[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – 6

ޤަވާޢިދު: އެންމެންގެ މައްޗަށް ޢާންމުކޮށް ކަނޑައަޅާ ވެރިކަމެއްގައި ނުވަތަ ޚާއްޞަ ވެރިކަމެއްގައި، ޢަދުލުވެރި މީހަކު ހޯދުމަށް ޢުޛުރުވެރިވެއްޖަނަމަ– ޢަދުލުވެރި މީހަކު ނެތް ނަމަ – އެކަމުގައި އައްޔަނުކުރާނީ އެންމެ ފާސިޤުކަން ކުޑަ މީހާ [1]

 

ޢިއްޒު ބުން ޢަބްދުއްސަލާމު رحمه الله ވަނީ މި ޤަވާޢިދު ބަޔާންކުރައްވާފައެވެ. [2]

އަދި މި ޤަވާޢިދުގައިވާ މާނަ އިބްނު ތައިމިއްޔާ رحمه الله ވެސް ވަނީ ގެންނަވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“(އެފަދަ މަޤާމުތަކަށް) މުސްލިމުންގެ ވަލިއްޔުލް އަމުރު ޢައްޔަނުކުރަންވާނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނެވެ. މީސްތަކުންގެ ތެރޭގައި އެކަމަށް އެންމެ އެކަށޭނެ މީހަކު ފަހަރުގައި ނުލިބިދާނެއެވެ. އެހެންނަމަ ޢައްޔަނުކުރާނީ ދެން އެއަށްފަހުގައި ތިބި އެންމެ ރަނގަޅު މީހުންނެވެ. އެއީ ކޮންމެ މަޤާމަކާވެސް އެކަށީގެންވާ ގޮތަށެވެ.” [3]

އަދި އިބްނުލް ޤައްޔިމު رحمه الله ވެސް ވަނީ އެކަމަށް އިޝާރާތްކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” ޤާޟީއެއްގެ ގޮތުގައި ޢައްޔަނުކުރުމަށް، ޤާޟީއެއްގެ ހުރިހާ ޝަރުޠެއް ފުރިހަމަ ނުވާ މީހަކު މެނުވީ ވެރިމީހާއަށް ނުލިބުނުނަމަ، ރަށަށް ޤާޟީއެއް ނުލާ ހުރުމެއް އޭނާގެ މައްޗަކަށް ނުވެއެވެ. ދެން އެ ޙާލަތުގައި ޢައްޔަނުކުރާނީ އެއާ ޖެހިގެން އެންމެ ރަނގަޅު މީހުންނެވެ.” [4]

މި ޤަވާޢިދު އައިސްފައިވަނީ މިއަށް ވުރެ ޝާމިލު ޤަވާޢިދުތަކުގެ ދަށުންނެވެ.

ޢިއްޒު ބުން ޢަބްދުއްސަލާމު رحمه الله ވިދާޅުވިއެވެ.

“މިއީ ދެ ފަސާދައިން އެންމެ ބޮޑު ފަސާދަ އެއްކިބާކުރުމަށް ކުޑަ ފަސާދައަށް އަރައިގަތުމުގެ ތެރެއިންވާ ކަމެކެވެ. މި ހުރިހާ މައްސަލަތައް ބިނާވެގެންވަނީ ޟަރޫރީ ކަންކަމުގެ ނުވަތަ ޙާޖަތަށް ޖެހިފައިވާ ބޮޑެތި ކަންކަމުގެ ތެރެއިންނެވެ.” [5]

އަދި إذَا ضَاقَ الأَمْرُ اتَّسَع (މާނަ: ކަންތައްތައް ދަތިވުމުން ކުރީގައި ލިބިގެން ނުވާ ތަނަވަސްކަން ލިބިގެން ދެއެވެ.) މި ޤަވާޢިދުގެ ދަށުންވެސް އެ ޤަވާޢިދު ގެނެވިދާނެއެވެ. [6]

 

 

