[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިމަށް ލެނބުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މީހަކު މަގުފުރެދިގެންދަނީ މައިގަނޑު ދެގޮތަކުން ކުރެ އެއްގޮތަކުންނެވެ. އެއީ ޝަހުވަތްތަކުން ނުވަތަ ޝުބުހަތަކުންނެވެ. [1]

ޝަހުވަތްތަކަށް ތަބާވުމަކީ: ދީނުގައި އެކަން އޮތްގޮތެއް ބަލާ ނުލާ އެމީހާ އެދޭހާ ކަމެއް ކުރަމުން ދިޔުމެވެ.

ޝުބުހަތަކަށް ތަބާވުމަކީ: ދީނުގެ ކަންކަން އޮޅި، އެމީހަކަށް ދީނަކީ ބުރަ އެއްޗަކަށްވެ، ދީނުން އެއްކިބާވެ ނުވަތަ ދީނާ މެދު ރަނގަޅު ނޫން ތަޞައްވަރެއް އޮތުމުން ދީނުގައި އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ތަބާވުމެވެ.

 

ދީނުގެ ހެޔޮ ވިސްނުން ލިބުމަށް ފަހު ދީނުން އެއްކިބާވާ ވަރަށް ގިނަ މީހުން އެއްކިބާވަނީ ދުނިޔަވީ ހެއްލުންތަކުގެ ސަބަބުންނެވެ. ނުވަތަ “ބިމަށް ލެނބިގަތުމުން” ނެވެ.

 

ﷲ ތަޢާލާވަޙީކުރެއްވިއެވެ.

وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ‎﴿١٧٥﴾‏ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ‎﴿١٧٦﴾‏ [سورة الأعراف]

މާނައީ: “ތިމަން އިލާހުގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ ޚަބަރު ކަލޭގެފާނު އެބައިމީހުންނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠާނާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (175) ތިމަން އިލާހު އިރާދަކުރެއްވިނަމަ، އެ އާޔަތްތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ، އޭނާގެ މިސާލަކީ ކުއްތާއެއްގެ މިސާލެވެ. އެއަށް ޙަމަލާ ދިނަސް، ދޫނެރެގެން އޮވެ މާނޭވާ ލައެވެ. ނުވަތަ އޭތި ދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާ ލައެވެ. ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެބައިމީހުން ފިކުރުކުރުމަށްޓަކައެވެ. (176)”

 

ކުއްތާއަކީ އޭތީގެ ހަށިގަނޑުގައި ދާ ނެރޭ ‘pores’ ތައް ވަރަށް މަދު ޖަނަވާރެކެވެ. އެހެންކަމުން އޭތީގެ ހަށިގަނޑު ހޫނުވުމުން، އޭތީގެ ހަށިގަނޑު ފިނި ކުރުމަށްޓަކައި ގިނަ މިންވަރެއްގެ ‘oxygen’ ހަށިގަނޑަށް ވެއްދުމަށް އޭތީގެ ދޫ ނެރެގެން އޮވެ މާނޭވާ ލައެވެ. މީހަކު އެއަށް ހަމަލާ ދިނަސް އެ ދޫ ނެރޭނެއެވެ. އަދި މީހަކު އެއަށް އަޅާ ނުލިޔަސް އެ ދޫ ނެރެގެން އޮވެއެވެ. [2]

 

މިތަނުގައި ކުއްތާ އެ އުޅޭ އުޅުމާއި އިންސާނުންގެ ތެރެއިން ﷲ ގެ އާޔަތްތަކަށް ފުރަގަސްދޭ މީހާ ވައްތަރުކުރައްވާފައި އެވަނީ:

  • އެފަދަ މީހަކަށް އީމާންވުމަށް ވަޢުޡާއި ނަސޭޙަތް ދިނަސް އަދި ނުދިނަސް ފައިދާއެއް ނުކުރާތީއެވެ. [3]
  • ދުނިޔަވީ އެއްވެސް ކަމަކުން އެފަދަ މީހެއްގެ ހިތް ނުފުރޭނެތީއެވެ. [4]

 

ދުޢާއަކީ ﷲ ތަޢާލާ އަޅަމެން މިފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިކޮށްދެއްވުމެވެ! އާމީން!

“އޭﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! އަޅަމެންގެ ހިތްތައް އިބައިލާހަށް ކިޔަމަން ގަތުމަށް ފުރޮޅުއްވާނދޭވެ!” [رواه مسلم 17 – (2654)]

“އޭ ހިތްތައް ފުރޮޅުއްވާ އިލާހު! ތިމަންގެ ހިތް، އިބަ އިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!” [رواه الترمذي (2140) وصححه الألباني في المشكاة (102)]

 


 

[1] ބައްލަވާ: أمراض القلوب وشفاؤها لابن تيمية (ص: 5).

[2] ބައްލަވާ: من آيات الإعجاز العلمي – الحيوانات في القرآن الكريم لد. زغلول (ص: 350 – 354).

[3] ބައްލަވާ: تفسير الطبري (13 / 273)، تفسير ابن كثير (3 / 512).

[4] ބައްލަވާ: تفسير السعدي (ص: 308).