الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ދެކެ، އަޅާ ލޯބިވާ މިންވަރު ހާމަވެގެންދާ މައިގަނޑު 4 ވަގުތެއްވެއެވެ. މިކަން ބަޔާންކުރައްވާ އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
ފުރަތަމައީ: ނިދަން އަރާ ވަގުތު
އެވަގުތުގައި އޭނާގެ ޙިއްސުތަކާއި ގުނަވަންތައް ވާނީ އެހެންކަންކަމުން އަވަދިވެފައެވެ. ފަހެ އޭނާ ލޯބިވާ ކަމަކާ ދިމާއަށް އޭނާގެ ހިތް އެވަގުތު ދެއެވެ. ފަހެ އެވަގުތުގައި އެމީހަކު ނިދާނީ އެމީހާ އެންމެ ލޯބިވާ ފަރާތެއްގެ މަތިން ހަނދާންކޮށް، އެކަމުގައި އެމީހެއްގެ ހިތް މަޝްޣޫލުކޮށްގެންނެވެ.
ދެވަނައީ: ނިދިން ހޭލައިގެން
އޭނާގެ ހިތަށް އެވަގުތު އެންމެ ފުރަތަމަ އަންނާނީ، އޭނާ ލޯބިވާ ފަރާތުގެ ޛިކުރެވެ. އެހެނީ އޭނާ ހޭލުމުން، އޭނާ ނިދާފައި އޮތް ވަގުތުގައި އެއެއްޗެއް ހަނދުމަކުރުމުން ދުރުހެލިވާން ޖެހިފައިވާ ފަރާތް އަލުން ހަނދާނަށް އާދެއެވެ.
ތިންވަނައީ: ނަމާދު ފަށާ ވަގުތު
އެހެނީ އެއީ ޙާލަތު ދެނެގަނެވޭ އަދި އީމާންކަން ވަޒަންކުރެވޭ ވަގުތެވެ. ފަހެ އޭގެ ޛަރިއްޔާއިން އަޅާގެ އީމާންކަން ވަޒަންކުރެވިގެން ދެއެވެ. އަދި އޭނާގެ ޙާލަތާއި (ﷲ ގެ ޙަޟްރަތުގައި) އޭނާގެ މަޤާމާއި އެއިލާހާ ކުއްތަންވެގެންވާ މިންވަރު އެނގިގެން ދެއެވެ.
ހަތަރުވަނައީ: ބޮޑުކަމެއް ދިމާވުމުން
ފަހެ އެވަގުތުގައި ހިތަށް އެންމެ ބޮޑަށް އަރާނީ އޭނާ އެންމެ ލޯބިވާ ފަރާތްތަކެވެ. އަދި އޭގެ ތެރެއިންވެސް އޭނާގެ ވިސްނުން އެވަގުތުގައި އެންމެ ބޮޑަށް ދާނީ އޭނާ އެންމެ ބޮޑަށް ލޯބިވާ ފަރާތަށެވެ.
[ބައްލަވާ: طريق الهجرتين لابن القيم (١ / 306 – 308)]