[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަދަލުވަމުންދާ ޙާލަތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކޮންމެ މީހަކަށްވެސް އެމީހަކު އެދެމުން އައި ދުވަސް ދައްކަވާފާނެއެވެ. ފަޤީރު މީހާ މުއްސަނދިކުރައްވަފާނެއެވެ. އަދި ނިކަމެތި މީހާ ނުފޫޛުގަދަ މީހަކަށް ވެދާނެއެވެ. ރައްޔިތު މީހާ ވެރިއަކަށް ވެދާނެއެވެ. ޖާހިލު މީހާ ޢިލްމުވެރިއަކަށް ވެދާނެއެވެ. އެމީހަކަށް ނިޢުމަތް ދެއްވެވޭ ހިނދުގައި އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭތޯ ބަލާށެވެ.

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَمِنْهُم مَّنْ عَاهَدَ اللَّهَ لَئِنْ آتَانَا مِن فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ ‎﴿٧٥﴾‏ فَلَمَّا آتَاهُم مِّن فَضْلِهِ بَخِلُوا بِهِ وَتَوَلَّوا وَّهُم مُّعْرِضُونَ ‎﴿٧٦﴾‏ فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ ‎﴿٧٧﴾‏ [سورة التوبة]

މާނައީ:  “ހަމަކަށަވަރުން އެއިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވައިފިނަމަ، ހަމަކަށަވަރުން ތިމަންމެން ޞަދަޤާތްކުރާ ހުށީމޭ އަދި ހަމަކަށަވަރުން ތިމަންމެން ޞާލިޙުންގެ ތެރެއިން ވާހުށީމޭ ބުނެ، ﷲއަށް ޢަހުދުކޮށް އުޅުނު މީހުންވެސް، އެބައިމީހުންގެ ތެރެއިން ވެއެވެ. (75) ފަހެ އެއިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެބައިމީހުންނަށް ދެއްވި ހިނދު، އެތަކެއްޗަށް އެބައިމީހުން ދަހިވެތިވިއެވެ. އަދި އެބައިމީހުން ފުރަގަސްދޭ ޙާލު، އެނބުރި ދިޔައެވެ. (76) ދެން އެއާ ވިދިގެން، އެބައިމީހުން އެއިލާހާ ބައްދަލުކުރާ ދުވަހާ ޖެހެންދެން، އެއިލާހު އެބައިމީހުންގެ ހިތްތަކުގައި ނިފާޤުކަން ލެއްވިއެވެ. (އެއީ) އެބައިމީހުން ﷲއަށް ވަޢުދުކުރި ކަންތަކާމެދު ޚިލާފުވެ އަދި އެބައިމީހުން ދޮގުހަދައި އުޅުނުކަމަށްޓަކައެވެ. (77)”

 

މީސްތަކުން ޢަމަލުކުރާ ގޮތެއް ބެއްލެވުމަށްޓަކައި، ﷲ ތަޢާލާ އެބައިމީހުންގެ ޙާލަތު ބަދަލުކުރައްވައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ثُمَّ جَعَلْنَاكُمْ خَلَائِفَ فِي الْأَرْضِ مِن بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ﴾‏ [سورة يونس ١٤]

މާނައީ: “ދެން އެބައިމީހުންގެ ފަހުން ބިމުގައި ޚަލީފާއިން ކަމުގައި ތިމަން އިލާހު ތިޔަބައިމީހުން ލެއްވީމެވެ. އެއީ ތިޔަބައިމީހުން ކަންތައްކުރަނީ ކޮންފަދައަކުންތޯ ބެއްލެވުމަށްޓަކައެވެ.”

 

ފިރުޢައުނުގެ ވެރިކަމުގެ ދަށުގައި ތިބި ދުވަސްވަރުގައި ބަނޫއިސްރާއީލު ބާގައިގެ މީހުންވީ ވަރަށް ނިކަމެތި ބައެއްގެ ގޮތުގައެވެ. އެހެނަސް ފިރުޢައުނު ޣަރަޤުވުމަށް ފަހު އެބައިމީހުންނަކީ ބިމުގެ ޚަލީފާވެރިކަންމުގައި ލައްވާ، އެބައިމީހުންނަކީވެސް ބިމުގެ ރަސްރަސްކަލުން ކަމުގައި ވެގެން ދިޔައެވެ. އަދި އޭގެ ކުރިން ދުވަހަކުވެސް ބަޔަކަށް ދެއްވިގެން ނުވާ ނިޢުމަތްތައް އެބައިމީހުންނަށް ދެއްވުނެވެ. އެހެނަސް އެ ނިޢުމަތްތަކަށް އެބައިމީހުންގެ ތެރެއިން ގިނަ ބަޔަކު ކާފިރުވިއެވެ. ދެން އެބައިމީހުންގެ ތެރެއިން ނުކިޔަމަންތެރިވި އަޅުތަކުންގެ މައްޗަށް އެކި ބާވަތްތަކުގެ ޢަޛާބު ފޮނުއްވުނެވެ.

 

ފަހެ ހާރޫނުއްރަޝީދުގެ ދުވަސްވަރުގައި ދައުލަތުގެ ކަންތައްތައް ހަވާލުކޮށްފައިވަނީ ބަރާމިކާއިންނަށެވެ. އަދި يحيى بن خالد بن برمك އާއި އޭނާގެ ދަރިން ވެގެން ދިޔައީ އެ ދައުލަތުގައި ވަރަށް ބާރުގަދަ ބަޔަކަށެވެ. އެހެނަސް އެ ދައުލަތުގައި މެދުވެރިވި ފިތުނައެއްގައި ބަރާމިކާއިންގެ ބާރު ކަނޑުވާލެވުނެވެ. އަދި يحيى بن خالد بن برمك ގެ ދަރިންގެ ތެރެއިން އިސް މަޤާމުތަކުގައި ތިބި ބައެއް ދަރިން ޤަތުލުކުރެވުނެވެ. އަދި يحيى بن خالد بن برمك އަވަހާރަވަންދެންވެސް އޮންނެވީ ޖަލުގައި ކަސްތޮޅު އަޅުވާފައެވެ. އެދުވަސްވަރުގައި އެކަލޭގެފާނުގެ ދަރިއަކު އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވިއެވެ.

“ބައްޕާއެވެ! އަމުރު މަޢުރޫފު ހިންގާފަދަ މަޤާމެއްގައި ހުރެފައި، ނިޢުމަތްތަކުގައި އުޅެފައި، މި ޙާލު އަޅުގަނޑުމެންނަށް މި ޖެހުނީ ކީއްވެގެން ހެއްޔެވެ؟”

ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ.

“އޭ ދަރިފުޅާއެވެ! ފަހަރުގައި އަނިޔާ ލިބިފައިވާ މީހެއްގެ ދުޢާ ރޭގަނޑުގެ ވަގުތުގައި ދަތުރުކޮށްފާނެއެވެ. އަހަރުމެން އެއާ މެދުގައި ޣާފިލުވެފައި ވިޔަސް، ﷲ ތަޢާލާ އެއާ މެދުގައި ޣާފިލުވެވޮޑިގެން ނުވެއެވެ.” [البداية والنهاية لابن كثير (13 / 676 – 679)]

 

އޭ ﷲ! އަޅަމެންނީ އިބަ އިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ!