[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިރުވެރި ހުވަފެނެއް ފެނުމުން ޢަމަލުކުރަންވީ ގޮތް

މުޤައްދިމާ

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކޮންމެ މީހަކަށްވެސް ބިރުވެރި ހުވަފެނެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. ފަހެ ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ރޭގަނޑު ނިދާއިރު ކިޔާ ޛިކުރުތައް އެމީހެއްގެ ހިތް ޙާޟިރުކޮށްގެން، ވިސްނައިގެން ކިޔުމަކީ މިކަންކަމުން އެމީހަކު ދުރުކުރުވާނެ ކަންކަމެވެ. އަދި ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުތައް ކުރުމާ އަދި ފާފަތަކުން ދުރުހެލިވުމަކީވެސް އެފަދަ ކަންކަމުން ދުރުހެލިކުރުވާނެ ކަންކަމެވެ.

 

 

ބިރުވެރި ހުވަފެނާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ ބައެއް އިރުޝާދުތައް

 

1- ތިބާއަށް ބިރުވެރި ހުވަފެނެއް ފެނުމުން އެ ހުވަފެނުގެ މާނަ ނުވަތަ ތަޢުބީރު ހޯދަން ނޫޅޭށެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އެފަދަ ހުވަފެނަކީ ޝައިޠާނާ މީސްތަކުންނާ ކުޅޭ ކުޅިވަރެއް ކަމަށް ބަޔާންކުރައްވާފައެވެ.

ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ރަށްފުށު ހިސާބުގައި އުޅޭ މީހަކު އައިސް ދެންނެވިއެވެ.

“ތިމަންގެ ބޯ ބުރިވެގެން އަދި އޭގެ ފަހަތުން ތިމަން ދަނިކޮށް ތިމަންނައަށް ހުވަފެނުން ފެނިއްޖެއެވެ.”

ފަހެ އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން ނަބިއްޔާ صلى الله عليه وسلم އޭނާއަށް ޙަދީޘްކުރެއްވިއެވެ.

«لَا تُخْبِرْ بِتَلَعُّبِ الشَّيْطَانِ بِكَ فِي الْمَنَامِ» [رواه مسلم 14 – (2268)]

މާނައީ: “ތިބާއާ ޝައިޠާނާ ކުޅޭ ކުޅިވަރުތަކުގެ ވާހަކަ ނުދައްކާށެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِذَا رَأَى أَحَدُكُمُ الرُّؤْيَا تُعْجِبُهُ فَلْيَذْكُرْهَا وَلْيُفَسِّرْهَا وإذَا رَأَى أَحَدُكُمْ الرُّؤْيَا تَسُوْؤُه فَلَا يَذْكُرْهَا وَلَا يُفَسِّرْهَا» [التمهيد لابن عبدالبر (1 / 288) وصحح إسناده الألباني في السلسلة الصحيحة (1340)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކަށް ކަމުދާ ހުވަފެނެއް ފެނިއްޖެނަމަ އެ ކިޔައިދޭށެވެ. އަދި އެ ތަފްސީރު (އެބަހީ: ތަޢުބީރު) ކުރާށެވެ. އަދި ތިޔަބައިމީހުން ކުރެ މީހަކަށް ކަމު ނުދާ ހުވަފެނެއް ފެނިއްޖެނަމަ އެ ކިޔައި ނުދޭށެވެ. އަދި އެ ތަފްސީރު (އެބަހީ: ތަޢުބީރު) ނުކުރާށެވެ.”

 

2- އަދި އެއީ މީސްތަކުން ދެރަކުރުމަށް އެސޮރު ކުރާކަމެއް ކަމުގައިވެސް އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ.

ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ الرُّؤْيَا ثَلَاثٌ: مِنْهَا أَهَاوِيلُ مِنْ الشَّيْطَانِ لِيَحْزُنَ ابْنَ آدَمَ، وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ، وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ» [رواه ابن ماجة (3907) وصححه البوصيري إسناده في مصباح الزجاجة (4 / 155) والألباني في صحيح الجامع الصغير (3534)]

މާނައީ: “ހަމަކަށަވަރުން ތިން ބާވަތެއްގެ ހުވަފެން ވެއެވެ. އޭގެ ތެރޭގައި ވަނީ އާދަމުގެ ދަރިން ދެރަކުރުމަށްޓަކައި ޝައިޠާނާގެ ކިބައިން އަންނަ ބިރުވެރި ހުވަފެންތަކެވެ. އަދި ހޭލާ ހުންނައިރު މީހަކު ކަންބޮޑުވެގެން އުޅޭ ކަމަކާމެދުވެސް ހުވަފެން ފެނެއެވެ. އަދި ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބައިވެސް ހުވަފެނުން ފެނެއެވެ.”

