[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ) – 1

بِسْمِ اللهِ الرَّحْمَٰنِ الرَّحِيمِ

الحَمدُ لِلّٰهِ رَبِّ العَالَمِين وَالصَّلَاةُ وَالسَّلَامُ عَلَىٰ خَيْرِ خَلْقِ اللهِ أَجْمَعِينَ مُحَمَّدٍ وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَىٰ يَوْمِ الدِّين.

أَمَّا بَعْدُ:

 

ބަހުގެ ގޮތުން ހެކި

ދިވެހިބަހުގައި ‘ހެކި’ މި ލަފުޒުގެ މާނައަކީ، ނިޝާން ނުވަތަ ފާހަގައެވެ. ހެއްކަކީ ތިމާގެ ބަސް ތެދު ކުރުމަށް ދައްކާ ހަމައެވެ. މި މާނައިން އެނގެނީ ދިވެހިބަހުގައި ހެއްކޭ މި ކިޔަނީ އިސްލާމީ ފިޤުހުގައި ވާ އަލްބައްޔިނާގެ މަފުހޫމަށް ކަމެވެ. އިސްލާމީ ފިޤުހުވެރީންގެ މެދުގައި މި ލަފުޒުގެ މާނައާމެދު ހިސާބަކަށް ޚިލާފެއް ހުއްޓެއްކަމަކު ދިވެހިބަހުގައި ހެކީގެ މާނަކަމުގައި ދީފައިވާ މާނައާއި އަލްބައްޔިނާގެ މާނަ އިސްލާމީ ފިޤުހުގައި މުޅީން ތަފާތު ވެގެން ނުދެއެވެ.

 

ޝަރީޢަތުގައި البَيِّنَةُ

ޖުމުހޫރު ދަންނަބޭކަލުން ދެކިލައްވާ ގޮތުގައި އަލްބައްޔިނާއަކީ ހެކިވެރީންނަށް ބޭނުން ކުރެވޭ މުޞްޠަލަޙެކެވެ.[1] އެއީ ހެކިވެރީންގެ ސަބަބުން ޙައްޤު ފާޅުވެ، މައްސަލައިގައި ފައިޞަލާ ކުރެވޭތީއެވެ. [2]

ޖުމުހޫރު ދަންނަބޭކަލުންނާ ޚިލާފަށް ބައެއް އެހެން ޢިލްމުވެރީން ދެކިލައްވާ ގޮތުގައި އަލްބައްޔިނާއަކީ ހަމައެކަނި ޝަފަހީ ހެކީންނެއް ނޫނެވެ. އެހެނެއްކަމަކު އަލްބައްޔިނާއަކީ ޙައްޤު ފާޅުކޮށް ހާމަ ކުރާ ކޮންމެ ވަޞީލަތެކެވެ.

އިމާމު އިބްނު ތައިމިއްޔާ (ނޔވ 728) ވިދާޅު ވިއެވެ.

