[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – 7

ޤަވާޢިދުގެ ދަލީލުތައް:

 

މި ޤަވާޢިދުގައި ބަޔާންކޮށްފައިވަނީ ވެރިކަމަކާ ހަވާލުވާ މީހެއްގެ އަޞްލަކީ އެމީހަކީ ޢަދުލުވެރި މީހަކަށް ވުމެވެ. – އެކަން މީގެ ކުރިން ބަޔާންވެ ހިނގައްޖެއެވެ. – އެކަމަށް ދަލާލަތު ކުރާ ދަލީލުތަކުގެ ތެރޭގައި:

  1. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُ مِنكُم مُّتَعَمِّدًا فَجَزَاءٌ مِّثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِّنكُمْ﴾‏ [سورة المائدة ٩٥]

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! (ޙައްޖަކަށް ނުވަތަ ޢުމްރާއަކަށް) ތިޔަބައިމީހުން އިޙްރާމު ބަނދެގެން ތިބެ (އެއްގަމު) ޝިކާރަ ޤަތުލުނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ޤަޞްދުގައި، އެފަދަ ޝިކާރައެއް ޤަތުލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ޖަޒާއަކީ އޭނާ ޤަތުލު ކުރި އެއްޗަކާ އެއްފަދަ އެއްޗެއް ނަޢަމްސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު ޙުކުމްކުރާނީ، ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހެކެވެ.”

މި އާޔަތުން ދަލީލު ނަގާ ގޮތަކީ: ﷲ ތަޢާލާ އެވަނީ މި މައްސަލާގައި (އެބަހީ: قضاء التحكيم ގެ މައްސަލާގައި [1]) ޢަދުލުވެރިކަން ޝަރުޠުކުރައްވާފައެވެ. އެހެންކަމުން އެއަށް ވުރެ މުހިންމު އަދި ލާޒިމުކަން ބޮޑެތި ކަންކަމުގައި ޙުކުމްކުރާ ޤާޟީގެ ކިބައިގައި އެކަން ޝަރުޠުވުން މާ އައުލާކަން ބޮޑެވެ. [2]

  1. ޢަދުލުވެރިކަމަކީ ހެކިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠެކެވެ. ޤާޟީގެ ކިބައިގައި އެ ޝަރުޠުހުރުން މާ އައުލާވެގެންވެއެވެ. އެހެނީ ޤާޟީގެ ކިބައިގައި ތިން ޞިފައެއް ޖަމާވެއެވެ. ޘާބިކުރުމުގައި އޭނާއަކީ ހެކިވެރިއެކެވެ. އަދި އަމުރު މަޢުރޫފު ހިންގުމުގައި އޭނާއަކީ ފަތުވާދޭ މީހެކެވެ. އަދި ޙުކުމް ލާޒިމުކުރުމުގައި އޭނާއަކީ ބާރުވެރި ފަރާތެކެވެ. [3]
  2. ފާސިޤަކަށް ޙުކުމްކުރަން ހަވާލުކޮށްފިނަމަ އޭނާ ޙުކުމް ކުރާނީ އަނިޔާވެރިކަމާ އެކުގައެވެ. އޭރުން އަނިޔާވެރިކަން ފެތުރިގެން ދާނެއެވެ. އަދި މަޞްލަޙަތުތައް ގެއްލެނިވެގެން ދާނެއެވެ. އަދި ފަސާދަތައް ގިނަވެގެން ދާނެއެވެ. [4]

 

 

ޢަދުލުވެރި މީހަކު ނެތިއްޔާ ފާސިޤުކަން ކުޑަ މީހާ ޢައްޔަނުކުރުން ޞައްޙަވާނޭކަމުގެ ދަލީލުތަކުގެ ތެރޭގައި:

 

ފުރަތަމައީ:

﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾‏ [سورة التغابن 16]

މާނައީ: “ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ!”

މި އާޔަތުގެ ޢާންމު މާނައިން އެކަމަށް ދަލީލުކުރެއެވެ.

 

ދެވަނައީ:

﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا﴾‏ [سورة البقرة 286]

މާނައީ: “ﷲ، އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ.”

މި އާޔަތުގެވެސް ޢާންމު މާނައިން އެކަމަށް ދަލީލުކުރެއެވެ. އަދި މި ނޫން ނައްޞުތަކުންވެސް މި ޤަވާޢިދުގެ މައިގަނޑު ޤަވާޢިދަށް ދަލާލަތުކުރެއެވެ.

 

ތިންވަނައީ:
ފާސިޤަކު މުސްލިމުންގެ ޢާންމު ވެރިއަކަށް ނުވަތަ ޚާއްޞަކަމެއްގައި ވެރިއަކަށް ޢައްޔަނުކުރުމަށް އަންނަނިވި ޙަދީޘުން ބައެއް ޢިލްމުވެރިން ދަލީލު ނަންގަވާފައި ވެއެވެ. އެބޭކަލުން އެކަމުގައި ޢަދުލުވެރި ވެރިއެއް ނެތުން ޝަރުޠުކުރައްވާފައި ނުވެއެވެ. އެހެންކަމުން ޢަދުލުވެރި ވެރިއެއް ނެތް ޙާތަލުގައި އެފަދަ މީހަކު ޢައްޔަނުކުރުން މާ އައުލާވެގެން ވެއެވެ. [5]

«إِنَّهُ سَتَكُونُ عَلَيْكُمْ أُمَرَاءُ يُؤَخِّرُونَ الصَّلَاةَ عَنْ مِيقَاتِهَا، وَيَخْنُقُونَهَا إِلَى شَرَقِ الْمَوْتَى، فَإِذَا رَأَيْتُمُوهُمْ قَدْ فَعَلُوا ذَلِكَ، فَصَلُّوا الصَّلَاةَ لِمِيقَاتِهَا، وَاجْعَلُوا صَلَاتَكُمْ مَعَهُمْ سُبْحَةً» [رواه مسلم (26 – (534))]

މާނައީ: “ހަމަކަށަވަރުން ނަމާދު އޭގެ ވަގުތުން ފަސްކުރާ ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް ވެރިކަންކުރާނެއެވެ. އެ ލަސްކުރަމުން ގޮސް، އިރުއޮއްސެން ވަރަށް ކައިރިވެފައިވަނިކޮށް އެބައިމީހުން އެފަދައިން ޢަމަލުކުރާތަން [6]  ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، ފަހެ ނަމާދު އޭގެ ވަގުތުގައި (ގޭގައި) އަދާކުރާށެވެ. އަދި އެބައިމީހުންނާ އެކުގައި ތިޔަބައިމީހުން ކުރާ ނަމާދު ވާނީ ސުންނަތް ނަމާދަކަށެވެ. [7]

 

ހަތަރުވަނައީ:

އެންމެ ރަނގަޅު މީހާ ހުއްޓާ އެއަށް ވުރެ ދަށް މީހެއް ޢައްޔަނުކުރުން ޞައްޙަވެގެން ވެއެވެ. އެއީ ދަށް މީހާގެ ކިބައިގައި ބޮޑުވެގެންވާ މަޞްލަޙަތެއް ޙާޞިލުކުރުމުގެ ސިފަ ހުރިކަމުގައި ވާނަމައެވެ.

އެފަދައިން ޞައްޙަވާއިރުގައި ފާސިޤު މީހާއަށް ވުރެ ރަނގަޅު މީހެއް އެމަޤާމަށް ނެތުމުން އޭނާ ޢައްޔުނުކުރުން މާ އައުލާވެގެން ވެއެވެ. އެހެނީ އެކަމުގައިވެސް ބޮޑު މަޞްލަޙަތުތަކެއް ވެއެވެ. [8]

 

 

މި ޤަވާޢިދަށް ޢަމަލުކުރުން:

 

ޙަނަފީން ފިޔަވާ އެހެން ފިޤުހުވެރިން ވިދާޅުވެފައިވަނީ މުސްލިމުންގެ ވެރިޔާގެ ކިބައިގައި ޢަދުލުވެރިކަން ހުރުމަކީ ޝަރުޠެއްކަމުގައެވެ. ޝާފިޢީންގެ ތެރެއިން ޢިއްޒު ބުން ޢަބްދުއްސަލާމާއި ޙަންބަލީންގެ ތެރެއިން އިބްނު ތައިމިއްޔާ ވަނީ ޞަރީޙަކޮށް އެފަދައިން ވިދާޅުވެފައެވެ. އަދި މުސްލިމުންގެ އިމާމާއި ވެރިން ހޮވުމާ ބެހޭގޮތުން ވަކިވަކި ފޮތްތައް ލިޔުއްވި ވަރަށް ގިނަ ބޭކަލުންވެސް އެފަދަ މޭރުމުން ވާހަކަދައްކަވާފައި ވެއެވެ. އަދި އެބޭކަލުން ބަޔާންކުރައްވާފައިވަނީ އެ ނޫން ގޮތަކަށް އެކަން ހިނގުން ތަޞައްވަރު ނުކުރެއްވޭ ކަމުގައެވެ. އެހެނީ މި ޙާލަތުގައި އެންމެ ފާސިޤުކަން ކުޑަ މީހާ ޢައްޔަނު ނުކޮށްފިނަމަ އެކަން ވެގެންދާނީ ނުވާވަރުގެ ތަކުލީފެއް ޖެއްސުމުގެ ތެރެއިންނެވެ. އެއީ ޢަދުލުވެރި މީހަކު އެ މަޤާމަށް ހަމަޖެއްސެން ނެތް އިރު، ޢަދުލުވެރި މީހަކު ހަމަޖެއްސުމެވެ. އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތައް އައިސްފައިވަނީ އެފަދައިންނެއް ނޫނެވެ.

އަނެއް ގޮތަކީ މީސްތަކުންގެ މައްޗަށް ވެރިއެއް ނެތި ދޫކޮށްލުމެވެ. ފާސިޤަކު ޢައްޔަނުކުރުމަށް ވުރެވެސް މިކަމުގެ ފަސާދަ މާ ބޮޑުވެގެން ވެއެވެ. އެހެންކަމުން މިކަން ވެގެންދާނީ ދެ ފަސާދައިން ކުރެ އެންމެ ކުޑަ ފަސާދައަށް އަރައިގަތުމުގެ ތެރެއިންނެވެ. އަދި ޢިއްޒު ބުން ޢަބްދުއްސަލާމާ އަދި ބައެއް އެހެން ބޭކަލުން ބަޔާންކުރައްވާފައިވަނީ އެއީ ޟަރޫރަތެއްކަމުގައެވެ. [9] އަދި އެއީ ޢިލްމުވެރިންގެ މެދުގައި އިއްތިފާޤުވެފައިވާ ޤަވާޢިދެކެވެ. [10]

އެހެންކަމުން ޢަދުލުވެރި މީހަކު ޢައްޔަނުކުރުމަށް ޢުޛުވެރިވާ ޙާލަތުގައި އެންމެ ފާސިޤުކަން ކުޑަ މީހަކު ޢައްޔަނުކުރުމަކީ ގިނަ ފިޤުހުވެރިންގެ ބަސްފުޅެވެ. އެކަމުގައި ޞަރީހަ ނައްޞެއް ނެތުމުގެ ސަބަބުކަމުގައި ބެލެވެނީ އެއީ އެކަމުގެ ފާޅުކަން ބޮޑުކަމުންނެވެ. އަނެއް ސަބަބަކީ އެކަން ޟަރޫރަތްތަކުގެ ތެރެއަށް ވަދެގެން ދާތީއެވެ. އެއީ އެންމެ ކުޑަ ފަސާދައަށް އަރައިގަނެ ބޮޑު ފަސާދަ އެއްކިބާ ކުރުމެވެ. والله أعلم.

 

 

މި ޤަވާޢިދުގެ ދަށުން ޢަމަލުކުރާ ބައެއް ފަރުޢީ މައްސަލަތައް:

 

  1. ޤާޟީކަމަށް ޢައްޔަނުކުރާ މީހަކީ ޢަދުލުވެރިއަކަށް ވުމަށް ޝަރުޠުކުރައްވާ ބޭކަލުންގެ އަރިހުގައިވެސް ޢަދުލުވެރި މީހަކު ނެތްނަމަ ދެން ޢައްޔަނުކުރާނީ އެއާ ޖެހިގެން ހުރި މީހާއެވެ. [11]
  2. ކައިވެނީގެ ވަލީވެރިޔާ ޢައްޔަނުކުރުމުގައިވެސް ޢަމަލުކުރާނީ ހަމަ އެފަދައިންނެވެ. [12]

މިމައްސަލަތަކުގައި އެފަދައިން ޢަމަލުކުރާ ސަބަބު: އިންސާނުންވަނީ ކޮންމެ ޒަމާނެއްގައިވެސް އެބައިމީހުންގެ ޢާންމު ކަންކަން އަދާކުރާނޭ ވެރިއަކަށް ބޭނުން ޖެހިފައެވެ. އަދި އެބައިމީހުންނަށް ޚާއްޞަ ބައެއް ކަންކަމުގައިވެސް ވެރިންނަށް ބޭނުން ޖެހެއެވެ. އެކަން ނެތިކޮށްލުމުގެ ސަބަބުން ވަރަށް ބޮޑެތި މަޞްލަޙަތުތައް ފާއިތުވެގެން ދެއެވެ. އަދި ކަންކަން އެގޮތްމިގޮތްވެގެން ދެއެވެ. [13] އެހެންކަމަށްޓަކައި އިސްލާމީ ޝަރީޢަތުގައިވަނީ ޢަދުލުވެރިކަމުގެ ޞިފަ ހުރި ވެރިއެއްގެ މުހިންމުކަމާއެކުވެސް އަދި އެ ސިފަ ހުރުމަކީ ވެރިކަން ޞައްޙަވުމުގެ މުހިންމު ޝަރުޠަކަށްވީ ހިނދުވެސް އެސިފަ ހުރި މީހަކު ނުލިބުނު ނަމަ، މީސްތަކުންގެ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށްޓަކައި ފާސިޤުންގެ ތެރެއިން އެންމެ ނުބައިކަން ކުޑަ މީހާ ޚިޔާރުކުރުމުގެ ހުއްދަ ދެއްވާފައެވެ. އެއީ އަންނަނިވި ޤަވާޢިދަށް ޢަމަލުކުރުމުގެ ގޮތުންނެވެ. الضَّرُورَةُ تُقَدَّر بِقَدْرِها (މާނަ: ޟަރޫރީ ޙާލަތުގައި ކުރާ ކަންކަން ކުރަންވާނީ އެ ޟަރޫރަތާ އެކަށީގެންވާ މިންވަރަށެވެ.)

=ނިމުނީ=

 


[1] قضاء التحكيم އަކީ: ވަކި ކަމެއްގައި އޭނާއަށް ދެވޭ ބާރެކެވެ. އަދި އެއީ ޤާޟީކަމުގެ ގޮތްޕެކެވެ. އެ ގުޅިފައިވަނީ މުދަލާއެވެ. ޙައްދުތަކުގައި އަދި ޤިޞާޞްގައި ޙުކުމްކުރުމުގައެއް ނޫނެވެ. ولاية التحكيم ވެސް މިއަށް ކިޔާ އުޅެއެވެ. ބައްލަވާ:  تبصرة الحكام في أصول الأقضية ومناهج الأحكان 1/13، والبحر الرائق 7/24.

[2] ބައްލަވާ: القضاء ونظامه ص123.

 [3]ބައްލަވާ:  أعلام الموقعين 1/105.

 [4]ބައްލަވާ:   الفروق للقرافي 4/34، وتهذيبه معه 4/67-68، ومختصر الشعراني لقواعد الزركشي (رسالة) 1/521.

[5] ބައްލަވާ:    المغني 14/14.

[6] ބައްލަވާ:    الصحاح 4/1500-1501 (شرق) ، وشرح صحيح مسلم 5/16.

[7] ބައްލަވާ:    الصحاح 1/372 (سبح) ، وشرح النووي على صحيح مسلم 5/16.

[8]ބައްލަވާ:    قواعد الأحكام في مصالح الأنام 1/81، وأعلام الموقعين 1/106.

[9] ބައްލަވާ:    قواعد الأحكام في مصالح الأنام 1/85-87. والغياثي ص312، وكتاب الإمامة العظمى ص255

[10] މި ދެ ޤަވާޢިދުވެސް ވިދާޅުވުމަށް ބައްލަވާ:   ص89-102، ص287-296.

[11] މި ފޮތުގެ (ص: 103) ބައްލަވާށެވެ. އިތުރަށް ވިދާޅުވުމަށް: بدائع الصنائع 7/3، وسراج السالك 2/195، وروضة الطالبين 11/96-97، والإقناع 4/364، 368-369، وأعلام الموقعين 1/105، 4/197-198.

[12] ޙަނަފީންނާއި މާލިކީން ދެކެވަޑައިގަންނަވަނީ ކައިވެނީގެ ވަލީވެރިޔާ ޢަދުލުވެރިވައަކަށް ވުމަކީ ޝަރުޠެއް ނޫންކަމުގައެވެ. އެހެންބޭކަލުންވަނީ އެކަށް ޝަރުޠުކުރައްވާފައެވެ. އިތުރަށް ވިދާޅުވުމަށް: فتح القدير 3/180، وحاشية العدوي 2/34، وروضة الطالبين 7/64، 87-88، والإقناع 3/173.

[13] ބައްލަވާވެރިކަމުގެ މުހިންމުކަމާއި އެކަމުގެ ވާޖިބުކަމާ ބެހޭގޮތުން އިތުރަށް ވިދާޅުވުމަށް: الأحكام السلطانية للماوردي ص3-5، وغياث الأمم ص22-24.

 

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – އެހެން ބައިތައް