[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 21 (ރޯދަވެރިޔާގެ މައްޗަށް މަކުރޫހަ ކަންކަން އަދި ޙަރާމު ކަންކަން)

ތިންވަނަ ބައި: ރޯދަވެރިޔާއަށް މަކުރޫހަ ކަންކަމާއި ޙަރާމު ކަންކަން އަދި ރޯދަވެރިޔާއަށް ޙުއްދަ ކަންކަން

 

ފުރަތަމައީ: ރޯދަވެރިޔާގެ މައްޗަށް މަކުރޫހަ ކަންކަން އަދި ޙަރާމު ކަންކަން

 

  1. ރޯދައަށް ހުރެ އަނގައާއި ނޭފަތަށް ފެންލުމުގައި މުބާލަޣާކުރުން [1]

ރޯދައަށް ހުރެ އަނގައާއި ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރުމަކީ މަކުރޫހަ ކަމެކެވެ. މިކަމުގެ މައްޗަށް އިބްނު ޤުދާމާ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

  1. ވިޞާލުކުރުން [2]

ރޯދަވެރިޔާގެ ރޯދައިގައި ވިޞާލުކުރުން މަކުރޫހަވެގެން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛުހަބެވެ. އަދި މިއީ ޝާފިޢިއްޔަ ބައެއް ދަންނަބޭކަލުންގެ ރައުޔުވެސް މެއެވެ. ހަމަ އެހެންމެ މިއީ ދަންނަބޭކަލުން ކުރެ ގިނަ ބޭބޭކަލުންގެ ވެސް ރައުޔެވެ.

 

  1. ޙާޖަތެއް ނެތި ކާ ތަކެތީގެ ރަހަ ބެލުން

ޙާޖަތެއް ނެތި ކާ ތަކެތީގެ ރަހަ ބެލުމަކީ ރޯދަވެރިޔާގެ މައްޗަށް މަކުރޫހަ ކަމެކެވެ. [3] މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.

 

  1. ބޮސް ދިނުން

ޖިމާޢުވެވިދާނޭނަމަ ނުވަތަ މަނި ބޭރުކުރެވިދާނޭކަމުގެ ބިރުން ސަލާމަތްވެގެން ނުވާނަމަ[4]، ބޮސް ދިނުން[5] ރޯދަވެރިޔާގެ މައްޗަށް ޙަރާމުވެގެން ވެއެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.


 

[1]  [ނޭފަތަށް ފެންލުމުގައި މުބާލަޣާކުރުމަކީ ވުޟޫކުރުމުގައި ނޭފަތަށް ލާ ފެން، ނޭފަތުގެ އެންމެ އެތެރެއަށް ދަމާލުމެވެ. (ބައްލަވާ: އަލްމުޣުނީ 1/77)]

[2] ޢަރަބި ބަހުގައި ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. [ބައްލަވާ: الصحاح للجوهري (5/1842) والنهاية لابن الأثير (5/193)] އެންމެ މޮޅު އިތުރު ގޮތަކީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމެވެ. އަދި އެއަށްވުރެ ފަސްކުރުމަކީ މަކްރޫހަ ކަމެކެވެ. އަދި ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވަންދެން ރޯދަ ހިފުމަކީ ޙަރާމްކަމެކެވެ. [ބައްލަވާ: تيسير العلام لآل بسام (ص: 389 – 391)].

[3] ޙާޖަތެއް އޮވެގެން ރަހަ ބެލިޔަސް، ކުޅުޖަހާ އެ ބޭރުކުރަން ވާނެއެވެ.

[4]  ޖިމާޢު ވެވިދާނޭ ކަމުގެ ބިރުން ނުވަތަ މަނި ބޭރު ކުރެވިދާނޭކަމުގެ ބިރުން ސަލާމަތްވެގެން ވީނަމަ؛ ބޮސް ދިނުމުގެ ޙުކުމަކީ، ޝާފިޢީންގެ ގާތުގައި ޚިލާފުލްއައުލާއެވެ. އެއީ އެ ބޮސް ދިނުމުގެ ސަބަބުން އޭނާގެ ކިބައިގައި ޝަހުވަތްތެރިކަމެއް ނޫފެދުނު ނަމައެވެ. އަދި ޙަންބަލީންގެ ގާތުގައި އޭނާގެ ކިބައިގައި ބޮސް ދިނުމުގެ ސަބަބުން ޝަހުވަތްތެރިކަން އުފެދުނުނަމަ މަކުރޫހައެވެ. އަދި ޝަހުވަތްތެރިކަން ނޫފެދޭނަމަ، މަކުރޫހަ ނުވާނެއެވެ. މާލިކީންގެ އަރިހުގައި؛ ބޮސް ދިނުމުގެ ސަބަބުން މަނި ބޭރުކުރުމުން ސަލާމަތްތެރިކަން ލިބިގެން ވީނަމަވެސް، ރޯދަވެރިޔާ ބޮސް ދިނުން މަކުރޫހަވެގެން ވެއެވެ.

[5]  ހަމަމިގޮތަށް ޖިމާޢު ވުމަށް މަގުފަހި ކުރުވަނިވި އެހެން ކަންކަންވެސް މިފަދައެވެ. އެފަދަ އަތްލުމެއް ނުވަތަ އެ ނޫންކަމެއްގެ ޙުކުމަކީވެސް ބޮސް ދިނުމުގެ ޙުކުމެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް