ޝަރުޢީ އިޞްޠިލާޙުގައި ޝަހާދާ
ޙަނަފީންގެ އަރިހުގައި ޝަހާދާ:
ޙަނަފީންގެ އަރިހުގައި ޝަހާދާއަކީ: “ޤަޟާގެ މަޖިލީހެއްގައި ޝަހާދާގެ ލަފުޒުން ޙައްޤެއް ސާބިތުކުރުމަށް ތެދު ޚަބަރެއް ދިނުމެވެ.”[1]
އަލްފަތާވާ އަލްހިންދިއްޔާ [2] ގައި ޝަހާދާގެ ތަޢުރީފެއްގެ ގޮތުގައި ޚިޔާރު ކުރައްވާފައިވަނީ މި ތަޢުރީފެވެ. އިސްލާމީ ޚިލާފަތުގެ ދައުލަތަށް އެކުލަވާލެވުނު މަދަނީ ޤާނޫނު، المَجَلَّةُ الْأَحْكَام العَدْلِيَّةގައި އެ ޤާނޫނުގެ 1684ވަނަ މާއްދާގައި ޝަހާދާގެ މާނަ ކުރައްވާފައި ވަނީ: “ޝަހާދާއަކީ ޝަހާދަތުގެ ލަފުޒުން [ކަމަކާ ގުޅޭ] މަޢުލޫމާތެއް ދިނުމެވެ. ޔަޢުނީ: ‘މީހެއްގެ ޛިއްމާގައި އެހެން މީހެއްގެ ޙައްޤެއް ސާބިތުވެފައިވާކަމުގެ މައްޗަށް އަހުރެން ހެކިވަމެވެ.’ މިފަދަ ޢިބާރާތަކުން ޤާޟީއެއްގެ ޙާޟިރުގައި، ދެ ޚަޞްމުންނާ މުވާޖަހާކޮށް ބުނުމެވެ.” މިފަދައިންނެވެ.
ޢުޘްމާނީ މަދަނީ ޤާނޫނުގައި ޝަހާދާގެ މާނަ މިވަނީ، ޙަނަފީ ފިޤުހީ ފޮތްތަކުގައި ޝަހާދާގެ އިޞްޠިލާޙީ މާނަ ޝަރަޙަކޮށްދީފައިވާ ގޮތަށް ނަޒަރުކުރުމާއެކު ޒަމާނާ އެކަށޭނަ މޭރުމަކުން ޝަހާދާއަށް ތަފްޞީލީ ތަޢުރީފެއް ބަޔާން ކުރައްވާފައެވެ.
މާލިކީންގެ އަރިހުގައި ޝަހާދާ:
މި މަޛްހަބުގެ ދަންނަބޭކަލުން ޝަހާދާގެ ތަޢުރީފުގައި ވިދާޅުވެފައި ވެއެވެ. “ޝަހާދާއަކީ އެ ބަހެއް ޙާކިމާ އަޑު އަހައި، އެ ބަހުގެ މައްޗަށް ބިނާކޮށް ޙުކުމު ކުރުން ލާޒިމުކުރުވާ ބަހެވެ.”[3]
ޝާފިޢީންގެ އަރިހުގައި ޝަހާދާ:
އިމާމު އިބްނު ޙަޖަރުލްހައިތަމީ (ނޔވ 974) ވިދާޅުވިއެވެ. “އިޞްޠިލާޙުގައި ޝަހާދާއަކީ ޚާއްޞަ ލަފުޒަކުން، އެއް ފަރާތުން އަނެއް ފަރާތުގެ މައްޗަށް އޮތް ޙައްޤެއްގެ ވާހަކައިން ޚަބަރު ކުރުމެވެ.”[4]
އިބްނު އަބިއްދަމް (ނޔވ 642) ޝަހާދާގެ ތަޢުރީފު ތަފްޞީލު ކުރައްވަމުން ވިދާޅުވެފައި ވެއެވެ. “އިޞްޠިލާޙުގައި [ޝަހާދާއަކީ] ޝަހާދަތުގެ ލަފުޒުން ތެދު ޚަބަރަކުން، އެހެން މީހަކަށްވާ ޙައްޤެއް ނުވަތަ އެހެން މީހެއްގެ މައްޗަށްވާ ޙައްޤަކުން ޤަޟާގެ މަޖިލީހުގައި ޚަބަރު ކުރުމެވެ. އެއީ ދަޢުވާއަކާ ނުލައިކަމުގައި ވިޔަސް މެއެވެ. މިއީ ޙިސްބާގެ ޝަހާދާ[5]، ޝަހާދާގެ ތަޢުރީފުގެ ތެރެއަށް ވަނުމަށްޓަކައެވެ.”[6]
ޙަންބަލީންގެ އަރިހުގައި ޝަހާދާ:
އިމާމު އަލްބުހޫތީ (ނޔވ 1051) ޝަހާދާގެ ތަޢުރީފުގައި ވިދާޅުވިއެވެ. “އެއީ ‘އަޝްހަދު’ ނުވަތަ ‘ޝަހިދްތު’، ކުރެ ލަފުޒަކުން ތިމާއަށް އެނގިފައިވާ މަޢުލޫމާތެއްގެ ޚަބަރު ދިނުމެވެ.”[7] المَجَلَّةُ الْأَحْكَام الشَّرْعِيَّةގެ 2136ވަނަ މާއްދާގައި ޝަހާދާގެ ތަޢުރީފު ގެންނަވާފައިވަނީ: “ޝަހާދާއަކީ ޙާކިމާގެ ކުރިމަތީގައި ޚާއްޞާ ލަފުޒަކުން އެ މީހަކަށް އެނގިފައިވާ މަޢުލޫމާތަކުން ޚަބަރު ކުރުމެވެ. މިފަދައިން ޚަބަރު ކުރާ މީހާއަށް ‘ޝާހިދު’، މިފަދައިން ކިޔެއެވެ.”[8] މިފަދައިންނެވެ.
އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“ފަހެ ހެކިވާއިރު “ހެކިވަމޭ” މި ލަފްޒު ބޭނުންކުރުން ޝަރުޠުކުރުމާ މެދު ދަންނައެވެ. ﷲ ތަޢާލާގެ ފޮތުގައި އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި އަދި ޞަޙާބީބޭކަލެއްގެ ބަސްފުޅުގައިވެސް އެކަން ޝަރުޠުކޮށްފައި ނުވެއެވެ. އަދި ބަހުގެ ގޮތުން ބަލާއިރުވެސް ‘ހެކިވުން’ އެ ލަފްޒުވެސް އެކަން ކޮންމެހެން ލާޒިމެއް ނުކުރެއެވެ.” [9]
އަދި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ހެކިބަސް ޞައްޙަވުމުގައި “އަހަރެން ހެކިވަމޭ” މިފަދައިން ބުނުމަކީ ޝަރުޠެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ހެކިވެރިޔާ “ތިމަންނައަށް މިވެނި އެވެނި ކަމެއް ފެނުނޭ” ބުނުމުން ނުވަތަ “އަޑު އިވުނޭ ބުނުމުން” ނުވަތަ އެފަދަ އެހެން ގޮތަކަށް އެކަން ބަޔާންކުރުމުން އެ ބެލޭވޭނީ އޭނާގެ ހެކިބަސް ކަމުގައެވެ. ﷲ ތަޢާލާގެ ފޮތުގައި އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި އަދި އެންމެ ޞަޙާބީބޭކަލެއްގެ ބަސްފުޅުގައިވެސް އެކަން ޝަރުޠުކޮށްފައި ނުވެއެވެ. އަދި އެކަމަށް ބާރުދޭ ޤިޔާސެއް ނުވަތަ އެކަން ލާޒިމުކުރާ އިސްޠިންބާތެއްވެސް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އެތައް ދަލީލެއްގައިވެސްވަނީ އަދި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތަކުގައިވެސް ވަނީ އެކަން ނަފީވާ ގޮތަށެވެ. އަދި ޢަރަބި ބަހުގެ ހަމަތަކުންވެސް އެކަން ނަފީވެއެވެ.” [10]
ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނުގައި ޝަހާދާގެ ތަޢުރީފު
އިސްވެ ބުނެވުނު ފަދައިން، ޝަހާދާއަކީ ދިވެހި ޤާނޫނީ ނިޒާމު ޝަފަހީ ހެކީގެ ނަމުގައި ދަންނަ މަފްހޫމަށް ޢަރަބި ބަހުން ކިޔާ ނަމެވެ. ދިވެހި ޤާނޫނީ ރަދީފުގައި ޝަފަހީ ހެކީގެ މާނައެއް ކަމުގައިވަނީ: “ހެއްކަކު ޝަރީޢަތުގެ މަޖިލީހުގައި އަނގަބަހުން ދޭ ހެކިބަސް”[11] މިފަދައިން ބަޔާންކޮށްފައެވެ. ހެއްކާ ބެހޭ ޤާނޫނުގައި މި މާނައަށް ވުރެ ތަފްޞީލީ ޢިބާރާތުން ޝަފަހީ ހެކީގެ މާނަ ބަޔާންކުރައްވާފައި ވެއެވެ. އެ ގޮތުން ޤާނޫނުގެ 36ވަނަ މާއްދާގައި ވެއެވެ:
“”ޝަފަހީ ހެކި” ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.”
ޤާނޫނުގައި އިޝާރާތް ކުރެވިފައި ވާ ‘ހެކިބަސް’އަކީ ކޮބައިކަން ޤާނޫނުގެ 9ވަނަ މާއްދާގައި ބަޔާންވެގެން ވެއެވެ. އެ ގޮތުން އެ މާއްދާގައި އައިސްފައި ވެއެވެ.
” “ހެކިބަސް” ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި، ހުވާކޮށްގެން ހުރެ، އަނގަބަހުން ނުވަތަ އިޝާރާތުން ދޭ ބަޔާނަށެވެ.”
