ޙަދީޘްތަކުގައިވާ (ބޭރުފުށުން ފެންނަން ހުންނަ ބައެއް) ޚިލާފުތަކާ އަދި މީސްތަކުންނަށް އޮޅުން އަރާ ބައެއް ވާހަކަތައް ބަޔާންކޮށްދެއްވައި، ބައެއް ބޭކަލުންވަނީ މި ޤަރުނުގައި ފޮތް ލިޔުއްވާފައެވެ. އެގޮތުން الطحاوي (އަވަހާރަވީ 321 ހ) ވަނީ އެފަދަ ދެ ފޮތެއް ލިޔުއްވާފައެވެ. އެއީ:
1- شرح معاني الآثار.
2 – شرح مشكل الآثار.
އެއީ ތިންވަނަ ޤަރުނުގައި އިމާމު ޝާފިޢީ (އަވަހާރަވީ 204 ހ) އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “اختلاف الحديث” ގައި ފައްޓަވާފައިވާ މަސައްކަތާއި އިބްނު ޤުތައިބާ (އަވަހާރަވީ 276 ހ) އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “تأويل مختلف الحديث” ގައި ފައްޓަވާފައިވާ މަސައްކަތަށް ލިބުނު ފުރިހަމަ ކަމެކެވެ.
އަދި އެ ޤަރުނުގައި އިތުރު ދެ ބާވަތެއްގެ ފޮތްތައް ތަޢާރަފުވެގެން ދިޔައެވެ. އެއީ ސުންނަތަށް ޚިދުމަތްކުރުމުގެ ރޮނގުން ލިބުނު އާ ކުރިއެރުންތަކެކެވެ. އަދި އެއީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންނަށް ލިބިފައިވާ ޚާއްޞަކަމެއްވެސް މެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ޚިދުމަތް ކުރެއްވުމަށްޓަކައި އެބޭކަލުން ކޮންމެ ޒަމާނެއްގައިވެސް އާ ވަސީލަތްތަކާއި މަގުތައް ހޯއްދަވައެވެ. އަދި އިސްލާމީ ބައެއް ޢިލްމުތައް ކުރިއެރުން މަޑު ޖެހިގެން ދިޔަ ފަދައިން، މި ޢިލްމު މަޑު ޖެހިފައި ނުވެއެވެ.
ފަހެ އެ ދެ ބާވަތުގެ ފޮތްތަކަކީ:
ފުރަތަމައީ: ޙަދީޘް ޢިލްމުގެ އިޞްޠިލާޙުތައް ބަޔާންކުރައްވާފައިވާ ފޮތްތައް: އެ ފޮތްތަކުގައި ވަނީ އޭގެ ކުރިން ދެވަނަ ޤަރުނާއި ތިންވަނަ ޤަރުނުގައި ވަޑައިގެންނެވި ޢިލްމުވެރިން އެކި ފޮތްތަކުގައި ގެންނަވާފައިވާ ޤަވާޢިދުތައް ޖަމާކުރައްވާފައެވެ. އެއީ މިސާލަކަށް އިމާމު ޝާފިޢީގެ “الرسالة” އާއި ޞަޙީޙު މުސްލިމުގެ މުޤައްދިމާއާއި އެކަލޭގެފާނުގެ “التمييز” އާއި ޙަދީޘްގެ ރާވީންނާއި علل (ފޮރުވިފައިވާ މައްސަލަތައް) ބަޔާންކުރާ ފޮތްތަކުންނެވެ. ﷲ ގެ އިރާދަފުޅާއެކު، އެ ޤަވާޢިދުތައް ޖަމާކޮށް އަދި ކިޔަވާ ކުދިންނަށް ފަސޭޙަވާނޭ ގޮތަށް އެ ނެރެދެއްވާނޭ ބޭކަލުންތަކެއް އެއިލާހު ވަނީ ލައްވާފައެވެ.
އަދި ޢިލްމުވެރިން ހިމަނުއްވާފައިވަނީ أبو محمد الرامهرمزي (އަވަހާރަވީ 360 ހ) ލިޔުއްވާފައިވާ “المحدث الفاصل” އަކީ އެ ފަންނުގައި ލިޔެފައިވާ އެންމެ ފުރަތަމަ ފޮތް ކަމުގައެވެ. ދެން އެކަލޭގެފާނަށް ފަހު أبو عبد الله الحاكم (އަވަހާރަވީ 405 ހ) “معرفة علوم الحديث”، މި ފޮތް ލިޔުއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ أبو نعيم الأصبهاني (އަވަހާރަވީ 430 ހ) އެ ފޮތަށް مستخرج އެއް ލިޔުއްވިއެވެ. ދެން އެއަށްފަހުގައި މުޞްޠަލަޙުގެ އެކިއެކި ފޮތްތައް ލިޔެވިގެން ދިޔައެވެ.
ދެވަނައީ: المستخرجات ގެ ނަމުން ނަންދެއްވާފައިވާ ފޮތްތައް: އޭގެ ތަފްޞީލު ވަރަށް އަވަހަށް ގެނެސްދޭނަމެވެ. إن شاء الله.
އަދި ޙަދީޘް ރައްކާތެރިކުރުމަށްޓަކައި މި ޤަރުނުގައި އެހެން ބާވަތްތަކުގެ ފޮތްތައްވެސް ލިޔެވިގެން ދިޔައެވެ. އޭގެ އެއް މިޘާލަކީ: الطبراني (އަވަހާރަވީ 360 ހ) ލިޔުއްވާފައިވާ (ޙަދީޘްގެ) “މުޢުޖަމު” ގެ ނަމުން ނަންދެއްވާފައިވާ ޙަދީޘް ފޮތްތަކާއި الدارقطني ލިޔުއްވާފައިވާ “العلل” އެވެ. އެ ފޮތް ތަރުތީބުކުރައްވާފައިވަނީ ޞަޙާބީ ބޭކަލުންގެ މުސްނަދުތަކުގެ މައްޗަށެވެ.
ފަސްވަނަ ޤަރުނާމެދު ދަންނައެވެ. އެ ޤަރުނުގައިވެސް ޙަދީޘް ޖަމާކޮށް އަދި ރައްކާތެރިކުރެއްވުމަށްޓަކައި ޢިލްމުވެރިން އެހެން ގޮތްތަކެއް ބޭނުންކުރައްވާފައި ވެއެވެ. އެ ގޮތުން ޙަދީޘްގެ މައުސޫޢާތައް (ޙަދީޘް ފޮތްތައް ޖަމާކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފޮތްތައް) ލިޔުމުގެ ފުރަތަމަ ކުރި ފެޅީ އެދުވަސްވަރުގައެވެ. އޭގެ ތެރޭގައި:
1- ދެ ޞަޙީޙު އެއްކޮށްގެން ލިޔެފައިވާ ފޮތްތައް
2- ކުތުބުއް ސިއްތާއާއި އެ ނޫން ފޮތްތައް އެއްކޮށްގެން ލިޔެފައިވާ ފޮތްތައް
އޭގެ އިތުރު ތަފްޞީލު ގެނެސްދޭނަމެވެ. إن شاء الله.
__________________________
= ނުނިމޭ =