އެންމެ މަޞްލަޙަތު އޮތް ގޮތަށް ޢަމަލުކޮށްފައި، އެންމެ ފަސާދަ ބޮޑު ކަންތައް އެއްކިބާކުރުމުގެ ދަލީލުތަކުގެ ތެރޭގައި:
ފުރަތަމައީ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ﴾ [سورة البقرة ٢١٩]
މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެބައިމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށް ވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެބައިމީހުން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް ﷲ، (އެއިލާހުގެ) ޙުކުމްތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރުކުރުމަށްޓަކައެވެ.”
ދެން އެއަށް ފަހުގައި ރާ ބުއިން ވަނީ ކީރިތި ޤުރުއާނުގެ ނައްޞުން ނަހީކުރައްވާފައެވެ.
މި އާޔަތަކީ މިކަމަށް ދަލާލަތު ކުރާ ނައްޞެކެވެ. އެހެނީ މި އާޔަތުގައި މިވަނީ: ރާއާއި ޖުވާގައި އެކުލެވިގެންވާ ފާފަ ބޮޑުކަމުން، އޭގައި ހުރި ފައިދާތައް ބާޠިލުކޮށްފައި، އެކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތަށް އެ ދެ ކަންތައް ޙަރާމްކޮށްފައެވެ. އެއީ އެ ދެކަންތައް ޙަލާލުކުރުމަށް ވުރެ މަޞްލަޙަތު ހުރި ގޮތެވެ. [1]
ދެވަނައީ: ޞުލްޙަލް ޙުދައިބިއްޔާގެ ޙާދިޘާއެވެ. ރަސޫލާ صلى الله عليه وسلم އެ ޞުލްޙައިގައި އެއްބަސްވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި:
- އެ އަހަރު ޢުމްރާ ނުކޮށް މައްކާއިން ދިޔުން
- މުސްލިމަކު ވިޔަސް މުސްލިމުންގެ ގާތަށް އަތުވެއްޖަނަމަ އެމީހަކު އަނބުރާ ފޮނުވާލުން
- ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ހުރި މީހަކު ޤުރައިޝުންގެ ގާތަށް ގޮއްސިނަމަ އެމީހަކު އަނބުރާ ނު ފޮނުވުން
އަދި މި ނޫން ޝަރުޠުތަކެއްވެސް މި ޞުލްޙައިގައި ކުރެއްވިއެވެ. [2]
ފަހެ މި ޞުލްޙައިގެ ޝަރުޠުތަކުން ދަލީލު ލިބެނީ އެންމެ ކުޑަގެއްލުން ތަޙައްމަލުކުރުމަށެވެ. އެކަމާ ބައެއް ޞަޙާބީ ބޭކަލުން (އެންމެ ފުރަތަމަ) ހިތްހަމަޖެހި ވަޑައި ނުގެންނެވިއެވެ. އެހެނީ އެ ޝަރުޠުތަކުގެ ބޭރު ފުށުގައިވަނީ މުޝްރިކުންގެ މަޞްލަޙަތުތަކެކެވެ. އެއީ މައްކާގައި ތިބި ނިކަމެތިވެފައި ތިބި ބޭކަލުންނަށް އިތުރު ގޯނާތައް ކުރިމަތިވުމެވެ. އެހެނަސް އެކަމުގައި ވަނީ އެއަށް ވުރެ ބޮޑު ގެއްލުމެއް އެއްކިބާކޮށް އަދި އެއަށް ވުރެ ބޮޑު މަޞްލަޙަތެއް ޙާޞިލުކުރުމެވެ. އެއީ މުސްލިމުންގެ ދަޢުވަތު ފުޅާވުމާއި ދީން ފެތުރިގެން ދިޔުމެވެ. [3] އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾ [سورة الفتح ١]
މާނައީ: “ފާޅުވެ ބަޔާންވެގެންވާ ފަޠަޙައަކުން ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ފަޠަޙަ ދެއްވީމެވެ.”
ވަރަށް ގިނަ ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި އެ ޞުލްޙައަކީ މި ޤަވާޢިދުގެ މައިގަނޑު އެއް ދަލީލެވެ. [4]
ތިންވަނައީ: ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި މިސްކިތަށް ކުޑަކަމު ދިޔަ ޢައުރާބީ މީހާގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘެވެ. ފަހެ އެމީހާ ހުއްޓުވަން އުޅުއްވި ޞަޙާބީ ބޭކަލުންނަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«دَعُوهُ وَهَرِيقُوا عَلَى بَوْلِهِ سَجْلًا مِنْ مَاءٍ» [رواه البخاري (220)]
މާނައީ: “އޭނާ ދޫކޮށްލާށެވެ. އަދި އޭނާ ކުޑަކަމު ދިޔަ ތަނަށް ފެން ބާލިދީއެއް އޮއްސާލާށެވެ.”
މި ޙަދީޘް ޝަރަޙަކުރައްވަމުން އަންނަވަވީ رحمه الله ވިދާޅުވިއެވެ.
