މިނިވަނަކުކަމުގައިވުން
ހެކިވެރިޔާއަކީ މިނަވަނެއްކަމުގައި ވުން ޝަރުޠުވެގެން ވުމާ މެދު ދަންނަބޭކަލުންގެ މެދުގައި ދެ މަޛްހަބެއް ވެއެވެ. އެ ގޮތުން އެއް މަޛްހަބަކީ ހެކިވެރިޔާއަކީ މިނިވަނެއްކަމުގައިވުން ޝަރުޠުވެގެން ނުވާކަމަށް ދެކިލައްވާ ބޭކަލުންގެ މަޛްހަބެވެ. މި ބޭކަލުންގެ އަރިހުގައި އަޅުމީހާއަކީ ޢަދުލުވެރި މުސްލިމެއް ނަމަ، އޭނާގެ ހެކިބަސް މިނިވަނެއްގެ ހެކިބަސް ފަދައިން ޤަބޫލު ކުރެވޭނެއެވެ. މި ރައުޔަކީ ޢަލީގެފާނު (ނޔވ 40)އާއި އަނަސް ބްނު މާލިކު (ނޔވ 179)އާއި މުޙައްމަދު ބްނު ސީރީނު (ނޔވ 110)އާއި ޤާޟީ ޝުރައިޙު (ނޔވ 78)އާއި އިމާމު އަޙްމަދު[1] (ނޔވ 241)ގެ ރައުޔެވެ. ޢާމިރު އައްޝަޢުބީ (ނޔވ 104) އަދި އިބްރާހީމު އައްނަޚަޢީ (ނޔވ 96)ގެ އަރިހުން މަދު ޢަދަދެއްގެ މުދަލުގެ މައްސަލަތަކުގައި އަޅެއްގެ ހެކިބަސް ޤަބޫލު ކުރެވޭނޭކަމަށް ނަޤުލު ކުރެވިފައި ވެއެވެ.[2]
ޞަޙާބީންނާއި ތާބިޢީން އަދި ފިޤުހުވެރީން ކުރެ ގިނަ ބޭކަލުންގެ ރައުޔަކީ އަޅުންގެ ހެކިބަސް ޤަބޫލު ކުރުން ޙުއްދަ ނުވުމެވެ.[3] މިއީ އިމާމު ޝާފިޢީ[4] (ނޔވ 204)އާއި އިމާމު އަބޫ ޙަނީފާ (ނޔވ150)އާއި އިމާމު މާލިކު[5] (ނޔވ 179)އާއި ސުފްޔާނު ބްނު ޢުޔައިނާ[6] (ނޔވ 198)ގެ މަޛްހަބެވެ. އިމާމު އަޙްމަދު (ނޔވ 241)ގެ އަރިހުން އައިސްފައި ވާ އެއް ރިވާޔަތެއްގައި އަޅުންގެ ހެކިބަސް ޙައްދުތަކުގެ ތެރެއިން ޙައްދެއްގައި ބަލައި ނުގަނެވޭނެއެވެ.[7]
އިމާމު ޝާފިޢީ (ނޔވ 204) ވިދާޅު ވިއެވެ.
“ކުޑަކުއްޖާ ބޮޑުވުމުގެ ކުރިއަށް، އަޅުމީހާ މިނިވަން ކުރެވުމުގެ ކުރިއަށް އަދި ކާފިރަކު އިސްލާމުވުމުގެ ކުރިއަށް މީހަކަށް ހެކިބަހެއް ދޭނަމަ، ފަހެ އެ ހެކިބަސް ޖާއިޒު ކުރުމެއް އަދި އެ ހެކިބަހެއް އަޑު އެހުމެއް ވެސް ޤާޟީއަކަށް ނުވެއެވެ. އެހެނީ އެ މީހުންގެ ކިބައިން އެ ހެކިބަސް އަޑު އެހުމަކީ ތަކުލީފެއް އުފުލައިގަތުމެވެ.”[8]
މި ބޭކަލުންގެ ދަލީލު:
﴿مِمَّن تَرْضَوْنَ مِنَ الشُّهَدَاء﴾ [البقرة 282]
މާނައީ: “ހެކިން ކުރެ ތިޔަބައިމީހުން ރުހޭ މީހުންނެވެ.”
﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾ [الطلاق 6]
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”
“މިފަދައިން މި އާޔަތްތަކުގައި އައިސްފައި ވާ ބަސްފުޅުގެ މުރާދަކީ [ހެކި ދޭ މީހުންނަކީ] ބާލިޣުވެފައިވާ، މިނިވަން މުސްލިމުން ކުރެ އެ ބަޔަކާ މެދު ރުހިގެންވާ މީހުންކަމުގައި ވުމެވެ.”[9]
﴿وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ﴾ [البقرة 282] މާނައީ:
“ތިޔަބައިމީހުންގެ ފިރިހެނުން ކުރެ ދެ ހެކީން ހެކި ކުރާށެވެ!”
މި އާޔަތުގެ ތަފްސީރުގައި އިމާމު އިބްނު ޖަރީރު އައްޠަބަރީ (ނޔވ 310) މުޖާހިދު ބްނު ޖަބްރު (ނޔވ 104)ގެ ކިބައިން {مِن رِّجَالِكُمْ}ގެ މުރާދަކީ މިނިވަނުންކަމުގައި ނަޤުލުކުރައްވާފައި ވެއެވެ.[10]
އަލްޖައްޞާޞް (ނޔވ 370) ވެސް ވަނީ އެފަދައިން މުޖާހިދުގެ ކިބައިން ނަޤުލު ކުރައްވާފައެވެ. އަދި އެއާއެކު އާޔަތުގައި އަންގަވާފައި ވަނީ މިނިވަނުންގެ ވާހަކަކަން ބަޔާން ކުރައްވަމުން އަލްޖައްޞާޞް ވިދާޅުވެފައި ވެއެވެ: “{مِن رِّجَالِكُمْ }؛ ފަހެ މި ލަފުޡުގެ ޡާހިރު ނިޔާ ކުރާ ގޮތަކީ މިނިވަނުންކަމުގައި ވުމެވެ. އެއީ ﴿وَأَنكِحُوا الْأَيَامَىٰ مِنكُمْ ﴾ [النور 32] [މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ!”] މި އާޔަތުގައި ވާފަދައިންނެވެ. މި ތަނުގައި ވެސް އެވަނީ މިނިވަނުންގެ ވާހަކައެވެ. އެއަށްފަހު އެ ޚިޠާބާ ގުޅުވައިގެން ދެން ﷲ އަންގަވާފައި ވާ އެންގެވުން ތިބާއަށް ނުފެންނަނީ ހެއްޔެވެ؟! [އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ:] ﴿وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ﴾ [النور 32] [މާނައީ: “އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ.”] އެހެންކަމުން ﷲ އަންގަވާފައި ވާ ﴿مِنكُمْ﴾ [النور 32]ގެ މުރާދުގެ ތެރެއަށް އަޅުން ވަދެގެން ނުދެއެވެ.”[11]
[1] مَسَائِل الإِمَام أَحْمَد بن حَنْبَل وَإسْحَاق بن رَاهَوَيْهِ لِإِسْحَاق الكوسَج (7/4104)، الجَامِعَة الإِسْلَامِيَّة – المَدِينَة المُنَوَّرَة، 1425.
[2] الإِشْرَافُ عَلىٰ مَذَاهِبِ العُلَمَاء لِابْن المُنذِر (4/273)، مَكْتَبَةُ مَكَّة الثَّقَافِيَّة – الإِمارات العربية المتحدة، 1425.
[3] الحَاوِي الكَبِير لِلْمَاوَارْدِي (17/58)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.
[4] الأُمُّ لِلشَّافِعِي (7/49)، دَارُ المَعْرِفَة – بَيْرُوت، 1410
[5] المُدَوِّنَةُ لِمَالِكِ بْنِ أَنَس (4/541)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415.
[6] اخْتِلَافُ الفُقَهَاء للمَرْوَزِي (ޞ 557)، أَضْوَاءُ السَّلَف – الرياض، 1420.
[7] الجَامِعُ لِعُلُومِ الإِمَام أحْمَد – الفقه (13/130)، دَارُ الفَلَاح لِلْبَحْثِ العِلْمِي وَتَحْقِيقِ التُّرَاث – مصر، 1430.
[8] الأُمُّ لِلشَّافِعِي (7/49)، دَارُ المَعْرِفَة – بَيْرُوت، 1410.
[9] مُخْتَصَر المُزَنِي (ޞ 413)، دَار المَعْرِفَة – بَيْرُوت، 1990.
[10] جَامِعُ البَيَان فِي تَأوِيلِ القُرْآن لِلطَّبَرِي (6/61)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1420.
[11] أَحْكَامُ القُرْآن لِلْجَصَاص (1/599)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415.