بسم الله الرحمن الرحيم
ޙަމްދުވަނީ ﷲ އަށެވެ. އަޅަމެން އެއިލާއަށް ޙަމްދުކުރަމެވެ. އަދި ހުރިހާ ކަމެއްގައިވެސް އެއިލާހުގެ ޙަޟްރަތުން ވާތްގަތް އެދި ދަންނަވަމެވެ. އަދި އަޅަމެން އެއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދެމެވެ. އަޅަމެންގެ ނަފްސުގެ ނުބައިކަމުންނާ އަދި އަޅަމެންގެ ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އެއިލާހު ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރައްދާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެލާހު މަގުފުރައްދައިފި މީހަކަށް ހިދާޔަތް ދައްކަވާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ ކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއިލާހު އެކަލޭގެފާނު ފޮނުއްވީ މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލެއް ކަމުގައްޔާ އަދި އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. ފަހެ އެކަލޭގެފާނު އުންމަތަށް ހުރިހާ ހެޔޮކަމެއް ބުނެދެއްވިއެވެ. އަދި އެންމެހާ ނުބަޔަކުން ރައްކާތެރިވުމަށް އެންގެވިއެވެ.
ޔާﷲ! އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާ އަދި އެކަލޭގެފާނުގެ މަގު އިޚްތިޔާރުކުރި ކޮންމެ މީހަކަށް ޤިޔާމަތާ ހަމައަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!
އެއަށްފަހު ދަންނާށެވެ!
ލޮބުވެތި އެންމެހާ އަޚުންނޭވެ! ފަހެ އަޅުގަނޑު މިރޭ ވާހަކަ ދައްކާލަން ޤަޞްދުކުރަނީ ސަޢޫދީ ޢަރަބިއްޔާގެ ޝައިޚުންގެ ތެރެއިން ޝައިޚަކާ ބެހޭގޮތުންނެވެ. އެއީ މުޅި ސަޢޫދީ ޢަރަބިއްޔާ ދަންނަ ބޭފުޅެކެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މުޅި އިސްލާމީ އުންމަތް ދަންނަ ބޭފުޅެކެވެ. އެއީ (ޝަރުޢީ) ޢިލްމަށް ލޯބިކުރެއްވި އަދި އެ ޢިލްމު ފެތުރެއްވުމަށް އިންތިހާއަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެކެވެ. އަދި ޢިލްމު އުނގެނޭ ދަރިވަރުންނަށް ވަރަށް ފައިދާކުރެއްވި ބޭފުޅެކެވެ. ދަންނާށެވެ! އެއީ އައްޝައިޚް އަލްޢައްލާމާ މުޙައްމަދު ބުން ޞާލިޙު ބުން ޢުޘައިމީން – رحمه الله – އެވެ. ﷲ ތަޢާލާ ޝައިޚުގެ ފާފަ ފުއްސަވައި ދެއްވައި، އެއިލާހުގެ ތަނަވަސް ވެގެންވާ ސުވަރުގެ މިންވަރު ކޮށްދެއްވާށިއެވެ!
އަޅުގަނޑު ބުނަމެވެ. މަރުގެ ސަބަބުން އިސްލާމީ އުންމަތަށް ދިމާވި އެންމެ ބޮޑު މުޞީބާތެއް ދިމާވީ އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم އަވާހަރަވުމުންނެވެ. މި މުޞީބާތަށް ފަހު އުންމަތަށް ދިމާވާ އެންމެ ބޮޑު މުޞީބާތްތަކަކީ އެކަލޭގެފާނުގެ ވާރިޘުން (އެބަހީ: ޢިލްމުވެރިން) އަވަހާރަވުމެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا، وَلَا دِرْهَمًا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ» [1]
މާނައީ: “ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން (ވާރުތަވެރިން)ނެވެ. އަދި ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި ދީނާރެއް ނުވަތަ ދިރުހަމެއް ދޫ ނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ (ޢިލްމު) ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.”
އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ހެޔޮ ނަޞީބު ލިބިގެންވާ ޢިލްމުގައި ހިއްޕެވިއެވެ. އަދި މި ޢިލްމު ފެތުރުމުގައްޔާއި ޢިލްމު އުނގެނޭ ދަރިވަރުންނަށް ފައިދާ ކުރެއްވުމުގައި އިންތިހާއަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
އަޅުގަނޑު ވާހަކަ ދައްކާލާނީ މި ހެޔޮވެގެންވާ ޝައިޚްގެ ނަސަބާއި، އެކަލޭގެފާނުގެ އުފަންވުމާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ޝައިޚުންނާއި، ދަރިވަރުންނާއި، އެކަލޭގެފާނު ޢިލްމަށާ އަދި ދަޢުވަތަށް ދެއްވި އަހައްމިއްޔަތާއި، އެކަލޭގެފާނު ލިޔުއްވާފައިވާ ބައެއް ފޮތްތަކާއި، މީސްތަކުންގެ ތެރޭ އެކަލޭގެފާނުގެ މަޤާމާއި، އެކަލޭގެފާނު އަވަހާރަވުމާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާ އަދި ކިޔަވާ ދަރިވަރުންނަށް ހުރި ބައެއް ވަޞިއްޔަތްތަކާ ބެހޭގޮތުންނެވެ.
ފުރަތަމައީ: އެކަލޭގެފާނުގެ ނަސަބުފުޅު
އެއީ މުޙައްމަދު ބުން ޞާލިޙު ބުން މުޙައްމަދު ބުން ސުލައިމާނު ބުން ޢަބްދުއްރަޙްމާނު ބުން ޢުޘްމާނު ބުން ޢަބްދުﷲ ބުން ޢަބްދުއްރަޙްމާނު އިބްނު އަޙްމަދު ބުން މުޤްބިލް އެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ ބަނޫ ތަމީމްގެ އަލްވަހަބާ ޢާއިލާއަށެވެ. އެކަލޭގެފާނުގެ ހަތަރުވަނަ ކާފާފުޅަކީ ޢުޘްމާނެވެ. މި ޢާއިލާގެ ބޭފުޅުން މަޝްހޫރުވެފައިވަނީ މި ޢުޘްމާނަށް ނިޞްބަތް ކުރެވިގެންނެވެ. ޢުޘައިމީން ނެގިފައިވަނީ ޢުޘްމާނު މި ނަމުންނެވެ.
މި ނަސަބާއި ބެހޭގޮތުން އަޅުގަނޑަށް ކިޔައިދެއްވީ ޝައިޚުގެ ބޮޑުބޭބެގެ ދަރިއެއްކަމުގައިވާ އައްދުކްތޫރު ޢަބްދުއްރަޙްމާނު އިބްނު ސުލައިމާނު ބުން ޢުޘައިމީނެވެ.
[ބައްލަވާ: އައްޝައިޚް ޢަބްދުﷲ އާލުބައްސާމު ލިޔުއްވާފައިވާ علماء نجد خلال ستة قرون (2 / 422)]
މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.
[1] رواه أبو داود (٣٦٤١) وغيره، وسنده حسن.