“އަލްބައްޔިނާއަކީ ޝަރުޢީ ޙުއްޖަތެވެ. ބައެއް ޙާލަތްތަކުގައި އެއީ ޢަދުލުވެރި ފިރިހެން ދެ ހެކިވެރީންނެވެ. އަދި ބައެއް ޙާލަތްތަކުގައި ހަތަރު ފިރިހެނުންނެވެ. ބައެއް ދަންނަބޭކަލުންގެ އަރިހުގައި، ބައެއް ޙާލަތްތަކުގައި، ތިން ފިރިހެނުންނެވެ. މިއީ އިމާމު އަޙްމަދު (ނޔވ 241) އާއި ޝާފިޢީ މަޛްހަބުގެ ބައެއް ދަންނަބޭކަލުންގެ ރައުޔެވެ. އެއީ އެ މީހަކަށް މުދަލެއް ލިބިގެންވާ މީހެއްގެ އިފްލާސް ދަޢުވާގައެވެ… އަދި އެހެން ބައެއް ޙާލަތްތަކުގައި ޙުއްޖަތްކަމުގައި އެއް ފިރިހެނަކާއި ދަޢުވާ ކުރާ ފަރާތުގެ ހުވައެވެ. މިއީ މި ދީނުގެ ފިޤުހުވެރީން ކުރެ ޙިޖާޒުގެ ބޭކަލުންގެ އަރިހުގައްޔާއި ޙަދީޘް ޢިލްމުގެ ފިޤުހުވެރީންގެ އަރިހުގައެވެ. ބައެއް އެހެން ޙާލަތްތަކުގައި ޙުއްޖަތްކަމުގައި އަންހެނުން ވެއެވެ. އެއީ އަބޫ ޙަނީފާ (ނޔވ 150) އާއި އިމާމު އަޙްމަދު (ނޔވ 241) ގެ އަރިހުން މަޝްހޫރު ރިވާޔަތުގައި އެއްމެ އަންހެނެކެވެ. އިމާމު މާލިކު  (ނޔވ 179) ގެ އަރިހުގައި އަދި އިމާމު އަޙްމަދު (ނޔވ 241) ގެ ކިބައިން އައިސްފައިވާ އެއް ރިވާޔަތުގައިވާ ގޮތުން ދެ އަންހެނުންނެވެ. ނުވަތަ އިމާމު ޝާފިޢީ (ނޔވ 204)ގެ އަރިހުގައި ނަމަ، ހަތަރު އަންހެނުންނެވެ. ބައެއް އެހެން ޙާލަތްތަކުގައި ޙުއްޖަތްކަމުގައި އައްލަވަޘު[3]، އައްލަޠަޚު [4] އަދި އައްޝުބްހައާ އެކު (އެބަހީ: ތުހުމަތުކުރެވޭ ކަމެއް އޮތުމާއެކު) ދަޢުވާ ކުރާ ފަރާތުގެ ފަންސާސް ހުވާ ވެއެވެ. މިއީ ޤަސާމާއެވެ. އެއީ ޙިޖާޒުގެ ގިނަ ދަންނަބޭކަލުންނާއި ޙަދީޘުގެ އަހުލުވެރި ޢިލްމުވެރީންގެ އަރިހުގައި ދަޢުވާ ކުރާ ފަރާތުން ފަށާ ހުވާތަކެވެ.”[5]

މިއީ އިމާމު އިބްނުލްޤައްޔިމާއި (ނޔވ 751) އިމާމު އިބްނު ޙަޖަރުލް ޢަސްޤަލާނީ (ނޔވ 752) އަދި ޢަލާއުއްދީން އައްޠަރާބިލީސީ (ނޔވ 844) ވެސް އިޚްތިޔާރު ކުރެއްވި ރައުޔެވެ.

އިމާމު އިބްނު ޙަޖަރު އަލްޢަސްޤަލާނީ (ނޔވ 752) ވިދާޅުވެފައި ވެއެވެ.

“ބައްޔިނާއަކީ ހަމައެކަނި ޝަފަހީ ހެއްކެއް ނޫނެވެ. އެހެނެއްކަމަކު ޙައްޤު ކަޝްފު ކުރާ ހަމަ ކޮންމެ ވަސީލަތަކަށް ބައްޔިނާއޭ ކިޔައެވެ.”[6]

ޢަލާއުއްދީން އައްޠަރާބިލީސީ (ނޔވ 844) ޝަހާދާގެ މާނަ ބަޔާންކުރައްމުން ވިދާޅުވިއެވެ.

“ދަންނާށެވެ! ހަމަކަށަވަރުން ބައްޔިނާއަކީ ޙައްޤު ބަޔާންކޮށް ފާޅު ކުރާ ކޮންމެ ވަސީލަތަކަށް ކިޔާ ނަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޝަފަހީ ހެކީންނަށް ބައްޔިނާގެ ނަމުން ނަން ދެއްވާފައި ވަނީ އެ މީހުންގެ ހެކިބަހުން [ކަންކަން] ބަޔާންވެ، މައްސަލަ އުފެދޭ ކަންކަން އުފުލިގެން ދާތީއެވެ.”