އެހެންކަމުން ޤާނޫނުގެ ތަޢުރީފުން އެނގޭ ފަދައިން ޝަފަހީ ހެއްކަކު ޝަރީޢަތުގެ މަޖިލީހުގައި އަނގަބަހުން ދޭ ހެކިބަހުގެ އިތުރުން އިޝާރާތުން ދޭ ބަޔާނަކީ ވެސް ހެކިބަހުގެ މާނައިގެ ތެރޭގައި ހިމެނޭ ބަޔާނެކެވެ.
[1] فَتْحُ الْقّدِير لِلْكَمَال بْنُ الْهمَام (7/364)، دَارُ الفِكْر، 1389.
[2] އަލްފަތާވާ އަލްހިންދިއްޔާއަކީ: ހިންދުކަރައިގައި ސުލްޠާނެއްކަމުގައިވާ އައްސުލްޠާން أَبُو المُظَفَّرِ مُحْيِي الدِّينِ مُحَمَّد أَورنك زيب بَهَادر عَالَم كِير بن شَاهجَهَانގެ ވެރިކަމުގައި، އެ ސުލްޠާނުގެ އަމުރުފުޅަށް، އެ ސުލްޠާނުގެ ޤިޔާދަތުގެ ދަށުގައި އައްޝައިޚު ނިޡާމުއްދީން އަލްބުރުހާނުފޫރީ އަލްބަލްޚީގެ ރިއާސަތުގައި ކުރިއަށް ދިޔަ މަޝްރޫޢެކެވެ. އެއީ ޙަނަފީ މަޛްހަބުގެ ޝައިޚެކެވެ. މިއީ ދައުލަތުގައި ފަތުވާ ދިނުމަށާއި ޤަޟާއަށް ޚާއްޞަ ކުރައްވާ އިޢުތިމާދު ކުރެވުނު، އެ ދައުލަތުގެ ޤާނޫނެވެ. މިއީ މިފަދައިން އެކުލަވާލެވުނު އެންމެ ފުރަތަމަ ޤާނޫނެވެ. މި ޤާނޫނު އެކުލަވާލެވިފައިވަނީ މި ޒަމާނުގެ ގޮތަށް ވުރެ، ފިޤުހީ ފޮތްތައް އޭރު ލިޔެވެމުން ދިޔަ މޭރުމުންނެވެ. އެއީ ޙަނަފީ މަޛްހަބުގައި ފަތުވާ ދެމުންދާ ގޮތް ދެނެގަތުން ޤާޟީންނާ އަދި މީސްތަކުންނަށްވެސް ފަސޭޙަކުރުމަށްޓަކައެވެ. – دراسة عن كتاب “الفتاوى الهندية” لريق مليل الهندي (ص: 130 – 137).
[3] المُخْتَصَرُ الْفِقْهِي لِابْنِ عَرَفَة (9/225)، مُؤَسَّسَةُ خَلَف أَحْمَد الخبتور لِلْأَعْمَالِ الْخَيْرِيَّة، 1435.
[4] تُحْفَةُ الْمُحْتَاج فِي شَرْحِ الْمِنْهَاج لِلْهَيْتَمِيّ وَحَوَاشِيَ الشَّرْوَانِي وَالعبادي (10/211)، المَكْتَبَةُ التِّجَارِيَّةُ الكُبْرىٰ – مصر، 1357.
[5] “ޙިސްބާގެ ޝަހާދާއަކީ އެ ކަމެއްގައި ޚާލިޞްކޮށް ﷲ ތަޢާލާގެ ޙައްޤެއް ވާ ކަމެއް ނުވަތަ އިންސާނެއްގެ ރުހުމަކުން އަސަރެއް ނުކުރާ ފަދަ ﷲއަށް ވާ މުއައްކަދު ޙައްޤުތަކުގައި އަދާ ކުރެވޭ ހެކިބަހެވެ.” – الشَّرْحُ الكَبِيرُ لِلرَّافِعِي (13/35)، دَارُ الكُتُبُ العِلْمِيَّة – بَيْرُوت، 1417.
[6] أَدَبُ الْقَضَاء لِابْنِ أَبِي الدَّم (1/175)، مَطْبَعَةُ الإِرْشَاد – بَغْدَاد، 1404.
[7] الرَّوْضُ الْمُرْبِعُ لِلْبُهُوتِي (3/501)، دَارُ الرَّكَائِز لِلنَّشْرِ وَالتَّوزِيع – الكُويْت، 1438.
[8] المَجَلَّةُ الْأَحْكَام الشَّرْعِيَّة لِأَحْمَد القَارِي (ޞ 624)، تِهَامَة – جدَّة، 1401.
[9] الطرق الحكمية لابن القيم (ص: 173).
[10] الطرق الحكمية لابن القيم (ص: 171).
[11] ޙުސްނުއްސުޢޫދު: ދިވެހި ޤާނޫނީ ރަދީފު (ޞ 219)، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް – މާލެ، 2018.