الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾ فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا ﴿٦٢﴾ قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾ قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا ﴿٦٤﴾ فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾ قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴿٦٦﴾ [سورة الكهف ٦٠ – ٦٦]
މާނައީ: “މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ދެ ކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށް ދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާ ހުށީމެވެ. [60] ފަހެ އެ ދެ ކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް ވާޞިލުވެވުނު ހިނދު، އެ ދެކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނި މަގަކުން ލައިގެން ކަނޑުގެ ތެރެއަށް ހިނގައްޖެއެވެ. [61] ފަހެ އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ. [62] އެ ޚާދިމު ކުއްޖާ ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެ މަތީގައި ތިމަންމެން މަޑުކޮށްލި ހިނދު، ހަމަކަށަވަރުން ތިމަން އެ މަހުގެ މަތިން ހަނދާން ނެތުނީއެވެ. އަދި އެ މަހުގެ މަތިން ތިމަން ހަނދާންކުރުން ހަނދާން ނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން ފަރާތެއް ނޫނެވެ. އަދި އެ މަސް އަޖައިބެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ. [63] އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މި އުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ. [64] ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންއިލާހުގެ އަޅުންގެ ތެރެއިން (ޚާއްޞަ) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަން އިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަން އިލާހުގެ ޙަޟްރަތުން ޚާއްޞަ ޢިލްމެއް އުނގަންނައި ދެއްވީމެވެ. [65] އެބޭކަލަކަށް މޫސާގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާނެކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާވަންތޯއެވެ؟ [66]”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ﴾ [سورة الكهف ٢٨]
މާނައީ: “އަދި އެބައިމީހުންގެ ރައްބުގެ ވަޖުހުފުޅު އެދިގެން، އެއިލާހަށް ހެނދުނާއި ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ!”
ޝަރަޙަ
ހެޔޮކަމުގެ އަހުލުވެރިންނަށް ޒިޔާރަތްކުރުމާއި އެބައިމީހުން ދެކެ ލޯބިވުމާއި އެބައިމީހުންނާ އެކުވެރިކަން ބަދަހިކުރުމާ އަދި އެބައިމީހުންގެ ފަރާތުން ޒިޔާރަތްކުރުމަށް އެދި ދެންނެވުމުގެ ބާބު މުއައްލިފު ވަނީ ޒިކުރުކުރައްވާފައެވެ.
ހެޔޮކަމުގެ އަހުލުވެރިންނަކީ ޢިލްމުގެ އަހުލުވެރިންނާއި އީމާނުގެ އަހުލުވެރިންނާ އަދި ޞާލިޙު އަޅުތަކުންނެވެ. މި ބައިމީހުން ދެކެ ލޯބިވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެހެނީ އީމާންކަމުގެ އެންމެ ވަރުގަދަ ގުޅުމަކީ ﷲއަށްޓަކައި ލޯބިވުމާ އަދި ﷲއަށް ޓަކައި ރުޅިއައުމެވެ. އިންސާނާ އެހެންމީހެއް ދެކެ ލޯބިވަނީ ﷲ އަށް ޓަކައި ކަމުގައިވަނީނަމަ އަދި އޭނާ އެހެންމީހެއް ދެކެ ރުޅި އަންނަނީ ﷲ އަށްޓަކައި ކަމުގައި ވަނީނަމަ، ފަހެ މިއީ މިކަމުގެ ސަބަބުން އެ އިންސާނާއަށް ﷲގެ ވިލާޔަތު ހާޞިލުވެގެންދާނޭ ކަމަކެވެ.
ހެޔޮކަމުގެ އަހުލުވެރިންގެ މަޖިލީހެއްގައި ތިބާ އިށީނދެއްޖެ ކަމުގައި ވަނީނަމަ، ފަހެ ތިބާވަނީ ހެޔޮކަމެއްގެ މަތީގައެވެ. އެއީ ހަމަކަށަވަރުން ނަބިއްޔާ صلى ﷲ عليه وسلم ވަނީ ޞާލިޙު އަޅުތަކުންނާ މަޖިލިސްކުރުން، ގޮމަކަސްތޫރި އުފުލާ މީހަކާ މަޖުލީސްކުރުންފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ފަހަރެއްގައި އެމީހާ ތިބާއަށް އޭގެން ބައެއް ދީފާނެއެވެ. ނޫނީ އޭގެން ބައެއް ތިބާއަށް ވިއްކަފާނެއެވެ. ނޫނީ ތިބާއަށް އެމީހާގެ ފަރާތުން މީރުވަސް ދުވާނެއެވެ.
އަދި އެފަދައިން ހެޔޮކަންކަމުގެ ތެރެއިން، އެބައިމީހުންގެ ލޯބި ތިބާއަށް ލިބޭނޭ ކަންކަމުގައި އެބައިމީހުންގެ އަރިހުން ތިބާއަށް ޒިޔާރަތްކުރުމަށް އެދުމާ އަދި ތިބާގެ ގާތަށް އައުމަށް އެދުމަކީ އެދެވިގެންވާ ކަމެކެވެ.
ދެން އެއަށްފަހު މުއައްލިފު ވަނީ މޫސާ عليه السلام އާއި އަލްޚަޟިރުގެ ވާހަކަ ޛިކުރުކުރައްވާފައެވެ. ފަހެ ހަމަކަށަވަރުން މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވިއެވެ.
﴿وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا﴾ [سورة الكهف ٦٠]
މާނައީ: “މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށް ދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާ ހުށީމެވެ.”
އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާވަނީ އެކަލާނގެ އަޅުތަކުންގެ ތެރެއިން އެބޭކަލަކަށް އެކަލާނގެ ރަޙުމަތް ލައްވާފައިވާ އަދި އެކަލާނގެ ޙަޟްރަތުން އެބޭކަލަކަށް ޢިލްމު އުނގަންނަވައިދެއްވާފައިވާ ބޭކަލެއްގެ ޚަބަރު މޫސާގެފާނަށް ދެއްވާފައެވެ. ދެންފަހެ މޫސާގެފާނު އެބޭކަލަކާ ބައްދަލުވަންދެން އެބޭކަލެއް ހޯއްދެވުމަށް ދަތުރުކުރެއްވިއެވެ. މި ދެ ބޭކަލުންގެ ވާހަކަ މާތް ﷲ ވަނީ ކަހްފު ސޫރަތުގައި ތަފުޞީލުކޮށް ޛިކުރުކުރައްވާފައެވެ.
________________
މަޞްދަރު: شرح رياض الصالحين للشيخ محمد بن صالح العثيمين (3 / 240 – 241).