ޙަދީޘްގައިވާ ތިންވަނަ ބާވަތުގެ ހުވަފެނަކީ ތެދު ހުވަފެނެވެ. ނަބީކަމުގެ ޚަބަރު ތެދުވާ ފަދައިން ހުވަފެނުގެ ބައެއް ހުވަފެންވެސް ތެދު ހުވަފެނަށް ވެއެވެ. އެ ދެ ކަމުގައި އެހެނަސް އެ ނޫން ވަރަށް ގިނަގުނަ ތަފާތުވެއެވެ. [1] އެގޮތުން މުއުމިނުންނަށް ފެންނަ ބައެއް ހުވަފެނަކީ ތެދު ހުވަފެންތަކެވެ. އަދި އެ ހުވަފެނުގައި ފެނުނު ގޮތަށް އެކަމެއް ހިނގާފާނެއެވެ. ހިނގާކަމަކާ ނުވަތަ ހިނގާފާނެ ކަމަކާ މެދު އެފަދަ ތެދު ހުވަފެން ފެނިދާނެއެވެ. އަދި ކަމަކާ މެދު އިންޛާރުކުރުމަށް ނުވަތަ އިރުޝާދެއްގެ ގޮތުގައިވެސް އެފަދަ ހުވަފެން ފެނިދާނެއެވެ. އެފަދަ ހުވަފެނެއް ފެނުމުން ﷲއަށް ޙަމްދުކުރުން ހުއްޓެވެ.

އެހެނަސް ބިރުވެރި ހުވަފެންތަކަކީ އެފަދަ ހުވަފެންތަކެއް ނޫނެވެ.

3- އަދި އެފަދަ ބިރުވެރި ހުވަފެން މީހަކަށް ކިޔައި ނުދިނުމަށާއި އެފަދަ ހުވަފެނެއް ތަޢުބީރު ނުކުރާންވެސް އެކަލޭގެފާނުވަނީ އަންގަވާފައެވެ. އަދި ބިރުވެރި ހުވަފެނެއްގެ ސަބަބުން މުއުމިނަކަށް ގެއްލުމެއް ނުވާނެކަންވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ. އަދި ރަނގަޅު ހުވަފެންތައް ކިޔައިދޭންވާނީ އެމީހަކު ލޯބިވާ، ގާތް މީހުންނަށެވެ.

އަބޫ ސަލަމާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް (ބިރުވެރި) ހުވަފެނެއް ފެނި އޭގެ ސަބަބުން ބަލިވެއެވެ. އެހެން އުޅެނިކޮށް އަބޫ ޤަތާދާ ވިދާޅުވާ އަޑު އިވިއްޖެއެވެ. ހަމަކަށަވަރުން ތިމަންވެސް އެފަދަ ހުވަފެނެއް ފެނުމުން ބަލިވެއެވެ. އެފަދައިން އުޅެނިކޮށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެހީމެވެ.

«الرُّؤْيَا الحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلَّا مَنْ يُحِبُّ، وَإِذَا رَأَى مَا يَكْرَهُ فَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا، وَمِنْ شَرِّ الشَّيْطَانِ، وَلْيَتْفِلْ ثَلاَثًا، وَلاَ يُحَدِّثْ بِهَا أَحَدًا، فَإِنَّهَا لَنْ تَضُرَّهُ» [رواه البخاري (7044)]

މާނައީ: “ރަނގަޅު ހުވަފެންވަނީ ﷲ ގެ ޙަޟްރަތުންނެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު ލޯބިކުރާ ކަމެއް ހުވަފެނުގައި ފެނިއްޖެނަމަ އެމީހަކު ލޯބިވާ މީހެއްގެ ގާތުގައި މެނުވީ އެ ކިޔައި ނުދޭށެވެ. އަދި އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ އޭގެ ނުބައިކަމުންނާ އަދި ޝައިޠާނާގެ ނުބައިކަމުން، ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. އަދި ވައަތް ފަރާތަށް ކުޑަކޮށް ތެތްކަމެއް އަންނާނޭހެން ތިން ފަހަރު ފުމެލާށެވެ. އަދި އެއްވެސް މީހަކަށް އެ ކިޔައި ނުދޭށެވެ. ފަހެ ހަމަކަށަވަރުން އޭގެ ސަބަބުން އޭނާއަކަށް ގެއްލުމެއް ނުވާނެއެވެ.”