އިމާމު އިބްނުލްޤައްޔިމު (ނޔވ 751) ވިދާޅު ވިއެވެ.

“ޖުމުލަ ގޮތެއްގައި ބައްޔިނާއަކީ ޙައްޤު ބަޔާންކޮށް ފާޅުކޮށްދޭ ކޮންމެ ވަސީލަތަކަށް ކިޔާ ނަމެކެވެ. ދެ ހެކީންނަށް ނުވަތަ ހަތަރެއް ނުވަތަ އެއް ހެކިބަސްކަމަށް ޚާއްޞަ ކުރި ފަރާތްތަކުން އެ ނަމަށް [އަލްބައްޔިނާ، މި މުޞްޠަލަޙަށް] އޭގެ ޙައްޤު އަދާ ނުކުރެއެވެ. ޤުރުއާނުގެ އެއްވެސް ތަނެއްގައި ދެ ޝަފަހީ ހެކީގެ މާނައިގައި ބައްޔިނާ އައިސްފައި ނުވެއެވެ. އެހެނެއްކަމަކު ބައްޔިނާ ޤުރުއާނުގައި އައިސްފައިވަނީ ޙުއްޖަތް، ދަލީލު އަދި ބުރުހާނުގެ މާނައިގައިއެވެ. އެކަހެރި ގޮތުގައްޔާއި ގިނަ ގޮތުގައެވެ.”[7]

 

ވާޤިޢު

މި ރައުޔަކީ މިއީ މި ޒަމާނުގެ އިސްލާމީ ޤާނޫނީ މާހިރުން އިޚްތިޔާރު ކުރައްވާ ރައުޔުވެސް މެއެވެ.

އެ ގޮތުން ޢުޘްމާނީ މަދަނީ ޤާނޫނު، مَجَلَّةُ الْأَحْكَامُ العَدْلِيَّةގެ 1676ވަނަ މާއްދާގައި ބައްޔިނާގެ ތަޢުރީފު އައިސްފައި ވެއެވެ.

“ބައްޔިނާއަކީ ވަރުގަދަ ޙުއްޖަތެވެ.”

مَجَلَّةُ الْأَحْكَامُ الشَّرْعِيَّة[8]ގެ 2145ވަނަ މާއްދާގައި ވަނީ:

“[ބައްޔިނާއަކީ] ދަޢުވާގައި ބައިވެރިވާ ދެ ޚަޞްމުން ކުރެ ޚަޞްމެއްގެ ޞިދުޤު ފާޅުކޮށްދޭ ސާފުވެގެންވާ ޢަލާމާތެވެ.”[9]

ކުވައިތުގެ ފިޤުހީ މައުސޫޢާގައި އައިސްފައި ވެއެވެ.

“އަލްބައްޔިނާއޭ ކިޔަނީ އެއްޗެއް ފާޅުވެ ބަޔާން ކުރުމަށެވެ… ބައްޔިނާއަކީ ޙައްޤު ބަޔާންކޮށް ފާޅުކުރަނިވި ކޮންމެ އެއްޗަކަށް ކިޔާ ނަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޝަފަހީ ހެކީންނަށް ބައްޔިނާގެ ނަމުން ނަން ދެއްވިއެވެ. އެއީ އެ ހެކީންގެ ހެކިބަހުން ކަމެއް ބަޔާން ވާތީއެވެ. އަދި އޮޅުންބޮޅުންތަކާއި ފުށުއެރުންތައް އެ ހެކީންގެ ހެކިބަހުން ނެތިގެން ދާތީއެވެ.”[10]

 


 

