[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ) – 2

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި البَيِّنَةُ

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުވެސް އަލްބައްޔިނާ ދަންނަނީ މިފަދައިންނެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަލްބައްޔިނާ މާނަ ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

“އިސްލާމީ ފިޤުހުގައި “އަލްބައްޔިނާ” (البَيِّنَة)އަކީ ޙަޤީޤަތުގައި ޙައްޤު ބަޔާންކޮށް ކަޝްފުކޮށްދޭ އިސްލާމީ ޝަރީޢަތުން ޤަބޫލު ކުރާ ކޮންމެ ވަސީލަތެކެވެ. މިގޮތުން ކިތާބީ ދަލީލުތަކާއި، ހެކީންގެ ހެކިބަހާއި، ފާޅުކަން ބޮޑު ޤަރީނާ ފަދަ އިސްލާމީ ޝަރުޢުގައި ޙުއްދަ، ޘާބިތު ކުރުމުގެ އެންމެހައި ވަސީލަތްތަކަކީ “އަލްބައްޔިނާ”ގެ ޢާންމު މަފުހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތަކެވެ.”[1]

ހެއްކާ ބެހޭ ޤާނޫނުގެ 8ވަނަ މާއްދާގައި ހެކި މާނަކޮށް ބަޔާން ކޮށްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

” “ހެކި” ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭނޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް އަދި އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް ވަކިވަކިންނެވެ.”

 

ޙައްޤެއް ސާބިތުކުރުމުގެ ވަސީލަތްތައް (ހެކީގެ ބާވަތްތައް)

ކުރިން ބަޔާން ކުރެވުނު ފަދައިން، އިސްލާމީ ފިޤުހުގައި ހެއްކަކީ ނުވަތަ ބައްޔިނާއަކީ ޙައްޤު ބަޔާންކޮށް ކަޝްފުކޮށްދޭ ކޮންމެ ވަސީލަތެކެވެ. މީގެ ކޮންމެ ވަސީލަތަކީވެސް ޤާޟީއަށް ވަކި ވާޤިޢާއެއްގައި ޙުކުމު ކުރުމަށް ބޭނުން ކުރެވޭނޭ ވަސީލަތްތަކެވެ. އެއީ އެކިއެކި ވާޤިޢާތައް ސާބިތު ކުރުމުގައި މީގެ ކޮންމެ ހެއްކެއްގެ ސާބިތު ކުރުމުގެ ދަރަޖަ ތަފާތުވުމާ އެކުއެވެ.

ކޮންމެ ޤަޟިއްޔާއެއް ޤާޟީއެއްގެ ކުރިމައްޗަށް ހުށަހެޅެވުމާ އެކު، ސާބިތުކުރުން ޝަރުޢުވެގެންވާ ކޮންމެވެސް ވަސީލަތެއް ހުށަހެޅުމަކީ ދަޢުވާ ކުރާ ފަރާތުގެ ޒިންމާއެކެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«لَوْ يُعْطَىٰ النّاسُ بِدَعْواهُمْ، لَادَّعَىٰ رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، ولَكِنَّ البَيِّنَةَ عَلَىٰ المُدَّعِي وَاليَمِينَ عَلَىٰ مَنْ أَنْكَرَ» [السنن الكبرىٰ للبيهقي (21243) وصححه الألباني في المشكاة (3758)] [2]  

މާނައީ: “ދަޢުވާ ކުރާ ހަމަ ކޮންމެ މީހަކަށް އެ މީހެއް އެ އެދޭ ކަމެއް ދެވިއްޖެނަމަ، މީސްތަކުން މީސްމީހުންގެ މުދަލާއި ލެއާ މެދު ދަޢުވާ ކުރާނެއެވެ. އެހެންކަމުން ބައްޔިނާ ހުށަހެޅުން އޮތީ ދަޢުވާ ކުރާ ފަރާތަށެވެ. އަދި ހުވާ ކުރުން އޮތީ އިންކާރު ކުރާ ފަރާތުގެ މައްޗަށެވެ.”

ސާބިތު ކުރުމުގެ ވަސީލަތްތަކުގެ ގޮތުގައި ފިޤުހު ޢިލްމުވެރީންގެ މެދުގައި މަޝްހޫރުވެފައި ވަނީ އަންނަނިވި ވަސީލަތްތަކެވެ.

1) ޝަފަހީ ހެކި؛ 6) ޤަސާމާ؛
2) އިޤްރާރު؛ 7) ޤާޟީގެ ޢިލްމު؛
3) ހުވާ؛ 8) ޝަފަހީ ހެއްކަކާ އެކު ކުރާ ހުވާ؛
4) ނުކޫލު؛ 9) ޤިޔާފާ؛
5) ލިޢާނު؛ 10) އެހެނިހެން ޤަރީނާ

މި ވަސީލަތްތަކުގެ ތެރެއިން ބައެއް ވަސީލަތްތަކަކީ އެ ވަސީލަތެއްގެ ޙުއްޖިއްޔަތާ މެދުގައި ނުވަތަ މަޝްރޫޢިއްޔަތާ މެދުގައިވެސް ބައެއް ޢިލްމުވެރިން ޚިލާފުވެފައިވާ ވަސީލަތްތަކެވެ. މީގެ ކޮންމެ ވަސީލަތެއް އަދި އެ ވަސީލަތެއްގެ މަޝްރޫޢިއްޔަތާ މެދު ކުރިއަށް އޮތް މަބާޙިޘުތަކުގައި އަލިއަޅުވާލެވޭނެއެވެ. إِنْ شَاءَ اللهُ

 


 

[1]  އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2010/SC-A/02) (ޞ.8).

[2] السُّنَنُ الكُبْرَىٰ لِلبَيْهَقِي (21/243)، مَرْكَز هجر لِلْبُحُوثِ وَالدِّرَاسَات العَرَبِيَّة الإِسْلَامِيَّة – القاهرة، 1432.

 

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)