ދިހަވަނައީ: ރޯދައަށް ހުރެ ޙިޖާމާ ޖެހުން
ރޯދައަށް ހުރެ ޙިޖާމާ ޖަހާ މީހާގެ ރޯދައިގެ ޙުކުމާމެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ.
ފުރަތަމަ ރައުޔު: ރޯދައަށް ހުރެ ޙިޖާމާ ޖަހައިގެން ރޯދަ ނުގެއްލޭނެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، މާލިކީ އަދި ޝާފިޢީ- ދަންނަބޭކަލުންގެ މަޛްހަބެވެ.
ދެވަނަ ރައުޔު: ރޯދައަށް ހުރެ ޙިޖާމާ ޖަހައިގެން ރޯދަ ގެއްލޭނެއެވެ. [1] މިއީ ޙަންބަލީ މަޛްހަބުގެ އެކަހެރި ރައުޔެކެވެ. އިބްނު ތައިމިއްޔާ [2] އާއި އިބްނު ބާޒް އަދި އިބްނު ޢުޘައިމީނުގެ ރައުޔަކީވެސް މިއެވެ.
އެގާރަވަނައީ: ރޯދަވެރިޔާ ފަޞްދު[3] ކުރުމުގެ ޙުކުމު
ފަޞްދު ކުރުމުގެ ސަބަބުން ރޯދަވެރިޔާގެ ރޯދައަށް އަސަރެއް ކުރުމާމެދު ދަންނަބޭކަލުންގެ މެދުގައި ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ.
ފުރަތަމަ ރައުޔު: ފަޞްދުކުރުމުގެ ސަބަބުން ރޯދަވެރިޔާގެ ރޯދަ ފާސިދު ނުވާނެއެވެ. މިއީ ޖުމުހޫރު -ޙަނަފީ، މާލިކީ އަދި ޝާފިޢީ- ދަންނަބޭކަލުންގެ މަޛްހަބެވެ.
ދެވަނަ ރައުޔު: ފަޞްދުކުރުމުގެ ސަބަބުން ރޯދަވެރިޔާގެ ރޯދަ ގެއްލޭނެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު ތައިމިއްޔާއާއި އިބްނު ބާޒް އަދި އިބްނު ޢުޘައިމީން އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި ސަޢުދީ ފަތުވާ މަޖިލީހުން ފަތުވާ ދެއްވައިފައިވަނީވެސް މި ރައުޔަށެވެ.
ބާރަވަނައީ: މެޑިކަލް ޓެސްޓެއް ހެދުމަށްޓަކައި ލޭ ނެގުން
މެޑިކަލް ޓެސްޓެއް ހެއްދުމަށް ލެއިން މިންވަރެއް ނެގުން ރޯދައަށް ހުންނަ މީހާއަށް ހުއްދަވެގެން ވެއެވެ. (އެކަމުގެ ސަބަބުން އޭނާގެ ރޯދައަށް އަސަރެއް ނުކުރާނެއެވެ.) މިއީ އިބްނު ބާޒް އަދި އިބްނު ޢުޘައިމީނު އިޚްތިޔާރުކުރެއްވި ރައުޔެވެ.
[1] މި ރައުޔަށް ބިނާ ކޮށް؛ ޙިޖާމާއިން ހަށިގަނޑަށް ކުރާފަދަ އަސަރެއް ހަށިގަނޑަށް ކުރުވާ މިންވަރަށް ލޭ ނެގުން ނުވަތަ ލޭ ހަދިޔާ ކުރުންވެސް ރޯދައަށް ހުންނަ މީހާއަށް ޙުއްދަ ނުވާނެއެވެ.
ބައްލަވާ: (މަޖުމޫޢު ފަތާވާ އިބްނު ބާޒް: 15/272)، (އިބްނު ޢުޘައިމީނުގެ އައްޝަރްޙުލްމުމްތިޢު: 6/351)، (ފަތާވާ އައްލަޖަނާ އައްދާއިމާ – އަލްމަޖުމޫޢާ އައްޘާނިޔާ: 9/179)
[2] އިބްނު ތައިމިއްޔާ ވިދާޅުވެފައި ވެއެވެ. “އަޙްމަދު ބްނު ޙަންބަލު، އިސްޙާޤު ބްނު ރާހަވައިހި، އިބްނު ޚުޒައިމާ އަދި އިބްނުލްމުންޛިރު ފަދަ އަދި މި ނޫނަސް ޙަދީޘް ޢިލްމުވެރީން ކުރެ ފިޤުހުވެރި ބޭބޭކަލުންގެ ބަހަކީ ރޯދައަށް ހުރެ ޙިޖާމާ ޖަހައިގެން ރޯދަ ގެއްލޭނެއެވެ.” (މަޖުމޫޢުލް ފަތާވާ 25/252).
[3] ލޭ ބޭރުކުރުމަށް ނާރެއް ކެނޑުން
މަޞްދަރު: ملخص فقه العبادات