[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ) – 12

ޢަދުލުވެރިއަކުކަމުގައި ވުން

 

ހެކިބަސް އަދާ ކުރާ މީހާއަކީ ޢަދުލުވެރިއެއްކަމުގައި ވުމަކީ ހެކިބަސް އަދާ ކުރާ މީހެއްގެ ކިބައިގައި ކޮންމެހެންވެސް ހުރުން ލާޒިމު ޞިފައެކެވެ. ޢަދުލުވެރިކަމަކީ “ބޮޑެތި ފާފަތަކުން އެއްކިބާ ވެ، ކުދި ފާފަތަކުގައި ދެމި ނުހުރުމެވެ.” [1] ޢަދުލުވެރިކަމުގެ އިދިކޮޅަކީ ފާސިޤުކަމެވެ.

ހެކިވެރިޔާއަކީ ޢަދުލުވެރިއެއް ކަމުގައި ވުން ޝަރުޠުވެގެންވާ ކަމުގެ މައްޗަށް އިބްނު ރުޝްދު[2] (ނޔވ 595) އަދި އިބްނުއްސަމްނާނީ [3] (ނޔވ 499) އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ. ދަންނަބޭކަލުންގެ އިޖުމާޢު ބިނާ ކުރައްވާފައިވާ މުސްތަނަދުތަކަކީ (ދަލީލުތަކަކީ) ﷲގެ އަންނަނިވި ބަސްފުޅުތަކެވެ.

  • ﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾ [الطلاق 6]

މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”

ހެކިވެރިއަކީ ޢަދުލުވެރިއަކަށް ވުން ޝަރުޠުވެގެން ވާކަން މި އާޔަތުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޞަރީޙަކޮށް މިވަނީ ބަޔާން ކުރައްވާފައެވެ.

 

  • ﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ﴾ [الطلاق 6]

މާނައީ: “ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފު ކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނެސްފިނަމަ ފަހެ، އެބައިމީހުންގެ ގައިގައި އަށްޑިހަ އެތި ފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެބައިމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެބައިމީހުންނީ ހަމަ، ފާސިޤުންނެވެ.”

 

  • ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ﴾ [الحُجرَات 6]

މާނައީ: “އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތެއް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަ ކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.”

މި އާޔަތުގައި ﷲ އަންގަވާފައި މިވަނީ ފާސިޤެއްގެ ފަރާތުން ލިބޭ މަޢުލޫމާތެއްގެ ތެދުދޮގު ބަލައި، އެ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރު ކުރުމަށެވެ. އަދި ދެވަނައަށް ބަޔާން ކޮށްފައިވާ – ޤަޛުފު ކުރާ މީހާއާ މެދުގައި އައިސްފައިވާ އާޔަތުގައި – ވެސް އެވަނީ ފާސިޤެއްގެ ހެކިބަސް ބަލައި ނުގަތުމަށް އަމުރު ކުރައްވާފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާ އަދާ ކުރާ ހެކިބަހަކީ އޭގެ މައްޗަށް ޤާޟީގެ ޙުކުމް ބިނާ ކުރާ އެއްޗަކަށް ވާއިރު؛ ފާސިޤެއްފަދަ އެ މީހަކު ދޭ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރު ކުރުމަށް ﷲ އަންގަވައި އަމުރުކުރައްވާފައިވާ މީހަކު އަދާ ކުރާ މަޢުލޫމާތެއްގެ މައްޗަށް ޙުކުމެއް ބިނާ ނުކުރެވޭނެއެވެ.

ޢަދުލުވެރިކަމަކުގެ ތަޢުރީފުން އެނގޭ ފަދައިން، ޢަދުލުވެރިކަން ވަޒަން ކުރެވެނީ ދެ ކަމަކުންނެވެ. އެއީ ބޮޑެތި ފާފަތަކުން އެއްކިބާ ވުމާއި ކުދި ފާފަތަކުގެ މަތީގައި ދެމި ނުހުރުމެވެ. މި ތަނުގައި “ކުދި ފާފަތަކުގެ މަތީގައި ދެމި ނުހުރުން”، އޮތް ޢިބާރާތުގެ މާނައަކީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ޙަޔާތުގައި ކުރާ ކަންތައްތަކުގެ ތެރޭގައި، ކުޑަ ފާފައެއްކަމުގައިވާ ކަމެއް ކުރުމުގައިވެސް ދެމި ނުހުރުމެވެ. އަދި ހަމަ އެހެންމެ އެ ޢިބާރާތުގެ އަނެއް މާނައަކީ ފާފައަކަށް އަރައިގަނެވުނުކަމުގައި ވިޔަސް، ހެޔޮ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، އެފަދަ ފާފައެއް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައެޅުމެވެ. އެހެނީ ފާފައަކަށް އަރައިގަނެވުމަކީ އިންސާނަކަށް ވީތީ އެ މީހެއްގެ ކިބައިން ނުފެނި ނުދާނޭ ކަމެއްކަމުގައި ވާތީއެވެ. ނަމަވެސް އެ ފާފައަކުން ތާއުބާވެ، އިޞްލާޙު ވުމަކީ އިންސާނުން ކުރެ އެންމެ ހެޔޮ އިންސާނުންގެ ޞިފައެވެ. އިމާމު ތިރުމިޛީ (ނޔވ 279) އެ ކަލޭގެފާނުގެ ސުނަނުގައި އިބްނު ޢައްބާސްގެފާނު (ނޔވ 68)ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ.

«الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ» [النجم 32]

[މާނައީ: “އެބައިމީހުންނީ ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި ފާޙިޝު ކަންތަކުން ދުރުވެގަންނަ މީހުންނެވެ.”]

މި އާޔަތާ މެދުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«إِنْ تَغْفِرِ اللَّهُمَّ تَغْفِرْ جَمًّا، وأيُّ عَبْدٍ لَكَ لَا أَلَمَّا» [سنن الترمذي (3284) وصحيح الجامع الصغير للألباني (1417)]

މާނައީ: “ހަމަކަށަވަރުން އިބައިލާހު އަޅުތަކުންނަށް ފާފަ ފުއްސެވުމުގައި ގިނަގިނައިން ފާފަ ފުއްސަވާނދޭވެ! އަޅުތަކުން ކުރެ ކުދި ފާފަތަކުގައި ނުޖެހެނީ ފަހެ ކޮން އަޅަކު ތޯއެވެ!”

އަދިވެސް ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.

«كلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الخَطَّائِينَ التَّوَّابُونَ»  [سنن ابن ماجه (4251) وصحيح الجامع الصغير للألباني (4515)]

މާނައީ: “ކޮންމެ އާދަމުގެ ދަރިއަކީވެސް ގިނަގިނައިން ކުށް ކުރެވޭ މީހެކެވެ. ކުށް ކުރެވޭ މީހުން ކުރެ ހެޔޮ މީހުންނަކީ ގިނަގިނައިން ތައުބާވާ މީހުންނެވެ.”

ޢަދުލުވެރިކަމުގެ ތަޢުރީފުންވެސް އެނގޭ ފަދައިން ކުށްފާފަ ވަނީ ދެ ދަރަޖައަކަށެވެ. ކުދި ފާފަތަކާއި ބޮޑެތި ފާފަތަކެވެ. ފާފަތައް ބެހިގެން ވަނީ މި ދެ ބަޔަށްކަން ޤުރުއާނާއި ސުންނަތް އަދި ސަލަފުވެރި ބޭކަލުންގެ އިޖުމާޢުން ސާބިތުވާކަމުގައި އިބްނުލް ޤައްޔިމު (ނޔވ 751) ނަޤުލުކުރައްވާފައި ވެއެވެ.[4] މި ދެ ބާވަތަކީ ކޮބައިކަން ދަންނަބޭކަލުންވަނީ ތަފާތު ޢިބާރާތްތަކުން ބަޔާން ކުރައްވާފައެވެ.

އެ ގޮތުން ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާން ކުރައްވަމުން އަބުލްޢައްބާސް އަލްޤުރްޠުބީ (ނޔވ 656) ވިދާޅުވެފައި ވެއެވެ.

“ﷲގެ ފޮތާއި ސުންނަތް އަދި އިޖުމާޢުން ޝަރީޢަތުގައި އެއީ ބޮޑުކަމެއްކަމުގައި ބަޔާން ކުރައްވާފައިވާ، ނުވަތަ އެ ކަމަކަށް ބޮޑު ޢުޤޫބާތެއް ވާކަމަށް ބަޔާންވެފައި ވާނަމަ، ނުވަތަ އެ ކަމަކީ ޙައްދެއް ވާރިދުވެފައިވާ ކަމެއް ނުވަތަ ނިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވާ ކަމެއް ނަމަ އެއީ ބޮޑު ވެގެންވާ ފާފައެކެވެ.”[5]

ބޮޑެތި ބައެއް ފާފަތަކުން ރައްކާތެރިވުމަށް އަންގަވަމުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

