ކާބަފައިން އުޅުނުގޮތް ، ނުވަތަ ކާބަފައިން ކަންތައްކުރާގޮތް އެއީ އެންމެ ހެޔޮގޮތް ކަމުގައިވާނަ އުޑުން ޝަރީޢަތެއް ބާވައިލެއްވުމުގެ މާނައެއްނެތެވެ. ﷲ ތަޢާލާ އެއިލާހުގެ ހަޟްރަތުން ރިސާލަތާއިގެން ، މީސްތަކުންނަށް އެބައިމީހުން އުޅެންވީ ގޮތް ސާފްކޮށް ބަޔާންކޮށްދެއްވުމަށް އެކި ޒަމާންތަކުގައި ރަސޫލުން ފޮނުއްވާފައިވަނީ ، ކާބަފައިން އުޅުނުގޮތް ކަމުނުދާތީއެވެ. ކާބަފައިންގެ ގޮތައް ތަބަޢުވެގެން މީސްތަކުން މަގުފުރެދި ޝިރުކާއި ކުފުރާއި ޚުރާފާތްތަކުގެ ތެރެއަށް ޣަރަޤުވެގެން ﷲ ތަޢާލާގެ މަގުން އެއްކިބާވެގެންދާންފެށުމުންނެވެ. އިންސާނުންނަށް އަމުރުވެވުގެން ވަނީ ﷲ ތަޢާލާ އަށް އަޅުކަން ކުރުމަށެވެ. އެއްވެސް ޙާލެއްގައި ކާބަފައިންނަށް އަޅުކަންކުރާކަށް ނޫނެވެ. ކާބަފައިންގެ ގޮތްތައް ދިރުވަން ބޭނުންނަމަ، ﷲ ގެ ޝަރީޢަތާއި ޚިލާފު ނުވާނޭގޮތުގެ މަތީން އެކަންކުރުމަށް އިސްލާމްދީން މަނައެއް ނުކުރެއެވެ.
އެހެންނަމަވެސް ، ﷲ ގެ ޝަރީޢަތާއި ޚިލާފުވާކަމުގައި ވާނަމަ ، ކާބަފައިން ކީއްކުރަންތޯއެވެ؟ މުޅި އިސްލާމީ އުއްމަތް އެބޭކަލެއްގެ ޢިލްމާއިމެދު ޝައްކު ނުކުރާފަދަ ބޮޑު ޢިލްމުވެރިއެއްގެ ގޮތްކަމުގައިވިޔަސް އަދި ބަސްކަމުގައިވިޔަސް އެހާލަތުގައި ދޫކުރަން ޖެހޭނެއެވެ. އެހެނީ ﷲ ގެ ޝަރީޢަތުގެ މައްޗަށް އެއްވެސް އެހެން ފަރާތެއްގެ ބަހެއް އަދި ޢަމަލެއްވެސް އިސްވެގެން ނުވާނެތީއެވެ. އިމާމް އަބޫޙަނީފާ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ﷲ ގެ ފޮތާއި ރަސޫޅުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަކާއި ޚިލާފަށް ތިމަންކަލޭގެފާނަށް ބަހެއް ބުނެވިފައިވާނަމަ ، ތިމަންކަލޭގެފާނުގެ ބަސް ތިޔަބައިމީހުން ދޫކޮށްލާށެވެ. “ . އިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި ، އެމީހެއްގެ ބަހުގައި ބައެއްފަހަރު ހިފައި އަނެއްބައިފަހަރު ދޫކޮށްލަން ނުޖެހޭ މީހަކު ނުވެއެވެ. “ އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ޙަދީޘެއް ޞައްޙަ ވެއްޖެކަމުގައިވާނަމަ އެއީ ތިމަންކަލޭގެފާނުގެ މަޒްހަބެވެ. (މާނައަކީ : އެކަލޭގެފާނުގެ ކަބައިން ބަހެއް އައިސްފައި ވީނަމަވެސް ، އެބަހާއި ޚިލާފަށް ޞައްޙަ ޙަދީޘެއް އޮތްކަން އެނގިއްޖެނަމަ ، ތިމަންކަލޭގެފާނުގެ ބަސް ދޫކޮށް ޙަދީޘަށް ތަބާވާށެވެ. “ އެންމެހައި އިމާމުވެރި ބޭކަލުންގެ ވަޞިއްޔަތަކީވެސް މިއެވެ.
