ކާފިރުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ހެކިބަސް ދިނުން
ކާފިރުން އެ މީހުންގެ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ހެކިބަސް ދިނުމުގެ މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ތިން މަޛްހަބެއް ވެއެވެ.[1]
ފުރަތަމަ މަޛްހަބުގެ ރައުޔު:
ސުފްޔާނުއްޘައުރީ (ނޔވ 161) އަދި ރައުޔުގެ އަޞްޙާބުން [ޙަނަފީން]ގެ އަރިހުގައި ކާފިރުންނަށް އެބައިމީހުންގެ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އޭގެ ތެރެއިން ކޮންމެ ބައެއްގެ ހެކިބަސް ވެސް ޤަބޫލު ކުރެވޭނެއެވެ. އެހެނީ “ކުފުރަކީ އެއް މިއްލަތެއްކަމުގައި ވާތީއެވެ.” މި މައްސަލައިގައި އަބޫ ޙަނީފާ (ނޔވ 150)އާ ޚިލާފަށް އަބޫ ޔޫސުފު (ނޔވ 189)ގެ އަރިހުގައި ޛިއްމީއެއްގެ މައްޗަށް ޙަރުބީއެއްގެ ހެކިބަހެއް ބަލައި ނުގަނެވޭނެއެވެ. އެއީ އެ ދެ މީހުންނީ އެއް މިއްލަތެއްކަމުގައި ވިޔަސް މެއެވެ. މި ނޫނީ ޛިއްމީންނަށް އެ މީހުންގެ އެއްބައެއް އަނެއް ބައެއްގެ މައްޗަށް ހެކިވެރީންކަމުގައި ވެވިދާނެއެވެ. އެއީ މިއްލަތް ތަފާތު ވީ ނަމައެވެ.[2] މިއީ ޤާޟީ ޝުރައިޙު (ނޔވ 78)އާއި ޢުމަރު ބްނު ޢަބްދިލްޢަޒީޒު (ނޔވ 101)އާއި ޙައްމާދު ބްނު އަބީ ސުލައިމާނު (ނޔވ 120)އާއި ވަކީޢު (ނޔވ 196)ގެ ވެސް މަޛްހަބެވެ.[3]
ދެވަނަ މަޛްހަބުގެ ރައުޔު:
އިބްނު އަބީ ލައިލާ (ނޔވ 148) އަލްޙަސަން ބްނު ޞާލިޙު (ނޔވ 169) އަދި ޝަރީކު (ނޔވ 177) ވިދާޅު ވިއެވެ: “ޔަހޫދީއެއްގެ ހެކިބަހެއް ނަޞްރާނީއެއްގެ މައްޗަށް ބަލައި ނުގަނެވޭނެއެވެ. އަދި ނަޞާރާއެއްގެ ހެކިބަހެއް ޔަހޫދީއެއްގެ މައްޗަށް ބަލައި ނުގަނެވޭނެއެވެ. އެހެންނަމަވެސް އޭގެ ކޮންމެ މިއްލަތެއްގެ މީހެއްގެ ހެކިބަސް އެބައެއްގެ އަމިއްލަ މިއްލަތުގެ މީހުންގެ މައްޗަށް ބަލައިގަތުން ޖާއިޒުވެގެން ވެއެވެ.” ތާބިޢީ ބޭކަލުން ކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ކިބައިން މި ރައުޔުވެސް ރިވާވެގެން ވެއެވެ.[4] އެހެންކަމުން މި ބޭކަލުންގެ އަރިހުގައި ނަޞާރާއެއްގެ ހެކިބަސް ނަޞާރާއެއްގެ މައްޗަށް ބަލައިގަނެވޭނެއެވެ. ނަމަވެސް އެހެން ދީނެއްގެ މީހެއްގެ މައްޗަށް ބަލައި ނުގަނެވޭނެއެވެ. ޔަހޫދީއެއްގެ ހެކިބަސް ވެސް ހަމަ މިފަދައިން ބަލައިގަނެވޭނީ ޔަހޫދީއެއްގެ މައްޗަށެވެ.
މި ބޭކަލުން ދަލީލަކަށް ގެންނަވަނީ ޢާމިރު އައްޝަޢުބީ (ނޔވ 103) ޖާބިރުގެފާނުގެ ކިބައިން ރިވާކުރެއްވި ޙާދިޘާއެކެވެ. މި ޙާދިޘާގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޛިއްމީން ކުރެ ޔަހޫދީންގެ ބައެއްގެ މަޞްލަޙަތު ހިމެނޭ މައްސަލައެއްގައި ޔަހޫދީން ކުރެ ދެ މީހުން ހެކި ކުރައްވައެވެ. [ބައްލަވާ: سنن أبي داود 4452 وضعفه ابن حجر [5]]
ތިންވަނަ މަޛްހަބުގެ ރައުޔު:
އަބޫ ޘައުރު (ނޔވ 240) ވިދާޅުވިއެވެ. “އަހުލު ކިތާބީންގެ ހެކިބަސް އެބައިމީހުންގެ އަމިއްލަ މިއްލަތްތަކުގެ މައްޗަށް އަދި އެހެން މިއްލަތެއްގެ މީހުންގެ މައްޗަށްވެސް ބަލައި ނުގަނެވޭނެއެވެ.”[6] މިއީ އިމާމު ޝާފިޢީ[7] (204)، އިމާމު މާލިކު ބްނު އަނަސް[8] (ނޔވ 179)، އަދި އިމާމު އަޙްމަދު ބްނު ޙަންބަލު[9] (ނޔވ 241)ގެ މަޛްހަބެވެ. އެއީ އަންނަނިވި ނައްޞުތަކުގެ އަލީގައެވެ.
- ﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾ [الطلاق 6] މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”
- ﴿فَإن جَآؤُوكَ فاحْكُم بَيْنَهُم أوْ أعْرِضْ عَنْهُمْ﴾ [المائدة 42] މާނައީ: ” ފަހެ އެއުރެން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެއުރެންގެ މެދުގައި ޙުކުމު ކުރައްވާށެވެ! ނުވަތަ އެއުރެންގެ ކިބައިން އެނބުރިވަޑައިގަންނަވާށެވެ! “
- ﴿فاحْكُم بَيْنَهُمْ بِالقِسْطِ﴾ [المائدة 42] މާނައީ: “އަދި ކަލޭގެފާނު ޙުކުމު ކުރައްވާނަމަ އެއުރެންގެ މެދުގައި ޢަދުލުވެރިކަމާއެކުގައި ޙުކުމް ކުރައްވާށެވެ!”
- ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ [الحُجُرَات 6] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.”
މި ބޭކަލުން ވިދާޅުވިއެވެ. “އަހުރެމެންނަށް އެބައިމީހުންގެ މެދުގައި އިސްލާމު ދީނުގެ ޙުކުމުން މެނުވީ ޙުކުމް ކުރުމެއް ނުވެއެވެ. އެއީ [ހެކީންގެ ގޮތުގައި] ޢަދުލުވެރި މުސްލިމު ދެ ހެކީން މެނުވީ ޙުއްދަވެގެން ނުވުމެވެ.”
ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވަނީ މުސްލިމުން ކުރެ ވެސް ފާސިޤަކު އަހުލު ކިތާބީއެއްގެ މައްޗަށް ހެކިބަސް ދީގެން، އެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އަހަރެމެންގެ ތެރޭގައިވާ ފާސިޤުން އެބައިމީހުންގެ ތެރޭގައިވާ ޢަދުލުވެރީންނަށް ވުރެ ހެޔޮވެގެން ވެއެވެ. ކަން މިފަދައިން ހުރިއިރު، އަހަރެމެންގެ ތެރެއިން ފާސިޤެއްގެ ހެކިބަސް ބަލައި ނުގަނެވޭއިރު، އެބައިމީހުންގެ ހެކިބަސް ޤަބޫލު ކުރުން ހުއްދަ ނުވުން މާ އައުލާވެގެން ވެއެވެ.[10]