 

 

ބިރުވެރި ހުވަފެނެއް ފެނުމުން ޢަމަލުކުރަންވީ ގޮތް

 

ފަހެ ބިރުވެރި ހުވަފެނެއް ފެނުމުން، އެވަގުތުގައި އަންނަނިވި ގޮތަށް ޢަމަލުކުރުން ސުންނަތުން ޘާބިތުވެފައި ވެއެވެ.

  • ވާތްފަރާތަށް ދުލުގެ ކޮޅުން ތެތްކަމެއް އަންނާނޭހެން ތިންފަހަރު ފުމެލާށެވެ. [ބައްލަވާ: صحيح مسلم 1 – (2261)]
  • ޝައިޠާނާގެ ނުބައިކަމުންނާއި ފެނުނު ހުވަފެނުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުން ދަންނަވާށެވެ. [ބައްލަވާ: صحيح البخاري (7044) وصحيح مسلم 1 – (2261)]
  • އެއްވެސް މީހަކަށް އެ ހުވަފެން ކިޔައި ނުދޭށެވެ. [ބައްލަވާ: جامع الترمذي (3453) وصححه الألباني في صحيح الجامع الصغير (549)]
  • އޮށޯވެ އޮތް ފަރާތުން އަނެއް ފަރާތަށް އެނބުރިލާށެވެ. [ބައްލަވާ: صحيح مسلم (2)]
  • ބޭނުންނަމަ ތެދުވެ ނަމާދުކުރާށެވެ. [ބައްލަވާ: صحيح البخاري (7017)]

 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ފަހެ އެކަލޭގެފާނު ވަނީ އެމީހަކަށް (އެބަހީ: ބިރުވެރި ހުވަފެނެއް ފެންނަ މީހަކަށް) ފަސް ކަމަކަށް އަމުރުކުރައްވާފައެވެ. އެއީ: ކުޑަކޮށް ކުޅު އަންނާނޭހެން ވައަތް ފަރާތަށް ފުމުމާއި، ޝައިޠާނާގެ ނުބައިކަމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ރައްކާތެރިކަމަށް އެދުމާއި، އެއްވެސް މީހަކަށް އެ ހުވަފެން ކިޔައި ނުދިނުމާއި، އެމީހާ އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރުމާ އަދި (ނަމާދުކުރުމަށް އެދޭ މީހާ) ތެދުވެ ނަމާދުކުރުމެވެ. އެފަދައިން ޢަމަލުކޮށްފިނަމަ އެ ކަމުނުދާ ހުވަފެނުމުގެ ސަބަބުން އެމީހަކަށް ގެއްލުމެއް ނުކުރާނެއެވެ. އަދި ކިއެއް ހެއްޔެވެ! އޭގެ ސަބަބުން އޭގެ ނުބައިކަން އެމީހެއްގެ ކިބައިން އެއްކިބާ ކުރެއްވޭނެއެވެ.” [2]

 

 

ބިރުވެރި ހުވަފެން ތަޢުބީރުކުރުން

 

ބިރުވެރި ހުވަފެނެއް ފެނުމުން އެ ތަޢުބީރުކުރުމެއް ނުވެއެވެ. އެކަމާ ގުޅުން ހުރި ޙަދީޘްތައް މި ލިޔުމުގައި ބަޔާންވެ ހިނގައްޖެއެވެ. އޭގެ ސަބަބަކީ އެއީ ޝައިޠާނާގެ ކިބައިން އަންނަ އެއްޗަކަށް ވުމާއި، އެއީ މުއުމިނުން ދެރަކޮށް ހިތާމަކުރުމަށް އެސޮރުކުރާ ކަމަކަށް ވުމެވެ. އަދި އެއީ އެސޮރު ކުޅޭ ކުޅިވަރެކެވެ. އަދި އެފަދަ ހުވަފެން ތަޢުބީރު ކުރުމުގެ ފައިދާއެއްވެސް ނުވެއެވެ. އަދި އެކަމުގައި މަޝްޣޫލުވުމެއްވެސް ނުވެއެވެ. ފަހެ އެފަދަ ހުވަފެނަކުން މުއުމިނަކަށް ގެއްލުމެއް ނުވާނެއެވެ.

