ތިރުމިޛީގެ ޖާމިޢުއަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:
ތުޙްފަތުލް އަޙްވަޛީގައި ވެއެވެ.
“ދަންނާށެވެ. ތިރުމިޛީގެ ޖާމިޢުގެ ޝަރަޙަތަކާއި މުހިންމު ނުކުތާތައް ފާހަގަކޮށްފައިވާ ފޮތްތަކަކާއި ޚުލާޞާކޮށްފައިވާ ފޮތްތަކަކާ އަދި މުސްތަޚްރަޖާތުތަކެއްވެސް [1] ވެއެވެ.”
އަދި ޢިލްމުވެރިންވަނީ މިފޮތް ރިވާކޮށް، އަޑުއަހާ އަދި ނަޤުލުކުރެއްވުމުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އަދި މި ފޮތުގެ އެކި ޗާޕުތަކުގައި ހުރި ތަފާތުތަކަށް ވަރަށް ކުރީއްސުރެވެސް އެބޭކަލުންވަނީ އަހަންމިއްޔަތުކަން ދެއްވާފައެވެ. އަދި މި ފޮތުގައިވާ ރާވީންނާ މެދު ދަންނައެވެ. ކުތުބުއްސިއްތާގެ ރާވީންގެ ވާހަކަ ބަޔާންކޮށްފައިވާ ފޮތްތަކުގައި މި ފޮތުގެ ރާވީންގެ ވާހަކަވެސްވަނީ ބަޔާންކުރައްވާފައެވެ.
މިފޮތުގެ އެންމެ މުހިންމު ޝަރަޙަތައް:
1- أبو بكر بن العربي المالكي ލިޔުއްވި عارضة الأحوذي.
2- ابن سيد الناس ކުރައްވާފައިވާ ޝަރަޙަ. އެހެނަސް އެކަލޭގެފާނަށް އެފޮތް ނިންމޭ ގޮތެއް ނުވިއެވެ. އެ ފޮތް ފުރިހަމަކުރެއްވޭތޯ ދެން މަސައްކަތް ކުރެއްވީ الحافظ العراقي އެވެ. އެހެނަސް އެކަލޭގެފާނަށްވެސް އެ ފުރިހަމަ ނުކުރެއްވުނެވެ. ދެން އެ ފުރިހަމަކުރެއްވީ އެކަލޭގެފާނުގެ ދަރިކަލުން أبو زرعة (އަވަހާރަވީ ހިޖުރައިން 826) އެވެ. [2]
3- الحافظ أبو الفرج عبد الرحمن بن أحمد بن محمد މަޝްހޫރު ނަމުންނަމަ ابن رجب الحنبلي (އަވަހާރަވީ ހިޖުރައިން 795) ކުރައްވާފައިވާ ޝަރަހަ.
4- عبد الرحمن المباركفوري ލިޔުއްވި تحفة الأحوذي.
އަދި މި ފޮތުގެ އެނޫން ޝަރަޙަތައްވެސް ވެއެވެ.
__________________________
= ނުނިމޭ =
[1] ހަތަރުވަނަ ޤަރުނުގައި ފޮތްތައް ލިޔެޖަމާކުރުމުގެ ވާހަކަ އަންނައިރުގައި مستخرجات ގެ ތަޢުރީފާއި އިތުރު ތަފްޞީލު ބަޔާންވެގެން ދާނެއެވެ. إن شاء الله.
[2] ބައްލަވާ: مقدمة الدكتور أحمد معبد عبد الكريم في تحقيقه للنفح الشذي لابن سيد الناس (1 / 73 – 76).