[1] المَبْسُوط لِلسَّرَخْسِي (16/112، 113)، دَارُ المَعرِفَة – بَيْرُوت، 1414. الفَتَاوَىٰ الهِنْدِيَّة (1/571)، دَارُ الفِكْر – بَيْرُوت، 1310. المُدَوَّنَة لِمَالِك بن أَنَس (4/50)، دَارُ الكُتُب العِلْمِيَّة، 1415. الشَّرْحُ الكَبِيرُ لِلرَّافِعِي (13/219)، دَارُ الكُتُبُ العِلْمِيَّة – بَيْرُوت، 1417. شَرْحُ مُنْتَهَىٰ الإِرَادَات لِلْبُهُوتِي (3/555)، عَالم الكُتُب – بَيْرُوت، 1414.

[2] الشَّرْحُ الكَبِيرُ لِلرَّافِعِي (13/219)، دَارُ الكُتُبُ العِلْمِيَّة – بَيْرُوت، 1417. فَتْحُ الوَهَّاب بِشَرْحِ مَنْهَجِ الطُّلَابِ لِزَكَرِيَّا الأَنْصَارِي (2/282)، دَارُ الفكْرِ لِلطَبَاعَةِ وَالنَّشْر، 1414.

[3] “އެއީ ދެބައި މީހުންގެ ދެމެދުގައި ވާ ފާޅުކަން ބޮޑު ޢަދާވާތްތެރިކަމެވެ.” – الأَحْكَامُ السُّلْطَانِيَّة لِأَبِي يَعْلَىٰ الفَرَّاء (ޞ 278)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1421.

[4] އެއީ އޭނާ ގެންގުޅޭ ވަޅީގައި ލޭ ފެނުމެވެ. ބައްލަވާ: المغني لابن قدامة (8 / 493)، مكتبة القاهرة، 1388هـ .

[5]  مَجمُوعُ الفَتَاوَىٰ لِابْن تَيْمِيَّة (35/394 – 395)، مَجْمَعُ المَلِك فَهْد لِطَبَاعَةِ المُصْحَف الشَّرِيف – المدينة المنورة، 1416.

[6]  فَتْحُ الْبَارِي شَرْحُ صَحِيحِ الْبُخَارِي لِابْن حَجَر العَسْقَلَانِيّ (13/160)، دَارُ الْمَعَارِف – بَيْرُوت، 1379.

[7] طُرقُ الحُكْمِيَّة فِي السِّيَاسَةِ الشَّرْعِيَّة لِابْن القَيِّم (1/25)، دَارُ عَالم الفَوائِد – مَكَّة المُكَرَّمَة، 1428.

[8] المَجَلَّةُ الْأَحْكَام الشَّرْعِيَّةއަކީ ސަޢުދީ ޢަރަބިއްޔާގެ ތިންވަނަ ދައުލަތުގެ މުއައްސިސު عَبْد العَزِيز بْن عَبْد الرَّحْمٰن آل سُعُودގެ ވެރިކަމުގައި، އެ ރަސްގެފާނު ފާޅު ކުރެއްވި ޝައުޤުވެރިކަމަށް އިޖާބަ ދެއްވަމުން ޤާޟީ އަޙްމަދު ބްނު ޢަބްދިﷲ އަލްޤާރީ (ނޔވ 1359) ޙަންބަލީ މަޛްހަބުގެ މުޢުތަމަދު ފޮތްފޮތުން ނެރުއްވައި އެކުލަވައިލެއްވި މަޖައްލާއެކެވެ. – مجلة الأحكام الشرعية لِأَحْمَد القَارِي (ޞ 29 – 30)، تِهَامَة – جدَّة، 1401.

[9] مَجَلَّةُ الْأَحْكَامُ الشَّرْعِيَّة (ޞ 624)، تِهَامَة – جدَّة، 1401.

[10]  المَوسُوعَةُ الْكُوَيْتِيَة (14/134)، وُزَارة الأَوْقَافُ وَالشُؤُون الإسلَامِيَّة – الكُوِيْت، 1404.

 

 

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)