މި ޒަމާނުގައި ރުޤްޔާކުރާ ބައެއް މީހުން އަދި ސިޙުރު ހަދާ މީހުންވެސް ބިރުވެރި ހުވަފެން ތަޢުބީރުކޮށް އުޅެއެވެ. އެހެނަސް ހުވަފެން ތަޢުބީރުކުރުމަށް ކީރިތި ޤުރުއާނާއި ސުންނަތުގައި ކަނޑައަޅުއްވާފައި ހުންނަ ޤަވާޢިދުތައް އެބައިމީހުންނަށް ނޭނގުމުގެ ސަބަބުން މުއުމިނުންނަށް ހިތާމައާ ބިރުވެރިކަން މެނުވީ އެފަދަ މީހުންގެ ޢަމަލުތަކުން މެދުވެރި ނުވެއެވެ.

ފަހެ ސިޙުރު ހަދާ މީހެއްގެ ގާތުގައި މިފަދަ ކަމަކާ މެދު ސުވާލުކުރުމާމެދު ދަންނައެވެ. އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި އެނޫން މީހެއްގެ ގާތުގައި އަހާއިރު އެމީހަކީ ޤުރުއާނާއި ސުންނަތުގެ ޢިލްމު ލިބިގެން ހުރި އަދި މިކަމުގައި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތައް ދިރާސާކޮށް، ދީން ކިޔަވައިގެން ހުރި ޢިލްމުވެރި މީހެއްކަން ޔަޤީންކުރާށެވެ. އެހެނީ އެއީ ޤުރުއާނާއި ސުންނަތުގެ ރަނގަޅު މާނަތަކާއި ތަފްސީރު އެނގިގެން ނޫނީ އެނގޭނެ ޢިލްމެއް ނޫނެވެ. އަދި އެއީ ދީނީ މައްސަލައެއްގައި ފަތުވާ ދިނުންފަދަ ކަމެކެވެ. [3] ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ﴾‏ [سورة يوسف ٤٣]

މާނައީ: “ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި އަހުރެންނަށް ފަތުވާއެއް ދޭށެވެ!”

އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

“ހުވަފެނުގެ ތަޢުބީރު ރަނގަޅަށް އެނގޭ މީހަކު މެނުވީ ތަޢުބީރު ނުކުރާ ހުށިކަމެވެ. ފަހެ ހެޔޮކަމެއް ފެނިއްޖެނަމަ އެވާހަކަ އެ ހުވަފެން ފެނުނު މީހާ ގާތު ބުނާށެވެ. އެދެވިގެން ނުވާކަމެއް ނަމަ ހެޔޮ އެއްޗެއް ބުނެލާށެވެ. ނުވަތަ އެ ހުވަފެނާމެދު އެއްޗެއް ނުބުނާށެވެ.” [4]

 

 

ނިންމުން

 

  • ރަނގަޅު ހުވަފެން އެމީހަކު ލޯބިވާ މީހަކަށް ކިޔައިދިނުން އެދެވިގެން ވެއެވެ. ބިރުވެރި ހުވަފެން އެއްވެސް މީހަކަށް ކިޔައިދިނުމެއް ނުވެއެވެ.
  • ބިރުވެރި ހުވަފެނެއް ފެނުމުން ޢަމަލުކުރަންވީ ގޮތް ޞައްޙަ ސުންނަތުގައި ވަރަށް ސާފުކޮށް ބަޔާންވެގެން އައިސްފައި ވެއެވެ. އެފަދައިން ޢަމަލުކުރާނަމަ ބިރުވެރި ހުވަފެނުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ނުކުރާނެއެވެ. إن شاء الله.
  • ހުވަފެނުގެ ތިން ބާވަތެއް ވެއެވެ. އެއީ ރަނގަޅު ހުވަފެނާއި ބިރުވެރި ހުވަފެނާ އަދި އެމީހަކު މަޝްޣޫލުވެ އުޅޭ ކަމަކާ ބެހޭގޮތުން ފެންނަ ހުވަފެނެވެ. މީގެ ތެރެއިން ފުރަތަމަ ބާވަތުގެ ހުވަފެނަކީ ތަޢުބީރުކުރާ ހުވަފެނެވެ. އެފަދަ ހުވަފެން ތަޢުބީރު ކުރަން ދާންވާނީ ދީނީ ޢިލްމު ރަނގަޅަށް އެނގޭ އިތުބާރު ހުރި މީހެއްގެ ގާތަށެވެ.

 


 

[1] ބައްލަވާ: مجموع فتاوى ورسائل ابن عثيمين (1 / 327 – 328) .

[2] زاد المعاد لابن القيم (2 / 419).

[3] ބައްލަވާ: مجلة الدراسات الإسلامية (67 / 16 – 18) .

[4] التمهيد لابن عبدالبر (1 / 288) .