“ދެ ގެއްލުމުން ކުރެ ބޮޑު ގެއްލުން އެއްކިބާކޮށްފައި ކުޑަގެއްލުން ތަޙައްމަލު ކުރުމަށް މި ޙަދީޘުން ދަލީލު ލިބެއެވެ.” [5]
މިތަނުގައި ބޮޑު ގެއްލުމަކީ އޭނާ އެކަން ކުރަނިކޮށް ހުއްޓުވި ނަމަ: އޭނާ ކޮޅަށް ތެދުވެ އޭނާގެ ޢައުރަ ކަޝްފުވުމާއި އެހެން ހިސާބަކަށް އެ ނަޖިސް ފެތުރުމާއި އޭނާގެ ހެދުމާއި ހަށިގަނޑު ހަޑިވުންފަދަ ކަންކަމެވެ.
އަދި އެކަމުގައިވާ ކުޑަ ގެއްލުމަކީ އޭނާ ކުޑަކަމު ދިޔުމަށް ދޫކޮށްލުމެވެ. އަދި އެ ކުޑަކަމު ދިޔަ ތަން އެކަނި ހަޑިވުމެވެ. އޭނާއަކީ ތަންދޮރު ނުދަންނަ ޖާހިލަކަށްވުމުން އެކަމުގައި އޭނާއަށް ޢުޛުރު އޮތެވެ.
ހަތަރުވަނައީ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ﴾ [سورة البقرة ٢١٦]
މާނައީ: “ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. އެކަމަކީ ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ﴾ [سورة البقرة ١٧٩]
މާނައީ: “އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއް ވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.”
މި ދެ އާޔަތުގައި މި ވަނީ ޖިހާދުކުރުމާއި ޤިޞާޞް ހިފުން ޝަރުޢުކުރައްވާފައެވެ. ޖިހާދުކުރުމުގެ މަޞްލަޙަތަކީ ދީން ފެތުރިގެން ދިޔުމެވެ. އެކަމުގައިވާ ފަސާދައަކީ ނަފްސާއި މުދާ ނެތި ދިޔުމެވެ. ޤިޞާޞް ހިފުމުގެ މަޞްލަޙަތަކީ ނަފްސުތައް ރައްކާތެރިވުމާއި ޙައްޤުތައް ރައްކާތެރިވުމެވެ. އެކަމުގެ ފަސާދައަކީ މީހެއްގެ ނަފްސެއް ނުވަތަ ގުނަވަނެއް ނެތި ދިޔުމެވެ. އެހެނަސް އެ ދެކަންތަކުގެ ފަސާދައަށް ވުރެ މަޞްލަޙަތު މާ ބޮޑެވެ. އަދި ވަރަށް ގިނަ ޙުކުމްތަކަށް ބަލާލުމުން، މިފަދައިން އެކަމަށް ދަލާލަތު ކުރެއެވެ. [6]
ފަސްވަނައީ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ [سورة التغابن ١٦]
މާނައީ: “ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ» [رواه البخاري (7288)]
މާނައީ: “ތިމަންކަލޭގެފާނު އަމުރެއް ކުރައްވައިފިނަމަ ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ މިންވަރަށް އެކަމެއް ކުރާށެވެ.”
މި ދެ ދަލީލުން އަދި މިފަދަ އެހެން ނައްޞުތަކުން ދަލީލު ނަގާ ގޮތަކީ: މުކައްލަފެއްގެ ޙައްޤުގައި ތަޢާރުޟުވާ ދެކަމެއް އޭނާއަށް ޖަމަޢެއް ނުކުރެވޭނެއެވެ. އެއީ އެ ދެކަމުގައި މަޞްލަޙަތެއް އެކުލެވިގެން ވިޔަސް މެއެވެ. [7] މި ކަމަށް ދަލާލަތުކުރާ ވަރަށް ގިނަ ދަލީލުވެއެވެ. [8]
[1] ބައްލަވާ: قواعد الأحكام (1 / 98)، والمجموع المذهب – ( 1 / 384) رسالة ، وتيسير الكريم الرحمن (1 / 130)، وضوابط المصلحة (ص: 260).
[2]ބައްލަވާ: صحيح البخاري مع الفتح (5 / 339).
[3] ބައްލަވާ: تفسير القرآن العظيم 4/196-197، ومرويات غزوة الحديبية 162-163، والقواعد الفقهية لعلي الندوي ص278.
[4]ބައްލަވާ: المجموع المذهب في قواعد المذهب (رسالة) (1 / 379)، وقواعد الأحكام (1 / 109)، والقواعد الفقهية (ص: 278.)
[5] ބައްލަވާ: شرح صحيح مسلم للنووي (1 / 191) .
[6] ބައްލަވާ: ضوابط المصلحة (ص: 255 – 262).
[7] ބައްލަވާ: القواعد النورانية (ص: 101).
[8] އިސްވެ މި ލިޔުމުގައި ބަޔާންވެ ދިޔަ މަރުޖިޢުތައް ބައްލަވާށެވެ.