ޤަވާޢިދުގައި ބޭނުންކޮށްފައިވާ ބަސްކޮށާރު:

 

އެންމެންގެ މައްޗަށް ޢާންމުކޮށް ކަނޑައަޅާ ވެރިކަމެއްގައި ނުވަތަ ޚާއްޞަ ވެރިކަމެއްގައި، ޢަދުލުވެރި މީހަކު ހޯދުމަށް ޢުޛުރުވެރިވެއްޖަނަމަ – ޢަދުލުވެރި މީހަކު ނެތް ނަމަ – އެކަމުގައި އައްޔަނުކުރާނީ އެންމެ ފާސިޤުކަން ކުޑަ މީހާ

ޢުޛުރުވެރިވުން: އެކަން ރަނގަޅަށް ނުވުން ނުވަތަ މެދުކެނޑުން [7]

 

ޢަދުލުވެރި: މިއީ އަނިޔާވެރިވުމުގެ އިދިކޮޅު [8]

އަދި މުޙައްދިޘުންނާއި ފިޤުހުވެރިންގެ އިޞްޠިލާޙުގައި އެއީ: “ތަޤުވާވެރިކަމާއި މުރާއަތްތެރިކަން އެމީހެއްގައިގައި ހުރުމަށް ލާޒިމުކުރުވާ ޞިފައެކެވެ.”

އަދި މިއާ ގާތްކުރާ މާނައެއްގައިވެސް ބައެއް ބޭކަލުން މިލަފްޒު ތަޢުރީފުކުރައްވާފައިވެއެވެ. [9]

 

ވެރިކަން: ތަނެއްގެ ވެރިކަން ނުވަތަ ބާރުވެރިކަން [10]

ޢިލްމުވެރިންގެ އިޞްޠިލާޙުގައި އެއީ: “ޝަރުޢީ ގޮތުން ލިބޭ ބާރެކެވެ. އޭގެ ސަބަބުން އެކަމުގެ ވެރިޔާއަށް ޢަޤުދުތައް ހަދާ، އެކަންކަން ހިންގާ އަދި އެކަންކަން ތަންފީޛުކުރެވެއެވެ.” [11]

 

ޢާންމުކޮށް ކަނޑައަޅާ ވެރިކަން: ޚާއްޞަ ބައެއްގެ މައްޗަށް ނުވާ ގޮތަށް އެންމެންގެ މައްޗަށް ޢާންމުކޮށް ކަނޑައަޅާ އެންމެ މަތީ ވެރިޔާ ނުވަތަ ޤާޟީ ނުވަތަ އެފަދަ އެހެން މަޤާމެއް

 

ޚާއްޞަ ވެރިކަން: ވަކި ޚާއްޞަ ބައެއްގެ މައްޗަށް ކަނޑައަޅާ ވެރިކަން، މިސާލަކަށް ޒަކާތް ނެގުމަށް ހަވާލުކުރާ މީހާ ނުވަތަ ޔަތީމު ކުދިންގެ ކަންކަން ބެލުމަށް ހަވާލުކުރާ މީހާ. އަދި މި ނޫން މާނަތައްވެސް ބައެއް ބޭކަލުން ކުރައްވައެވެ. [12]

 

ފާސިޤުކަން: ނުކުތުން ނުވަތަ އެއްކިބާވުން [13]

ޢިލްމުވެރިންގެ އިޞްޠިލާޙުގައި އެއީ: ﷲ ގެ އަމުރުފުޅުތައް ދޫކޮށްލުމާއި އުރެދުމާއި ޙައްޤުމަގުން އެއްކިބާވުމާ އަދި ފާޖިރުކަމެވެ. [14]

އައްރާޣިބު އަލްއަޞްފަހާނީ رحمه الله ވިދާޅުވިއެވެ.

“ޢާންމު ގޮތެއްގައި ފާސިޤެއްކަމުގައި ބުނެ އުޅެނީ ޝަރުޢީ ހުރިހާ ޙުކުމަކަށް އިޤުރާރުވުމަށް ފަހުގައި ދެން އެ ހުރިހާކަމެއް ނަގާލާ ނުވަތަ ބައެއް ކަންކަން ނަގާލާ މީހުންނަށެވެ. އަޞްލު ކާފިރަކަށް ފާސިޤެކޭ ބުނެއްޖެނަމަ އެފަދައިން އެ ބުނެވެނީ ބުއްދީގެ ގޮތުން ނުވަތަ ފިޠުރަތުގެ ގޮތުން އޭނާގެ މައްޗަށް ލާޒިމުވާ ކަންތައްތަކެއް ނަގާލުމުންނެވެ.” [15]

 

 

ޤަވާޢިދުގެ ޖުމްލަ މާނަ:

 

މި ޤަވާޢިދުގައި މި ބަޔާންކުރަނީ ޢާންމު ވެރިކަމުގެ ތެރެއިން (މިސާލަކަށް މުސްލިމުންގެ ވެރިޔާ ނުވަތަ ޤާޟީ) ނުވަތަ ޚާއްޞަ ވެރިކަމުގެ ތެރެއިން (މިސާލަކަށް ކައިވެނިކޮށްދިނުން)، ޢަދުލުވެރިކަން ޝަރުޠުކޮށްފައި ކަމެއްގައި އެކަމުގެ ޝަރުޠު ހަމަވާ މީހަކު ނުވެއްޖެނަމަ، އެ ޙާލަތުގައި ފާސިޤަކު ޢައްޔަނުކުރުމުން އެކަން ޞައްޙަވެގެން ދާނޭ ކަމަށެވެ. އަދި އެކަމުގައި ފާސިޤުކަން އެންމެ ކުޑަ މީހާ ކަނޑައެޅުމަށް ބަލަން ޖެހޭނެއެވެ. އެހެނީ ކޮންމެހެންވެސް ވެރިޔަކު ޢައްޔަނުކުރަން ޖެހިފައިވާ އިރު އެކަން ވެގެން ދާނީ ދެ ފަސާދައިން ބޮޑު ފަސާދަ އެއްކިބާ ކުރުމުގެ ތެރެއިންނެވެ.

 


 

[1]  القواعد والضوابط الفقهية المتضمنة للتيسير لـ عبد الرحمن بن صالح العبد اللطيف (ص: 89 – 102).

[2] قواعد الأحكام في مصالح الأنام (1 / 85).

[3] ބައްލަވާ: مجموع الفتاوى (28 / 198) (السياسة الشرعية) ، والاختيارات الفقهية من فتاوى ابن تيمية (ص: 332).

 [4]ބައްލަވާ: إعلام الموقعين (1 / 105)، (4 / 197 – 198).

[5] قواعد الأحكام (1 / 85 – 87) .

[6] މި ފޮތުގެ (ص :68 – 74) މުރާޖަޢާކޮށްލައްވާށެވެ.

[7] ބައްލަވާ: مقاييس اللغة 4/253-257، والمفردات ص328

[8] ބައްލަވާ: مقاييس اللغة 4/246، والصحاح 5/1760

[9] ބައްލަވާ: نزهة النظر شرح نخبة الفكر في مصطلح أهل الأثر ص25. وانظر: الأحكام السلطانية للماوردي ص84، والمغني 14/150، ومنتهى السول والأمل ص77.

[10]ބައްލަވާ: الصحاح 6/2528، والقاموس المحيط 4/401 (ولي) ، والكليات لأبي البقاء الكفوي ص940

[11] ބައްލަވާ: الفقه الإسلامي وأدلته 4/139

[12] ބައްލަވާ: معجم لغة الفقهاء ص510 (الولي) ، وغياث الأمم ص292-294، والمغني 14/13، وشرح القواعد الفقهية ص247.

[13] الصحاح 4/1543، والقاموس المحيط 6/276

[14] ބައްލަވާ: الكليات ص692-693.

[15] المفردات ص380

 

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – އެހެން ބައިތައް