[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – 5

މި ޤަވާޢިދަށް ޢަމަލުކުރުން:

މި ޤަވާޢިދަކީ ފިޤުހުގެ އެންމެ އަސާސީ އެއް ޤަވާޢިދެވެ. މި ޤަވާޢިދާ މެދު އެބޭކަލުންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެކަން ވަނީ އިސްވެ ބަޔާންވެ ގޮސްފައެވެ. ބައެއް ފިޤުހުވެރިންވަނީ ފިޤުހީ ހުރިހާ ޙުކުމެއްވެސް މި ޤަވާޢިދުގެ ދަށަށް ގެންނަވާފައެވެ. އެއީ މަސްލަޙަތުތައް ޙާޞިލުކުރުމާއި ފަސާދަތައް އެއްކިބާކުރުމުގެ ޤަވާޢިދެވެ. [1]

ދުނިޔަވީ ޙަޔާތުގައި ހިނގާ ކަންކަމުގައި ހުރިހާ ގޮތަކުން މަޞްލަޙަތު އޮވެފައި އަދި ހުރިހާ ގޮތަކުން ފަސާދަ އޮތް ކަންކަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް ވަނީ މި ޤަވާޢިދަށް ބޭނުން ޖެހިގެންނެވެ. އެހެންކަމުން ކަމެއްގައި މަޞްލަޙަތު އޮތްކަމަށް ނުވަތަ ފަސާދަ އޮތްކަމަށް ބުނަނީ އޭގެ ބޮޑު ބަޔަށް ބަލާފައެވެ.

 

މި ޤަވާޢިދުގެ ދަށުން ޢަމަލުކުރާ ބައެއް ފަރުޢީ މައްސަލަތައް:

  1. ރޯދައަށް ހުންނަ އިރުގައި އަނގަޔާއި ނޭފަތުގެ އެތެރެއަށް ފެން ފޮނުވުމަކީ މަކްރޫހަކެމެކެވެ. އަދި ރޯދަވެރިޔާ ނޫން މީހުންނަށް އެއީ އެދެވިގެންވާ ކަމެކެވެ. [2]
  2. ބަންގި ގޮވުމަށާއި އިމާމުވެ ނަމާދުކުރުމަށް ކޮންމެހެން އުޖޫރައެއް ނަގަން ޖެހޭ ޙާލަތްތަކުގައި އެކަން ކުރުމަކީ ހުއްދަކަމެކެވެ. [3]
  3. ދަރިފުޅު ދިރިހުރެދާނެކަމުގެ އުންމީދު އޮތްނަމަ، މަރުވެފައިވާ މާބަނޑުމީހާގެ ބަނޑުފަޅައިގެން އެކުއްޖާ ނެގުމަކީ ހުއްދަކަމެކެވެ. [4]

 

މިމައްސަލަތަކުގައި އެފަދައިން ޢަމަލުކުރާ ސަބަބު: ފައިދާކުރަނިވި ކަންކަމާއި މަޞްލަޙަތުތަކުގެ އަޞްލަކީ އެއީ ވުޖޫދަށް ގެންނަން ޖެހޭ އެއްޗެއްކަމަށް އިސްވެ ބަޔާންވެ ހިނގައްޖެއެވެ. އަދި ފަސާދަތަކުގެ އަޞްލަކީ އެއީ ދޫކޮށްލަން ޖެހޭ އެއްޗެކެވެ. އެއް ކަމެއްގައި ތަޢާރުޟުވާ ދެ މަޞްލަޙަތެއްވާނަމަ ނުވަތަ މަޞްލަޙަތަކާއި ފަސާދައެއްވާނަމަ، އެކަމަށް އެވަނީ އެއް ގޮތުން ބަލާއިރު އަމުކުރައްވާފައެވެ. އަދި އަނެއް ގޮތުން ބަލާއިރު ނަހީކުރައްވާފައެވެ. މިއީ ވާނޭކަމެއް ނޫނެވެ. އެހެނީ މިކަންކަމުގައި އިސްލާމީ ޝަރީޢަތުގައި ބަލަނީ އެކަމުގެ ބޮޑުބަޔަށެވެ. ނުވަތަ އެކަމުގެ އެންމެ ބުރަދަން ހުރި ގޮތަށެވެ. ނުވަތަ މުކައްލަފަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. ނޫންނަމަ އޭނާއަށް އެވަނީ އޭނާއަށް ނުކުރެވޭނެ ވަރުގެ ކަމެއް ތަކުލީފު ޖެއްސިގެންނެވެ. އެހެންކަމުން އެކަމުގައި ބަލާނީ މުކައްލަފަށް އެންމެ މަޞްލަޙަތު ބޮޑު ގޮތް ޙާޞިލުކޮށް، އެންމެ ފަސާދަ ބޮޑު ގޮތް އެއްކިބާކުރުމަށެވެ.

 


 

[1] ބައްލަވާ:  قواعد الأحكام (1 / 11)، والأشباه والنظائر للسبكي (1 / 12).

[2]ބައްލަވާ:   تحفة الفقهاء (1 / 12)، والقوانين الفقهية (ص: 24)، والتنبيه (ص: 16 – 66)، والمغني (1 / 147).

[3]ބައްލަވާ:    حاشية رد المحتار (1 / 562)، وشرح الخرشي (1 / 236)، والمهذب (1 / 59)، وروضة الطالبين (5 / 188)، والمغني (2 / 70).

[4] ބައްލަވާ:  الأشباه والنظائر لابن النجيم (ص : 88)، وحاشية رد المحتار (1 / 166 – 167)، وشرح الخرشي (2 / 145)، وروضة الطالبين (2 / 143)، والمغني (3 / 497).

 

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – އެހެން ބައިތައް