[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 9

  1. ކީރިތި ޤުރުއާން ޖަމާކުރެއްވުން

 

އިސްލާމީ އުންމަތް ފުޅާވެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމުން، ރަށްތަކުގެ މީސްތަކުން ޤުރުއާން ކިޔެވުމުގައި ތަބާވަމުން ދިޔައީ އެ ރަށެއްގައި ހުންނަވާ ޞަޙާބީއަކަށެވެ. އެގޮތުން ޝާމުކަރައިގެ އަހުލުވެރިން ކިޔަވަމުން ދިޔައީ އުބައްޔު ބުން ކައުބު ކިޔަވާ ވިދާޅުވާ ގޮތަށެވެ. އަދި ކޫފާގެ އަހުލުވެރިން ކިޔަވަމުން ދިޔައީ އަބޫ މޫސާ އަލްއަޝްޢަރީ ކިޔަވާ ވިދާޅުވާ ގޮތަށެވެ. އެބައިމީހުންގެ ކިޔެވުމުގައްޔާއި އަކުރު އަދާކުރާ ގޮތުގައި ތަފާތުތަކެއް ހުއްޓެވެ. މިއީ ޢާންމުންގެ ތެރޭގައި ޚިލާފު އުފެދުމަށް ހުޅުވުނު ދޮރަކަށް ވިއެވެ. ޚާއްޞަކޮށް އަލަށް އިސްލާމްވާ މީހުންނާއި ޤުރުއާން ބާވައިލެއްވުނީ 7 ޙަރުފެއްގެ މައްޗަށްކަން ނޭނގޭ މީހުންގެ މެދުގައެވެ.

މިކަން ވަރަށް ފާޅު ގޮތެއްގައި ފެނިގެން ދިޔައީ ޙުޛައިފާ ބުން ޔަމާންގެ ދަށުގައި އަރްމީނިޔާއާއި އަޛަރުބައިޖާނަށް ފޮނުވުނު ލަޝްކަރުގެ ތެރޭގައެވެ. އެ ލަޝްކަރުގައި ޝާމުކަރައގެ އަހުލުވެރިންނާއި ޢިރާޤުގެ އަހުލުވެރިން ވިއެވެ. ޙުޛައިފާ ބުން ޔަމާނަށް މިކަން ފެނިވަޑައިގެންނެވިއެވެ. އަދި ހަނގުރާމައިން އެނބުރިވަޑައިގެންނެވުމަށް ފަހު، ޢުޘްމާނުގެފާނުގެ އަރިހަށް ވަޑައިގެން އެކަން އެކަލޭގެފާނާ ހިއްސާކުރެއްވިއެވެ.

فَقَالَ حُذَيْفَةُ لِعُثْمَانَ: “يَا أَمِيرَ المُؤْمِنِينَ، أَدْرِكْ هَذِهِ الأُمَّةَ، قَبْلَ أَنْ يَخْتَلِفُوا فِي الكِتَابِ اخْتِلاَفَ اليَهُودِ وَالنَّصَارَى”، فَأَرْسَلَ عُثْمَانُ إِلَى حَفْصَةَ: “أَنْ أَرْسِلِي إِلَيْنَا بِالصُّحُفِ نَنْسَخُهَا فِي المَصَاحِفِ، ثُمَّ نَرُدُّهَا إِلَيْكِ”، فَأَرْسَلَتْ بِهَا حَفْصَةُ إِلَى عُثْمَانَ، فَأَمَرَ زَيْدَ بْنَ ثَابِتٍ، وَعَبْدَ اللَّهِ بْنَ الزُّبَيْرِ، وَسَعِيدَ بْنَ العَاصِ، وَعَبْدَ الرَّحْمَنِ بْنَ الحَارِثِ بْنِ هِشَامٍ “فَنَسَخُوهَا فِي المَصَاحِفِ”، وَقَالَ عُثْمَانُ لِلرَّهْطِ القُرَشِيِّينَ الثَّلاَثَةِ: “إِذَا اخْتَلَفْتُمْ أَنْتُمْ وَزَيْدُ بْنُ ثَابِتٍ فِي شَيْءٍ مِنَ القُرْآنِ فَاكْتُبُوهُ بِلِسَانِ قُرَيْشٍ، فَإِنَّمَا نَزَلَ بِلِسَانِهِمْ”، فَفَعَلُوا حَتَّى إِذَا نَسَخُوا الصُّحُفَ فِي المَصَاحِفِ، رَدَّ عُثْمَانُ الصُّحُفَ إِلَى حَفْصَةَ، وَأَرْسَلَ إِلَى كُلِّ أُفُقٍ بِمُصْحَفٍ مِمَّا نَسَخُوا، وَأَمَرَ بِمَا سِوَاهُ مِنَ القُرْآنِ فِي كُلِّ صَحِيفَةٍ أَوْ مُصْحَفٍ أَنْ يُحْرَقَ. [رواه البخاري (1987)]

މާނައީ: “ޚުޛައިފަތުގެފާނު ޢުޘްމާނުގެފާނަށް ދެންނެވިއެވެ. “އޭ އަމީރުލް މުއުމިނީނެވެ! ޔަހޫދީންނާއި ނަޞާރާއިން ޚިލާފުވީ ފަދައިން، ޤުރުއާނާމެދު މި އުންމަތް ބައިބައިވުމުގެ ކުރިން ސަލާމަތްކޮށްދެއްވާށެވެ.” ފަހެ ޢުޘްމާނުގެފާނު، ޙަފްޞަތުގެފާނުގެ އަރިހަށް ފޮނުއްވާ ވިދާޅުވިއެވެ. “(ޤުރުއާން ލިޔެފައިވާ) ފަތްފުށްތައް ތިމަންމެންނަށް ފޮނުވައިދެއްވާށެވެ. އޭރުން އެއިން ބަލައިގެން މުޞްޙަފުތަކެއް ލިޔުއްވުމަށް ފަހު، ކަމަނާއަށް އެ އަނބުރާ ރައްދުކޮށްދެއްވާނަމެވެ.” ފަހެ ޙަފްޞަތުގެފާނު ޢުޘްމާނުގެފާނަށް އެ ފޮނުއްވިއެވެ. ދެން ފަހެ، ޒައިދު ބުން ޘާބިތާއި ޢަބްދުﷲ ބުން އައްޒުބައިރާއި ސަޢީދު ބުން އަލްޢާޞާއި ޢަބްދުއްރަޙްމާނު ބުން އަލްޙާރިޘް ބުން ހިޝާމަށް އަމުރުކުރެއްވިއެވެ. “ފަހެ އޭގެން ބަލައިގެން މުޞްޙަފުތަކެއް ލިޔުއްވާށެވެ.” އަދި އެބޭކަލުންގެ ތެރެއިން ޤުރައިޝުންގެ ތިން ބޭކަލުންނަށް (އެބަހީ: ޢަބްދުﷲ ބުން އައްޒުބައިރާއި ސަޢީދު ބުން އަލްޢާޞާއި ޢަބްދުއްރަޙްމާނު ބުން އަލްޙާރިޘް ބުން ހިޝާމަށް) ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “ޤުރުއާނުގެ އެއްވެސް ތަނެއްގައި ތިޔަބޭކަލުންނާ ޒައިދު ބުން ޘާބިތާ ޚިލާފުވެއްޖެނަމަ، ޤުރައިޝުންގެ ބަހުރުވައިން ލިޔުއްވާށެވެ. ފަހެ، ހަމަކަށަވަރުން އެ ބާވައިލެއްވުނީ އެބައިމީހުންގެ ބަހުރުވައިންނެވެ.” ފަހެ އެބޭކަލުން އެފަދައިން ކަންތައް ކުރެއްވިއެވެ. އެ ފަތްފުށްތަކުން ބަލައިގެން މުޞްޙަފުތަކެއް ލިޔުއްވުމަށް ފަހު، ދެން ޢުޘްމާނުގެފާނު، އެ ފަތްފުށްތައް އަނބުރާ ޙަފްޞަތުގެފާނަށް ރައްދުކުރެއްވިއެވެ. އަދި އެކި ކަންކޮޅުތަކަށް އެ މުޞްޙަފުތައް ފޮނުއްވިއެވެ. އަދި އެ މުޞްޙަފުތައް ފިޔަވާ ޤުރުއާން ލިޔެފައިވާ އެންމެހާ ގަނޑުތަކަކާއި މުޞްޙަފުތަކެއް އަންދާލުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.”

ޤުރުއާން ޖަމާކުރައްވާ ލިޔުއްވި ޞަޙާބީ ބޭކަލުންނާމެދު ދަންނައެވެ. އެބޭކަލުން އެކަމުގައި ނުހަނު ތަވާޟުޢުވެރިވެވަޑައިގެންނެވިއެވެ. އެބޭކަލުންނަށް އެއީ ޤުރުއާނުގެ އާޔަތްތައްކަން ޔަޤީންކަމާއެކު އެނގިވަޑައިގަންނަވާ އެއްޗެއް މެނުވީ އޭގައި ނުލިޔުއްވައެވެ. އަދި އެއީ އެންމެ ފަހުން ބާވައިލެއްވުނު ފޮތްކަމާއި ޤިޔާމަތާ ހަމައަށް މަންސޫޚުވުމެއް ނެތި ދެމިގެންވާ އެއްޗެއްކަން އެބޭކަލުން ދެނެވަޑައިގަންނަވައެވެ.

ޢުޘްމާނުގެފާނު ޤުރުއާނުގެ މުޞްޙަފުތަކެއް ނަކަލުކުރެއްވުމަށް ފަހު، އެކި ކަންކޮޅުތަކަށް އެ މުޞްޙަފުތައް ފޮނުއްވާ، ޤުރުއާން ލިޔެވައިވާ އެހެން ހުރިހާ އެއްޗެއް އަންދާލަން އެންގެވީ ޞަޙާބީ ބޭކަލުންނާ މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ޢަލީގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

“فَوَاللَّهِ مَا فَعَلَ الَّذِي فَعَلَ فِي الْمَصَاحِفِ إِلَّا عَنْ مَلَأ مِنَّا جَمِيعًا” [المصاحف لابن أبي داود (ص: 2.5 – 2.6)]

މާނައީ: “ފަހެ ﷲ ގަންދީ ވިދާޅުވަމެވެ. (ޢުޘްމާނުގެފާނު) މުޞްޙަފުތަކާމެދު އެކަންތައްކުރެއްވި ގޮތަށް އެ ކުރެއްވީ ތިމަންމެންގެ ތެރެއިން އެންމެހާ ބޭކަލުން އެކަމަށް އެއްބަސްވެވަޑައިގެންނެވެ.”

ޢުޘްމާނުގެފާނު ޤުރުއާން ޖަމާކުރައްވަން ފެއްޓެވީ ހިޖުރައިން 25 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

 


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –