[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން: ވަޔާއި ވާރޭ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد.

 

އުޑުން ވާރޭ ވެއްސަވަނީ ﷲ ތަޢާލާއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

‎﴿أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ [٦٨] ‏ أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ ‎[٦٩]﴾ [سورة الواقعة 68 – 69]

މާނައީ: “ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ [68] ވާރޭވިލާތަކުން އެ ފެން ވެއްސީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ ތިމަންއިލާހު ހެއްޔެވެ؟ [69]”

ވާރޭވެހި އޭގެ ސަބަބުން ބިންގަނޑަށް ދިރުން ލިބުމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ [سورة فصلت ‎٣٩]

މާނައީ: “ގަހެއް ނެތި ހިކިފައިވާ ބިން ތިބާ ދެކޭނެއެވެ. ފަހެ އެ ބިމުގެ މައްޗަށް ތިމަންއިލާހު ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން އެ ބިންގަނޑު ދިރުއްވި އިލާހީ މަރުވެފައިވާ ތަކެތި ދިރުއްވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ﴾ [سورة الشورى ‎٢٨]

މާނައީ: “އެއިލާހީ، އެބައިމީހުންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެއިލާހުގެ ރަޙްމަތް ފަތުރުއްވާ އިލާހެވެ. އަދި އެއިލާހީ ގިނަގިނައިން ޙަމްދުލިބިވޮޑިގެންވާ، އެހީތެރިވަންތަ އިލާހެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ [‎٩] ‏ وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ ‎[١٠] رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ [١١]﴾ [سورة ق 9 – 11 ]

މާނައީ: “އަދި ތިމަންއިލާހު އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. [9] އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) [10] (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންއިލާހު ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ. [11]”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا ۚ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِأُولِي الْأَلْبَابِ﴾ [سورة الزمر ‎٢١]‏

މާނައީ: “ހަމަކަށަވަރުން ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެއެވެ. ދެން އެއިލާހު އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަން ކަށަވަރެވެ.”

ވާރޭވެހުމުގެ ސަބަބުން ބިމަށް ދިރުން ލިބި ގަސްތައް ފެޅުމަށްފަހުގައި، ދެން އެ ގަސްތަކުގެ ފަތްތައް ހިކި ގަސްތައް މަރުވެ، ކުނޑިކުނޑިވެގެން ދެއެވެ. އަދި އަނެއްކާވެސް ވާރޭވެއްސަވާ އަލުން ބިމަށް ދިރުން ލިބި ގަސްތައް ފަޅައެވެ. އިސްވެ ދިޔަ އާޔަތްތަކުގައި ﷲ ތަޢާލާ އެ ވަނީ މިކަމާމެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައެވެ. އެއީ އިންސާނުންވެސް މަރުވުމަށްފަހުގައި، އެ ގަސްތައް ފަދައިން ހަށިތައް ފަނާވެދާނެއެވެ. އެއަށް ފަހުގައި ޤިޔާމަތްދުވަހު، އިންސާނުންވެސް އަލުން ދިރުއްވާނެއެވެ.

ވާރޭ ވެއްސެވުމުގެ ކުރިން ފޮނުއްވާ ވަޔަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَهُوَ الَّذِي أَرْسَلَ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً طَهُورًا [‎٤٨] ‏ لِّنُحْيِيَ بِهِ بَلْدَةً مَّيْتًا وَنُسْقِيَهُ مِمَّا خَلَقْنَا أَنْعَامًا وَأَنَاسِيَّ كَثِيرًا ‎[٤٩]﴾ [سورة الفرقان 48 – 49]

މާނައީ: “އަދި އެއިލާހުގެ ރަޙުމަތުގެ ކުރިޔަށް (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި ޚަބަރެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެއިލާހެވެ. އަދި ޠާހިރުކުރަނިވި ފެން ތިމަންއިލާހު އުޑުން ބާވައިލެއްވީމެވެ. [48] (އެއީ) މަރުވެފައިވާ ރަށެއް، އެ ފެނުން އަލުން ދިރުއްވުމަށާއި، އަދި ތިމަންއިލާހު ހައްދަވާފައިވާ ތަކެތީގެ ތެރެއިން ޖަނަވާރުތަކަށާއި ގިނަ އިންސާނުންނަށް އެ ފެން ބޯންދެއްވުމަށެވެ. [49]”

ﷲ އަށާއި އެއިލާހު ފޮނުއްވި ރަސޫލުބޭކަލުންނަށް އުރެދި، ނުކިޔަމަންތެރިވި ޤައުމުތައް ހަލާކުކުރެއްވުމަށް ޢަޛާބުގެ ގޮތުގައިވެސް އެއިލާހުވަނީ ވަޔާއި ވާރޭ ފޮނުއްވާފައެވެ. އެގޮތުން ނޫޙުގެފާނުގެ ޤައުމުގެ މީހުންނާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.

‎﴿كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ [٩]‏ فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ ‎[١٠] فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ‎[١١]‏ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ ‎[١٢]﴾ [سورة القمر 9 – 12]‏

މާނައީ: “އެބައިމީހުންގެ ކުރިން ނޫޙުގެފާނުގެ ޤައުމުގެ މީހުންވެސް ދޮގުކުރިއެވެ. ފަހެ އެބައިމީހުން ތިމަންއިލާހުގެ އަޅާ ދޮގުކުރިއެވެ. އަދި އެބައިމީހުން ބުންޏެވެ. (އެކަލޭގެފާނަކީ) މޮޔައެކެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ. [9] ފަހެ އެކަލޭގެފާނުގެ ރައްބަށް އެކަލޭގެފާނު ދުޢާކުރައްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން މިއަޅާވަނީ ދެރަކޮށްލައިފައެވެ. ފަހެ (މިއަޅާއަށް) ނަޞްރުދެއްވާނދޭވެ! [10] ފަހެ ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންއިލާހު އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. [11] އަދި ތިމަންއިލާހު ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި ބިމުން އެރި ފެން) ބައްދަލުވިއެވެ. [12]”

އަދި ޢާދުބާގައިގެ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا اسْتَعْجَلْتُم بِهِ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ﴾‏ [سورة الأحقاف ‎٢٤]

މާނައީ: “ފަހެ އެބައިމީހުންގެ ވާދީތަކާދިމާއަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެބައިމީހުންނަށް އެ (ޢަޛާބު) ފެނުނު ހިނދު އެބައިމީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެބައިމީހުންނަށް އެންގެވިއެވެ.) އަދި ކިއެއް ހެއްޔެވެ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެން އުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަ ވަޔެކެވެ.”

ތައުބާވެ އިސްތިޣުފާރުކުރުމުން އުޑާއި ބިމުން ރޯދިބަރަކާތް ލައްވާނެ ކަމުގައި ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެގޮތުން ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ނަސޭހަތްދެއްވާ ވިދާޅުވިއެވެ.

﴿وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ﴾ [سورة هود ‎٥٢]‏

މާނައީ: “އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެއިލާހަށް ތައުބާވާށެވެ! އޭރުން ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!”

ވައިގަދަވެ، އުޑުމަތި ބަނަވުމުން ނަބިއްޔާ صلى الله عليه وسلم ގެ މޫނުފުޅުން ބިރުފުޅުގެން ވަޑައިގެންނެވުމުގެ އަސަރު ފާޅުވާކަމުގައި ޢާއިޝާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«يَا عَائِشَةُ مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ؟ عُذِّبَ قَوْمٌ بِالرِّيحِ، وَقَدْ رَأَى قَوْمٌ العَذَابَ، فَقَالُوا: هَذَا عَارِضٌ مُمْطِرُنَا» [رواه البخاري (4829)]

މާނައީ: “އޭ ޢާއިޝާއެވެ. އޭގައި ޢަޛާބެއް ނުވާނެކަމުގެ އަމާންކަން ތިމަންކަލޭގެފާނަށް ލިބިވަޑައިގެން ވޭ ހެއްޔެވެ؟ ގަދަ ވަޔެއް ފޮނުއްވާ ޤައުމެއްގެ ބަޔަކަށް ޢަޛާބު ފޮނުއްވިއެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަށް ޢަޛާބު ފެނުމުން އެބައިމީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ވާރޭ ވެއްސައިދޭނޭ ވިލާގަނޑެކެވެ.”

އަދި ވައިގަދަވުމުން ނަބިއްޔާ صلى الله عليه وسلم މިފަދައިން ދުޢާކުރައްވައެވެ.

«اللهُمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيهَا، وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيهَا، وَشَرِّ مَا أُرْسِلَتْ بِهِ» [رواه مسلم (15 – (899))]

މާނައީ: “އޭ ﷲ! އޭގެ (އެބަހީ: އެ ވައިގެ) ހެޔޮކަމާއި، އޭގައިވާ ހެޔޮކަމާއި، އެ އެއްޗެއްގެ ޛަރިއްޔާއިން އެ (ވައި) ފޮނުއްވުނު އެއްޗެއްގެ ހެޔޮކަން ދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ. އަދި އޭގެ (އެބަހީ: އެ ވައިގެ) ނުބައި ކަމުންނާއި، އޭގައިވާ ނުބައިކަމުންނާއި، އެ އެއްޗެއްގެ ޛަރިއްޔާއިން އެ (ވައި) ފޮނުއްވުނު އެއްޗެއްގެ ނުބައިކަމުން ރައްކާތެރި ކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން މިއަޅާ ދަންނަވަމެވެ.”

އަދި ވާރޭވެހޭތަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު މިފަދައިން ދުޢާކުރައްވައެވެ.

«اللَّهُمَّ صَيِّبًا نَافِعًا» [رواه البخاري (1032)]

މާނައީ: ” އޭ ﷲ! (މި ވާރޭ އަކީ) ފައިދާހުރި ވާރޭއެއް ކަމުގައި ލައްވާނދޭވެ!”

އަދި ވާރޭ ވެހުމުން މިފަދައިން ކިޔުމަށް އެކަލޭގެފާނު އިރުޝާދު ދެއްވާފައިވެއެވެ.

«مُطِرْنَا بِفَضْلِ اللهِ وَرَحْمَتِهِ» [رواه البخاري (846) ومسلم (125 – (71))]

މާނައީ: “ﷲ ގެ ފަޟުލުވަންތަކަމާއި އެއިލާހުގެ ރަޙްމަތުން އަޅަމެންގެ މައްޗަށް ވާރޭ ވެހިއްޖެއެވެ.”

އަދި ގެއްލުންވާ ވަރަށް ބޯކޮށް ވާރޭ ވެހުމުން މިފަދައިން ދުޢާކުރައްވައެވެ.

«اللَّهُمَّ حَوَالَيْنَا، وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالجِبَالِ وَالآجَامِ وَالظِّرَابِ وَالأَوْدِيَةِ وَمَنَابِتِ الشَّجَرِ» [رواه البخاري (1013)]

މާނައީ: “އޭ ﷲ! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ! އޭ ﷲ! އުސް ބިންތަކަށާއި، ފަރުބަދަތަކަށާއި، ވާދީތަކުގެ މެދުގައިވާ އަޑިގުޑަން ތަންތަނަށާ އަދި ގަސްފަޅާ ތަންތަނަށް ވެއްސަވާނދޭވެ!”