހުރި ބޭކަލަކު އެ ޙަދީޘް ޞައްޙަ ނުވަތަ ޙަސަނު ކޮށްފައި ނުވާ ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. އެހެނަސް އެބޭކަލެއްގެ ބަހުގައި ބުރަދަން ހުރި ބޭކަލަކު އެއީ ޟަޢީފު ޙަދީޘެއްކަމުގައި ވިދާޅުވެއްޖަނަމަ ނުވަތަ ސަނަދުތައް އެނގޭ މީހަކަށް އެ ސަނަދު ޟަޢީފުވާފަދަ ކަމެއް ފެނިއްޖެނަމަ އަދި އެއަށް ބާރުދޭ ސަނަދެއް ނުވާނަމަ އެއީ ޟަޢީފު ޙަދީޘެއްކަމުގައި ކަނޑަ އެޅޭނެއެވެ. އަދި އަބޫ ދާވޫދު އެ ޙަދީޘާމެދު އެއްޗެއް ވިދާޅު ނުވެ އޮތުމުން އެ ޙާލަތުގައި އެކަމަކަށް ނުބެލޭނެއެވެ.”
މި ބަސްފުޅާ މެދު ابن حجر ވިދާޅުވިއެވެ.
“މި މައްސަލަ ތަޙުޤީޤުކުރުމުން އަންނަ ނަތީޖާއަކީ މިއީއެވެ.” [5]
__________________________
= ނުނިމޭ =
[1] ابن الصلاح: علوم الحديث (ص: 33).
[2] سير أعلام النبلاء (13 / 214 – 215).
[3] الحافظ العراقي: التقييد والإيضاح (ص: 40).
[4] الحافظ ابن حجر: النكت (1 / 435).
[5] المصدر السابق (1 / 444).