أبو عيسىއެކަލޭގެފާނު جامعގައި ގެންގުޅުއްވާފައިވާ މަންހަޖު:
الترمذي އެކަލޭގެފާނުގެ ފޮތް ތަރުތީބުކުރައްވާފައިވަނީ ޖާމިޢު ފޮތްތައް ހުންނަ ގޮތަށް ބާބުތަކެއްގެ މައްޗަށެވެ. އެބާބުތަކުގައި ޙުކުމްތަކާއި އެނޫން ކަންތައްތައް ގެނެސްފައިވެއެވެ. އަދި ކޮންމެ ބާބެއްގައިވެސް ސުރުޚީގެ ގޮތުގައި ގެންނަވާފައިވަނީ އެ ގެނެސްދޭން ބޭނުންވާ މަސްއަލައެކެވެ. ނުވަތަ އެ ޙުކުމެއް ބަޔާންކުރެއްވުމަށްޓަކައި އެ ޙަދީޘް ގެނެސްދޭ ޙުކުމުގެ ވާހަކައެވެ. ކޮންމެ ބާބެއްގައިވެސް ޙަދީޘެއް ނުވަތަ ދެ ޙަދީޘެއް ގެންނަވާފައި ދެން ގެންނަވަނީ އެ ޙަދީޘާ މެދު ފިޤުހުވެރިންގެ ރައުޔާ އަދި އެ ޙަދީޘް ޞައްޙަކުރެއްވުމާއި ޙަސަންކުރެއްވުމާއި ޟަޢީފުކުރެއްވުމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަދި ޙަދީޘްގެ ސަނަދުގެ ދަރަޖައާއި އޭގައި ހުރި ޢިއްލަތްތަކާ (ފޮރުވިފައިވާ މައްސަލަތަކާ) ބެހޭގޮތުން އެކަލޭގެފާނު ވާހަކަދައްކަވައެވެ. އަދި ޙަދީޘް އައިސްފައިވާ މަގުތައް ބަޔާންކުރައްވައެވެ. އަދި އެ ޙަދީޘްގެ ސުރުޚީއާ ގުޅޭ އެހެން ޙަދީޘްތަކެއްވާނަމަ އެކަމަށް އެކަލޭގެފާނު އިޝާރާތްކުރައްވާ ވިދާޅުވެއެވެ. “އަދި މި ބާބުގައި މިވެނި އެވެނި ޞަޙާބީ ބޭކަލެއްގެ އަރިހުން ވާރިދުވެފައިވެއެވެ.” [1]
__________________________
= ނުނިމޭ =
[1] الإمام الترمذي لنور الدين عتر (ص: 45 – 47).