«اجْتَنِبُوا السَّبْعَ المُوبِقاتِ»، قالُوا: يا رَسُولَ اللَّهِ وما هُنَّ؟ قالَ: «الشِّرْكُ بِاللَّهِ، والسِّحْرُ، وقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إلّا بِالحَقِّ، وأكْلُ الرِّبا، وأكْلُ مالِ اليَتِيمِ، والتَّوَلِّي يَوْمَ الزَّحْفِ، وقَذْفُ المُحْصَناتِ المُؤْمِناتِ الغافِلاَتِ» [البُخَارِي 2766]

މާނައީ: “ހަލާކުކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން ދުރުހެލިވާށެވެ!” ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އެ ފާފަތަކަކީ ކޮބައިތޯއެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ ﷲއަށް ޝިރުކު ކުރުމާއި ސިޙުރު ހެދުމާއި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ނުލައި ޤަތުލުކުރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި ޢިއްފަތްތެރި އަބުރުވެރި މުއުމިނު އަންހެނުންނަށް ޤަޛުފު ކުރުމެވެ.”

މި ހަދީޘުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާފައި ވަނީ ހަތް ފާފަ ނަމަވެސް، ބޮޑެތި ފާފަތަކަކީ ހަމައެކަނި މި ޙަދީޘުގައި އައިސްފައިވާ ކަންތައްތައް އެކަންޏެއް ނޫނެވެ. އެހެނީ ޤުރުއާނުގައި އަދި ސަލާމާއި ޞަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ބޮޑެތި ފާފަތައްކަމުގައި މި ނޫންވެސް ކިތަންމެ ކަމެއް ބަޔާންވެގެން އައިސްފައި ވެއެވެ.

އެ ގޮތުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

«إنَّ مِن أكْبَرِ الكَبائِرِ أنْ يَلْعَنَ الرَّجُلُ والِدَيْهِ» قِيلَ: يا رَسُولَ اللَّهِ، وكَيْفَ يَلْعَنُ الرَّجُلُ والِدَيْهِ؟ قالَ: «يَسُبُّ الرَّجُلُ أبا الرَّجُلِ، فَيَسُبُّ أباهُ، ويَسُبُّ أُمَّهُ» [البُخَارِي 5973]

މާނައީ: “ހަމަކަށަވަރުން މީހާ އޭނާގެ މައިންބަފައިންނަށް ލަޢުނަތް ދިނުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަންތަކެވެ.” ޞަޙާބީ ބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! މީހާ އޭނާގެ މައިންބަފައިންނަށް ލަޢުނަތް ދޭނީ ކިހިނަކުން ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އަނެއް މީހާގެ ބައްޕައަށް އެއްޗެހި ކިޔުމަކީ އޭނާގެ އަމިއްލަ ބައްޕައަށާއި މަންމައަށް އެއްޗެހި ކިޔުމެވެ.”

އަދި ބޮޑު ހަތް ފާފަ ބަޔާން ކުރައްވާ ޙަދީޘުގައި ޒިނޭގެ ވާހަކަ އައިސްފައި ނުވި ނަމަވެސް، ޤުރުއާނުން އެނގޭ ގޮތުން ޒިނޭއަކީވެސް ބޮޑުވެގެންވާ ފާފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

‎﴿وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴾ [الإسْرَاءُ 32]

މާނައީ: “އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”

ޒިނޭއަކީ ފާޙިޝުކަމެއްކަން ބަޔާން ކުރެއްވުމުގެ އިތުރުން ޝަރުޢުގައި ޒިނޭގެ ޢުޤޫބާތެއްގެ ގޮތުގައި ބޮޑުވެގެންވާ ޢުޤޫބާތް ލައްވާފައި ވެއެވެ.

ހަމަ މި ގޮތަށް ނަމާދު އެޅުމަކީވެސް ބޮޑު ފާފައެކެވެ. އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ އެ ފާފައަށް އަރައިގަންނަ މީހާ ދީނުން ބޭރުވާފަދަ ފާފައެކެވެ. ފަހެ އެއީ މީހާއާއި އޭނާގެ އީމާންކަމާއި ގުޅުވައިދޭ ވަސީލަތެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަމާދު ޞިފަ ކުރައްވާފައިވަނީ އެއީ މީހާއާއި ކުފުރާއި ޝިރުކާ ދެމެދުގައި ވާ ހުރަސްކަމުގައެވެ. އިތުރުއެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ.

«بَيْنَ العَبْدِ وبَيْنَ الكُفْرِ تَرْكُ الصَّلاةِ» [سنن ابن ماجه (1078) وصحيح الترغيب والترهيب للألباني (563)]

މާނައީ: “އަޅާއާއި ކުފުރާއި ދެމެދު ވަނީ ނަމާދު އެޅުމެވެ.”

