الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޙައްޖަކީ ވަރަށް މާތް އަދި މަތިވެރި އަޅުކަމެކެވެ. އެކަމުގެ މާތްކަމާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ:
1- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ» [رواه البخاري (1521)]
މާނައީ: “ﷲއަށްޓަކައި ޙައްޖުކޮށް ފަހެ އެކަމުގައި ފާޙިޝް ބަސްތަކެއް ބުނުމެއް ނެތި (ނުވަތަ ޙައްޖުގެ އަޅުކަމަށް ނިޔަތް ގަތުމަށް ފަހު ދެވަނަ ތަޙައްލުލުވެ، ޙައްޖުގެ އަޅުކަންތައް ނިމެންދެން ޖިމާޢުވުމެއް ނެތި) [1] ނުވަތަ ފާސިޤުކަމެއް ކުރުމެއް ނެތި (ފާފައެއް ކުރުމެއް ނެތި) ޙައްޖުވެއްޖެ މީހާ ދަންނައެވެ. އޭނާ އެނބުރި އަންނާނީ އޭނާގެ މަންމަގެ ބަނޑުން ނުކުމެގެން އައި ފަދައިންނެވެ. (އެބަހީ: ފާފަތަކުން ޠާހިރުވެގެންނެވެ.)”
2- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الحَجُّ المَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الجَنَّةُ» [رواه البخاري (1773) ومسلم (437 – (1349))]
މާނައީ: “މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ.”
الحَجُّ المَبْرُورُ (މަބްރޫރު ޙައްޖަކީ) : އެ ޙައްޖުގައި ފާފަކުރުމެއް ނުވާ ޙައްޖެވެ. المَبْرُورُ ނެގިފައިވަނީ الْبِرِّ އިންނެވެ. މާނައަކީ ކިޔަމަންގަތުމެވެ. އަދި އެއީ:
– މަޤްބޫލު ޙައްޖުކަމުގައިވެސް ބުނެއެވެ. ޤަބޫލުވެވުމުގެ ޢަލާމާތަކީ އެނބުރި އައިސް ކުރިން އުޅުނު ގޮތަށް ވުރެ ރަނގަޅަށް އުޅުމެވެ.
– އެއްވެސް ދެއްކުންތެރިކަމެއް އެކުލެވިގެން ނުވާ ޙައްޖުކަމުގައިވެސް ބުނެވެއެވެ.
– އެ ޙައްޖަކަށް ފަހު ފާފަތަކާ ދުރުހެލިވެގެންވާ ޙައްޖުކަމުގައިވެސް ބުނެވެއެވެ. [2]
އަލްޤުރްޠުބީ رحمه الله ވިދާޅުވިއެވެ.
“ފިޤުހުވެރިން ވިދާޅުވެއެވެ. މަބްރޫރު ޙައްޖަކީ އެ ޙައްޖެއް ކުރަމުން ދާއިރުގައި ﷲ ތަޢާލާއަށް އެކަމުގެ ތެރޭގައި އުރެދުމެއް ނުވާ ޙައްޖެވެ. އަދި އަލްފައްރާ ވިދާޅުވިއެވެ. “އެއީ އެ ޙައްޖަކަށް ފަހުގައި ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ޙައްޖެވެ.” އިބްނުލް ޢަރަބީ رحمه الله މި ދެބަސްފުޅުވެސް ގެންނަވާފައި ވެއެވެ. ތިމަން ބުނަމެވެ. އެއީ އެ ޙައްޖެއް ކުރަމުން ދާއިރުގައި ﷲ ތަޢާލާއަށް އެކަމުގެ ތެރޭގައި އުރެދުމެއް ނުވާ ޙައްޖެވެ. އޭގެ ފަހުން ފާފަނުކުރާ ޙައްޖެއް ނޫނެވެ. އަލްޙަސަން ވިދާޅުވިއެވެ. “މަބްރޫރު ޙައްޖަކީ ޙައްޖުކޮށްފައި އެނބުރި އަންނައިރުގައި އެމީހަކު ދުނިޔެއަށް ފުރަގަސްދީ އާޚިރަތަށް އެދިގެން އެނބުރި އަންނަ ޙައްޖެވެ.” އަދި މި ނޫން ބަސްފުޅުތައްވެސް މިކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.” [3]
މަބްރޫރު ޙައްޖާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ޚުލާޞާއަކީ: އެއީ އެ ޙައްޖެއްގައި ފާފަކުރުމެއް ނުވަތަ އުރެދުމެއް ނުވާ ޙައްޖެވެ.
3- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«تَابِعُوا بَيْنَ الحَجِّ وَالعُمْرَةِ، فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوبَ كَمَا يَنْفِي الكِيرُ خَبَثَ الحَدِيدِ، وَالذَّهَبِ، وَالفِضَّةِ، وَلَيْسَ لِلْحَجَّةِ المَبْرُورَةِ ثَوَابٌ إِلَّا الجَنَّةُ» [رواه الترمذي (810) والنسائي في سننه (2631) وصححه الألباني في مشكاة المصابيح (2524)]
މާނައީ: “ޙައްޖާއި ޢުމްރާ ތަކުރާރުކޮށް ކުރާށެވެ. ފަހެ އެ ދެ ކަންތަކަކީވެސް ގިރުނބާއަކުން ދަނގަޑާއި ރަނާއި ރިހީގައިވާ ހަޑިކަން ފިލުވާލާ ފަދައިން، ފަޤީރުކަމާއި ފާފަތައް ނެތިކޮށްލާ ދެކަމެވެ. އަދި މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވާ އެހެން ޘަވާބެއް ނުވެއެވެ.”
الكِيرُ (ގިރުނބާއަކީ) : ކަނބުރުވެރިންނާއި ތިލޭރުން އަލިފާން ރޯކޮށްފައި ބެހެއްޓުމަށްޓަކައި، ވައި ފޮނުވުމަށް ހަދާފައިވާ ހުންނަ އެއްޗެކެވެ.
އައްޝައިޚު އިބްނު ބާޒު رحمه الله ވިދާޅުވިއެވެ.
“މަބްރޫރު ޙައްޖަކީ ޙައްޖު ކުރާ މީހާ އެ ޙައްޖުގައި ﷲ ތަޢާލާއަށް އުރެދުމެއް ނެތި ކުރާ ޙައްޖެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘްބަސްފުޅު އެކަމަށް ދަލާލަތުކުރެއެވެ.
«مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ» [رواه البخاري (1521)]
މާނައީ: “ﷲއަށްޓަކައި ޙައްޖުކޮށް ފަހެ އެކަމުގައި ފާޙިޝް ބަސްތަކެއް ބުނުމެއް ނެތި (ނުވަތަ ޙައްޖުގެ އަޅުކަމަށް ނިޔަތް ގަތުމަށް ފަހު ދެވަނަ ތަޙައްލުލުވެ، ޙައްޖުގެ އަޅުކަންތައް ނިމެންދެން ޖިމާޢުވުމެއް ނެތި) [4] ނުވަތަ ފާސިޤުކަމެއް ކުރުމެއް ނެތި (ފާފައެއް ކުރުމެއް ނެތި) ޙައްޖުވެއްޖެ މީހާ ދަންނައެވެ. އޭނާ އެނބުރި އަންނާނީ އޭނާގެ މަންމަގެ ބަނޑުން ނުކުމެގެން އައި ފަދައިންނެވެ. (އެބަހީ: ފާފަތަކުން ޠާހިރުވެގެންނެވެ.)” ” [5]
އެހެންކަމުން ޙައްޖުގެ އަޅުކަން އަދާކުރުމުގައި އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި އެކަން އަދާކުރައްވާށެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ޙައްޖުކުރުމަށް ވާރިދުވެފައިވާ ގޮތަށް ޙައްޖުކުރައްވާށެވެ. އަދި އެކަން ރަނގަޅަށް އުނގެނިވަޑައިގަންނަވާށެވެ. އަދި ޙައްޖުކުރަމުން ދާއިރުގައި އޮޅުމެއް އަރައިފިނަމަވެސް ޢިލްމުވެރިންނާ ސުވާލުކޮށް، ކަށަވަރުކުރައްވާށެވެ. އަދި ޙައްޖުގެ ތެރޭގައި ތައުބާވުމާއި އިސްތިޣްފާރުކުރުން ގިނަކުރައްވާށެވެ. އަދި ބޭކާރު ވާހަކަތަކުން ދުރުހެލިވެލައްވާށެވެ. ބާޒާރުމަތީގައި ހޭދަކުރައްވާ ވަގުތުތައް މަދުކުރައްވާށެވެ. އަދި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާށެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެން އެންމެންގެ ފާފަތައް ފުއްސަވާ، ޙައްޖުގެ އަޅުކަން އަދާކުރައްވާ ބޭފުޅުންނަށް މަބްރޫރު ޙައްޖެއް ދެއްވުމެވެ! އާމީން.
[1] ބައްލަވާ: شرح النووي على صحيح مسلم (9 / 119).
[2] ބައްލަވާ: شرح النووي على صحيح مسلم (9 / 119).
[3] ބައްލަވާ: تفسير القرطبي (2 / 408).
[4] ބައްލަވާ: شرح النووي على صحيح مسلم (9 / 119).
[5] مجموع فتاوى ابن باز (16 / 334).