الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އުސާމަތު ބުން ޒައިދުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ» [رواه الترمذي (2035) وصححه الألباني في المشكاة (3024)]
މާނައީ: “އެމީހަކަށްޓަކައި ހެޔޮކަމެއް ކޮށްދެވުމުން، އެ ހެޔޮކަން ކޮށްދިން ފަރާތަށް جَزَاكَ اللَّهُ خَيْرًا ‘ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި’ އޭ ބުނެފިނަމަ، ފަހެ ހަމަކަށަވަރުން އެކަންތައް ކޮށްދިން ފަރާތަށް އެމީހާ ރަނގަޅަށް ޘަނާ ފޯރުކޮށްދީފިއެވެ. (އެބަހީ: ޝުކުރު އަދާކުރުން ޙައްޤުގޮތުގައި ޝުކުރު އަދާކޮށްފިއެވެ.)”
ޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އަދި މިއީ ޙަސަން ޞަޙީޙު ޙަދީޘެއް ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ.
ޙަދީޘްގެ ޝަރަޙަ
މިއީ ދުޢާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ ތެރޭގައި މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އުސާމަތު ބުން ޒައިދުގެފާނުގެ އަރިހުން ރިވާވެގެންވާ މި ޙަދީޘް ހިމެނިގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
“އެމީހަކަށްޓަކައި ހެޔޮކަމެއް ކޮށްދެވުމުން، އެ ހެޔޮކަން ކޮށްދިން ފަރާތަށް جَزَاكَ اللَّهُ خَيْرًا ‘ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި’ އޭ ބުނެފިނަމަ، ފަހެ ހަމަކަށަވަރުން އެކަންތައް ކޮށްދިން ފަރާތަށް އެމީހާ ރަނގަޅަށް ޘަނާ ފޯރުކޮށްދީފިއެވެ. (އެބަހީ: ޝުކުރު އަދާކުރުން ޙައްޤުގޮތުގައި ޝުކުރު އަދާކޮށްފިއެވެ.)”
މީހަކު ތިބާއަށް ހެޔޮކަމެއް ކޮށްދީފިނަމަ، ނޫނީ އެހީއެއް ވެދީފިނަމަ، ނޫނީ ޢިލްމެއް ފޯރުކޮށްދީފިނަމަ އަދި މިނޫން ކަމަކުން ވިޔަސް ތިބާއަށް ކަމެއް ކޮށްދީފިނަމަ، ފަހެ އެމީހަކަށް އެކަމުގެ ބަދަލު ދިނުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ» [رواه أبو داود (1672) وصححه الألباني في المشكاة (1943)]
މާނައީ: “ތިޔަބައިމީހުންނަށް މީހަކު ހެޔޮކަމެއް ކޮށްދީފި ނަމަ، އެމީހަކަށް އޭގެ ބަދަލު ދޭހުށިކަމެވެ.”
ބަދަލުދިނުންވަނީ މީސްތަކުންގެ ޙާލަތުގެ މައްޗަށް ބިނާކޮށެވެ. މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް، އެމީހަކު ތިބާއަށް ދިން އެއްޗަކާ އެއްފަދަ އެއްޗެއް ނުވަތަ އެއަށް ވުރެ ގިނައިން ދިނުމުން އެއީ ބަދަލެއްކަމުގައި ވެގެންދެއެވެ. އަދި އަނެއްބައި މީހުންނަށް ދުޢާކޮށް ދިނުމުންވެސް އެއީ ބަދަލެއްކަމުގައި ވެގެންދެއެވެ. އަދި މުދަލުން ބަދަލު ދިނުމަށް ބައެއް މީހުން ނުރުހެއެވެ. ފަހެ އެމީހެއްގެ މިލްކުގައި ގިނަ މުދާ ހުރި، މީހުންގެ ކުރިމަތީ އެމީހެއްގެ ޤަދަރުހުރި ޝަރަފުވެރި މީހަކު ތިބާއަށް ހަދިޔާއެއް ދިނުމުން، އެ ހަދިޔާއާ އެއްފަދަ އެއްޗެއް ތިބާ އެމީހާއަށް ދީފިނަމަ، އެމީހާއަށް ފަހަރުގައި ކުޑައިމީސް ކަމެއްގެ ގޮތުގައި އެކަން ވެދާނެއެވެ. ނަމަވެސް އެފަދަ މީހާއަށްޓަކައި، ތިބާ ﷲ އަށް ދުޢާކުރާށެވެ.
«فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ، فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ» [رواه أبو داود (1672) وصححه الألباني في المشكاة (1943)]
މާނައީ: “ފަހެ ތިޔަބައިމީހުންނަށް ބަދަލުގެ ގޮތުގައި ދޭނެ އެއްޗެއް ނުލިބިއްޖެނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެމީހަކަށް ބަދަލު ދެވިއްޖެކަމަށް ފެންނަންދެން އެމީހަކަށް ދުޢާ ކޮށްދޭށެވެ.”
އެގޮތުން ތިބާ އެމީހާއަށް جَزَاكَ اللَّهُ خَيْرًا އޭ ބުނުން އެކަމުގައި ހިމެނިގެން ވެއެވެ. މީހަކު ތިބާއަށް އެއްޗެއް ދީފިނަމަ ނުވަތަ ތިބާއަށް މަންފާއެއް ކޮށްދީފިނަމަ، ފަހެ ތިބާ އެމީހާއަށް “جَزَاكَ اللَّهُ خَيْرًا” މިހެން ބުނާށެވެ. މިގޮތަށް ބުނެފިކަމުގައިވާނަމަ ފަހެ ހަމަކަށަވަރުން ތިބާ އެމީހާއަށް އެކަށީގެންވާ ޘަނާ ފޯރުކޮށްދީފިއެވެ. އެއީ ﷲ ތަޢާލާ އެމީހަކަށް ހެޔޮ ޖަޒާ ދެއްވައިފިނަމަ، އެކަން ވާހުށީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށްވާ ބާއްޖަވެރިކަމަކަށެވެ.
____________________
މަޞްދަރު: شرح رياض الصالحين للشيخ محمد بن صالح العثيمين (6 / 49 – 50).