އަދިވެސް ޙަދީޘް ކުރެއްވިއެވެ.

«العَهْدُ الَّذِي بَيْنَنا وبَيْنَهُمْ الصَّلاةُ، فَمَن تَرَكَها فَقَدْ كَفَرَ» [سنن ابن ماجه (1079) ومشكاة المصابيح للألباني (574)]

މާނައީ: “އަހަރެމެންނާ އެބައިމީހުންނާ ދެމެދު ވާ ހުރަހަކީ ނަމާދެވެ. ފަހެ އެ ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެކަން ކަށަވަރެވެ!”

ނަމާދު އެޅުމުގެ ފާފަ މިހައި ބޮޑުވީ އިރުވެސް ކުރީން ބުނެވުނު ހަލާކު ކުރަނިވި ހަތް ފާފައިގެ ޙަދީޘުގައި މި ވާހަކަ އައިސްފައި ނުވުމުން ސާފުވާކަމަކީ އެ ހަތް ފާފަ ނޫނަސް ބޮޑެތި ފާފަތައް ވާކަމެވެ.

ބޮޑެތި ފާފަތަކަކީ ހަތެއްކަމުގައި ޢަބްދުﷲ ބްނު ޢައްބާސް (ނޔވ 68)އަށް ދެންނެވުނެވެ. ޖަވާބުގައި އެ ކަލޭގެފާނު ވިދާޅުވީ ބޮޑެތި ފާފަތައް ހަތެއްކަމުގައި ވުމަށް ވުރެ ހަތްދިހަ ނުވަތަ ހަތް ސަތޭކަ ކަމުގައިވުން މާ ގާތްކަން ބޮޑުކަމުގައެވެ.[6] ބޮޑެތި ފާފަތައް ޖަމާކުރައްވާ އިބްނު ޙަޖަރުލް ހައިތަމީ (ނޔވ 974) الزَّوَاجِرُ عَنْ اقْتِرَاف الكَبَائِرގެ ނަމުގައި ފޮތެއް ލިޔުއްވާފައި ވެއެވެ. އެ ފޮތުގައި 400އަށް ވުރެ ގިނަ ކަންކަން ބޮޑެތި ފާފައިގެ ގޮތުގައި ބަޔާން ކުރެއްވިއެވެ.

އެހެންކަމުން ޢަދުލުވެރިއަކީ ބޮޑެތި ފާފަތަކުން ދުރުހެލިވެ، ކުދި ފާފަތައް މަތީގައިވެސް ދެމި ނުހުންނަ މީހާއެވެ. އިސްވެ އިޝާރާތް ކުރެވުނު ފަދައިން، ބޮޑެތި ފާފަތަކަކީ ޤުރުއާނާއި ސުންނަތާއި އިޖުމާޢުން، ވަކި ކަމަކީ ޝަރީޢަތުގައި ބޮޑު ކަމެއްކަމުގައި ބަޔާންވެފައިވާ ކަންކަމެވެ. ނުވަތަ އެއީ މި ބުނެވުނު މަޞްދަރެއްގައި އެ ކަމަކީ ބޮޑު ޢުޤޫބާތެއް ނުވަތަ ޙައްދެއް އެކަމެއްގެ މައްޗަށް ތަރުތީބު ކުރެވިފައި ވާ ކަންތަކެވެ. ހަމަ އެހެންމެ ވަކި ކަމަކީ މި މަޞްދަރުތަކުގެ ތެރެއިން މަޞްދަރެއްގައި ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވާކަމެއް ނަމަވެސް، އެ ކަމަކީ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ކަށްވަޅުތެ ޢަޛާބު ލިބޭނެކަމަށް ނުވަތަ އާޚިރަތުގެ ޢުޤޫބާތް އެމީހަކަށް ޙައްޤުވާނޭކަން ބަޔާންކުރައްވާފައިވާ ފާފަތައްވެސް އޭގައި ހިމެނޭނެއެވެ.

ބޮޑެތި ފާފަތައް ފިޔަވައި ޝަރީޢަތުގައި ނަހީ އައިސްފައިވާ އެހެން ހުރިހާ ކަމަކީ ކުދި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. ނަމަވެސް ކުޑަ ފާފައެއްގެ މަތީގައި މީހަކު ދެމި ހުންނަ ނަމަ، އެ މީހެއްގެ ޙައްޤުގައި، އެ ފާފައިގެ މަތީގައި ދެމި ހުންނަ ހުރުމަކީ ބޮޑު ފާފައެކެވެ.[7] ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

«إيّاكُمْ ومُحَقَّراتِ الذُّنُوبِ، فَإنَّهُنَّ يَجْتَمِعْنَ عَلى الرَّجُلِ حَتّى يُهْلِكْنَهُ» [مسند أحمد (3818) وصحيح الجامع الصغير للألباني (2687)]

މާނައީ: “ކުށްފާފަތަކަކީ އެއްވެސް ކަމެއް ނޫންކަމުގައި ހެދުމުން، ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރި ވާށެވެ! ފަހެ ހަމަކަށަވަރުން އެ ކަންތައްތަކުން މީހާ ހަލާކުކޮށްލައިފުމަށް ދާންދެން، އެ ކަންތައްތައް މީހާގެ މައްޗަށް ޖަމާވެއެވެ.”

އެހެންކަމުން ކުޑަ ފާފައަކަށް މީހަކަށް، އެނގިގެން ނުވަތަ ނޭނގި އަރައިގަނެވުނުކަމުގައި ވިޔަސް ވީ އެންމެ އަވަހަކަށް ތައުބާވާން ޖެހޭނެއެވެ.

ބޮޑެތި ފާފަތަކުގެ ތެރެއިން ހަމަ އެންމެ ފާފައަކަށް އަރައިގަތުމާ އެކު، އެ މީހާއަކީ ފާސިޤެއްކަމުގައި ބެލެވި، އެ މީހެއްގެ ހެކިބަސް ރައްދު ކުރެވޭނެއެވެ. ކުދި ފާފަތަކަށް އަރައިގަންނަ މީހާއާ މެދު ޖުމްހޫރު ދަންނަބޭކަލުން ދެކިލައްވަނީ، އެ މީހެއްގެ ކުދި ފާފަތަކަށް ވުރެ ކިޔަމަންގަތުން ބޮޑު ނަމަ އެ މީހެއް ބެލެވޭނީ ޢަދުލުވެރިއެއްގެ ގޮތުގައި ކަމެވެ. މިއާ ޚިލާފަށް އެ މީހެއްގެ ކިޔަމަންގަތުމަށް ވުރެ ބޮޑީ ފާފަވެރިކަން ނަމަ، އެ މީހަކީ ފާސިޤެކެވެ.[8]

ޢަދުލުވެރިޔާއަކީ ކޮބާކަމާ މެދު އިމާމު ޝާފިޢީ (ނޔވ 204)އާ ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ.

“ﷲއަށް ކިޔަމަން ގަތުމުގެ ސަބަބުން، އެކަލާނގެއަށް ނުއުރެދޭ ކޮންމެ މީހެކެވެ. އަދި ﷲއަށް އުރެދުމުގެ ސަބަބުން އެކަލާނގެއަށް ކިޔަމަން ނުގަންނަ މީހުން ކުރެ، އެ މީހެއްގެ ޢަމަލުގެ ބޮޑު އެއްޗަކީ ކިޔަމަންގަތުންކަމުގައި ވެފައި، ބޮޑު ފާފައަކަށް އަރައި ނުގަންނަ ނަމަ، ފަހެ އެއީ ޢަދުލުވެރިއެކެވެ.”[9]

 


 

[1] مِنْهَاجُ الطَّالِبِين لِلنَّوَوِي (ޞ 345)، دَارُ الْفِكْر، 1425.

[2] بِدَايَةُ المُجْتَهِد وَنِهَايَةُ المُقْتَصِد لِابْنِ رُشْد الحَفِيد (4/245)، دَارُ الحَدِيث – القَاهِرَة، 1325.

[3] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/204)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404.

[4] مَدَارجُ السَّالِكِين لِابْن الْقَيِّم (1/321)، دَارُ الكِتَابُ العَرَبِي – بَيْرُوت، 1416.

[5] المُفْهِمُ لِمَا أَشْكَلَ مِنْ تَلْخِيصِ كِتَاب مُسْلِم لِأَبُو العَبَّاس القُرطُبِي (1/284)، دَار ابن كَثِير – دمشق، 1417.

[6] فَتْحُ الْبَارِي شَرْحُ صَحِيحِ الْبُخَارِي لِابْن حَجَر العَسْقَلَانِيّ (12/183)، دَارُ الْمَعَارِف – بَيْرُوت، 1379.

[7] رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/225)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412.

[8] رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/225)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412.

[9] مَنَاقِبُ الشَّافِعِي لِلْبَيْهَقِي (1/360)، مَكْتَبَةُ دَارُ الترَاث – القاهرة، 1390.

 

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)