މުސްލިމެއްގެ މައްޗަށް ކާފިރަކު ހެކިބަސް އަދާ ކުރުމަކީ – ދަތުރު މަތީގައިވާ މީހާ ކުރާ ވަޞިއްޔަތް ފިޔަވައި – ދަންނަބޭކަލުންގެ އިޖުމާޢުން ޙުއްދަކަމެއްކަމުގައި ނުވިނަމަވެސް، ކާފިރަކު އޭނާގެ ކުފުރުގެ ދުވަސްވަރުގައި ދެކެފައިވާ ކަމެއްގެ މައްޗަށް، އޭނާ އިސްލާމު ވުމަށްފަހު ހެކިބަސް އަދާ ކުރުމަކަށް ހުރަހެއް ނެތެވެ. އިބްނުއްސަމްނާނީ (ނޔވ 499) ވިދާޅު ވިއެވެ. “މުސްލިމަކާ ދެކޮޅަށް ކާފިރަކު ހެކިބަސް ދިނުމުން، ޤާޟީ އެ ހެކިބަސް ބާޠިލުކުރާ ފަހުން، ހެކިވެރިޔާ އިސްލާމުވެ، އަލުން ހެކިބަސް އަދާ ކުރުމަކީ، އަދި އެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޙުކުމް ކުރުމަކީ ޖާއިޒުކަމެކެވެ. މިއީ އަހުރެމެން [ޙަނަފީ ދަންނަބޭކަލުންގެ އަރިހުގައި] އަދި ޝާފިޢީންގެ އަރިހުގައެވެ. މި މައްސަލައިގައި ޚިލާފެއް އަހުރެން ނުދަންނަމެވެ.”[11] މިފަދައިން އަބުލްޢައްބާސް އިބްނުލްޤާއްޞް (ނޔވ 335) ވެސް ނަޤުލު ކުރެއްވިއެވެ.[12] ނަމަވެސް އިމާމު މާލިކު (ނޔވ 179)ގެ އަރިހުގައި އެފަދަ މީހެއްގެ ހެކިބަސް ޖާއިޒުވެގެން ނުވެއެވެ. މިއާ ޚިލާފަށް ކާފިރަކު އޭނާގެ ކުރުފުރުގެ ޙާލަތުގައި ހެކިބަހެއް އަދާ ކުރުމަށް ފަހު، ޤާޟީއަށް އެ ހެކިބަސް ބާޠިލު ނުކުރެވެނީސް އިސްލާމު ވީނަމަ، އޭނާގެ ހެކިބަސް ޤަބޫލު ކުރުން ޖާއިޒުވެގެން ވެއެވެ.[13]
[1] الحَاوِي الكَبِير لِلْمَاوَارْدِي (17/61)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.
[2] الأَصْلُ لِمُحَمّد الشَّيْبَانِي (11/516)، دَارُ ابن حَزْمٍ – بَيْرُوت، 1433.
[3] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/202)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404. التَّوْضِيحُ لِشَرْحِ الْجَامِعِ الصَّحِيح لِابْن المُلَقِّن (16/668)، دَارُ النَوَادِر – دِمَشْق، 1429.
[4] اخْتِلَافُ الفُقَهَاء للمَرْوَزِي (ޞ 560)، أَضْوَاءُ السَّلَف – الرياض، 1420.
[5] އިބްނު ޙަޖަރު ވިދާޅުވިއެވެ. “މި ސަނަދުތަކުގައި ‘މުޖާލިދު’ ކިޔޭ މީހަކު ހިމެނެއެވެ. އެއީ ހިތުދަސްކުރުމުގެ ބާރު ބަލި މީހެކެވެ.” – التَلْخِيصُ الحَبِير (4/479)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1419. شَرْحُ الزرَكْشِيُّ عَلَىٰ مُخْتَصَر الخرْقِي (7/326)، دَارُ العُبَيْكَان – الرِّيَاض، 1413.
[6] اخْتِلَافُ الفُقَهَاء للمَرْوَزِي (ޞ 560 – 561)، أَضْوَاءُ السَّلَف – الرياض، 1420.
[7] الأُمُّ لِلشَّافِعِي (7/49)، دَارُ المَعْرِفَة – بَيْرُوت، 1410. الحَاوِي الكَبِير لِلْمَاوَرْدِي (17/61)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.
[8] المُدَوَّنَة لِمَالِك بن أَنَس (4/21)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415.
[9] الْمُغْنِي لِابْن قُدَامَة (10/166)، مَكْتَبَةُ القَاهِرَة، 1388.
[10] اخْتِلَافُ الفُقَهَاء للمَرْوَزِي (ޞ 560 – 561)، أَضْوَاءُ السَّلَف – الرياض، 1420.
[11] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/204)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404.
[12] أدَبُ القَاضِي لِأَبِي العَبَّاس ابْن القَاصّ (1/312)، مَكْتَبَةُ الصِّدِيق – الطائف، 1409.
[13] المُدَوِّنَةُ لِمَالِكِ بْنِ أَنَس (4/19-20)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415.