ހިތާމައަކީ ކާބަފައިންގެ ގޮތް ދިފާޢުކުރުމުގެ ނަމުގައި ، ނުވަތަ ކާބަފައިން ނުކުރާތީއޭ ކިޔާފައި ﷲ ގެ ޝަރީޢަތް ދޫކުރަން މުސްލިމުންކަމަށް ދަޢުވާކުރާ ބަޔަކު ފައިނަގާފައިވާތީއެވެ. ހަޤީޤަތުގައި މިއީ ތިމާމެންގެ ހިތުގައި އިސްލާމީ ޝަރީޢަތައް އޮންނަ ނަފްރަތު ، ކާބަފައިންގެ ބޮލައްޖަހައި ، އެ ޙުކުމްތަކުން މީސްތަކުން ފޭއަށް ޖެއްސުމަށް ކުރެވޭ މަސައްކަތެވެ. ނަމަވެސް ހަނދާންކުރަން ޖެހޭ ހަޤީޤަތަކީ ތިމާކުރާކަމެއް ޤިޔާމަތްދުވަހުގައި އެހެންބަޔަކު އުފުލަން ނުޖެހޭނެކަމެވެ. ” قُلْ أَغَيْرَ اللَّـهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿١٦٤﴾ ” سورة الأنعام މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާޙާލު، ކަލަކު ކަމުގައި، ﷲ ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ ނަފްސެއްމެ، އެ އެނަފްސެއް ހޯދައިގަތް ކަމެއް މެނުވީ، އެ ނަފްސެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު ޚީލާފުވެ އުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ. “
ބަޔަކު ﷲ ތަޢާލާގެ ޝަރީޢަތް ތަންފީޒް ނުކުރުމަށް މިދައްކާ ބަހަނާއަކީ ، މިއަދަކު ފެށުނުކަމެއްނޫނެވެ. ﷲ ތަޢާލާގެ ޝަރީޢަތާއިގެން ، އެއިލާހުގެ ހަޟްރަތުން ރިސާލަތާއިގެން ، ރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުގެ މީސްތަކުންގެ ގާތަށް ވަޑައިގެން ، ޝަރީޢަތް އިއްވުމުން އެބައިމީހުންވެސް ބަހަނާއެއްގެ ގޮތުން ދިނީ ހަމަ މިޖަވާބެވެ. އެއްވެސް ތަފާތެއްނެތެވެ. ޞާލިޙު ޢަލައިހިއްސަލާމްގެ ޤައުމަށް އެކަލޭގެފާނު ދަޢުވަތާއިގެން ވަޑައިގަތުމުން އެމީހުން އެކަލޭގެފާނަށް ބުންޏެވެ. ” قَالُوا يَا صَالِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـٰذَا ۖ أَتَنْهَانَا أَن نَّعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِّمَّا تَدْعُونَا إِلَيْهِ مُرِيبٍ ﴿٦٢﴾ “سورة هود މާނަ : ” އެއުރެން ދެންނެވޫއެވެ. އޭ ޞާލިޙެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. އެހެންކަމާއެކުވެސް ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ. “
ޝުޢައިބު ޢަލައިހިއްސަލާމްގެ ޤައުމުގެ މީޙުން އެކަލޭގެފާނު ޝަރީޢަތާއިގެން ވަޑައިގަތުމުން އެމީހުން އެކަލޭގެފާނަށް ބުންޏެވެ . ” قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ ﴿٨٧﴾ “سورة هود މާނަ : ” އެއުރެން ދެންނެވޫއެވެ. އޭ ޝުޢައިބުވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް އަމުރުކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ.” (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް مفسّر ން ލިޔުއްވާފައިވެއެވެ.)
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّـهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ ﴿١٧٠﴾ ” سورة البقرة މާނަ: ” އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބަޢުވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބަޢުވާހުށީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، އެއުރެންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެއުރެންނަށް ތެދުމަގު ނުލިބުނަސް ހެއްޔެވެ؟ “
އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّـهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ ﴿١٠٤﴾ ” سورة المائدة މާނަ: ” އަދި اللَّه ބާވާލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާގޮތަށް ތަބަޢުވާން ތިޔަބައިމީހުން އަންނާށޭ އެއުރެން ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނުގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސް ހެއްޔެވެ؟ “
ލޮބުވެތި މުސްލިމު އަޚުންނޭވެ. މިހުންނަނީ ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ދައްކައި އުޅުނުކަހަލަ ވާހަކަތަކެވެ. ހައްޤު އައިސް ސާފުވެ ބަޔާންވުމުންވެސް ކާބަފައިންގެ ގޮތް އެއީ ދިރިއުޅުމުގައި ތަބާވާންޖޭ ނިޒާމު ކަމުގައި ވާނަމަ އަޅުގަނޑުމެންނާ، ތަނެއްދޮރެއް ނުދަންނަ ޖާހިލުންގެ ބަޔަކާއި ހުރި ތަފާތަކީ ކޮބައިތޯއެވެ. މިފަދަ ތާކުންތާކު ނުޖެހޭ ބަހަނާތައް ދައްކައިގެން އަޅުގަނޑުމެންގެ ސާފު އަޤީދާ އަށް ހުތުރުއަރުވަން މަސައްކަތްކުރާ އެއްވެސް ބަޔަކަށް ތަބަޢުވެގެން ނުވާނެއެވެ. ޝައިޠާނީ ވަސްވާސްތަކަށް ތަބަޢުނުވާށެވެ. އިންސާނުންގެ ތެރޭގައިވެސް ޝައިޠާނުން ވާކަމަށް ﷲ ތަޢާލާ އައްނާސް ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. އަޅުގަންޑުމެންނަށް އެއިލާހު އަމުރުކުރައްވާފައި ވަނީ ކާބަފައިންނަށް އަޅުކަންކުރާކަށް ނޫނެވެ. އަޅުގަނޑުމެންނަށް އެކަން ވަރަށް ސާފުކޮށް އެނގެން އެބަޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ ” سورة الذاريات މާނަ : ” ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ތިމަންއިލާހު އިންސީންނާއި ޖިންނީ ނުހައްދަވަމެވެ. “