އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޤުރުއާން ޖަމާކުރެއްވުމާއި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޤުރުއާން ޖަމާކުރެއްވުނު ގޮތުގެ ތަފާތު
- އަބޫބަކުރުގެފާނު ޚިލާފަތުގައި ޤުރުއާން ޖަމާކުރައްވަން ފެއްޓެވީ ޤުރުއާނުން އެއްވެސް މިންވަރެއް ގެއްލިދާނެތީ، އެކަމަށް ބިރުފުޅުގެން ވަޑައިގެންނެވުމުންނެވެ. ނަމަވެސް ޢުޘަމާނުގެފާނުގެ ޚިލާފަތުގައި ޤުރުއާން ޖަމާކުރައްވަން ފެއްޓެވީ އެކި ޙަރުފުތަކުގައި ހުރި ތަފާތުތަކުގެ ސަބަބުން އުންމަތް ބައިބައިވެދާނެކަމަށް ބިރުފުޅުގެން ވަޑައިގެންނެވުމުންނެވެ. [1]
- އަބޫބަކުރުގެފާނު ޤުރުއާން ޖަމާކުރެއްވީ އެއިން އެއްވެސް މިންވަރެއް ނުގެއްލޭނެ ފަދައިން، މުޅި ޤުރުއާން އެއްކުރައްވާ މުޞްޙަފެއްގައި ޖަމާކުރެއްވުމަށެވެ. މީސްތަކުން އެއް މުޞްޙަފެއްގެ މައްޗަށް ޖަމާވުމަކަށް ނޫނެވެ. ނަމަވެސް ޢުޘްމާނުގެފާނު ޤުރުއާން ޖަމާކުރެއްވީ މުޅި ޤުރުއާން އެއްކުރައްވާ އެއް މުޞްޙަފެއްގައި ޖަމާކުރެއްވުމާއެކު، އޭގެ މައްޗަށް މީސްތަކުން ޖަމާވެ، އެއް ފޮތަކުން ކިޔެވުމަށްޓަކައެވެ. އެއީ ޙަރުފުތަކުގައި ހުރި ތަފާތުތަކުގެ އަޘަރު އުންމަތަށް ކޮށްފާނެތީއެވެ. [2]
- އަބޫބަކުގެފާނު ޤުރުއާން ޖަމާކުރެއްވީ އާޔަތްތަކުގެ ތަރުތީބުންނެވެ. ސޫރަތްތަކުގެ ތަރުތީބަކުން ނޫނެވެ. ނަމަވެސް ޢުޘްމާނުގެފާނު ޤުރުއާން ޖަމާކުރެއްވީ މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަން މިއޮތް ފަދައިން ސޫރަތްތަކާއި އާޔަތްތަކުގެ ތަރުތީބުންނެވެ. [3]
ޢުޘްމާނުގެފާނު ޤުރުއާން ޖަމާކުރެއްވި ޖަމާކުރެއްވުން ވެގެންދިޔައީ އެކަލޭގެފާނު ކުރެއްވި އެންމެ ޚާއްޞަ ކަންތައްތަކުގެ ތެރެއިންނެވެ. އެއީ މީސްތަކުން އެއް މުޞްޙަފެއްގެ މައްޗަށް ޖަމާވެ، ﷲ ތަޢާލާގެ ފޮތާމެދު އިއްތިފާޤުވެ، އެކަމުން އިސްލާމީ އުންމަތަށް ޙާޞިލުވި ބޮޑު މަޞްލަޙަތުގެ ސަބަބުންނެވެ. އަދި އެއީ ޤުރުއާން ރައްކާތެރިކުރެއްވުމަށް ﷲ ތަޢާލާ މެދުވެރިކުރެއްވި ސަބަބެއްވެސް މެއެވެ. އެއީ އެއިލާހު ވަޙީކުރެއްވި ފަދައިންނެވެ.
﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [سورة الحجر ٩]
މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު ޤުރުއާން ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހު އެ ޤުރުއާން ރައްކާތެރިކުރައްވާ ހުށީމެވެ.”
މިއަދާ ހަމައަށް އެއް މުޞްޙަފެއްގެ މައްޗަށް އިސްލާމީ އުންމަތް ޖަމާވެ، ޤުރުއާން ރައްކާތެރިވެފައި މިއޮތް އޮތުމުގެ މަތިވެރި އަޖުރު ޢުޘްމާނުގެފާނަށް ދެއްވާށިއެވެ! – رضي الله عنه وأرضاه –
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: مباحث في علم القرآن لمناع القطان (ص: 127 – 128).
[2] ބައްލަވާ: أصول في التفسير للعثيمين (ص: 21 – 22).
[3] ބައްލަވާ: مناهل العرفان في علم القرآن لزرقاني (1 / 261).