[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 20 (ރޯދައާ ގުޅުން ހުރި ޒަމާނީ ބައެއް ކަންކަން)

ފަސްވަނައީ: ހަށިގަނޑުގައި ވަރު ނުޖައްސާވާފަދަ ބޭސް އިންޖެކްޝަނެއް ޖެހުން

ހަށިގަނޑުގައި ބާރު ޖެއްސުމަށް ނޫން ގޮތެއްގައި ބޭހެއްގެ ގޮތުން ޖަހާ އިންޖެކްޝަނެއްގެ ސަބަބަކުން ރޯދަ ފަސާދަ ނުވާނެއެވެ. އެއީ އެ އިންޖެކްޝަން ޖަހަނީ މަސްގަނޑަށް ނުވަތަ ނާރަށް ނުވަތަ ހަންގަނޑުގެ ދަށަށްކަމުގައި ވިޔަސް މެއެވެ. މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނުގެ ރައުޔެވެ. އަދި މިއީ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ޤަރާރެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ މަޖިލީހާއި ކުވައިތުގެ ފަތުވާ ދޭ ޤިޠާޢުގެ ފަތުވާއެވެ.

 

ހަވަނައީ: ހަށިގަނޑުގައި ވަރު ޖައްސުވަނިވި އިންޖެކްޝަނެއް ބޭނުން ކުރުން

ހަށިގަނޑުގައި ވަރެއް ޖެއްސުމަށް ނާރަށް ޖަހާ އިންޖެކްޝަނަކީ އޭގެ ސަބަބުން ރޯދަ ފަސާދަ ކުރުވާ ކަމެކެވެ. މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނުގެ ރައުޔެވެ. އަދި މިއީ މަޖްމަޢުލް ފިޤްހީގެ ޤަރާރެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ދޭ މަޖިލީހުގެ ފަތުވާއެވެ.

 

ހަތްވަނައީ: އައްތަޙާމީލު (Suppositories)

ރޯދައަށް ހުރެ އައްތަޙާމީލު (Suppositories ނުވަތަ ފުރަގަސްފަރާތުން އެތެރެއަށް ފޮނުވާ ބޭސް) ބޭނުންކުރުމަކީ ރޯދަ ގެއްލޭކަމެއް ނޫނެވެ. އެއީ ޡާހިރީ މަޛްހަބާއި މާލިކީ މަޛްހަބުގެ ބަހެވެ. އަދި ޝައިޚު ޢުޘައިމީނާ އަދި ކުވައިތުގެ الندوة الفقهية الطبية التاسعة التابعة للمنظمة الإسلامية للعلوم الطبية ގައި ބައިވެރިވި ގިނަ ބޭފުޅުންގެ ބަހެވެ.

 

އަށްވަނައީ: ކުޑަކަމުދާ ގުނަވަނު (urethra) ގެ ތެރެއަށް ދިޔާ އެއްޗެއް ނުވަތަ ޖެލުފާޑުގެ އެއްޗެއް ފޮނުވުން

ރޯދަވެރިޔާ އޭނާގެ ކުޑަކަމުދާ ގުނަވަނު (urethra) ގެ ތެރެއަށް ދިޔާ އެއްޗެއް ނުވަތަ ޖެލުފާޑުގެ އެއްޗެއް ފޮނުވި ނަމަވެސް އޭނާގެ ރޯދަ ނުގެއްލޭނެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.

 

ނުވަވަނައީ: ޤަސްޠަރާއެއް ( catheter ނުވަތަ ކުޑަކަމުދާ ފަރާތުން ވައްދާ ހޮޅިއެއް) ނުވަތަ ކެމެރާއެއް ނުވަތަ ބޭހެއް ނުވަތަ މަޘާނަ (bladder ނުވަތަ ހަށިގަނޑުގައި ކުޑަކަމުދާ ތަކެތި ޖަމާވާތަން) ދޮންނަށް ބޭނުންކުރާ ބޭހެއް ނުވަތަ އެކްސްރޭ ބޮޑަށް ސާފުކުރަން (ފުރަގަސްފަރާތުން ފޮނުވާ) ބޭހެއް ބޭނުން ކުރުން

ޤަސްޓަރާއެއް ނުވަތަ ކެމެރާއެއް ނުވަތަ ބޭހެއް ނުވަތަ މަޘާނަ ސާފުކުރަން ބޭނުންކުރާ ބޭހެއް ނުވަތަ އެކްސްރޭ ބޮޑަށް ސާފުކުރަން ބޭނުންކުރާ ބޭހެއް (ކުރިމަތި ފަރާތުން ނުވަތަ ފުރަގަސްފަރާތުން ފޮނުވުމަކީ) ރޯދަ ގެއްލޭކަމެއް ނޫނެވެ. މިފަދައިން مجمع الفقه الإسلامي ވަނީ ޤަރާރު ނެރުއްވާފައެވެ.

 

ދިހަވަނައީ: އަންހެނާގެ ފަރުޖަށް ޖަހާ ބޭހެއް ނުވަތަ ފަރުޖަށް ފޮނުވާ އައްތަޙާމީލު އަލްމުހްބަލިއްޔާ (Vaginal Suppositories) ނުވަތަ އެކްސްރޭގައި ބޭނުންކުރާ ‘ޑައި’ އެއް ފޮނުވުން

އަންހެނާގެ ފަރުޖަށް ޖަހާ ބޭހެއް ނުވަތަ ފަރުޖަށް ފޮނުވާ އައްތަޙާމީލު އަލްމުހްބަލިއްޔާ (Vaginal Suppositories) ނުވަތަ އެކްސްރޭގައި ބޭނުންކުރާ ‘ޑައި’ އެއް ބޭނުންކުރުމަކީ ރޯދަ ގެއްލޭކަމެއް ނޫނެވެ. މިފަދައިން مجمع الفقه الإسلامي ވަނީ ޤަރާރު ނެރުއްވާފައެވެ.

 

 


 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް