-
ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅު ބޮޑުކުރެއްވުން
ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެކަލޭގެފާނުގެ މިސްކިތްކޮޅުގެ ކައިރީގައި އޮތް ބިމެއް ޢުޘްމާނުގެފާނު ބައްލަވައިގެންނެވިއެވެ. އަދި މިސްކިތްކޮޅު ބޮޑުކުރެއްވުމަށް އެ ބިންކޮޅު ދެއްވިއެވެ.
ޢުޘްމާނުގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، މީސްތަކުން ގިނަވެ، މިސްކިތުގެ ޖާގަ ދަތިވުމުން އަނެއްކާވެސް މިސްކިތްކޮޅު ބޮޑުކުރެއްވިއެވެ. އެއީ ހިޖުރައިން 30 ވަނަ އަހަރެވެ. މިސްކިތުގެ ފާރުތައް ހެދީ ހިލައިންނެވެ. ތަނބުތައް ހެދީ ހިލައާއި ތިމަރައިންނެވެ. ފުރާޅު ހެދީ ލަކުޑިންނެވެ. އަދި ދޮރުކޮޅުތައް ބެހެއްޓެވީ ޢުމަރުގެފާނުގެ ދުވަސްވަރު ހުރި ގޮތަށެވެ. އެއީ 6 ދޮރުކޮޅެވެ.
ފަހެ، ޢުޘްމާނުގެފާނު މިސްކިތްކޮޅު ބޮޑުކުރެއްވުމުން ދިގުމިނުގައި 160 މުށް އަދި ފުޅާމިނުގައި 150 މުށް ހުއްޓެވެ. [1]
-
ފަތަޙަކުރެއްވުމުގެ މަސައްކަތްތައް (الفتوحات) ކުރިއަށް ގެންދެވުން
ޢަރަބި ޖަޒީރާއިން ބޭރުގައި ހުރި ރަށްތައް ފަތަޙަކުރެއްވުމުގެ މަސައްކަތް ފެއްޓެވީ އަބޫބަކުރުގެފާނުގެ ޚިލާފަތުގައެވެ. ޢުމަރުގެފާނުގެ ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައިވެސް އެކަން ކުރިއަށް ގެންދެވިއެވެ. އަދި ޢުޘްމާނުގެފާނުވެސް އެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ފުތޫޙާތުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތަކީ:
ހ. މުސްލިމުން ފަތަޙަކޮށްފައިވާ ރަށްތަކުގައި ޘާބިތުވުން
ށ. އައު ރަށްތައް ފަތަޙަކުރެއްވުން
ނ. ކަނޑުމަތީގައި ހަނގުރާމަކުރާ އިސްލާމީ ލަޝްކަރު އުފެއްދެވުން
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: تاريخ الطبري (4 / 267).