[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 117

އެކަލޭގެފަނު އެފޮތުގައި ގެންގުޅުއްވާފައިވާ މަންހަޖާއި ޢިލްމުވެރިން އެފޮތާ މެދު ދެކިލައްވާ ގޮތް:

އެ ފޮތް الكُتُبُ الخَمْسَة (ޙަދީޘްގެ ފަސް ފޮތް) ގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނުއްވި ބޭކަލަކީ: أبو الفضل محمد بن طاهر (އަވަހާރަވީ: 507 ހ ގައި) އެވެ. އެކަލޭގެފާނަކީ شُرُوطُ الأَئِمَّة السِّتَّة (ހަ އިމާމުންގެ ޝަރުޠުތައް) ލިޔުއްވި ބޭކަލެވެ. އެހެން ބޭކަލުންވަނީ އެ ފޮތުގެ ބަދަލުގައި އިމާމު މާލިކުގެ المُوَطَّأ ހިމަނުއްވާފައެވެ.

އިބްނު މާޖާ އެކަލޭގެފާނުގެ ފޮތް ތަރުތީބުކުރައްވާފައިވަނީ السُّنَن ގެ އެހެނިހެން ފޮތްތައްވެސް ތަރުތީބުކުރައްވާފައިވާ ފަދައިން ޙުކުމްތައް ބަޔާންކުރައްވާ ބާބުތަކެއްގެ މައްޗަށެވެ. އަދި އެފޮތުގައި ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތަކާ އަދި ޟަޢީފު ޙަދީޘްތައްވެސް ގެންނަވާފައި ވެއެވެ. އަދި އެފޮތުގައި ބައެއް މުންކަރު ޙަދީޘްތަކާއި މައުޟޫޢު ޙަދީޘްތައްވެސް ވެއެވެ. އެހެނަސް އެއީ ވަރަށް މަދު މިންވަރެކެވެ. އެ ޙަދީޘްތަކުގެ ސަބަބުން އަނެއް ފަސް ފޮތަށް ވުރެ އެ ފޮތުގެ ދަރަޖަވަނީ ދަށް ވެފައެވެ.

الأستاذ محمد فؤاد عبد الباقي ވިދާޅުވިއެވެ.

“ސުނަނު އިބްނު މާޖާގައިވާ ޖުމްލަ ޙަދީޘްތަކުގެ ޢަދަދަކީ 4341 ޙަދީޘެވެ. އޭގެ ތެރެއިން 3002 ޙަދީޘްވަނީ އަނެއް ފަސް ފޮތުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ ބޭކަލުން ނުވަތަ ބައެއް ބޭކަލުން އެބޭކަލުންގެ ފޮތްތަކުގައި ގެންނަވާފައެވެ. އަދި އަނެއް 1339 ޙަދީޘަކީ އެފޮތްތަކުގައި ގެންނަވާފައި ނުވާ ޙަދީޘްތަކެކެވެ. އޭގެ ތެރޭގައި  ސަނަދު ޞައްޙަ 428 ޙަދީޘާއި ޙަސަން ދަރަޖައިގެ ސަނަދުން ގެންނަވާފައިވާ 199 ޙަދީޘާއި ޟަޢީފު ސަނަދުން ގެންނަވާފައިވާ 613 ޙަދީޘާއި އެއްވެސް ބުރަދަނެއް ނެތް ނުވަތަ މުންކަރު ނުވަތަ ދޮގުވެރިންވާ ސަނަދުން ގެންނަވާފައިވާ 99 ޙަދީޘް ހިމެނެއެވެ.” [1]

 

އެފޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ޝަރުޠު:

އިމާމު ބުޚާރީގެ ޝަރުޠު ބަޔާންކުރި އިރުގައި އަދި އަބޫދާވޫދުގެ ޝަރުޠު ބަޔާންކުރި އިރުގައި އެވާހަކަވަނީ ޛިކުރުކުރެވިފައެވެ. ރަނގަޅަށް ފެންނަން އޮތްކަމަކީ، އަނެއް ފަސް ފޮތަށް ވުރެ އިބްނު މާޖާގެ ފޮތުގެ ދަރަޖަ ދަށްވެފައިވަނީ ބައެއް ގޮތް ނޭނގޭ މީހުންނާއި ތުހުމަތުކުރެވިފައިވާ މީހުންގެ ކިބައިން އެކަލޭގެފާނު ޙަދީޘް ރިވާކުރައްވާފައި ވާތީއެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ތެރޭގައި ބައެއް ދޮގުވެރިންވެސް ވެއެވެ.

 

ޢިލްމުވެރިން އެފޮތަށް ދެއްވާފައިވާ އަހަންމިއްޔަތު:

(ކުތުބުއްސިއްތާގެ) އެހެން ފޮތްތަކެކޭ އެއްފަދައިން ޢިލްމުވެރިންވަނީ އެފޮތް ރިވާކުރެއްވުމާއި އެފޮތް އަޑުއެހުމާ އަދި އެފޮތް ނަޤުލުކުރެއްވުމަށް ސަމާލުކަން ދެއްވާފައެވެ. އަދި ކުތުބުއްސިއްތާގެ ރާވީންގެ ވަނަވަރު ބަޔާންކޮށްފައިވާ ފޮތްތަކުގައި އެފޮތުގެ ރާވީންގެ ވަނަވަރުތައްވެސް ވަނީ ބަޔާންކުރައްވާފައެވެ. އެފޮތުގެ ޝަރަޙައާ މެދުގައި ދަންނައެވެ. “حاشية السندي” އާއި “تعليقات السيوطي”، މި ދެ ފޮތް ފިޔަވާ އެހެން ޝަރަޙައެއް އަޅުގަނޑަށް ފެނިފައި ނުވެއެވެ.

__________________________

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] ބައްލަވާ: دراسة محمد فؤاد عبد الباقي عن سنن ابن ماجه في آخر الجزء الثاني (2 / 1519 – 1520).