ސުނަނު އަބީ ދާވޫދަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:
ކުތުބުއްސިއްތާގެ ފޮތްތަކާ އަދި އެހެނިހެން ޙަދީޘް ފޮތްތަކަށް ޢިލްމުވެރިން އަހަންމިއްޔަތުކަން ދެއްވާފައިވާ ފަދައިން މި ފޮތަށްވެސް އެބޭކަލުން އަހަންމިއްޔަތުކަން ދެއްވާފައިވެއެވެ. އެހެނަސް (މި ފޮތާމެދު) ފެނިގެންދާ (ތަފާތު) ކަމަކީ ސުނަނުގެ އެހެން ފޮތްތަކުގެ މައްޗަށް ޢިލްމުވެރިން މި ފޮތަށް އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެވެ. އަދި ފިޤުހުގެ އަހުލުވެރިންގެ އަރިހުގައި މި ފޮތްވަނީ ދެ ޞަޙީޙަށް ފަހުގައިވާ ދަރަޖައެއް ދެއްވާފައެވެ. އެއީ މިފޮތުގައި ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތައް ވާތީއެވެ. އެހެންކަމުން އެބޭކަލުން މި ފޮތް ޚުލާޞާކުރައްވާ އަދި މި ފޮތަށް ތަޢުލީޤު ކުރައްވާފައި (ނޯޓުތައް ލިޔުއްވާފައި) ވެއެވެ. އަދި ކުތުބުއްސިއްތާގެ ރާވީންގެ ވަނަވަރުތައް ބަޔާންކުރެއްވި އިރުގައި މިފޮތުގެ ރާވީންގެ ވަނަވަރުތައްވެސް ބަޔާންކުރެއްވިއެވެ.
خطيب البغدادي ވިދާޅުވިއެވެ.
“އަބޫ ދާވޫދު ބަޞްރާގައި އުޅުއްވިއެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން އެކަލޭގެފާނު ބަޣުދާދަށް ވަޑައިގެންނެވިއެވެ. އަދި ސުނަނުގައި އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތް އެތަނުގައި ރިވާކުރެއްވިއެވެ. އަދި އެތަނުގެ އަހުލުވެރިން އެކަލޭގެފާނުގެ އަރިހުން އެފޮތް ނަޤުލުކުރެއްވިއެވެ.
ބުނެވޭ ގޮތުގައި އެކަލޭގެފާނު އެ ފޮތް ލިޔުއްވީ ވަރަށް ކުރިންނެވެ. އަދި އެ ފޮތް އަޙުމަދު ބުން ޙަންބަލަށް ހުށަހެޅުއްވުމުން އެއީ ރަނގަޅު، މޮޅު ފޮތެއްކަމުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ.”
ދެން އެއަށް ފަހުގައި އެކަލޭގެފާނު ވިދާޅުވިކަމަށް، އަބޫ ބަކުރު ބުން ދާސާގެ އަރިހުން ޛިކުރުކުރެއްވިއެވެ.
“ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަންކަލޭގެފާނު ފަސްލައްކަ ޙަދީޘް ރިވާކުރެއްވީމެވެ. ދެން މި ފޮތް – އެބަހީ: ސުނަނަށް – އޭގެން ޙަދީޘްތަކެއް ޚިޔާރުކުރެއްވީމެވެ. މި ފޮތުގައި ހަތަރުހާސް އަށް ސަތޭކަ ޙަދީޘް ޖަމާކުރެއްވީމެވެ. އޭގެ ތެރޭގައި ޞައްޙަ ޙަދީޘާއި އެއާ އެއް ގޮތް ޙަދީޘްތަކާ އަދި އެއާ ގާތްކުރާ ޙަދީޘްތައްވެސް ގެނެސްފައިވާނެއެވެ.” [1]
الخطابي ވިދާޅުވިއެވެ.
“އަބޫ ދާވޫދުގެ ސުނަނަކީ ވަރަށް ޝަރަފުވެރި ފޮތެކެވެ. ދީނީ ޢިލްމުގައި އެވަރު ފޮތެއް ލިޔެފައި ނުވެއެވެ. އެންމެހާ މީސްތަކުންގެ މަޤުބޫލުކަން އެ ފޮތަށް ލިބިފައި ވެއެވެ. އަދި ޢިލްމުވެރިންގެ އެކި ޖަމާޢަތްތަކާއި އެކި މަޛުހަބުތަކުގެ، އެކި ދަރަޖާގައިވާ ފިޤުހުވެރިންގެ މެދުގައި ގޮތް ކަނޑައަޅާ ފޮތެއްކަމުގައި އެފޮތް ވެއްޖެއެވެ. އަދި ޢިރާޤުގެ އަހުލުވެރިންނާއި މިޞްރުގެ އަހުލުވެރިންނާއި މަޣްރިބުގެ ރަށްތަކުގެ އަހުލުވެރިންނާ އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ވަރަށް ގިނަ ރަށްތަކުގެ އަހުލުވެރިން އެ ފޮތަށް ބަރޯސާވެއެވެ.” [2]
މި ފޮތުގެ އެންމެ މުހިންމު ޝަރަޙަތައް:
1 – أبو سليمان حَمْد بن محمد بن ابراهيم الخطابى (އަވަހާރަވީ 388 ހ ގައި) ލިޔުއްވާފައިވާ شرح معالم السنن.
2- الحافظ السيوطي (އަވަހާރަވީ 911 ހ ގައި) ލިޔުއްވާފައިވާ مرقاة الصعود إلى سنن أبي داود .
3- أبو الحسن محمد بن عبد الهادي السندي (އަވަހާރަވީ 1139 ހ ގައި) ލިޔުއްވާފައިވާ فتح الودود على سنن أبي داود .
4 – الشيخ شمس الحق العظيم أبادي (އަވަހާރަވީ 1326 ހ ގައި) ލިޔުއްވާފައިވާ عون المعبود شرح سنن أبي داود .
5 – الشيخ خليل أحمد السهارنفوري (އަވަހާރަވީ 1346 ހ ގައި) ލިޔުއްވާފައިވާ بذل المجهود في حلِّ أبي داود.
__________________________
= ނުނިމޭ =
[1] تاريخ بغداد (9 / 56 – 57).
[2] معالم السنن، المطبوع في حاشية مختصر أبي داود للمنذري (1 / 10 – 11).